ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ އިސްމުވައްޒަފުންގެ މެދުގައި އީ-ގަވަރނަންސްއާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވަވައިފިއެވެ. މިއަދު އާރަށުގައި ބޭއްވެވި މި ބައްދަލުވުމަކީ، ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީއާއި، ޔުނައިޓެޑް ނޭޝަންސް ޔުނިވަރސިޓީއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިގެން ބޭއްވެވި ބައްދަލުވުމެކެވެ. މި ބައްދަލުވުން އަމާޒުކުރައްވާފައިވަނީ ވަޒީރުންނަށާއި، ސްޓޭޓް މިނިސްޓަރުންނަށާއި، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި އަދި ސަރުކާރުގެ މުއައްސަސާތަކުގެ އެންމެ އިސްވެރިންގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނަށެވެ.

މި ބައްދަލުވުން ހުޅުއްވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންވޯއި ފޮރ ސައެންސް އެންޑް ޓެކްނޮލޮޖީ އަޙްމަދު ޝަފީޤް މޫސާ ދެއްކެވި ވާހަކައިގައި، ސަރުކާރު ހިންގުމުގައި އީ-ގަވަރނަންސްގެ އުޞޫލުތައް އިތުރަށް ހަރުދަނާކުރުމަކީ، މި ސަރުކާރު ފުރިހަމަ ގޮތުގައި ހިންގުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމެއްކަމުގައި ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ލާ މަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގުމަށް ކުރެވެމުންދާ މަސައްކަތަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ފޯރުއްވައިދެއްވާ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުއްވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށްވެސް އެންވޯއި ފޮރ ސައެންސް އެންޑް ޓެކްނޮލޮޖީ ވިދާޅުވިއެވެ. މީގެއިތުރުން، ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށްދީ، ފުރިހަމައަށް ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ރައްޔިތުންނަށް ޚިދްމަތް ފޯރުވައިދިނުމަށް އީ-ގަވަރނަންސްގެ ސަބަބުން އިތުރަށް މަގުފަހިވެގެންދާނެކަމަށްވެސް އަޙްމަދު ޝަފީޤު މޫސާ ވިދާޅުވިއެވެ.

މި ބައްދަލުވުން ނިމުނީ މިއަދު ހަވީރުއެވެ. ރާއްޖެއަށް އަންނަމުން މިދާ ބަދަލުތައް ފުރިހަމަކުރުމުގައި، ޓެކްނޮލޮޖީ މުހިންމު ދައުރެއް އަދާކުރަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވަމުން ގެންދަވާނެކަމަށް މި ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން އަޙްމަދު ޝަފީޤު މޫސާ ވިދާޅުވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ޑޮކްޓަރ އިޞާމް މުޙަންމަދު ދެއްކެވި ވާހަކައިގައި އަޅުގަނޑުމެން މިހާރު މިތިބީ ވަރަށް މުހިންމު ދަނޑިވަޅެއްގެތެރޭގައިކަން ފާހަގަކުރެއްވިއެވެ. މިގޮތުން އަޅުގަނޑުމެން މިތިބީ، ރައްޔިތުންނާއި ސަރުކާރާއި އަދި ޚިދުމަތް ފޯރުވައިދޭ އެހެން ހުރިހާ ފަރާތްތަކެއް ވިޔުގަތަކަކުން ގުޅާލައި، ލާ މަރުކަޒީ އުޞޫލުން ކަންކަން ހިންގުމުގެ ޒަމާނެއްގެ ފެށޭ ހިސާބުގައިކަމަށްވެސް ވިދާޅުވިއެވެ. އަދި މި ބައްދަލުވުމަކީ ފެށުމެއްކަމަށް ބައްލަވައި، މިކަންކަން ފުރިހަމަކުރުމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުމަށް ޑޮކްޓަރ ޢިޞާމް އެދިވަޑައިގަތެވެ.

މި ބައްދަލުވުމުގައި އީ-ގަވަރނަންސްއާއި، އީ-ގަވަރނަންސްގައި ލީޑަރޝިޕްގެ ދައުރާބެހޭގޮތުން މަޢުލޫމާތު ދެއްވީ ޔުނައިޓެޑް ނޭޝަންސް ޔުނިވަރސިޓީގެ ސެންޓަރ ފޮރ އިލެކްޓްރޯނިކް ގަވަރނަންސްގެ މަސްއޫލުވެރިޔާ އަދި އެންމެ އިސްވެރިޔާ ޑޮކްޓަރ ތޯމަސް ޔަނޮވްސްކީއެވެ. މީގެއިތުރުން، ރާއްޖޭގައި އީ-ގަވަރންމަންޓްގެ ދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ.