އަމީނިއްޔާ ސްކޫލަށް ވަރަށްދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ހެންވޭރު ނީލްވިލާ ނާއިލާ އިބްރާހީމް ކަލޭފާނު، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން،
އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މި ޚަބަރު އެއްސެވީ، ވަރަށްފުން ހިތާމައާ އެކުގައި ކަމަށާއި، މި ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެން، ޢާއިލާގެ އެންމެހައި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވިއެވެ. ނާއިލާ އިބްރާހީމް ކަލޭފާނަކީ، އަމީނިއްޔާ ސްކޫލްގެ ތަފާތު މަގާމުތަކުގައި، އެ ސްކޫލަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި އަދި އަމީނިއްޔާ ސްކޫލްގެ ދަރިވަރުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނަކީ، އަމީނިއްޔާ ސްކޫލްގެ ދަރިވަރުން ތަރުބިއްޔަތު ކޮށްދެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނާއިލާ އިބްރާހީމް ކަލޭފާނު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވުމަށްފަހު، މިއަދު ހެނދުނުއެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 72 އަހަރެވެ.

އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނު، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ،28 ޑިސެންބަރު 1971 ގައި އަމީނިއްޔާ ސްކޫލްގެ ޓީޗަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، އެ ސްކޫލްގެ ހިސްޓްރީ ޓީޗަރު ކަމާއި، ސޯޝަލް ސްޓަޑީޒް ޓީޗަރު ކަމާއި، ހެޑްޓީޗަރު ކަމާއި، ސެކަންޑަރީ ސުޕަވައިޒަރ ކަމާއި، ސުޕަވައިޒަރ ކަމުގެ މަގާމު ފުރުއްވިއެވެ. އަމީނިއްޔާ ސްކޫލަށް 26 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވެއެވެ. ނާއިލާ އިބްރާހީމް ކަލޭފާނު ވަނީ ޣިޔާޘުއްދީން ސްކޫލްގެ ސުޕަވައިޒަރު ކަމާއި، ޤައުމީ ކުތުބުޚާނާގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވާފައެވެ.