މި އަހަރުގެ އެޕްރީލް 11 އަދި 12 ވަނަ ދުވަސް ސަރުކާރު ބަންދު ދެ ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ. މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.

މި ދެންނެވުމުގައި ވާގޮތުން، މި ނިންމެވުން ނިންމަވާފައިވަނީ އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވުމާއެކު، އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާނެތީއެވެ.

އަދި، މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، ކަލަންޑަރުގައިވާ ގޮތަށް 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް، އެޕްރީލް މަހުގެ 13 ވާ އަންގާރަ ދުވަހަށް ވެއްޖެނަމަ، އެޕްރީލް މަހުގެ 12 ވާ ހޯމަ ދުވަހަކީ ވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.