ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓް އެންޑް ޕްރޮޓޮކޯލް، ފާޠިމަތު މުޙައްމަދު ޞާލިޙުގެ މާލީ ބަޔާން 11 ފެބުރުވަރީ 2021 ގައި މި އޮފީހުގެ އޮފިޝަލް ވެބްސައިޓުން ބަދަލުތަކަކާއެކު އަލުން އާންމުކުރުމާ ގުޅޭގޮތުން ދަންނަވަމެވެ.

މި އޮފީހުގެ ސެކްރެޓަރީ، އަލްފާޟިލާ ފާޠިމަތު މުޙައްމަދު ޞާލިޙުގެ މާލީ ބަޔާން ފޯމް އެންޓަރ ކުރުމުގައި ދިމާވެފައިވާ އޮޅުމެއްގެ ސަބަބުން، އެ ފޯމުގައި ބަޔާންކުރާ އާމްދަނީއާއި، މުދަލާއި، ފައިސާ، އަދި ލޯނުގެ ބައިގައި އެކަމަނާގެ މަޢުލޫމާތުގެ ބަދަލުގައި، ފިރިކަލުން އަލްމަރުޙޫމް އިސްމާޢީލް ފިރާޤުގެ ބޭންކް އެކައުންޓުގައި ހުރި 700,000 (ހަތް ލައްކަ) ރުފިޔާ އަދި އިމާރާތުގެ އަގުގެ ގޮތުގައި 20 މިލިއަން ރުފިޔާގެ މަޢުލޫމާތު އެކުލަވައިލެވިފައިވާކަން 11 ފެބުރުވަރީ 2021 ގައި ވަނީ ފާހަގަކުރެވިފައިވެއެވެ.

އެހެންކަމުން، އެކަމަނާގެ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮފިޝަލް ވެބްސައިޓަށް އަލުން އަޕްލޯޑް ކޮށްފައިވަނީ މަތީގައި ބަޔާންކުރެވިފައިވާ ކަންކަން އިސްލާޙު ކުރުމަށްފަހުގައިކަން ދެންނެވީމެވެ.