ވީހާވެސް ގިނަ އަދަދެއްގެ ދިވެހި ޒުވާނުންނަށް ވަޒީފާ ދެއްވުމަށް މަސައްކަތް ކުރެއްވުމަށް ވަޒީފާދޭ ފަރާތްތަކަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަންމަނިކު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، މިއަދު ފާހަގަކުރަމުންދާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، މިއަދު ހަވީރު ބޭއްވެވި އިޙްތިފާލުތަކުގެ ތެރޭގައި ހިމެނޭ، ވަޒީފާއަށް އެދޭ މީހުންގެ ދަފްތަރު އިފްތިތާޙް ކޮށްދެއްވުމަށްފަހު، ޖުމްހޫރީ މައިދާނުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި ވަޒީފާއެއްނެތި ގިނަ އަދަދެއްގެ ޒުވާނުން އެބަތިބިކަން ލަފާކުރެއްވޭ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ 78000 ވަޒީފާގައި ތިބީ ބޭރު މީހުންކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ޒުވާނުން ވަޒީފާއަށް ވެއްދުމަށްޓަކައި ވަރަށް ބޮޑު ހިތްވަރަކާއެކީގައި މަސައްކަތްކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ރާއްޖެއަށް ސުލްހަމަސަލަސްކަމާއި ތަރައްޤީއާއި ކުރިއެރުން ލިބޭނީ އޭރުންނެވެ. އަދި ދިވެހި ޒުވާނުންނަށް މާނަވީ ގޮތެއްގައި ކުރިއަށް ދިޔުމުގެ އުންމީދު ދެވޭނީ އެ ކުދިންނަށް ވަޒީފާ ލިބިގެންނެވެ. ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ ސަބަބުން އަދި ވަޒީފާއެއްނެތި ބޭކާރުވެފައި ތިބެން ޖެހުމުގެ ސަބަބުން، ވަރަށް ބޮޑެތި އުދަގޫތަކާއި ވަރަށް ބޮޑެތި ހިތާމަތަކާ ކުރިމަތިލާން އަޅުގަނޑުމެންނަށް މިއަދު ޖެހިފައިވާ ކަމަށް ވިދާޅުވެ، ވަޒީފާ ބޭނުންވާ ހުރިހާ ޒުވާނުންވެސް، މިއަދު މި ހުޅުވާލެވުނު ދަފްތަރުގައި ނަންނޯޓު ކުރެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަސް ކަމަށްވާ އޯގަސްޓް މަހުގެ 12 ވަނަ ދުވަހަކީ، ރާއްޖޭގެ ތާރީޚުގައިވެސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރެވިގެންދާ ދުވަހެއް ކަމަށާއި، އެ ދުވަހަކީ ޒުވާނުންގެ މިނިވަންކަމުގެ ރޫޙު، ދިވެހިރާއްޖޭގައި ހުޅުފަޅައިގެންގޮސް، ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި، ޒުވާނުން ކެރިގެން ހިތްވަރާއެކު ނުކުތް ދުވަސް ކަމުގައި ވިދާޅުވިއެވެ.