بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ، ދިވެހިރާއްޖެއިން މެލޭޝިއާ، އިންޑިއާ، އަދި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރުން، ދައުލަތުގެ ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްވެރިން، އަދި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ އިސްވެރިންނާއި، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި މި ޕްރޮގްރާމުގައި މެލޭޝިއާ، އިންޑިއާ އަދި ސްރީލަންކާއިން ބައިވެރިވާ އެންމެހައި ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް މިފަދަ މުހިންމު ޕްރޮގްރާމެއް ފެށްޓެވީތީވެ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒަށާއި، އަދި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ އެންމެހައި ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު އަދާކުރަން.

އާދެ، މިއީ، ވަރަށް މުހިންމު މަސައްކަތެއް މިއަދު އަޅުގަނޑުމެންނަށް ފެށިގެން މިދަނީ. އާދެ، ދެންމެ އިސްލާމިކް މިނިސްޓަރު އެ ފާހަގަކުރެއްވި ގޮތަށް، މިއީ އަޅުގަނޑުމެންނަށް ދުނިޔެމަތީގައި ކުރެވޭނެ އެންމެ މާތް، އެންމެ ހެޔޮ ކަންތައްތައް.

އާދެ، މިކަމުގެ މުހިންމުކަމުގެ ވާހަކަ ސަފީރުން، އާދެ، މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިސާމް ޢަލީގެ ވާހަކަފުޅުގައިވެސް ވަރަށް ބޮޑަށް ފާހަގަކުރައްވައިފި. އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ރައްޔިތުން، ދުނިޔޭގެ އެކި ޤައުމުތަކުގައި މިތިބީ އެކި ބޭނުންތަކުގައި، އެކި ސަބަބުތަކާހެދި. އެހެންނަމަވެސް، އެބޭފުޅުން އެ ފާހަގަކުރެއްވި ގޮތަށް، ބޭރު ޤައުމުތަކުގައި ޚާއްޞަކޮށް، ޤުރްއާން ކިޔަވައިދިނުމުގައި ޚާއްޞަކޮށް، ތުއްތުކުދިންނަށް އުނގަންނައިދިނުމުގައި، މާ ކުރިއްސުރެ ފެށިގެންވެސް ދަތިތަކެއް އެބަހުރި.

އާދެ، އަޅުގަނޑުގެ އުންމީދަކީ، މިއަދު އަޅުގަނޑުމެންނަށް މި ފެށިގެންދާ މި ޕްރޮގްރާމުގެ ސަބަބުން އިރާދަކުރެއްވިއްޔާ، މި ކަންތައްތަކަށް ކޮންމެވެސްވަރެއްގެ ޙައްލެއް ލިބި، އަދި ކުރިއަށް އޮތްތާނގައި، މި ކަންތައްތައް ފުޅާކުރެވި، އާދެ، މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުޞަތު ލިބިގެން ދިޔުން.

އާދެ، އެނގިވަޑައިގަންނަވާނެ، ޤުރްއާނަށް ލޯބިޖެއްސުމާއި، ދީނީ އެއްބައިވަންތަކަން ވަރުގަދަކޮށް، ދީނަށް ލޯބިކުރާ މުޖުތަމަޢެއް އޮތުމަކީ އަދި އެކަމާ ގުޅޭގޮތުން މަސައްކަތްތައް ކުރުމަކީ އެއީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ، އާދެ، މުޅި މި ސަރުކާރުން އެންމެ އިސްކަންދޭ ކަންތައްތައް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ އަހަރު ޤުރްއާން މުބާރާތެއް، އާދެ، ކޯވިޑުގެ ޙާލަތުގައި ދަތި އުނދަގޫ ކަންތައްތަކުގެ ތެރޭގައިވެސް ބޭއްވިގެންދިޔަ. އަދި އެ މުބާރާތް ބޭއްވިގެންދިޔައިރުވެސް، އެ ކަންތައް ކުރެވިގެންދިޔައީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން އެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ލިބޭގޮތަށް.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދިވެހިރާއްޖޭގެ ރައްޔިތުން، ދުނިޔޭގެ ކޮންމެ ތަނެއްގައި ދިރިއުޅުނު ނަމަވެސް، އެ ބައެއްގެ ކަންތައްތައް ވަރަށް ގާތުން މިއަދު ދިވެހި ސަރުކާރުން ބަލަން ބޭނުންވޭ. އަދި ޚާއްޞަކޮށް، މިގޮތަށް ކުރެވޭ ކަންތައްތަކުގައި، ވަކިން ޚާއްޞަކޮށް، ދީނީ ކަންތައްތަކުގައި، އެ ފަރާތްތައް ބައިވެރިކުރުމަށް ބޭނުންވާ ވާހަކަ.

އާދެ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް އެ ފާހަގަކުރެއްވި ގޮތަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އުންމީދަކީ، ކުރިއަށް އޮތްތާނގައި މި ކަންތައްތައް ފުޅާކުރެވި، އަދި އިތުރު ކަންތައްތަކެއް ފަހިކޮށްދިނުން. އަޅުގަނޑުމެން ޤަބޫލުކުރަނީ، އަޅުގަނޑުމެން މުސްލިމުން، އަޅުގަނޑުމެން ދިވެހިން، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް، ދީނީ ކަންތައްތަކަށް އެ ދޭންޖެހޭ ސަމާލުކަން ދެއްވާނެ ކަމަށް. އަދި އަޅުގަނޑުމެންގެ ދިވެހި ޤައުމިއްޔަތު، ދަސްކުރެވި، ދިވެހިބަހަށް ސަމާލުކަންދެވި، އެނބުރި އައިސް ޤައުމުގައި ދިރިއުޅެން ފަށާއިރު، ފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތަކީ އެއީ، ހަމަޖެހިފައި އޮންނަންޖެހޭނެ ގޮތެއް ކަމަށް.

އާދެ، މިއަދު މި ޕްރޮގްރާމް ފެށިގެންދާއިރު، ވަކިން ޚާއްޞަކޮށް، މި އަމާޒުކުރެވެނީ ތުއްތުކުދިންނަށް. ފުރަތަމަ އަމާޒުކުރެވޭއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް، ވަރަށް ބޮޑަށް ކުރެވޭ މަސައްކަތެއް، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް، އެ ކުދިންނަށް ޅަފަތުން ފެށިގެން ލިބެންޖެހޭ ކަންތައްތައް ހަމަޖައްސައިދިނުން.

އާދެ، މުޅި ސަރުކާރުން، ސަރުކާރުގެ އެކިއެކި ވުޒާރާތަކުން، މި މަސައްކަތް އިރާދަކުރެއްވިއްޔާ ހުއްޓުމެއްނެތި ކުރަމުންދާނެ. އަދި އިރާދަކުރެއްވިއްޔާ، މީގެ ނަތީޖާއަކަށް ވެގެންދާނީ، މާދަމާގެ އާދެ، ޤައުމާ ޙަވާލުވާން އޮތް ޖީލު އެއީ، ނަތީޖާ ނެރެނިވި، ރަނގަޅު، މަސައްކަތްތެރި، ބަޔަކަށް ވެގެންދިޔުން.

އާދެ، އަޅުގަނޑު ދަންނަވައިފިން، ދިވެހިސަރުކާރުން ދީނީ ކަންތައްތަކަށް ދެވޭ ސަމާލުކަމުގެ ވާހަކަ. އާދެ، މިހާރުވެސް ވޭތުވެދިޔަ ދުވަސްތަކުގައި، ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައި އެބަވޭ. އެނގިވަޑައިގަންނަވާނެ، ރަމަޟާން މަސް އަޅުގަނޑުމެން ވޭތުކުރަމުން މިދަނީ. ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރާއިރު، އަބަދުވެސް އަޅުގަނޑުމެންނަށް ޒަމާނުއްސުރެ ފެށިގެން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކަށްވެފައި އޮންނަނީ، ރަމަޟާން މަހުގެ ތަރާވީސްކުރުމާއި، އަދި ދަމުނަމާދު ކުރުމުގައި، ރާއްޖެއިން ބޭރުން ގިނަ ޢަދަދަކަށް މީހުން ގެންނަންޖެހޭކަން. އާދެ، މިކަމަށް ޙައްލު ހޯދުމުގެ ގޮތުން ޤުރްއާނާބެހޭ މަރުކަޒާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، އަދި ދިވެހިރާއްޖޭގައި މިކަމާ ގުޅުންހުރި މުއައްސަސާތަކުން، ގިނަގުނަ މަސައްކަތްތަކެއްކޮށް، އިމާމުން ތަމްރީނު ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވިގެންދާކަން އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށްލަން.

އާދެ، މި މާތް މައްސަރުގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުރި. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި، އަޅުގަނޑުމެންގެ އުޅުމުގައި، އަޅުގަނޑުމެން އެބަޖެހޭ، އެކަކު އަނެކަކަށް އެހީތެރިވާ، އޯގާތެރި ބަޔަކަށްވާން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް، އަޅުގަނޑުމެން ކުރަނީ އެކަމުން ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި.

އާދެ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ކަންތައްތައް ހުންނަ ގޮތުން ވަރަށްގިނަފަހަރަށް އެހެން މީހުންގެ ވާހަކަ އަޅުގަނޑުމެންނަށް ދެކެވޭ. އަޅުގަނޑު މިއަދު ދަންނަވާލަން އޮތީ، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް، އެމީހެއްގެ އަމިއްލަ ނަފްސާމެދު ވިސްނަން. އަބަދުވެސް އަޅުގަނޑުމެން ކުރާ ކަންތައްތައް ރަނގަޅުކުރުމަށްޓަކައި، އިތުރަށް ރަނގަޅުކުރުމަށް އަޅުގަނޑުމެން ސަމާލުކަންދީ، މަސައްކަތްތަކެއްކޮށް އެހެން މީހުންނަށް އެހީތެރިވުމަކީ، އެއީ އަޅުގަނޑުމެން އުފަލެއް ކަމުގައި ދެކެން އެބަޖެހޭ.

އާދެ، އަޅުގަނޑުމެން ކުރާ ކޮންމެ ހެޔޮކަމަކީ އެއީ، އަޅުގަނޑުމެންނަށް އެތައް ޘަވާބެއް ލިބޭނޭ ކަމެއްކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. އެހެންވީމާ ޚާއްޞަކޮށް، މިފަދަ ބަރަކާތްތެރި މައްސަރެއްގައި، އަޅުގަނޑު ދަންނަވާނީ މިއީ، އަޅުގަނޑުމެން ފުންކޮށް ވިސްނައި، ދިވެހިރާއްޖޭގައި، އާދެ، މުޖުތަމަޢުގައި ހުރި ނޭދެވޭ ކަންތައްތައް ރަނގަޅުކުރުމަށްޓަކައި، އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންޖެހޭނެ މުހިންމު ވަގުތެކޭ.

އާދެ، މި ޕްރޮގްރާމް ފެށްޓެވީތީވެ، އަދި މި ޕްރޮގްރާމް ރަނގަޅަށް ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑު ވަކިން ޚާއްޞަކޮށް، ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިންގެ ފަރާތުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. މިފަދަ ކަމެއް ފަށާފައި، އެންމެ މުހިންމު ކަމަކަށްވާނީ، ހުއްޓުމެއްނެތި، ވިހާވެސް ރަނގަޅަކަށް އެކަންތައްތައް ކުރިއަށް ގެންގޮސް، އަޅުގަނޑުމެންގެ މަޤްޞަދު ފުރިހަމައަށް ހާސިލުކުރުމަށްޓަކައި މަސައްކަތް ކުރުން.

އާދެ، އަޅުގަނޑު މި ފުރުޞަތުގައި، ދިވެހިރާއްޖެއިން ބޭރަށް ކަނޑައަޅުއްވާފައިވާ ސަފީރުން، އާދެ، މިއަދު އަޅުގަނޑުމެންނާއެކު މި ބައިވެރިވެވަޑައިގަންނަވާ ސަފީރުންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. އަޅުގަނޑުމެންގެ އެދުމަކީ، މިފަދަ ކޮންމެ ކަމެއްގައި، ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތައް ވީހާވެސް ގިނަ ޢަދަދަކަށް ބައިވެރިވެ، މީގެ ފުރިހަމަ ފައިދާ، އެފަރާތްތަކަށް ލިބިގެން ދިޔުން.

އަޅުގަނޑު ނިންމާލުމުގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ، މި ކަންތައްތަކަށް ދެއްވާ އިސްކަން ފާހަގަކޮށް، މިނިސްޓަރ ޑޮކްޓަރ ޒާހިރަށާއި، އަދި ޑޮކްޓަރ ޒާހިރުގެ ޓީމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލައްވައި، އަޅުގަނޑުމެންނަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.