ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤައުމީ ޕޭމަންޓް ސިސްޓަމްގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ، މި ހުސްވި އެޕްރީލް މަހުގެ 27 ވިީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 35 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

(ޤާނޫނު ނަންބަރު 8/2021) ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަކީ ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުމާއި ކަމާގުޅޭ އެންމެހައި ކަންކަން ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ހަމަޖެހުން ދެމެހެއްޓުމާއި، ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ޤައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުން ހިމެނެއެވެ. ހަމަ އެއާއެކު ޕޭމަންޓް ސިސްޓަމްތައް، ކްލިއަރިންގ ސިސްޓަމްތައް އަދި ސެޓްލްމަންޓް ސިސްޓަމްތަކުގެ އަދި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ އިންޓަރއޮޕެރަބިލިޓީ ޤާއިމުކުރުމާއެކު ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ނިޒާމެއް ޤާއިމުކުރުމަކީވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނިގެންވާ ކަންކަމެވެ.

މިޤާނޫނުގައި ޤައުމީ ޕޭމަންޓް ސިސްޓަމް ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ހިނގާތޯ ބެލުމަށްޓަކައި، ޤައުމީ ޕޭމަންޓް ސިސްޓަމްގެ ކަންކަން ރެގިއުލޭޓްކޮށް އޯވަރސީކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ޤާނޫނު ހިންގައި ތަންފީޛުކުރުމަށް އަދި މަސްއޫލިއްޔަތު އަދާކުރުމަށް، ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ލިބިގެންވާކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގެ ދަށުން ޕޭމަންޓް ޚިދުމަތްދޭ ފަރާތަކުން، އެ ފަރާތުގެ ކަސްޓަމަރުންގެ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް ސަމާލުކަންދިނުމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ. އަދި ކަސްޓަމަރުންގެ ސިއްރު ހިފެހެއްޓުމުގައި ގެންގުޅެންވާ މިންގަނޑުތައްވެސް މި ޤާނޫނުގައި ހިމަނާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 4 (ހަތަރެއް) މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.