ރާއްޖޭގެ މާޒީވި ތާރީޚަށް ބަލައިލާއިރު، ދިވެހި ކާބަފައިން އެމީހުންގެ އުމުރު ހުސްކޮށްލީ ދަރިންނަށް ތަޢުލީމު ހޯދައިނުދެވުމުގެ ހާސްކަމާއި، ހިތާމައިގައިކަން ފާހަގަކުރައްވައި، ދެން އެ ފަދައިން އުމުރު ހުސްކުރާނެ ދިވެއްސަކު، މި ރާއްޖޭގައި ނުހުންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވަފިއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިރޭ، އއ. ރަސްދޫގައި ބޭއްވެވި 'ރަށްވެހި ފަތިސް' ލާމަރުކަޒީ ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކޮށްފައި ވާނީ މި ދެންނެވި މާޒީ ތަކުރާރު ނުވާނޭހެން، ފޮތް ފަންސޫރަށް ސަލާން ޖަހަން ނުޖެހޭނޭ ފަދައިން، ރާއްޖޭގެ ހުރިހާ ދިމާލެއްގައިވެސް، ތަޢުލީމީ، ޤާބިލް ދިވެހި ދަރީންތަކެއް އުފެއްދޭނެ މަގު ތަނަވަސްވާގޮތަށް ކަމަށެވެ. މިގޮތުން ސަރުކާރުން ދަނީ މަތީ ތަޢުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ލޯން ސްކީމްތަކާއި، ސްކޮލަރޝިޕްގެ ފުރުޞަތުތަކުގެ އިތުރުން ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވާ ޕްރޮގްރާމް މެދުވެރިކޮށް ގިނަ ޒުވާނުންތަކެއް ތަމްރީންކުރުމުގެ މަސައްކަތްކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންސާނީ ތަރައްޤީ ނެތް ތަނެއްގައި ޢުމްރާނީ ތަރައްޤީގެ ބޭނުމެއް ނެތްކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލައި ތަންފީޛުކުރުމުގައި، އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމަށް ދެއްވާ އަހައްމިއްޔަތުގެ ބޮޑުކަން، ރާއްޖޭގެ ފުރަތަމަ ޑިގްރީ އަށް ހިލޭ ކިޔަވައިދެމުންދާ ދަރިވަރުންގެ ޢަދަދަށް އެކަނި ނަޒަރު ހިންގާލުމުން ވެސް ހާމަ ވެގެންދާނެ ކަމުގައެވެ. މިގޮތުން، އެމަނިކުފާނު ވަނީ ފުރަތަމަ ޑިގްރީ އަށް ސަރުކާރުން ހިލޭ ކިޔަވައިދެމުންދާ 10,486 ދަރިވަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު ތިބިކަން ފާހަގަކުރައްވާފައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މުތީތަކެއްހެން ބެހިފައިވާ ރާއްޖޭގެ ކުދި ޖަޒީރާ ރަށްތައް ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ގުޅާލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، ރަށްރަށުގައި އެއަރޕޯޓްތައް ތަރައްޤީކުރުމާއި، ކަނޑުދަތުރުފަތުރުގެ ވިއުގަ އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމުގެ މައްޗަށް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. އަދި، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހައިސްޕީޑް ފެރީގެ ޚިދުމަތް ތަޢާރަފުކުރާނެކަން އިޢުލާން ކުރައްވަމުން ހައިސްޕީޑް ފެރީގެ ޚިދުމަތުގެ ފެށުން މި އަހަރުގެ ފަހުކޮޅު ބޮޑުތިލަދުންމަތިން ފެއްޓޭނެކަމުގެ އުފާވެރި ޚަބަރުވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.