بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ މަދަދާއެކު މިއަދު އަޅުގަނޑުމެން މި ފަށަނީ ކޯވިޑް - 19އަށް ވެކްސިން ދިނުމުގެ މަސައްކަތް. މިއަދު މާލެއާއި، އައްޑުއާއި، ކުޅުދުއްފުށީގައި އެކުއެކީގައި މިކަން ކުރިއަށްދާނެ.

އެނގިވަޑައިގަންނަވާނެ، މި ވޭތުވެދިޔަ ދިހަ އެގާރަ މަސްދުވަހު މުޅި ދުނިޔެ އޮތް ޙާލަތު. ކޯވިޑް - 19 އިން ސަލާމަތްވުމަށް އޮތް ހަމައެކަނި ގޮތަކީ، ޑޮކްޓަރުންނާއި ހެލްތު މާހިރުން މި ވިދާޅުވަނީ، ވެކްސިންއެއް އޮތުން ކަމަށް. އެހެންކަމުން، ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް މިއަދުވަނީ ވެކްސިން ދޭން ފަށާފައި.

އަޅުގަނޑު އުއްމީދުކުރަނީ އަދި އަޅުގަނޑުގެ އިލްތިމާސަކީ، ހުރިހާ ރައްޔިތުން މިކަމުގައި ބައިވެރިވެވަޑައިގެން، އަޅުގަނޑުމެންނަށް ކުރިމަތިވެފައި މި އޮތް މި ދަތި އުނދަގުލުން ސަލާމަތްވުމަށްޓަކައި އެންމެން އެކީގައި މަސައްކަތް ކުރުން. ވޭތުވެދިޔަ ދިހަ އެގާރަ މަސްދުވަހުގެ ތެރޭގައި، ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމާއި އެއްބާރުލުން ވަނީ ލިބިފައި.


މި ހިސާބަށް އަޅުގަނޑުމެންނަށް އާދެވިފައި މި އޮތީ، ހެލްތު އެކްސްޕާޓުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ރައްޔިތުން ކުރި މަސައްކަތުގެ ނަތީޖާއިން. އިރާދަކުރެއްވިއްޔާ، މިކަމުން މާ ލަހެއްނުވެ އަރައިގަނެވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް މި ވެކްސިން ފޯރުކޮށްދިނުން. މިކަން މިއަދު ފެށިގެންދާއިރުގައި، މެދުނުކެނޑި މިކަން ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކެއް ރޭވިގެން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ފަށައިގަންނަނީ.

ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، މިކަމުގައި އުޅޭ އެންމެންނަށް މި ވެކްސިން ފޯރުކޮށްދެވިގެންދާނެ.

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ! ތިޔަ ހުރިހާ ބޭފުޅުންގެ އެއްބާރުލުން އަޅުގަނޑުމެން ބޭނުންވާނެ އިނގޭތޯ!