ހދ.ކުޅުދުއްފުށްޓަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާ ގުޅިގެން، ޤާނޫނު ނަންބަރު 10/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ކުޅުދުއްފުށީ ސިޓީ ކައުންސިލަށް މެންބަރުން އިންތިޚާބުވެ، އެ ކައުންސިލުގެ މެންބަރުން މަޤާމުގެ ހުވައި ކުރައްވައިފައިވާތީ، ޤާނޫނު ނަންބަރު 7/2010 ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ "ތިލަދުންމަތީ ދެކުނުބުރި/ހދ. އަތޮޅު ކުޅުދުއްފުށީ ކައުންސިލް" މިއަދު އުވައިލައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަތީގައި ދަންނަވައިފައިވާ ގޮތުގެ މަތިން، "ތިލަދުންމަތީ ދެކުނުބުރި/ހދ. އަތޮޅު ކުޅުދުއްފުށީ ކައުންސިލް" އުވައިލެއްވުމާ ގުޅިގެން، ޤާނޫނު ނަންބަރު 7/2010 ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ "ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ" ގެ ނަން "ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ" ގެ ނަމަށް މިއަދުން ފެށިގެން ބަދަލުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ގޮތް ތިރީގައި މިވަނީއެވެ.
Secretariat of the Kulhudhuffushi City Council
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއަށް ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހައިތަނަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއަށް ހަމަޖައްސަވައިވާފައި އޮތް ނަންބަރު 266 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.