ރާއްޖެއިން މިއަހަރު ޢުމްރާއަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންވެސް، އެބޭފުޅުންގެ ޞިއްޙަތަށް ވަރަށް ބޮޑަށް ރައްކާތެރިވެވަޑައިގަތުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، ސިސިލްފަރު ޙައްޖު ޢުމްރާ ގްރޫޕުން މިއަހަރު ޢުމްރާއަށް ވަޑައިގަންނަވާ ބޭފުޅުންނާ، އެ ގްރޫޕްގެ ފަރާތުން ބައްދަލުކުރައްވައި މަޢްލޫމާތު ދެއްވުމަށް، ރޭ ބޭއްވެވި ބައްދަލުވުން ޝަރަފްވެރިކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މި މުހިންމު އަޅުކަން ކާމިޔާބު ކުރެއްވޭނީ، ފުރިހަމަ ޞިއްޙަތެއްގައި ތިއްބަވައިގެން ކަމަށާއި، އެކަމަށް ކުރައްވަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. އަދި މިދުވަސްވަރަކީ ދުނިޔޭގައި ވަރަށް ބާރަށް ފެތުރެމުންދާ ރޯގާއެއް ކަމަށްވާ އެޗް.ވަން.އެން.ވަން، އެކި ޤައުމުތަކުގައި ފެތުރެމުންދާ ދުވަސްވަރަކަށްވުމާއެކު، މިކަމަށްވެސް ހުރިހާ ބޭފުޅުން ސަމާލުވެވަޑައިގެން، ތިއްބެވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ޢުމްރާގެ މި މާތް އަޅުކަމުގެ ތެރޭގައި އުޅުއްވާއިރު، ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ އެކިއެކި ގޮންޖެހުންތަކުން އަޅުގަނޑުމެން ސަލާމަތްކޮށްދެއްވުމަށް ﷲގެ ޙަޟުރަތުގައި ދުޢާ ދެންނެވުމަށްވެސް ޢުމްރާއަށް ވަޑައިގަންނަވާ ބޭފުޅުންގެ އަރިހުން ނައިބު ރައީސް ޑޮކްޓަރ ވަޙީދު އެދިވަޑައިގެންނެވިއެވެ. އަދި ޢުމްރާއަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް ނިޔާމަ ދަތުރަކަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.