ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑޮކްޓަރ ޗުއާ ޔޮންގ ހައި އާ، މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސިންގަޕޫރާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމާއި މިގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިންގަޕޫރަކީ އިޤްތިޞާދީ ތަރައްޤީއާއި ކުރިއެރުމުގައި ނަމޫނާ ޤައުމެއް ކަމުގައި ވިދާޅުވިއެވެ. އަދި، ސިންގަޕޫރަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު އެއްބައިވެރިޔާ ކަމަށް ވިދާޅުވެ، ރާއްޖޭގެ ޤައުމީ ތަރައްޤީއަށް އެކި ރޮނގު ރޮނގުން ސިންގަޕޫރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ސިންގަޕޫރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރަމުން ގެންދާތީ، އެކަމުގެ ފައިދާ ރާއްޖެއަށް ވަރަށް ބޮޑަށް ލިބެމުންދާ ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމާއި ހޮޓެލް ޞިނާޢަތުގައި، ސިންގަޕޫރުގެ އިންވެސްޓަރުންގެ ޙިއްޞާ ވަރަށްބޮޑު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސިންގަޕޫރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިތުރު ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރްޞަތުތައް، ހުޅުވާލެވިފައިވާކަމަށް ވިދާޅުވެ، މިކަމާބެހޭ އިތުރު މަޢްލޫމާތު ސިންގަޕޫރުގެ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ޑޮކްޓަރ ޗުއާ ޔޮންގ ހައި ދެއްކެވި ވާހަކަފުޅުގައި، ސިންގަޕޫރު ރައްޔިތުންގެ ހިތްތަކުގައި ރާއްޖެއަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެވިފައިވާ ކަމަށާއި، ސިންގަޕޫރުގެ ގިނަ އަދަދެއްގެ ރައްޔިތުން ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ޒިޔާރަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި، ރާއްޖެއާއި ސިންގަޕުރާ ދެމެދުގައި ވިޔަފާރިގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމަށާއި، ރާއްޖެއަށް އިތުރު އިންވެސްޓަރުން ގެންނެވުމަށް ދިވެހި ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ސަފީރު ވިދާޅުވިއެވެ.