ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، "ކޮވިޝީލްޑް" ވެކްސިންގެ ދެ ވަނަ ޑޯޒް ޖައްސަވައިފިއެވެ. އެމަނިކުފާނު ވެކްސިން ޖައްސަވާފައި ވަނީ މިއަދު ސެނަހިޔާ ހޮސްޕިޓަލަށް ވަޑައިގެންނެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެއްސެވުމަށްފަހު އެ މަނިކުފާނު ވަނީ ކޮންމެ ބޭފުޅަކުވެސް އަމިއްލަ ނަފްސާއި ޢާއިލާއާއި ގާތްއެކުވެރިންގެ ރައްކާތެރިކަމަށްޓަކައި ވެކްސިންގެ ދެވަނަ ޑޯޒް ޖެއްސެވުމަށް އެދިވަޑައިގަންނަވާފައެވެ.

"ކޮވިޑް-19 ދިފާޢު" ކެމްޕޭން ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހު ރަސްމީގޮތުން ފައްޓަވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުން ރާއްޖޭގައި ފަށާފައި ވަނީ އެޕްރީލް 3 ވަނަ ދުވަހު އެވެ.

ވެކްސިން ޖެހުމަށް މާލޭ ސަރަޙައްދުގައި 9 ސެންޓަރެއް ޤާއިމުކޮށްފައިވާއިރު ދެ މޮބައިލް ޓީމުވެސް ވެކްސިން ޖެހުމުގައި ހަރަކާތްތެރިވެއެވެ. އަތޮޅުތަކުގައި 237 ވެކްސިން ސެންޓަރު ޤާއިމުކޮށްފައިވެއެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް 268،459 އަށްވުރެ ގިނަ މީހުން ޖަހާފައި ވާއިރު، ވެކްސިންގެ ދެ ވަނަ ޑޯޒް އެޕްރީލް 10 ވަނަދުވަހާއި ހަމައަށް 15،294 މީހަކު ޖަހާފައިވެއެވެ.

ރާއްޖޭގައި ކޮވިޑް-19އާ ދެކޮޅަށް މިހާރު ކޮވިޝީލްޑްގެ އިތުރުން ސިނޮފާރމް ވެކްސިންއާއި، ފައިޒާ ވެކްސިން ބޭނުންކުރެއެވެ