بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަދި ޤައުމީ ސަލާމަތާބެހޭ ކޮމިޓީގެ މުޤައްރިރު މުޙައްމަދު އަސްލަމް، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނަޒީރު، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، ފުލުހުންގެ އިސް އޮފިސަރުން އަދި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


އާދެ، މިފަދަ ރަސްމިއްޔާތެއްގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނީތީ، އެންމެ ފުރަތަމަވެސް މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އަށާއި، އަދި ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް މުޙައްމަދު ޙަމީދަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެއްވެސް ޝައްކެއްނެތް، اللهُ سُبْحَانَهُ وَتَعَالَى ގަންދީ ކުރެވޭ ހުވަޔަކީ އެއީ އާދައިގެ ކަމެއް ނޫން. ތިމާގެ ވާޖިބު އަދާކުރާ، ތިމާގެ ޒިންމާ އަދާކުރާ ކޮންމެ ވަގުތަކުމެ، އެ ހުވާގެ މަތީގައި ދެމިހުރުން ލާޒިމުވޭ. އާދެ، ޤާނޫނީ ޒިންމާ އަދާކުރުމުގައި، ޤާނޫނުން މަތިކޮށްފައިވާ ހުރިހާ ގޮތަކަށް ތިމާގެ ޢަމަލު ބެހެއްޓުމަކީ، އެއީ ކޮންމެހެން އެމީހަކު ކުރަންޖެހޭނެ ކަމެއް. އާދެ ހުވައެއް ކުރުމަކީ، އެ ހުވާ ކުރުމުން އެމީހާގެ މައްޗަށް އެހެން މީހުންގެ އިތުބާރު ބޮޑުވެގެންދާ ކަމެއް. ހުވަޔާ ޚިލާފުވުމަކީ، އޭގެ ސަބަބުން ބޮޑެތި ޢުޤޫބާތްތައް، އެމީހަކަށް ލިބިގެންދާނެ ކަމެއް.

އާދެ، މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ބޭފުޅުން، އާދެ، މިއަދު އެ ހުވާކުރެއްވި އެންމެހައި ބޭފުޅުންނަށް އަޅުގަނޑު އިލްތިމާސް ކުރަނީ، ތިޔަބޭފުޅުންގެ ޤައުމީ ޚިދުމަތުގައި، ޤައުމީ ވާޖިބު އަދާކުރުމުގައި ތިޔަވިދާޅުވިގޮތަށް، ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އެ ދެއްވި ނަޞޭޙަތުގައި ހިއްޕަވައިގެން، ތިޔަބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދެވުން.

އާދެ، ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ވުޖޫދުވެގެން އަންނައިރު، އަޅުގަނޑު ގަބޫލުކުރަނީ، އެއީ މުޅި އެންމެހައި ދިވެހި ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑެތި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެކޭ. އާދެ، މިއީ އަޅުގަނޑުމެންނަށް އާ ފެށުމެއްގެ ގޮތުގައި ވެގެންދާނެ. އެހެންނަމަވެސް، އަޅުގަނޑު މިއަދު އެންމެހައި ބޭފުޅުންނަށް ދަންނަވާލަން އޮތީ، ހަމައެކަނި ފުރިހަމަ ޤާނޫނެއް އޮތުމަކުން، އަޅުގަނޑުމެން އެ ބޭނުންވާ މަޤްޞަދު ހާސިލެއް ނުކުރެވޭނެއޭ. ޤާނޫނުގައި ބުނާގޮތަށް، ޤާނޫނުން އަންގާގޮތަށް ކަންތައްތައްކޮށް، ޢަމަލުތައް ބެހެއްޓުމަކީ އެއީ ވަރަށް މުހިންމު ކަމެއް. އާދެ، ފުލުހުންގެ އެންމެ އިސް ވާޖިބަކަށް މިވަނީ، އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތުމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނަގަހައްޓައި، ދިވެހި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް، އެންމެމަތީ މަޞްލަޙަތު ރައްކާތެރި ކުރުން. އާދެ، އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް، އެންމެހައި ރައްޔިތުންނަށް އަމާން ވެށްޓެއް ޤާއިމުކޮށްދިނުމަކީ އެއީ ފުލުހުންގެ އެންމެ އިސް ވާޖިބު.

އާދެ، އަޅުގަނޑުމެން މިއަދު ވިސްނާލަންޖެހޭ ވަރަށްގިނަ ކަންތައްތައް އެބަހުރި. މިފަދަ ރަސްމިއްޔާތެއްގައި އަދި މިފަދަ އުނދަގޫ ދުވަސްވަރެއްގައި، މިކަހަލަ ކަމަކާ ބެހޭގޮތުން އެހާދިގުކޮށް ވާހަކަދެއްކުމަކީ، އެހާ ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. އެހެންނަމަވެސް، އަޅުގަނޑުމެން މިއަދު ފުންކޮށް ވިސްނަންޖެހޭ ކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި ހުރި އިޖުތިމާޢީ މައްސަލަތައް.

އާދެ، ފުލުހުންނަކީ ރެޔާދުވާލު ރައްޔިތުންގެ ޙިމާޔަތުގައި، ރައްޔިތުން ސަލާމަތްކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ބައެއް.  ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް އަޑުއިވިގެންދަނީ، މަސްތުވާތަކެތީގެ ތަފާތު އެކި މައްސަލަތަކާއި، ކުޑަކުދިންނަށް ކުރެވޭ އެކިކަހަލަ އަނިޔާތަކާއި، އަންހެނުންނަށް ކުރެވޭ އެކިކަހަލަ ގޯނާތަކާއި، ވައްކަމާއި ފޭރުމާ، އަދި އެނޫންވެސް އެކިއެކި މައްސަލަތައް. މިއީ އަޅުގަނޑުމެން މިއަދު މިކަމަށް ފުންކޮށް ވިސްނައި، އާ ޤާނޫނެއް ލިބިގެންދާއިރު، އާ ހިތްވަރަކާއި، އާ ޢަޒުމަކާއެކު އެންމެން އެކުގައި، ވަކިން ޚާއްޞަކޮށް، ފުލުހުންގެ ބޭފުޅުން މަސައްކަތަށް ނުކުންނަވާއިރު، މުޅި ޤައުމުގެ ހުރިހާ އެންމެން ވިސްނަންޖެހޭނެ ކަމެއް.

މި ޤައުމުގައި ހުރި މައްސަލަތަކަކީ އެއީ ވަކި ޢާއިލާއަކަށް ނިސްބަތްވާ، ވަކިބަޔަކަށް ނިސްބަތްވާ މައްސަލަތަކެއް ނޫން. ޤައުމުގައި ހުރި ހުރިހާ މައްސަލަތަކަކީ، އެ މައްސަލަތައް ހުރުމުން، އެ ޤައުމުގެ އެންމެހައި ރައްޔިތުންނަށް، އޭގެ ސަބަބުން ހިތާމަޔާއި، ދަތި އުނދަގޫތައް ކުރިމަތިވާ ކަންތައްތައް.

މިއަދު އަޅުގަނޑު ދިވެހި ރައްޔިތުންނަށްވެސް ގޮވާލަން އޮތީ، ވަކިން ޚާއްޞަކޮށް، ފުލުހުންގެ ޚިދުމަތް ލާމަރުކަޒުކޮށް، ރަށު ކައުންސިލުތަކާއި، ޖަމުޢިއްޔާތަކާއި އަދި ރައްޔިތުންނާ ގުޅިގެން އެ މަސައްކަތް ކުރަމުންދާއިރު، ކުށް ކުރުން ހުއްޓުވުމަށްޓަކައި، ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ފުލުހުން ކުރައްވާ މަސައްކަތުގައި، އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދީ، އަމާން ވެށްޓެއް ޤާއިމުކުރުމަކީ އެއީ އެންމެންގެ މަސްއޫލިއްޔަތެއްކަން ދަނެގެން، އެ އަމާޒަށް ވާސިލުވުމަށްޓަކައި ދިވެހި އެންމެހައި ރައްޔިތުން މަސައްކަތް ކުރުން.

އާދެ، ނަތީޖާއަކަށް ވެގެންދާނީ، މިއަދު ބޮޑެތިވަމުންދާ އަޅުގަނޑުމެންގެ ޅަދަރިން، އެކުދިންނަކީ މާދަމާ ޤައުމު ހިންގުމަށްޓަކައި ތަރުބިއްޔަތު ކުރެވިފައިވާ، ދިރިއުޅުމަކަށް ތައްޔާރުކުރެވިފައިވާ ބަޔަކަށް ވެގެންދިޔުން.

އާދެ، އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގައި އަބަދުވެސް ވިސްނަންޖެހޭ، އިންސާނީ ކަރާމާތާއި، މީހުންނަށް އިޙްސާންތެރިވުމާއި، ވަކި މީހަކަށްވީތީވެ އިންޞާފު ލިބޭނޭ ކަމަށް ގަބޫލުނުކުރުން. އާދެ، ޢަދުލުވެރިކަން އެއީ އަޅުގަނޑުމެންގެ އިސްލާމްދީނުން އަޅުގަނޑުމެންގެ މައްޗަށް އެންމެބޮޑަށް ބާރުއަޅާ ކަންތައް. އެހެންވީމާ، ކުރާ ކޮންމެ ކަމެއްގައި، އިންޞާފުވެރިކަމާއެކު ކަންތައްތައް ކުރުންމަތީ، ޢަދުލުވެރިކަންމަތީ ދެމިތިބުމަކީ އެއީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް. އަޅުގަނޑު މިއަދު ރައްޔިތުންގެ ޚިދުމަތުގައި ތިއްބެވި އެންމެހައި ފަރާތްތަކަށް ދަންނަވަން އޮތީ، މިގޮތުގައި އަޅުގަނޑުމެން އެންމެންގެ މަސައްކަތްތައް ތާއަބަދަށް ބަހައްޓަވައްޗޭ.

އާދެ، މި އުފާވެރި މުނާސަބަތުގެ ހެޔޮއެދުންތަކާއި ތަހުނިޔާ، ފުލުހުންގެ އިސްވެރިންނަށާއި އަދި ފުލުހުންގެ އެންމެހައި ބޭފުޅުންނަށް އަޅުގަނޑުވެސް އަރިސްކުރަން. އަޅުގަނޑުގެ އުއްމީދަކީ، މި ގާނޫނު ވުޖޫދުވެގެންދާއިރު، ފުރިހަމަ ޚިދުމަތްތަކެއް، ދިވެހި ރައްޔިތުންނަށް ލިބިގެންދިޔުން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ފުލުހުންނަށް ފުރިހަމަ ޒިންމާ އަދާކުރުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. ދިވެހި ޤައުމާއި ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.