ބަރުމާގެ ވާދަވެރި ލީޑަރ އަންގ ސަން ސޫ ޗީ، ދޫކޮށްލުމަށް އެޤައުމުގެ އަސްކަރީ ސަރުކާރަށް ދުނިޔޭގެ ލީޑަރުން ގޮވާލައްވާ ގޮވާލެއްވުމަށް ދިވެހިސަރުކާރުން ފުރިހަމައަށް ތާއީދުކުރެއެވެ. އަދި، ދުނިޔޭގެ ލީޑަރުން ގޮވާލައްވާ ގޮވާލެއްވުމަށް އިޙްތިރާމްކޮށް، އެއްވެސް ޝަރުތަކާނުލާ އަންގ ސަން ސޫ ޗީ ދޫކޮށްލުމަށްވެސް ދިވެހި ސަރުކާރުން ބަރުމާގެ ލީޑަރުންނަށް ގޮވާލައްވައެވެ.

މީގެ އިތުރުން، ސޫ ޗީ އޭނާގެ ގޭބަންދުގެ ޝަރުޠުތަކާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެ، އިތުރު މުއްދަތަކަށް ގޭބަންދަށް ހުކުމްކުރުމަކީ، 2010ގެ މޭމަހު ބަރުމާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ބައިވެރިވެވަޑައި ނުގެންނެވޭނެ ގޮތަށް ހެދުމަށްޓަކައި ކުރިކަމެއްކަމުގައި ދިވެހިސަރުކާރު ދެކެވަޑައިގަންނަވައެވެ.

ހަމައެއާއެކު، ބަރުމާގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވުމަށް ބަރުމާގެ ލީޑަރުންނަށް ބާރުއަޅުއްވައި ޑިމޮކްރެޓިކް މުއައްސަސާތަކަށް މަގުފަހިކޮށް ދެއްވައި ބަރުމާގެ ރައްޔިތުންނަށް އަމާންކަމާއި ބާއްޖަވެރިކަން ހަލުވިކޮށްދެއްވުމަށް ދުނިޔޭގެ ލީޑަރުންނަށް ދިވެހިސަރުކާރުން ގޮވާލައްވައެވެ.