ރާއްޖޭގެ ދިގު އަދި މުއްސަނދި ތާރީޚު ދިރާސާކޮށް، ލިޔެ، ރައްކައުކުރުމަކީ، ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ސިފަ ކުރައްވައިފިއެވެ. އެ މަނިކުފާނު މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ "ތާރީޚް އިސްލާމި ދީބާ މަޙަލް" ގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ނެރެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

"ތާރީޚް އިސްލާމި ދީބާ މަޙަލް" އަކީ، ރާއްޖޭގެ ދިގު ތާރީޚާ ގުޅޭގޮތުން ދިވެއްސަކު ލިޔުއްވާފައިވާ އެންމެ ފުރަތަމަ ފޮތެވެ. އަލްޤާޟީ ޙަސަން ތާޖުއްދީން މި ފޮތުގެ އަސްލު ލިޔުއްވާފައި ވަނީ ޢަރަބި ބަހުންނެވެ. ރައީސުލްޖުމްހޫރިއްޔާ މި ފޮތް ސިފަކުރައްވަނީ ރާއްޖޭގެ ތާރީޚުގެ ވަރަށް އަގުހުރި ރަން މުތެއްގެ ގޮތުގައެވެ. އަދި، ޤައުމީ ތަރިކައެއްގެ ގޮތުގައެވެ. އެ މަނިކުފާނު ވިދާޅުވީ، މި ފޮތަކީ ކިޔަވާ ކުދިންނަށް ލިބުނު ވަރަށް އަގުހުރި ޢިލްމީ ހަދިޔާއެއް ކަމުގައެވެ. އަދި، ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވަރަށް އިތުބާރު ހުރި މަޞްދަރެއް ކަމުގައެވެ.

މި ފޮތް ނެރެދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ކަމާގުޅޭ ފެކަލްޓީތަކުން، ރާއްޖޭގެ ތާރީޚާ މެދު މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ދިރާސާކުރަން ޖެހިފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ. އަދި، ދަރިވަރުންނަށް އެ ކަމަށް ހިތްވަރުދެއްވައި، ދިވެހި ބަހުގެ އެކެޑަމީގެ އެހީތެރިކަމާއެކު، އެ މަސައްކަތް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ފެއްޓެވުމަށް އެ މަނިކުފާނު ގޮވައިލެއްވިއެވެ.

ތާރީޚު ދިރާސާކޮށް، ތާރީޚީ ލިޔުންތައް ރައްކައުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ކަމުގައި އިސްކަންދޭންވީ ހަމައެކަނި އިހުގެ ތާރީޚަށް ނޫން ކަމުގައެވެ. އަދި، އެއިރެއްގައި ކަން ހިނގަމުންދާ ގޮތް، އެއްވެސް ތަޢައްޞުބެއް ނެތި، ތެދު ބަހުން ހާމަކުރުމަށް އިސްކަންދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ، އެ ކަން އެންމެ ފުރިހަމައަށް ކުރެވޭނީ، އެ ޒަމާނެއްގައި، އެ ކަމެއް " ލޮލުން ދެކި އަތުން ހިފި ބަޔަކަށް" ކަމުގައެވެ. އަދި، އެ ކަމެއް ހިނގަމުންދާ ދުވަސްވަރެއްގައި ކަމުގައެވެ.

"މިފޮތުގައި ހުރި ވާހަކަތަކަށް ބަލާއިރު، މިއީ ހަމައެކަނި ތާރީޚު ފޮތެއް ވެސް ނޫން. މިއީ ދުނިޔަވީ ކަންކަމުގައި ހެޔޮ އިރުޝާދު ބޭނުންވާ މީހަކަށް ވަރަށް ބޭނުންތެރި އަގުހުރި ނަޞޭޙަތްތަކެއް. އިންސާނީ ތާރީޚުގެ ފަތްފުށްތަކުން ޢިބްރަތް ޙާޞިލްކުރަން އެދޭ މީހަކަށް ވެސް، އެތައް ދަރުސްތަކެއް ލިއްބައިދޭނެ ފޮތެއް،" ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ފޮތް ދިވެހި ބަހަށް ތަރުޖަމާކޮށް ޗާޕުކޮށް ނެރުމުގައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. މި ފޮތް ރަސްމީކޮށް ނެރެދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވެސް ބައިވެރިވެ ވަޑައިގެންނަވާ، މި ފޮތުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.