ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް، ”ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު“ ގެ ނަމުގައި ޤައުމީ ފެންވަރުގެ އިނާމެއް މިއަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ދެއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައި، އެކަމުގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާ މިއަދު ޙިއްޞާ ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މި އިނާމުގެ ތަފްޞީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދައުލަތަށް ވަރަށްދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ގިނަ އަދަދެއްގެ ބޭފުޅުން ތިއްބެވުމާއެކު، އެބޭފުޅުންގެ ޚިދުމަތްތަކަކީވެސް ޤައުމީ ފެންވަރެއްގައި ބަލައިގަނެ، ފާހަގަކުރަންޖެހޭނެ ޚިދުމަތްތަކެއްކަން ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ދައުލަތަށް 35 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ޚިދުމަތް، ކަނޑައެޅޭ މިންގަނޑުތަކެއްގެ މަތިން ބަލައި، އެ މިންގަނޑުތަކުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު، އެފަދަ ބޭފުޅުންނަށް މި އަހަރުން ފެށިގެން ޝަރަފުވެރިކަމުގެ ޤައުމީ އިނާމެކޭ އެއްފެންވަރެއްގައި އިނާމެއް އެރުވުމަށް ނިންމެވީ ކަމުގައި ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެކަމާބެހޭ މަސައްކަތް، ޤައުމީ އިނާމާބެހޭ ކޮމިޓީއާ މިހާރު ހަވާލުކުރައްވާފައިވާ ކަމަށާއި، އިނާމު ދެއްވުމުގެ އުޞޫލު އެކޮމިޓީން ކަނޑައެޅުއްވުމުން، އެ އުޞޫލަށް މިނިސްޓްރީތަކާއި އެހެން މުއައްސަސާތަކުގެ ޚިޔާލުފުޅު ހޯއްދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.