”ދިވެހި ރެޑް ކްރެސެންޓް“ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ. މި ޖަމްޢިއްޔާ، ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކުރެއްވީ، މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި މި ޖަމްޢިއްޔާގެ އިފްތިތާޙީ ޢާންމު މަޖިލީހުގެ ޚާއްޞަ ޖަލްސާގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރެޑް ކްރެސެންޓްފަދަ ޖަމާއަތެއް ރާއްޖޭގައި އުފެއްދުމަށް މަސައްކަތްކުރާތާ ވަރަށްގިނަ ދުވަސްތަކެއް ވެއްޖެކަން ފާހަގަކުރައްވަމުން، ރާއްޖޭގައި ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީގެ ގޮތްޕެއް އުފެއްދުމަށް 2001 ވަނަ އަހަރުން ފެށިގެން ދިވެހިންގެ ބަޔަކު މަސައްކަތް ކުރަމުން ގޮސްފައިވާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ދިވެހި ރެޑް ކްރެސެންޓް ސޮސައިޓީ ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރެއްވި ކަމަށާއި، މިގޮތުން ”ދިވެހި ރެޑް ކްރެސެންޓްގެ ބިލް“ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅުއްވީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވިއެވެ. އަދި، މިބިލް މަޖިލީހުގައި އަވަސްކޮށް ދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށްޓަކައި، އޭރުގެ އެމް.ޑީ.ޕީ.ގެ ޕާލަމަންޓްރީ ގްރޫޕު ލީޑަރ ޙަސަން ޢަފީފަށާއި، ޑީ.އާރު.ޕީ.ގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އަނީސާ އަޙްމަދަށް ޝުކުރު އަދާކުރެއްވިއެވެ. ހަމައެއާއެކު، މިޖަމްޢިއްޔާ އުފެއްދެވުމަށް މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.