ޤާނޫނުއަސާސީ ތަޞްދީޤު ކުރިތާ އެއްއަހަރު ފުރުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި، ރޭ ރަސްމީ ދަނޑުގައި ކުޅުނު ޚާއްޞަ ފުޓްބޯޅަ މެޗް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ އާއި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ހަސަން މަނިކު ބައްލަވާލައްވައިފިއެވެ.

މި މެޗްގައި ބައްދަލުކުރީ، ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީގެ ރަތް ޓީމާއި، ހުޅު ހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ހުދު ޓީމެވެ. 3 ލަނޑު 2 ލަނޑުން މެޗް ކާމިޔާބު ކުރީ، އަޙްމަދު ތަސްމީން ޢަލީގެ ރަތް ޓީމެވެ.

މެޗް ނިމުމުން، ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް، ޓީމުގެ ހުރިހާ ކުޅުންތެރިންނާ ބައްދަލުކުރައްވައި ސަލާންކޮށްލެއްވިއެވެ.

މި މެޗްގެ ޓިކެޓް ވިއްކައިގެން ލިބުނު ފައިސާއާއި، މެޗް ކުޅުނު ބޯޅައާއި، ކުޅުންތެރިން ލައިގެން ތިބި ޖަރޒީތައް ނީލަން ކިޔައިގެން ލިބުނު ފައިސާ ހަދިޔާ ކުރެއްވުމަށް ހަމަޖެހިފައިވަނީ، މާލެ ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާއަށެވެ.