މަސްތުވާތަކެތީގެ ނުރައްކަލުން ޤައުމު ސަލާމަތް ކުރުމުގައި، ކުރިއަށް ދެވޭނެ ގޮތުގެ ޢަމަލީ މަޝްރޫޢެއް އެކުލަވާލެއްވުމަށް ބޭއްވެވި ކޮންފަރެންސަކީ، މިރޮނގުން މިހާތަނަށް ބޭއްވިފައި ނުވާފަދަ ކާމިޔާބު ކޮންފަރެންސެއް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތަށްފަހު، މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ނުރައްކަލުން ޤައުމު ސަލާމަތް ކުރުމުގައި ޙަރަކާތްތެރިވާ ހުރިހާ ދާއިރާތަކެއްގެ މެދުގައި އެއްބާރުލުން އިތުރުކުރެއްވުމަށް މިބޭއްވެވި ކޮންފަރެންސުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް ފާހަގަކުރެއްވިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މި ކޮންފަރެންސް ނިމިގެންދިޔައިރު، މިހުރިހާ ފަރާތްތަކެއްގެ ޢަޒުމް ވަރަށް ވަރުގަދަ ކަމަށާއި، ހުރިހާ ބޭފުޅުންވެސް ތިއްބެވީ، މިބައްދަލުވުމުން ނިންމުނު ކަންތައްތަކަށް ޢަމަލީ ސިފަ ގެންނެވުމަށް އެކީގައި މަސައްކަތް ކުރައްވައިގެން އެޖެންޑާ ފުރިހަމަ ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެއްޗާ ބެހޭގޮތުން އެކުލަވާލާ އާ ޤާނޫނުގެ ދެލިކޮޕީގައި، މަސްތުވާތަކެތި ބޭނުންކުރާ މީހާއާއި ވިއްކާ މީހާއަށް ދެވޭ އަދަބު ތަފާތު ކުރެވޭގޮތަށް ހިމެނުއްވުމަށްވަނީ ނިންމަވާފައިކަން ހާމަކުރެއްވިއެވެ. އަދި މިކޮންފަރެންސުން ނިމުނު ކަންތައްތަކަކީ، ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވޭނެ ކަންތައްތައް ކަމަށާއި، މިކަންތައްތައް ރޭވިފައިވަނީ މުޅި ރާއްޖެއަށް ކަމުގައިވެސް ވިދާޅުވިއެވެ.

މިމަހުގެ 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި މިކޮންފަރެންސްގައި ބައިވެރިކުރައްވާފައިވަނީ، ޒުވާނުންނާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންނަށް ފަރުވާ ދިނުމަށް މަސައްކަތްކުރާ ފަރާތްތަކާއި، މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށް މުޖްތަމަޢުގައި މަސައްކަތްކުރާ ފަރުދުންނާއި، ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި، ޝަރްޢީ ދާއިރާގެ ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، އެހީދޭ ބައިނަލްއަޤްވާމީ ޖަމާޢަތްތަކެވެ.