* މި އިންޓަރވިޔުގައި، ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި ސުވާލުތައް ދެންނެވީ، ސީނިއަރ އެގްޒެކްޓިވް ޕްރޮޑިއުސަރ އަލްފާޟިލް މުޙައްމަދު ރަމީޒާއި، މެނޭޖަރ، ރޭޑިއޯ ޕްރޮޑަކްޝަން އަލްފާޟިލް ނަޞްރުﷲ އިދުރީހެވެ.

 

މުޙައްމަދު ރަމީޒު:

އާދެ، މިހާރު ގަޑިން 7 ގަޑި 19 މިނިޓް 55 ސިކުންތު. މިއީ، ދިވެހިރާއްޖޭގެ އަޑު. ދިވެހިރާއްޖޭގެ އަޑު ތިޔަބޭފުޅުންނަށް ގެނެސްދެމުން މި ގެންދަނީ، "ބާއްޖަވެރި ހެނދުނެއް". މިއަދުގެ ޕްރޮގްރާމް ތިޔަބޭފުޅުންނަށް މި ގެނެސްދެނީ އަޅުގަނޑު ރަމީޒު.

ނަޞްރުﷲ އިދުރީސް:

އަދި، އަޅުގަނޑު ނަޞްރުﷲ. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ދަންނަވައިލިން، އަޅުގަނޑުމެން ހަތެއްގެ ޚަބަރަށްފަހު، ޕްރޮގްރާމް ކުރިއަށް ގެންދާނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ އެކީގައޭ. އެހެންނަމަވެސް ހަމަ ބޮޑުބެރު ލަވައަކަށްފަހު، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާއާ އެކީގައި ކުރިއަށްދާނަން. މިއަދު ވަރަށް ޚާއްޞަވެގެން އެބަދޭ، ވަރަށް ގިނަ ގޮތްގޮތުން. އެހެންނޫންތޯ. އާދެ، މިއަދުވެސް ހަމަ ތިޔަބޭފުޅުންނަށް ގެނެސްދޭ ލަވަތަކުގެ ފޯރި ކުޑައެއްނުވާނެ. ހަމައެކަނި ތަފާތަކަށްވެގެންމިދަނީ، ލައިވްކޮށް އަޅުގަނޑުމެން މީގެ ލަވަތައް ތިޔަބޭފުޅުންނާ ހަމައަށް ގެނެސްދޭނީ.

މުޙައްމަދު ރަމީޒު:

މިއަދު އަނެއްކާ ރިކްއެސްޓް ކުރުމެއް ނޯންނާނެ އިނގޭތޯ. ރިކްއެސްޓް ލަވައެއް ނެތް މިއަދަކު. އަޅުގަނޑުމެން ދެން ހަމަ، ނަޞްރު ތިޔަ ފާހަގަކުރެއްވިހެން އެނެކްސްގެ ވަރަށް ޚާއްޞަ ބޮޑުބެރު ގްރޫޕަކާއެކު އަޅުގަނޑުމެން ކުރިއަށް މިދަނީ. އެހެންވީމާ، ލަވައަށްފަހު ތިޔަބޭފުޅުންނާ އަޅުގަނޑުމެން ބައްދަލުކުރާނަން. އަޅުގަނޑުމެން ލަވައަށްފަހު ބައްދަލުކުރާއިރު، އަޅުގަނޑުމެންނާ އެކީގައި ހަމަ ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން އިންނެވީމާ، އެ މަނިކުފާނާ އެކީގައި ކުރިއަށްދާނީ. ތިޔަބޭފުޅުން އަޅުގަނޑުމެންގެ ޕްރޮގްރާމަށް އިންތިޒާރު ކުރައްވާނެ ކަމަށް އުއްމީދުކުރަން.  

މިހާހިސާބުން އަޅުގަނޑުމެން ބޮޑުބެރަށްފަހު ތިޔަބޭފުޅުންނާ ބައްދަލުކޮށްލާނަން.      

މުޙައްމަދު ރަމީޒު/ނަޞްރުﷲ އިދުރީސް:

ފޯރި ކުޑައެއްނޫނޭ އިނގޭތޯ. ކިރިއާ އިނގޭތޯ އަޅުގަނޑަށްވެސް މި މައިތިރިވެވެނީ އިނގޭތޯ. ބޮޑުބެރަކީ ހަމަ ހިތާ ކުޅެލާ އެއްޗެކޭ އިނގޭތޯ.

ނަޞްރުﷲ އިދުރީސް:

އަޅުގަނޑުވެސް ހަމަ މަޑުން އިނދެވޭތޯ މި ބެލީ. ފަހަރެއްގައިވެސް ހަމަ ނަށަން ނުކުމެވިއްޖިއްޔާ، އެހެން ބޭފުޅުންވެސް ނުކުންނަވަފާނެތީ ދޮގެއްތޯ.

އާދެ، ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ދަންނަވާލިން، އަޅުގަނޑުމެން ބޮޑުބެރަށްފަހު، ރައީސުލްޖުމްހޫރިއްޔާއާ އެކީގައޭ ޕްރޮގްރާމް ކުރިއަށް ގެންދާނީ. މި ވަގުތު އަޅުގަނޑުމެންނާ އެކީގައި ސްޓޫޑިއޯގައި މި އިންނެވީ، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް.

މަނިކުފާނުގެ ބިޒީ ޝެޑިއުލް އިން އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ހުސްކޮށްދެއްވައި، ވަރަށް ހެނދުނުގެ ވަގުތެއްގައި ވަޑައިގެން، ޕްރޮގްރާމުގައި ތިޔަ ބައިވެރިވެވަޑައިގެން ދެއްވަނީ. ވަރަށް ބޮޑަށް ޝުކުރިއްޔާ! އަދި އަޅުގަނޑުމެންގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައްވެސް އަރިސްކުރަން.     

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ބޮޑަށް ޝުކުރިއްޔާ އަޅުގަނޑަށް މި ފުރުޞަތު ތިޔަބޭފުޅުން ދެއްވީތީ އިނގޭތޯ. ރަމީޒަށާއި، ނަޞްރުﷲ އަށް. އަދި ދިވެހިރާއްޖޭގެ އަޑުގެ ހުރިހާ ބޭފުޅުންނަށް، ހުރިހާ މުވައްޒަފުންނަށް، 58 ވަނަ އަޑުގެ އަހަރީ ދުވަހުގެ ތަހުނިޔާ، އަޅުގަނޑާއި ހުރިހާ ރައްޔިތުންގެ ފަރާތުން ތިޔަ ހުރިހާ ބޭފުޅުންނަށް އަރިސްކުރަން އިނގޭތޯ. ވަރަށް އުފާވެރި ވަގުތުކޮޅެއް.

ނަޞްރުﷲ އިދުރީސް:

ކިހިނެއްތޯ ހާލު އަހުވާލު؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ރަނގަޅު އިނގޭތޯ. ދެން، އަނެއްހެން އެއްވެސް މައްސަލައެއް ނޫޅޭ އިނގޭތޯ.   

މުޙައްމަދު ރަމީޒު:

އެހެންވީމާ، އަޅުގަނޑުމެން އެންމެންވެސް މިތިބީ ރަނގަޅު ކަމަށް ބަލައިގެން އެހެންނޫންތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ދުވަހެއް ފެށިގެން އަންނައިރުގައި ވަރަށް ތާޒާވާނެ. އެހެން ނޫންތޯ.

ނަޞްރުﷲ އިދުރީސް:

އާދެ، ދެން އަޅުގަނޑުމެންގެ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީވެސް ހަމަ ދުވަސް ފެށިގެން އަންނައިރު، އާރޯކަމާއި ތާޒާކަން އަޅުގަނޑުމެންގެ ރައްޔިތުންނަށްވެސް ގެނެސްދިނުން. އެ މަޤްޞަދު ހާސިލުކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ އެހެންނޫންތޯ.

މުޙައްމަދު ރަމީޒު:

ދެން، އަޅުގަނޑުމެންގެ މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންދެއްވީތީ، ހަމަ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ދެން، އަޅުގަނޑުމެންގެ ޕްރޮގްރާމަށް ލިބުނު ވަރަށް ބޮޑު ފަޚްރެއް، ވަރަށް ބޮޑު ޝަރަފެއް، މަނިކުފާނު އަޅުގަނޑުމެންގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންދެއްވިކަން ތިޔައީ އިނގޭތޯ. އަޅުގަނޑުމެން ކުރިންވެސް ދަންނަވާލިހެން.

ދެން، އެންމެ ފުރަތަމަވެސް އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، ފުރަތަމަ މަނިކުފާނުގެ އިޒުނައާއެކީގައި އަޅުގަނޑުމެންގެ ބައެއް ސުވާލު ދަންނަވާލަން ކަމަށް އިނގޭތޯ.   

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ކުރިއަށް ގެންދަވާ. ދެން، އަޅުގަނޑަށް ދެވުނުވަރަކަށް ޖަވާބު ދެމުން ގެންދާނަން އިނގޭތޯ.

މުޙައްމަދު ރަމީޒު:

އަޅުގަނޑު ފުރަތަމަ ދަންނަވާލަން އޮތް ވާހަކައަކީ، ދެން ކޮންމެ ބޭފުޅެއްގެވެސް، އަޅުގަނޑު މި ދެންނެވީ ކުޑައިރުގެ ހަނދާންތައް، ތިޔަބޭފުޅުންގެވެސް، ކޮންމެ ބޭފުޅެއްގެވެސް އެންމެ ކުޑައިރުގެ ހަނދާނަކީ ވަރަށް އުފާވެރި ހަނދާންތަކެއް އިނގޭތޯ. އެހެންވީމާ، ތުއްޕުޅުއިރުގެ ހަނދާންތަކުގެ ތެރެއިން، ކޮބައިތޯ އެންމެ ބޮޑަށް ހަނދުމަފުޅު ހުންނަ ހަނދާނަކީ، އުފާވެރި ހަނދާނެއްގެ ގޮތުގައި.  

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުގެ އެންމެ ހަގުއިރުގައި އިނގޭތޯ. ގާތްގަނޑަކަށް ދިހަވަރަކަށް އަހަރު ވަންދެން އަޅުގަނޑު އުޅުނީ އަމިއްލަ ރަށުގައި. އޭރުގެ އެ ހަނދާންތައް މިހާރުވެސް ހުރޭ. ދެން، އެންމެ ބޮޑަށް ހަނދާން ހުންނަ އެއްކަމެއް. އަޅުގަނޑު ވަރަށް މޫދަށްދާހިތްވޭ، ކުޑައިރުއްސުރެ ފަށައިގެންވެސް އިނގޭތޯ. އެކަމަކު، އަޅުގަނޑަށް މޫދަށް ދިޔުމުގެ ހުއްދަ އޮންނަނީ، ހަފްތާއަކު ދެ ދުވަހު. އެއީ ދެން ވަރަށް އިންތިޒާރުކުރާ ދެ ދުވަސް.    

ނަޞްރުﷲ އިދުރީސް:

އެއީ ކޮން ދެ ދުވަހެއްގައިތޯ މި ދެވެނީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެއީ، ހުކުރު ދުވަސް އެއީ އެއް ދުވަސް. ދެން އަނެއް ދުވަހަކީ ހޯމަ ދުވަސް. ހޯމަ ނޫނީ އާދީއްތަ ދުވަސް. އަޅުގަނޑަކަށް ދެން ކުއްލިއަކަށް ހަނދާނެއް ނެތް އިނގޭތޯ. އެއީ ވަރަށް އިންތިޒާރުކުރާ ދުވަހެއް. ހުރިހާ ރައްޓެހިކުދިންނާ އެކީގައި މޫދަށް ދާން. ދެން، އަޅުގަނޑުމެންގެ ގެ މި ހުންނަނީ، މޫދާ ވަރަށް ކައިރީގައި. މޫދަށް ނުދެވުނަސް، އެ މަންޒަރު ބަލަން އަޅުގަނޑު ހުންނަން. އެހެންނަމަވެސް، މަންމަ އަޅުގަނޑަށް ހުއްދަ ދީފައި އޮންނަނީ، އެ ދެ ދުވަހު މޫދަށް ދާން. އެހެންވީމާ، އެ ދެ ދުވަހުގެ އެ ހަނދާން އާވޭ. އެއީ ދެން، ވަރަށް އުފާވެރި ދުވަހެއް. އެ ދުވަސްތައް ހަމަ މިހާރުވެސް ހަނދާންވޭ. އެ ކުދިންނާ މިހާރުވެސް ހަމަ ގުޅުންވެސް އޮވޭ. ހަމަ ފޯނުން ވާހަކަ ދައްކައިވެސް އުޅެން.  

މުޙައްމަދު ރަމީޒު:

ދެން، އަޅުގަނޑު ހިތަށްއަރަނީ ރަށުގައި ދެން ތިޔަ ތުއްޕުޅުއިރުގެ ހަނދާނަކީ ވަރަށް މުހިންމު، ވަރަށް އުފާވެރި ހަނދާނެއް ކޮންމެ ބޭފުޅެއްގެވެސް ތިޔަ ވިދާޅުވިހެން. ދެން، މާލެއަށް ވަޑައިގަންނަވަން، ކިހިނެއްވެގެންތޯ މާލެއަށް މި ބަދަލުވެވަޑައިގެންނެވީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެނގިވަޑައިގަންނަވާނެ، ރަށްރަށުގައި އޭރު ތަޢުލީމު ވަކިވަރަކަށްވުރެ މައްޗަކަށް ނޯވޭ. ވަކި ހިސާބަކުން އިތުރަށް ކިޔަވަން ބޭނުންވެއްޖިއްޔާ މި އަންނަން ޖެހެނީ މާލެއަށް. އަޅުގަނޑުވެސް އުމުރުން މި ދެންނެވިހެން، ގާތްގަނޑަކަށް ދިހަވަރަކަށް އަހަރުގައި މާލެއަށް ބައްޕަމެން ގެނެސްފި. އޭރު އޮތް ސަރުކާރުން، ހަމަ ދަންނަވާނީ، ރަށްރަށުގެ ތަޢުލީމާ ދޭތެރޭގައި އެހާ މުހިންމު ކަމެއް ނުދެއޭ އިނގޭތޯ. ގާތްގަނޑަކަށް ހުރިހާ ރަށެއްގައިވެސް ހުރި ސްކޫލްތަކަށް ސަރުކާރުންދޭ އެހީތައް އޭރު ކަނޑައިލާފައި އޮތީ. އެއީ، 1970ގެ މެދުތެރޭގެ ކުރީކޮޅުގައި. އެއާއެކީގައި، ގިނަ ރަށްރަށުގެ ހަމަ ސްކޫލްތައް ހުއްޓުމަކަށް އައިސްފައި އޮތީ.

އަޅުގަނޑުގެ އުފަން ރަށް، ހިންނަވަރަކީވެސް ތިން ސްކޫލް އޭރު ހުރި ރަށެއް. އެހެންނަމަވެސް، އެންމެފަހުން ގޮސް އޭރު ހުރި ސްކޫލް ނީލަން ކިޔައި ވިއްކާވެސްލާފައި އޮތީ. އެހެންވީމާ، ކުރިން މައުލޫދު ހަރުގެއެއްގައި، އަޅުގަނޑުމެންނަށް ކުޑައިރު ކިޔަވައިދެމުން ގެންދިޔައީ. އެހެންވީމާ، ވަކި ހިސާބަކުން އަޅުގަނޑުމެންގެ ހުރިހާ ކުދިންވެސް ބައްޕަމެން، މާލެއަށް ފޮނުވަމުން އައީ ކިޔަވަން. އެހެންވީމާ، އެގޮތުން އަޅުގަނޑުވެސް މި މާލެއަށް އަންނަންޖެހުނީ އިތުރަށް ތަޢުލީމު ހާސިލު ކުރުމުގެ ބޭނުމުގައި.

ނަޞްރުﷲ އިދުރީސް:

ޢާއިލާއާ ދުރުގައި ވަރަށް ގިނަ ދުވަހު އުޅުއްވަން ޖެހިވަޑައިގަންނަވާނެ. 10 އަހަރުގައި މާލެއަށް ބަދަލުވެވަޑައިގެންނެވީ.

މުޙައްމަދު ރަމީޒު:

ނަޞްރު، އަދި އަޅުގަނޑު އެއް ވާހަކައެއް ދަންނަވާލަން އެބައޮތޭ. މި ހިންނަވަރު ވާހަކަ ވިދާޅުވީމާ. ހިންނަވަރު މީހުން ވަރަށް ނޭވާ ދިގުވާނެއޯ އިނގޭތޯ. ވަރަށް ފުނަށް ވަޑައިގަނެވޭތޯ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ވަރަށް ވަރަށް، ވަރަށް ފުނަށް އަޅުގަނޑަށްވެސް ދެވޭ އިނގޭތޯ. އެއީ ދެން ވާގޮތަކީ، އެއްގޮތަކަށް ވާގޮތަކީ، ހިންނަވަރަކީ އެނގިވަޑައިގަންނަވާނެ، ފުރިފައި އޮންނަ ރަށެއް. ގޮނޑުދޮށެއް، ބީޗެއް އަޅުގަނޑުމެން މި ކިޔާ ދޮންވެއްޔެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެން މޫދަށް އެރެން ވެއްޖިއްޔާ ކުޑަ ދޯންޏެއްގައި މި ދާންޖެހެނީ، ބޭރަށް އޮޅަށް. ދެން، ކުރާ ކަމަކަށް އޮންނަންޖެހެނީ، ފީނުން. އަޑިއަށް ފީނުން. އެހެންވީމާ، އަޅުގަނޑުވެސް ހަމަ ވަރަށް ފުނަށް ފީނަން އޭރުވެސް އިނގޭތޯ. މިހާރު ދެން އެވަރަކަށް ނުވާނެ. އެހެންނަމަވެސް، ވަރަށް އަޑިއަށް ދެވޭނެ. އަޅުގަނޑުމެންގެ ޢާއިލާގައިވެސް ތިބޭނެ ފުނަށް ފީނާ މީހުން.

ނަޞްރުﷲ އިދުރީސް:

އަޅުގަނޑުމެންގެ ވަރަށް ގިނަ ސުވާލުތައް އެބަހުރި. އެހެންނަމަވެސް، އަޅުގަނޑުމެންގެ ބައެއް އެހުންތެރިންނަށްވެސް އަޅުގަނޑުމެން ފުރުޞަތުތަކެއް އެބަ އަރުވަން. މިވަގުތު އަޅުގަނޑުމެންނާ ގުޅިފައި މިވަނީ، އަޅުގަނޑުމެންގެ ވަރަށް ގިނަ ޕްރޮގްރާމްތަކެއްގައި ބައިވެރިވެވަޑައިގަންނަވާ އަޅުގަނޑުމެންގެ ވަރަށް ހަމަ އިޚްލާޞްތެރި އެހުންތެރިއެއް. އެއީ ޢަބްދުﷲ އަޙްމަދު، ފ. ނިލަންދޫ ބޭފުޅެއް އިނގޭތޯ.   

السَّلَامُ عَلَيْكُمْ.

ޢަބްދުﷲ އަޙްމަދު ފ. ނިލަންދޫ:

وعليكم السّلام ورحمة الله وبركاته.

ނަޞްރުﷲ އިދުރީސް:

އާދެ، އަޅުގަނޑު ހަމަ މިވަގުތުވެސް ދަންނަވާލާނީ، އެއީ މުދައްރިސެއް، ގިނަ ބޭފުޅުން ވިދާޅުވާ އަޑު އަޅުގަނޑުމެންނަށް އިވެނީ މުދައްރިސްގެ ނަމުން އިނގޭތޯ. އެހެންވީމާ، ހަމަ މުދައްރިސޭ ދަންނަވާލިއްޔާކަންނޭނގެ ރަނގަޅުވާނީ. ކިހިނެއްތޯ ހާލު އަހުވާލު؟

ޢަބްދުﷲ އަޙްމަދު ފ. ނިލަންދޫ:

ވަރަށް ރަނގަޅު އިނގޭތޯ. ދިވެހިރާއްޖޭގެ އަޑުގެ 58 ވަނަ އަހަރުގެ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށާއި، އަޑުގެ އެހުންތެރިންނަށާއި، އަޑުގައި ޚިދުމަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ފަރާތުން އަރިސްކުރަން.   

ނަޞްރުﷲ އިދުރީސް:  

އާދެ، އަޅުގަނޑުމެންގެ ފަރާތުންވެސް ޢަބްދުﷲ އަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން އިނގޭތޯ. ވަރަށް ޚާއްޞަ ފުރުޞަތެއް ތިޔަ ލިބިވަޑައިގަތީ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ވާހަކަ ދައްކަވައިލެއްވުމުގެ ފުރުޞަތެއް. މިކަހަލަ ފުރުޞަތެއް ފަހިވެގެންދާނީ، ރޭޑިޔޯ މެދުވެރިކޮށް ވަރަށް މަދު ފަހަރެއްގައި އިނގޭތޯ. ރައީސުލްޖުމްހޫރިއްޔާ އެބަ އިންނެވި، ހަމަ ވާހަކަ ދައްކަވައިލެއްވޭނެ އިނގޭތޯ ޢަބްދުﷲ.

ޢަބްދުﷲ އަޙްމަދު ފ. ނިލަންދޫ: 

އާދެ، ކިހިނެއްތޯ މަނިކުފާނުގެ ހާލު އަހުވާލު؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ރަނގަޅު އަޅުގަނޑު އިނގޭތޯ. ކިހިނެއްތޯ ޢަބްދުﷲ؟ މުދައްރިސް ދޮގެއްތޯ އަޅުގަނޑުމެން ކިޔަންޖެހޭނީ.

ނަޞްރުﷲ އިދުރީސް:

މުދައްރިސް ވިޔަސް، ޢަބްދުﷲ ވިޔަސް ހަމަ ރަނގަޅުވާނެ ދޮގެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ކިހިނެއްތޯ؟

ޢަބްދުﷲ އަޙްމަދު ފ. ނިލަންދޫ:

އާދެ، އަޅުގަނޑަށް އާންމުކޮށް އެންމެންވެސް ކިޔައިއުޅެނީ، ރަށުގައި ހަމަ ކުދި ބޮޑު އެންމެން ކަހަލަ ގޮތަކަށް މުދައްރިސް ކިޔައިއުޅެނީ. ކިޔަވައިދިނުމުގެ ދާއިރާގައި އޮނަތިރީސްވަރަކަށް އަހަރު ދުވަސް ވަންދެން އެކި ގޮތްގޮތަށް ޚިދްމަތް ކުރެވުނީމާކަންނޭނގެ، އެ ނަމުން އަޅުގަނޑާ މުޚާޠަބު ކުރެވެނީ.

އާދެ، އިރާދަކުރެއްވިއްޔާ، މިވަގުތު ރަނގަޅު.  

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ތިޔައީ ވަރަށް ވަރަށް ރަނގަޅު ޚިދުމަތެއް ތިޔަ ކުރައްވަނީ އިނގޭތޯ. ތިޔަ ކަމުގައި ކުރިއަށް ވަޑައިގަންނަވައްޗޭ އިނގޭތޯ. 

ޢަބްދުﷲ އަޙްމަދު ފ. ނިލަންދޫ:

އަޅުގަނޑު މިވަގުތު އެކަމަކު މުދައްރިސަކަށް ނޫން އިނގޭތޯ އުޅެނީކީ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެހެންތޯ، ކޮންކަމެއްތޯ؟

ޢަބްދުﷲ އަޙްމަދު ފ. ނިލަންދޫ:

އަޅުގަނޑު މިހާރު އިމާމެއްގެ ގޮތުގައި މަސައްކަތް ކުރަނީ އިނގޭތޯ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ތިޔައީވެސް ހަމަ ރަނގަޅު ކަމެއް ނޫންތޯ.

ނަޞްރުﷲ އިދުރީސް:

ޢަބްދުﷲގެ ވަރަށް ޚާއްޞަ ކަމެއް އިނގޭތޯ މިއީ ޕްރޮގްރާމުތަކުގެ ތެރެއިންވެސް، މި ކުއިޒް ޕްރޮގްރާމުތަކުގައި ބައިވެރިވެވަޑައިގަތުން. އެއީ، ކުއިޒް ޕްރޮގްރާމްތަކަށް ޚާއްޞަކޮށް، ރޯދަ ކުރުކުރުމަށް ތައްޔާރުވެވަޑައިގަތުމަށްޓަކައި ޢަބްދުﷲ ވަނީ ރަށުގައި ލައިބްރަރީއެއް ޤާއިމުކުރައްވާފައި އިނގޭތޯ. މަޢުލޫމާތު ހޯއްދެވުމަށްޓަކައި. އަޅުގަނޑުމެންނަށް ދެން ޢަބްދުﷲއާ ބައްދަލުވެ، އެރަށުގައިވެސް މި ކަންކަން ބަލައިލުމުގެ ފުރުޞަތުވެސް ލިބިފައި އޮތީ. އެހެންވީމާ، ވަރަށް ބޮޑަށް ރޭޑިޔޯއަށް ސަމާލުކަން ދެއްވާ ބޭފުޅެއް ޢަބްދުﷲ އަކީ.

މުޙައްމަދު ރަމީޒު:  

ޢަބްދުﷲ ކޮބައިތޯ ސުވާލަކީ.

ޢަބްދުﷲ އަޙްމަދު ފ. ނިލަންދޫ:

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މަނިކުފާނަކީ ރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް. އަޅުގަނޑު ދެކޭގޮތުގައި ރާއްޖެތެރޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލު އަހުވާލު، ދިރިއުޅުމުގެ ކަންތައްތައް ހުރިނެތްގޮތް ވަރަށް ރަނގަޅަށް، ވަރަށް ގާތުން މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މިވަގުތު މަނިކުފާނު ތިޔަ ހުންނެވީ ދިވެހިރާއްޖޭގެ އެންމެ މަތީ މަގާމުގައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި.

މަނިކުފާނު ސީދާގޮތުން ރާއްޖެތެރޭގެ ރަށްރަށް ތަރައްޤީ ކުރެއްވުމަށް، ކިހާވަރެއްގެ ވިސްނުންފުޅެއް ގެންގުޅުއްވަމުތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ ޢަބްދުﷲ. ތިޔައީ ވަރަށް ރަނގަޅު ސުވާލެއް. އަޅުގަނޑުވެސް އިނގޭތޯ، އަޅުގަނޑުމެންގެ ސަރުކާރުގެވެސް އެންމެ މުހިންމު އެއް ސިޔާސަތަކީ ލާމަރުކަޒު ކުރުން. އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ މާޒީވެދިޔަ ތާރީޚުގައި މީގެކުރިއަށް، 1960ގެ ކުރިއަށް ޖެހިލައި ބަލާއިރުގައި، ރާއްޖޭގެ ރަށްފުށުގައި، ބައެއް ރަށްރަށަކީ، ހަމަ ވަރަށް ތަރައްޤީވެފައި، އަމިއްލަ ފައިމައްޗަށް ތެދުވެވި، ވިޔަފާރިޔާ އެއްޗެހި ކޮށް އުޅުނު ރަށްރަށް. އެއީ، އެރަށްރަށުގައި އޭރު އޮތް އެ ފުރުޞަތު. ބޭރަށް ބޯޓުފަހަރުގައި، ނާލު ބައްތެލި ބޯޓުފަހަރުގައި ދަތުރުކޮށް، ވިޔަފާރީގެ މުޢާމަލާތުތައް ހިންގުން. އޭރު ހަމަ ތަނަވަސްކަމާއެކީގައި ހަމަ ކޮންމެ އަތޮޅެއްގައިވެސް އޮންނާނެ އެއްރަށް، ނޫނީވިއްޔާ ދެރަށް، އެހެން އޮންނަ. އެކަމަކު ފަހުން، ސިޔާސަތުތަކަށް އައި ބަދަލެއްގެ ސަބަބުން، ހުރިހާ އެއްޗެއް މަރުކަޒު ކުރެވިގެން ދިޔުމާ ގުޅިގެން، އެ ރަށްރަށުގެ ތަރައްޤީއަށް އަންނަންވާ ބަދަލު މިއޮތީ މަޑުޖެހިފައި. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރާއްޖެ ތަރައްޤީވެގެންދާނީ، ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން. ރަށްރަށަށް ބާރުތައް ދޫކޮށްލެވެންޖެހޭ. ވިޔަފާރީގެ މުޢާމަލާތުތައް ހިންގުމުގެ ބާރުތައް ދޫކޮށްލެވެންޖެހޭ. އަދި ޞިއްޙީ، އަދި ތަޢުލީމީ ނިޒާމުވެސް ބައްޓަންކުރެވިގެންދާންޖެހޭނީ، ލާމަރުކަޒު ކުރެވިގެން ކަމަށްވަނީ. އޭރަށް އެބަދަލުތައް އަންނާނީ.

އެހެންވީމާ، އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، މާލެއަށް ތޮއްޖެހިފައި މިއޮތް، މަރުކަޒު ކުރެވިފައި މިއޮތް ބާރުތައް، ރަށްރަށަށް ދޫކޮށްލުން. އެގޮތުން މިހާރުވެސް ލާމަރުކަޒީ އައު ޤާނޫނެއް އެއޮތީ ފާސްކުރެވިގެން އައިސްފައި. އޭގައި ހުންނާނެ، ވަރަށް ގިނަ ބާރުތައް ދޫކޮށްލެވިފައި.

ދެން، މިހާރު އެންމެ އިސްކަމެއްދީގެން އަޅުގަނޑުމެން މިކުރާ ކަމަކީ، ޞިއްޙީ ނިޒާމު، ލާމަރުކަޒީ ކުރުމުގެ މަސައްކަތް. އޭގެ ނަތީޖާވެސް މިހާރު އެބަފެނޭ. އެނގިވަޑައިގަންނަވާނެ، މި ލޮކްޑައުންގެ ތެރޭގައި، ކޯވިޑްއާ ގުޅިގެން، ފުރަބަންދަކަށް ދިޔުމާ ގުޅިގެން، މާލެއަށް ޞިއްޙީ ޚިދުމަތް ހޯދުމަށް އަންނަން މިއޮތީ ވަރަށް ބޮޑަށް ދަތިވެފައި. މި ދަނޑިވަޅުގައި ރަށްރަށުގައި، އަތޮޅުތަކުގައި އެ ހުރި ޞިއްޙީ މަރުކަޒުތަކުގެ، ހޮސްޕިޓަލުތަކުގެ ބޭނުން، ރައްޔިތުން ހިފަމުން އަންނަ ތަން އެބަ ފެނޭ. އެހެންވީމާ، އެ ޚިދުމަތްތައް ތަރައްޤީ ކުރުން، އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ބޭނުމަކީ. ތިޔަ ވިދާޅުވިހެން، ރަށްރަށް ތަރައްޤީވާން އެބަޖެހޭ. އޭރަށް މުޅި ރާއްޖެ ތަރައްޤީވަމުންދާނީ.

ނަޞްރުﷲ އިދުރީސް:

ޢަބްދުﷲ އިތުރު ސުވާލެއް އެބައޮތްތޯ؟

ޢަބްދުﷲ އަޙްމަދު ފ. ނިލަންދޫ:

އާދެ، އަދި އެއް ސުވާލު އެބައޮތް.

ނަޞްރުﷲ އިދުރީސް:

އާދެ، އެއް ސުވާލު. އަޅުގަނޑުމެން ދެ ފުރުޞަތު އަރުވާނަން އިނގޭތޯ. ކުރިއަށް ގެންދަވާ.

ޢަބްދުﷲ އަޙްމަދު ފ. ނިލަންދޫ:

ރާއްޖެތެރޭގެ ރަށްރަށުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ބައެއްފަހަރަށް ދިމާވާގޮތެއް، އެ ބޭފުޅުން މާލެ ވަޑައިގެން، މާލޭގައި ވަޒަންވެރިވީމާ، މާލޭގައި ދެން، ދިރިއުޅުއްވަން ފެށްޓެވުމާ ގުޅިގެން، ރަށާ ގުޅުން ކުޑަވެގެން އެބަދޭ. އެކީގައި އުޅުނު އެކުވެރިންނާއި، އެއްބަނޑު ތިމާގެ މީހުންނާ ދޭތެރޭގައި އޮތް ގާތްކަމަށް ހީނަރުކަން އަންނަމުންދޭ ބައެއްފަހަރަށް. މަނިކުފާނާއި އަނބިކަނބަލުންނާއި ބޭފުޅުން، މަނިކުފާނުގެ ރަށަށް ވަޑައިގެން، ޢާއިލާއާއެކު ޗުއްޓީ ހޭދަކުރައްވައި، އެކަހަލަ އެއްވެސްކަހަލަ ގާތްކަމެއް އޮވޭތޯއޭ.    

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އަޅުގަނޑާ އަބަދުވެސް އޮވޭ، އަޅުގަނޑުގެ ޢާއިލާއާއި، އަދި ރަށުގައި ތިބި ރައްޓެހިންނާ ގުޅުން. އަދި، ކުރީގައި ހަމަ އަހަރަކު މަދުވެގެން ދެފަހަރު، ތިން ފަހަރު ރަށަށް ދެވޭ. އަޅުގަނޑުގެ ވިސްނުމެއް ހަމަ ނޯވޭ. ހިތުގައި އަބަދުވެސް އޮންނަ ކަމެއް، އަޅުގަނޑު ރިޓަޔަރ ކުރާ ދުވަހު. ދެން، ރިޓަޔަރމަންޓަށް ދާނެ ކޮންމެ މީހަކުވެސް އިނގޭތޯ. އެ ހިސާބުން އަޅުގަނޑުގެ ކޮންމެވެސް ދުވަސްވަރެއް ރަށުގައި ހޭދަކުރާނަން. ދެން، އަޅުގަނޑުގެ އޮވޭ ރަށުގައި ގޯއްޗެއް. އެކަމަކު، އަދިއެއް ނުހެދޭ. އެހެންނަމަވެސް، ރިޓަޔަރމަންޓަށް ދާންވާއިރަށް، އިރާދަކުރެއްވިއްޔާ، ގެއެއްވެސް ކޮންމެވެސްވަރަކަށް ހަދާނަން. ހަދާފައި، ރިޓަޔަރމަންޓުގެ ބައެއް، އަބަދުވެސް ކޮންމެ އަހަރެއްގެ ބައެއް، ރަށުގައި ހަމަ ދިރިއުޅެން އަޅުގަނޑު ހަމަ ވިސްނައިގެން މި ހުންނަނީ. އަބަދުވެސް ދައްކާ ވާހަކައެއް އަޅުގަނޑު. އެހެންވީމާ، އަޅުގަނޑުގެ އުފަން ރަށާ ދޭތެރޭގައި އޮވޭ އަޅުގަނޑުގެ އަބަދުވެސް ޚާއްޞަ ގުޅުމެއް.     

ނަޞްރުﷲ އިދުރީސް:

ޢަބްދުﷲ، ފަހު ސުވާލު އިނގޭތޯ. ކުރިއަށް ގެންދަވާ.

ޢަބްދުﷲ އަޙްމަދު ފ. ނިލަންދޫ: 

އިތުރު ސުވާލެއް ނެތް. 

ނަޞްރުﷲ އިދުރީސް:

އާދެ، އިތުރު ސުވާލެއް ނެތިއްޔާ، އަޅުގަނޑުމެން ކުރުކޮށްލާނަން.

ދެން، ވަރަށް ބޮޑަށް ހަމަ ޢަބްދުﷲ އަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންދެއްވީތީ. އަދި، އަޅުގަނޑުމެންނާ ވަރަށް ގާތްކަމެއް ބަހައްޓަވައި، އަޅުގަނޑުމެންނަށް ބައެއް ކަންކަމުގައި ލަފާވެސް ދެއްވައި ހައްދަވާތީވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަދިވެސް އެއްފަހަރު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. ދެން، ނިލަންދޫގެ ހަމަ ހުރިހާ ރައްޔިތުންނަކީވެސް ރޭޑިޔޯގެ ވަރަށް ޚާއްޞަ ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަވެގެންދޭ، އެހެންނޫންތޯ؟

މުޙައްމަދު ރަމީޒު:

ވަކިވެލާނަން އިނގޭތޯ ޢަބްދުﷲ.

ޢަބްދުﷲ އަޙްމަދު ފ. ނިލަންދޫ:

އާދެ، އަޅުގަނޑަށް މި ފުރުޞަތު ދެއްވީތީ، އަޅުގަނޑުގެ ފަރާތުންވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން، ދިވެހިރާއްޖޭގެ އަޑުގެ އިސްވެރިންނަށް އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ޢަބްދުﷲ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ ބައްދަލުވީތީ. އަދި ބައްދަލުކުރަންވާނެ، އަޅުގަނޑުމެން އިނގޭތޯ.

ޢަބްދުﷲ އަޙްމަދު ފ. ނިލަންދޫ:

އާދެ، އަދި އިރާދަކުރެއްވިއްޔާ ބައްދަލުވާނެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މިގޮތަށް ނޫނަސް.

ޢަބްދުﷲ އަޙްމަދު ފ. ނިލަންދޫ:

އާދެ.

މުޙައްމަދު ރަމީޒު:

ޢަބްދުﷲ، ޚާއްޞަ ފުރުޞަތެއްވެސް ލިބުނިއްޔޭ ތިޔަ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މާލެ ވަޑައިގެންފައި، އަޅުގަނޑަށް ގުޅުއްވައްޗޭ.

ޢަބްދުﷲ އަޙްމަދު ފ. ނިލަންދޫ:

އާދެ، އާދެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އިނގޭތޯ.

ޢަބްދުﷲ އަޙްމަދު ފ. ނިލަންދޫ: 

އާދެ، އާދެ.

މުޙައްމަދު ރަމީޒު:

އަޅުގަނޑުމެން މިތާ ކައިރީގައި ތިއްބާ، ޢަބްދުﷲ އަށް ތިޔަ ފުރުޞަތު ތިޔަ ލިބުނީ އިނގޭތޯ.

ނަޞްރުﷲ އިދުރީސް: 

ދަޢުވަތެއް ލިބުނީ އިނގޭތޯ. ވަކިވެލާނަން އިނގޭތޯ.

ޢަބްދުﷲ އަޙްމަދު ފ. ނިލަންދޫ:

އާދެ، އާދެ.

ނަޞްރުﷲ އިދުރީސް: 

މަނިކުފާނުގެ ވާހަކަފުޅުންވެސް އެނގިއްޖެ، މަނިކުފާނުގެ ޢާއިލާއާ ވަރަށް ގާތް ގުޅުމެއް އޮންނަކަން އިނގޭތޯ. ޚާއްޞަކޮށް، ދެން މަންމައަކީ ދެން ވަރަށް ގާތް ކަމެއް އޮންނާނެ ދޮގެއްތޯ. މަންމާފުޅާއި، ބައްޕާފުޅުގެ މި ނަސޭހަތްޕުޅުތަކުގެ ތެރެއިން އެންމެ ހަނދާނުގައި ހަރުލާފައި ހުންނަ ނަސޭހަތްޕުޅަކީ ކޮބައިތޯ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އެންމެ، ހަރުލާފައި ހުންނަ އެއް ހަނދާނަކީ، އަޅުގަނޑަށް އަބަދުވެސް ނަސޭހަތްދޭ، މީހުންނާ ޙަސަދަވެރިނުވެ އުޅޭށޭ. އަބަދުވެސް އެންމެންނާ ގާތްކަން ބާއްވައި، އެކީގައި އުޅެން ދަސްކުރާށޭ.  

ދެން، އަޅުގަނޑު ވަރަށް ކުޑައިރު، އަޅުގަނޑުގެ ބައްޕަ ނިޔާވެއްޖެ އިނގޭތޯ. ގާތްގަނޑަކަށް 15 ވަރަކަށް އަހަރުވާނީ، މާލެ ހަމަ އައިތާ ކައިރީގައި. ބައްޕަ އަޅުގަނޑަށް ލިޔުއްވާފައި އޮތް ސިޓީއެއްވެސް އެބައޮތް، އަޅުގަނޑުގެ އަތުގައި. އޭގައިވެސް އެ ވާހަކަ ލިޔުއްވާފައި އެބައޮތް. ހަމަ ނަސޭހަތެއްގެ ގޮތުގައި. ވީހާވެސް ބޮޑަކަށް އެންމެންނާ އެކީގައި އުޅޭށޭ. އެއްވެސް މީހަކާ ދޭތެރޭގައި ޙަސަދަވެރިކަން ނުބާއްވާށޭ. އަދި، ޢާއިލާއާއި އެހެން މީހުންނަށް ވީވަރަކުން އެހީތެރިވެދެވޭތޯ ބަލާށޭ ކިޔާފައި. އެ ހަނދާން އަބަދުވެސް ހުރޭ.  

ނަޞްރުﷲ އިދުރީސް: 

އާދެ، އެ ނަސޭހަތް އެހެން މީހުންނަށް ކިހާވަރަކަށް މަނިކުފާނު ދެއްވަންތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު ދެން އިނގޭތޯ. އަޅުގަނޑާ ވާހަކަ ދައްކާ އެންމެން ކައިރީގައިވެސް ހަމަ، އަދި ސިޔާސީ ކަންތައްތަކުގައި މިއުޅޭއިރުގައިވެސް، ހަމަ އެންމެން ކައިރީގައި އަޅުގަނޑު ބުނާ ވާހަކައެއް ޙަސަދަވެރިކަން ދޫކޮށްލާށޭ. ކިތަންމެވަރަކަށް ޚިޔާލުތަފާތުވިޔަސް، އެ ގުޅުން ބާއްވަންވާނެޔޭ. އެހެންނޫނިއްޔަކާ އެޔަކުންނެއް ރަނގަޅު ފައިދާއެއް ނުނިކުންނާނެއޭ އިނގޭތޯ. އެއީ އަޅުގަނޑު ހަމަ އެންމެންނަށް ދޭ ނަސޭހަތެއް. ދެން، އަޅުގަނޑަށްވެސް މިއުޅެވެނީ، އެކަހަލަގޮތަކަށް އިނގޭތޯ.

މުޙައްމަދު ރަމީޒު:

އާދެ، ދެން، ދަންނަވާލަން އޮތް ސުވާލަކީ، އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންނަކީ ވަރަށް ބިޒީ އިނގޭތޯ، އަދި މަނިކުފާނު ވަރަށް ބިޒީވާނެ. އެހެންވީމާ، ވަރަށް ބިޒީ ޝެޑިއުލްއެއްގައި ތިޔަ އުޅުއްވަނީ. ދެން، ބައެއް ބޭފުޅުންނަށް ވާގޮތަކީ، ޢާއިލާގެ ބޭފުޅަކު، އަނބިކަނބަލުން ގުޅުއްވާލަފާނެ، ދަރިޔަކު ގުޅާލަފާނެ، އެކަމަކު ބިޒީކަމުން، ބައްޕަ މިވަގުތު ވަރަށް ބިޒީކޮނޭ މިހުރީ، މީޓިންގއެއްގައޭ. ތިހާވަރަށް ނުގުޅާށޭ. މިހާރު ގޭގެ ކަންތައްތަކާ ހެދި ގުޅާވަރަށްވުރެ މާ ބިޒީކޮނޭ. މަނިކުފާނުގެ ޢާއިލާއިންވެސް އަޅުގަނޑަށް ޔަޤީން އިނގޭތޯ، އަނބިކަނބަލުންވެސް ގުޅުއްވާނެ، ޢާއިލާގެ ބޭފުޅުންވެސް ގުޅުއްވާނެ. މިކަހަލަ ގަޑިގަޑީގައި ކިހިނެއްތޯ ކަންތައްތައް ބަހައްޓަވަނީ.     

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުމެންގެ ދިރިއުޅުން ހުންނަގޮތުން، ވަރަށް އަންޑަރސްޓޭންޑިންގ އިނގޭތޯ. އަޅުގަނޑުގެ އަންހެނުންވެސް، ކުދިންވެސް. އެހެންވީމާ، ވަރަށް ބަލާފައި ނޫނީ އަޅުގަނޑަކަށް އެހެނެއް ނުގުޅާނެ. ދެން، މިހާރު، މި ޒަމާނަކީ ފޯނުކޯލަށްވުރެ ބޮޑަށް ޓެކްސްޓް މެސެޖުން ގިނައިން ވާހަކަ ދައްކައިއުޅޭނީ. 

އެހެންވީމާ، މެސެޖެއް ފޮނުވައިލާފައި އޮތީމާ، އަޅުގަނޑަށް ހުސްވީމާ ހަމަ ބަލައިލާފައި އެއަށް ޖަވާބު ދެން އިނގޭތޯ. އެހެންވީމާ، ކޮންމެ ގަޑިއެއްގައި ގުޅާފައި އޮތަސް، އަޅުގަނޑު ޢާއިލާގެ މީހަކަށް ވެއްޖިއްޔާ، އަދި ޚާއްޞަކޮށް، ޢާއިލާ މީހަކަށްވެސް އަދި އެހެން މީހުންނަށްވެސް އަޅުގަނޑު ބަލަން ހަމަ ޖަވާބު ދެވޭތޯ ފަހުންނަމަވެސް އިނގޭތޯ. ބައެއްފަހަރު ހުންނާނެ، އެއްދުވަސް ވެފައިވެސް، ބައެއް ޓެކްސްޓް މެސެޖަށް ޖަވާބު ދެވިފައި. އެނގިވަޑައިގަންނަވާނެ، ދެން ވަރަށްގިނަ މީހުން ގުޅާނެ މިހާރު، އަޅުގަނޑު މިހުރި މަގާމުގެ ގޮތުން. އެހެންވީމާ، އަބަދުވެސް ފޯނު އޮންނަނީ ފުރިފައި މެސެޖުންނާއި މިސްކޯލުންނާ. ދެން ބައެއް ދުވަހު ހަމަ އަޅުގަނޑު ހުސްވަގުތު ނަގައިގެން އިނދެގެން، އެމެސެޖްތަކަށް ރިޕްލައި ކުރަމުންވެސް ގެންދަން. ފޯނުކޯލަށްވެސް ހަމަ ޖަވާބުދެން. އޭގެތެރޭގައި، ދަންނަ މީހުންނާއި، ނުދަންނަ މީހުންވެސް ހުންނާނެ. ޢާއިލާގެ މީހުންވެސް ތިބޭނެ އޭގެތެރޭގައި.

ނަޞްރުﷲ އިދުރީސް:

އާދެ، އެހެންކަހަލަ ސުވާލެއް ދެންއޮތީ އިނގޭތޯ. ކުޑަކޮށް އަޅުގަނޑު ޖެހިލުންވެފައި މި އިންނަނީވެސް. އެކަމަކު މި ސުވާލު އަހާލާހިތުން މިއިނީ އިނގޭތޯ. އަނބިކަނބަލުންނާ ފުރަތަމަ ބައްދަލުވީ، އެއީ ކޮންތާކުންތޯ، ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު ދަންނަވާނީ އެއީ ވަރަށް ކުރިންނޭ އިނގޭތޯ. ދެން ގާތްގަނޑަކަށް އަޅުގަނޑުގެ އަންހެނުން ފަޒޫ ގެންގުޅޭ ތާރީޚެއް ޖަހައިގެން އިނގޭތޯ. އަޅުގަނޑާ ބައްދަލުވީ، މި ތާރީޚޭ ކިޔާފައި، ކޮންމެވެސް އެއްޗެއްގެ ޕާސްވާރޑަށް ގެންގުޅޭ. އެހެންވީމާ، ހަމަގައިމުވެސް އެއީ އަށްޑިހައިގެ ކުރީކޮޅަށް ވާނީ އިނގޭތޯ. ވަރަށްކުރި ނޫންތޯ. ގާތްގަނޑަކަށް ސާޅީހަކަށް އަހަރު. އަދި އޭގެ ކުރިންވެސް ބައްދަލުވެފައި އޮވެދާނެ އިނގޭތޯ. އަޅުގަނޑު ދަންނަވާނަން ވާހަކައެއް އިނގޭތޯ. މިއީ އަދި އަޅުގަނޑު ނުދައްކާ ވާހަކައެއް އެއްވެސްއިރެއްގައި. އަޅުގަނޑު މާލެ ގެނެސް، ކިޔަވަންވެގެން ފުރަތަމަ ބެހެއްޓީ، ފަޒޫމެން ގޭގައި. އެއީ އަޅުގަނޑު ބައްޕައާއި ފަޒޫގެ ބައްޕައާ އެއީ ވަރަށް ގާތް ދެ ރަޙްމަތްތެރިން. ވިޔަފާރީގެވެސް ގުޅުން އޮންނާނެ. އަޅުގަނޑު މާލެއައީ މާމައާ އެކީގައި. އައިސް ބޮޑުބޭބެ ކައިރީގައި ހުރެފައި، މާމަ ފުރަންވީމާ އަޅުގަނޑު ގެންގޮސް އެގޭގައި ބެހެއްޓީ. އަޅުގަނޑުގެ ދެ ދައްތައިން ތިބީ އެގޭގައި ކިޔަވައި ނިމެންދެން. އަޅުގަނޑު އެގެޔަށް ގެންދިޔަ އިނގޭތޯ. ގެންދިޔައިމާ އަޅުގަނޑެއް ނުހުރިން އެގެއަކު. ރޯން ފެށީ ހަމަ އިނގޭތޯ. ދެން އެ ރޯން ފެށިގޮތަށްގޮސް، އެރޭ 12 ޖަހަންދެން އަޅުގަނޑު ހުއްޓާނުލައި ރުއިން. އެންމެފަހުން އަޅުގަނޑު ގޮވައިގެން އަޅުގަނޑު ބޮޑުބޭބެގެ ގެޔަށް ގެންދިޔައީ. ގެންދިޔަގޮތަށް އެގޭގައި ހުރެ އަޅުގަނޑު ކިޔެވުން ކުރިއަށް ގެންދިޔައީ. އެހެންވީމާ، އެ ވެދާނެ އެންމެ ފުރަތަމަ ދުވަހަށް. އެއީ ދެން ވަރަށް ކުޑައިރުގައި އެއޮތީ ދިމާވެފައި. އެހެންވީމާ، އެހެންނަމަވެސް މިހާރު އެނބުރި އައިސް އަޅުގަނޑުމެން ދެމީހުން އެއްގެއްގައި އެކީގައި މި އުޅެން ޖެހިފައި މިއޮތީ. އެހެންނަމަވެސް، ފުރަތަމަ ދުވަހު އަޅުގަނޑު އެގެއިން ރޮމުން ރޮމުން ނިކުމެގެން އައީ.

މުޙައްމަދު ރަމީޒު:

ފުރަތަމަ ދުވަހު ބައްދަލުވުމާއެކީ ރުއިމަކުން ނިމުނީ ދޮގެއްތޯ ނަޞްރު. ދެން އެކަމަކު މިހާރު ދެން ވަރަށް އުފަލުން އެކީގައި އެހެންނޫންތޯ އުޅޭހިތުން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ.

ނަޞްރުﷲ އިދުރީސް:

އަނބިކަނބަލުން ލޯބިން ކޮން ނަމެއްތޯ ބޭނުންކުރައްވަނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އިބޫ.

ނަޞްރުﷲ އިދުރީސް:

އެހެން ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެއީ ޢާންމުކޮށް އަޅުގަނޑަށް ކިޔާ ނަން.

ނަޞްރުﷲ އިދުރީސް:

މަނިކުފާނަކީ ދެން އަޅުގަނޑުމެންނަށް ވަރަށްގިނަ ކުޅިވަރުތަކުންވެސް ފެންނަ މޫނަކަށްވެފައި އޮތީ. ކޮން ކުޅިވަރެއްތޯ އެންމެ ކުޅުއްވާހިތްވަނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު އެންމެ ކުޅޭހިތްވަނީ ކުރިކެޓް އިނގޭތޯ. ދެން އަޅުގަނޑުމެންގެ ރަށަކީވެސް އަދި އަޅުގަނޑުމެންގެ ގެޔަކީވެސް ވަރަށް ކުޅިވަރުގެ ގެއެއް. އަޅުގަނޑު ބޮޑުވެގެން އައިރުގައިވެސް، ގޭގައި ހުރޭ ވަރަށް ގިނަ ވައްތަރުގެ ކުޅޭ ސާމާނު. އޭރުވެސް ހުރޭ، ކުރިކެޓް ކުޅޭ ސާމާނާ އެއްޗެހި. އޭރު ބައްޕަމެން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ގެނެސްފައި ހުންނަ އެއްޗެހި. ބޮޑުވިއިރުގައިވެސް ބެޑްމިންޓަން ކުޅޭ ސާމާނު، ކުރިކެޓް ކުޅޭ ސާމާނު، ހަމަ އޭރުގެ ހާރޑްބޯލްއާ އެއްޗެހި، މި ކުޅޭ ހަމަ ރަތްކުލައިގެ ބޯޅައާ އެއްޗެހިތައް ހުރޭ ގޭގައި. ބެޑްމިންޓަންވެސް އަދި ކޯޓުގައި ދަމާ ޓޭޕާ، އެ ހުރިހާ އެއްޗެއްވެސް ގޭގައި ހުރޭ. އެހެންވީމާ، އޭގެތެރޭގައި އަޅުގަނޑަށް ބޮޑުވެގެން އާދެވުނީ. ދެން ވޮލީބޯލްއަކީ ހިންނަވަރުގައި އޭރު ވަރަށް ކުޅޭ އެއްޗެއް. އެއީ އަޅުގަނޑުގެ ބޮޑުބޭބެ، އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެއަހަރުވެސް ހޯދި. އެހެންވީމާ، އަޅުގަނޑު ކޯޓަށް އަރުވާ، މީހުން ހަމަނުވެގެން. އަރުވާފައި އެއް ކަނެއްގައި ބަހައްޓާފައި ހުންނާނެ. އޭރު. ހެސްކިޔާފައި ބޯޅައިގައި ޖެހީމާ ނެޓްމަތިން ބައެއްފަހަރު އެއްބޯޅަ ދާނެ އިނގޭތޯ. އެހާ ކުޑައިރު އަޅުގަނޑު ވޮލީކޯޓަށް އަޅުގަނޑު ނެރެފި. އެހެންވީމާ، ވޮލީއަކީވެސް ހަމަ ކުޅޭހިތްވާ އެއްޗެއް. މިހާރުވެސް ދޭތެރެއަކުން ކުޅެން. އެކަމަކު، އެންމެ ކުޅޭހިތްވަނީ ކުރިކެޓް.

މުޙައްމަދު ރަމީޒު:

އަޅުގަނޑަށްވެސް ދެން މަނިކުފާނާ އެކީގައި ވޮލީ ކުޅުމުގެ ފުރުޞަތު ލިބިފައި އޮތީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ. އަޅުގަނޑުމެން އެން.އެސް.އޭ. ގައި ދޮގެއްތޯ.

މުޙައްމަދު ރަމީޒު:

އާދެ، ހިތިފަހެއް ކެނޑޭ ހިސާބުން ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ޒާހިރު ނަޞީރު، އަޅުގަނޑުމެން ގެންގޮސްގެން އުޅޭނެ ދޮގެއްތޯ.

ނަޞްރުﷲ އިދުރީސް:

އާދެ، އަޅުގަނޑަށް ބޭފުޅަކަށް ގުޅިފައި މިހާރު މިހުރީ އިނގޭތޯ. އަޅުގަނޑުމެން ވާހަކަ ދައްކާލާފައި ކުރިއަށްދާނީ. އަޅުގަނޑުމެންނަށް މިވަގުތު ގުޅިފައި މިހުރީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާ އިނގޭތޯ. އަޅުގަނޑުމެން މި ގުޅީ މަނިކުފާނުގެ ސަރުކާރުގައި ވަޒީރުންގެ ތެރެއިން ވަރަށް ހަރަކާތްތެރި ވަޒީރަކާ އެހެންނޫންތޯ؟

މުޙައްމަދު ރަމީޒު:

އަދި މަނިކުފާނާ އެކީގައި ވަރަށް ގިނަ ދުވަހު މަޖިލީހުގައިވެސް މަސައްކަތް ކުރައްވާފައި ވަނީ ދޮގެއްތޯ.

ނަޞްރުﷲ އިދުރީސް:

السَّلَامُ عَلَيْكُمْ.

ޢަބްދުﷲ ޝާހިދު:

وعليكم السّلام ورحمة الله.

މުޙައްމަދު ރަމީޒު:

ވަރަށް ބާއްޖަވެރި ހެނދުނެއް އިނގޭތޯ.

ޢަބްދުﷲ ޝާހިދު:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. މިއަދުގެ ތަހުނިޔާ، ދިވެހިރާއްޖޭގެ އަޑަށް ދަންނަވަން. އަދި ހެނދުނުގެ ހެޔޮދުޢާ، ރައީސަށްވެސް އަޅުގަނޑު ދަންނަވަން އިނގޭތޯ ރައީސް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ޝާހިދު ކިހިނެއްތޯ؟ ވަރަށްބޮޑަށް މަރުޙަބާ އިނގޭތޯ.

ޢަބްދުﷲ ޝާހިދު:

ވަރަށްބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

ނަޞްރުﷲ އިދުރީސް:

އަޅުގަނޑުމެންގެ ފަރާތުން ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން އިނގޭތޯ.

ޢަބްދުﷲ ޝާހިދު:

ޝުކުރިއްޔާ.

ނަޞްރުﷲ އިދުރީސް:

 އާދެ، ދެން ވަރަށް ގިނަ ދުވަހު އެކީގައި މަސައްކަތް ކުރެވިފައިވާނެ، ރައީސުލްޖުމްހޫރިއްޔާއާ އެކީގައި ޢަބްދުﷲ ޝާހިދަށް އެހެންނޫންތޯ. ދެން ޝާހިދަކީވެސް ދައުލަތުގެ ވަރަށް މަތީ މަގާމުތަކެއް، ވަރަށް ކުރިން ފެށިގެންވެސް ފުރުއްވަމުން ވަޑައިގަންނަވާ ބޭފުޅެއް. އަދި މަޖިލީހުގައިވެސް ވަރަށް ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައި މިވަނީ އިނގޭތޯ. ދެބޭފުޅުންނަށް އެކީގައި ކުރެއްވިފައިވާ އެންމެ ޚާއްޞަ މަސައްކަތްތަކަކީ ކޮބައިތޯ ޝާހިދު؟

ޢަބްދުﷲ ޝާހިދު:

އާދެ، ރައީސް ޕްރޮގްރާމުގައި އިންނަވަނިކޮށް، އަޅުގަނޑުމެން ކޮށްފައި ހުރި މަސައްކަތްތަކުގެ ވާހަކަ ދައްކަން ފަށައިފިއްޔާ ވަރަށްގިނައިރު މިކަމަށް ހިނގައިދާނެ.

ނަޞްރުﷲ އިދުރީސް:

ވަރަށް ކުރުކޮށް، ފޮނިކޮށް ވިދާޅުވިއްޔާ ރަނގަޅީވެސް، ވަގުތު އޮތްގޮތުން އިނގޭތޯ.

ޢަބްދުﷲ ޝާހިދު:

އަޅުގަނޑު ދަންނަވާނީ 1995 ވަނަ އަހަރު، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ރައީސް އިންތިޚާބުވެވަޑައިގެން ވެދެވަޑައިގެންނެވިއިރު، އެއީ ރާއްޖޭގެ 14 ވަނަ ރައްޔިތުންގެ މަޖިލީސް. 14 ވަނަ މަޖިލީހުން ފެށިގެން 18 ވަނަ މަޖިލީހުގެ ނިޔަލަށް ރައީސް، ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވި. އެއީ 5 ދައުރު. ދެން ކަންދިމާވިގޮތުން އަޅުގަނޑަށްވެސް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް، މި މަޖިލީހަށް ވަދެވުނީ ހަމަ ރައީސް އަރިހުގައި 1995 ވަނަ އަހަރު. އަޅުގަނޑުމެންނަކީ އޭރު ވަރަށް ކުޑަކުދިންގެ ގޮތުގައި އެތަނުގައި ފެންނަނީ. ޢުމުރުން ތެއްތިރީހަކަށް އަހަރުވާނީ. ވަރަށް ސީނިއަރ ދޮށީ ބޭފުޅުންތައް ތިއްބެވީ. ދެން އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައި އެފަހަރު މަޖިލީހަށްވަނީ. ރައީސް އިންނެވީ ފާދިއްޕޮޅުގެ މެންބަރެއްގެ ގޮތުގައި އިންތިޚާބުވެވަޑައިގަންނަވައިގެން.

އަޅުގަނޑުމެންނަށް އޭރުވެސް ރައީސް ފާހަގަކުރެވުނީ، ކަންކަމާ ދޭތެރޭގައި ކެތްތެރިކަމާއެކު ވިސްނައިވަޑައިގެން، ހަރުދަނާކޮށް ވިދާޅުވާންޖެހޭ އެއްޗެއް މެނުވީ ވިދާޅުނުވެ، އެ ވިދާޅުވާގޮތެއްގައި ޤާބިލުވެވަޑައިގެން ހުންނެވި ބޭފުޅެއްގެ ގޮތުގައި. ދެން އެގޮތަށް ޢަމަލުތައް ކުރައްވަން ފެށްޓެވުމާއެކު، މަޖިލީހުގެ ތެރޭގައި ވަރަށް އަވަހަށް ރައީސާ ދޭތެރޭގައި އިތުބާރު، ވަރަށް ސީނިއަރ ބޭފުޅުންގެ އަރިހުގައި ލިބިއްޖެ. ކަންކަމުގެ ލަފާ އައްސަވައި، ކަންކަމުގައި ކަންއޮތްގޮތާ ދޭތެރޭގައި އެބޭފުޅުން ދެކެވަޑައިގަންނަވާގޮތް އޮޅުންފިލުއްވުމަށް ރައީސާ މަޝްވަރާ ކުރައްވާތަން ފެނިގެންދިޔަ. ދެން އޭގެ ނަތީޖާއެއްގެ ގޮތުން، މި ދެންނެވިހެން ސީނިއަރިޓީއަށް ވަރަށް އަވަހަށް ރައީސް ވެވަޑައިގެންނެވި. ދެ ޤާނޫނުއަސާސީއެއް ދޮގެއްތޯ ރައީސް، އަޅުގަނޑުމެން ތިއްބާ ފާސްވެގެންދިޔައީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް: 

އާދެ.

ޢަބްދުﷲ ޝާހިދު:

1988 ވަނަ އަހަރުގެ ޤާނޫނުއަސާސީއާއި، 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީއާ. ދެ ޤާނޫނުއަސާސީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

1988 ދޮގެއްތޯ އެއީ.

ޢަބްދުﷲ ޝާހިދު:

 އާދެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އޭރު އަޅުގަނޑުމެން ވަންއިރުގައި ވޯޓަށް އަހަން ފަށްޓާފައި އޮތީ ދޮގެއްތޯ އިސްލާޙުތަކަށް.

ޢަބްދުﷲ ޝާހިދު:

އާދެ، އަޅުގަނޑުމެން މަދަރުސާގައި އުޅެނިކޮށް، ފާސްކުރަން ފެށި ޤާނޫނުއަސާސީއެއް، ވޯޓަށް އަހަން އޮއްވައި އަޅުގަނޑުމެންނަށް ކިޔަވައިނިމިގެން އައިސް ވަދެވުނީ ދޮގެއްތޯ ރައީސް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ.

ނަޞްރުﷲ އިދުރީސް:

ވިދާޅުވެދެއްވައިފާނަންތޯ، އޮޕޮޒިޝަންގެ ގޮތުގައި ރައީސް ފަނަރަވަރަކަށް އަހަރު މަސައްކަތް ކުރައްވާފައި މިއޮތީ، ކޮބައިތޯ އިސްކުރެއްވި ކަންތައްތަކާއި، ގެންގުޅުއްވި އުސޫލުތަކަކީ، ޝާހިދަށް ފާހަގަކުރެއްވޭ ޚާއްޞަ ކަންތައްތަކަކީ؟

ޢަބްދުﷲ ޝާހިދު:

ރައީސާއި އަޅުގަނޑާ ދެމީހުންނަށް އެބައޮތް އިނގޭތޯ، އެކުގައިވެސް މަސައްކަތް ކުރެވިފައި. އިދިކޮޅު ޕާޓީގައިވެސް މަސައްކަތް ކުރެވިފައި. އެކަމަކު އެގޮތަށް ދެފަރާތުގައި ތިބެގެން މަސައްކަތް ކުރެވުނުއިރުގައިވެސް އަދި އެކުގައި ކުރެވުނުއިރުވެސް، ރައީސް އެންމެ އިސްކަމެއް ދެއްވާފައި އޮތީ، ޤައުމީ މަސްލަޙަތު އަދި ޤައުމުގެ އެންމެމަތީ ފައިދާތަކަށް އިސްކަންދެއްވުން. އެއްވެސްއިރެއްގައި ރައީސް ދޫކޮށްނުލައްވާނެ، މުޅި ޤައުމުގެ ފައިދާއަށް ކުރަން ހުންނަ ކަމަކަށް ބުރޫއަރާފަދަ ކަމަކަށްވިޔަނުދެއްވާނެ. އެގޮތުން، އޮޕޮޒިޝަން ލީޑަރެއްގެ ގޮތުން، މަޖިލީހުގައި ހުންނެވި ދުވަސްވަރު، އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުރިއިރުވެސް، ވަރަށް ހަލަބޮލި ދުވަސްތަކެއް، ވަރަށްދަތި ދުވަސްތަކެއްދިޔަ. އެ ދަތި ދުވަސްތަކުގައިވެސް، މި ޒަމާނުގެ އިނގިރޭސި ބަހުން ދަންނަވަންޏާ، ޕޮލިޓިކަލް ކޮންވީނިއަންސަށްޓަކައި އެއްވެސް ކަމެއް ދޫކޮށްނުލައްވާނެ، އެވަގުތު އެކަން ކޮށްލީމާ، އެވަގުތަށް ރަނގަޅެއް ލިބިދާނެއޭ ހީވާ ހީވެގެންނެއް. އެއަށްވުރެ މާދުރަށް ވިސްނައިވަޑައިގަންނަވައިގެން، އެ ކަންތައްތައް ކުރައްވާފައި ހުރީ.

ދެން ރައީސްގެ އަޅުގަނޑު ހަނދާން ހުންނަ އެންމެ މުހިންމު އެއްދުވަހެއް ދަންނަވާފާނަން. އެއީ އަޅުގަނޑުމެންގެ އޮޕޮޒިޝަންގައި އެންމެ ހަރަކާތްތެރިކޮށް މި އުޅެންޖެހުނު، ރައީސް ޔާމީނުގެ ދުވަސްވަރު. ރައްޔިތުންގެ މަޖިލީސް ތަޅު އަޅުވައި، ރައްޔިތުންގެ މަޖިލީހުގެ ވަށައިގެން ސިފައިން އަތުރައިގެން ރައީސް ޔާމީނު އުޅުއްވި ދުވަސްވަރު. އެއީ ޖުލައި މަހުގެ، އަޅުގަނޑު ހަނދާންވަނީ، ރައީސް 24 ވަނަ ދުވަސްތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ޖުލައި 24 ދޮގެއްތޯ.

ޢަބްދުﷲ ޝާހިދު:

އާދެ، ޖުލައި 24.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މަޖިލީހަށް އަޅުގަނޑުމެންދިޔަ ދުވަސް ދޮގެއްތޯ.

ޢަބްދުﷲ ޝާހިދު:

އާދެ، ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެންދިޔަ ދުވަސް. ވަރަށް ބިރުވެރި މާޙައުލެއްގައި އަޅުގަނޑުމެން ދިޔައީ އިނގޭތޯ. ދެން އެހެންނަމަވެސް، އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ އެންމެ ކުރީގައި ރައީސް ހުންނަވައިގެން، އަޅުގަނޑުމެން ސާބިތުކަމާއެކީގައި ރައްޔިތުންގެ މަޖިލީހަށް ދިޔައީ، ރައްޔިތުން އިންތިޚާބުކޮށްފައި ތިބި މީހުންނަށްވާތީ. އެދުވަހު އަޅުގަނޑުމެން ގޮސް މަޖިލީހާ ހަމައަށް އެރިއިރު، އެތަނުގައި އެ ދިމާވި ހަލަބޮލި ކަންތައްގަނޑުގެ ތެރޭގައި، އެންމެ ކުރީގައި ރައީސް ހުންނެވީ. ރައީސް ވަރަށް ސާބިތުކަމާއެކު ކުރިއަށްވަޑައިގަންނަވަނިކޮށް، އެ ދިމާވި ކަންތައްގަނޑުގެ ތެރޭގައި، އެއް އަރިމައްޗަށް އަޅުގަނޑަށް ބަލައިލެވުނުއިރު، ރައީސް އޮންނެވީ އެތާހުރި ސައިކަލެއް، ބިންމައްޗަށް ވެއްޓިފައި އޮތް ސައިކަލެއްގެ މައްޗަށް ވެއްޓިވަޑައިގެންފައި. ހަނދުމަފުޅު އެބަހުރި ދޮގެއްތޯ ރައީސް؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އާދެ. އަޅުގަނޑު ވެއްޓުނީކީ ނޫނެއްނޫންތޯ. ބަޔަކު އަޅުގަނޑު ކޮއްޕާލީނޫންތޯ، ވައްޓާލީނޫންތޯ.

ޢަބްދުﷲ ޝާހިދު:

އަޅުގަނޑު އޭރު ބުނަމުން އައީ، އެއައި ރޯޅިގަނޑުގެ ތެރޭގައި، ރައީސްގެ ކުޅަދާނަފުޅުކަމުން، އެ ވެއްޓިފައި އޮތް ސައިކަލު މަޑިމަތީގައި އޮންނެވީއޭ.

ނަޞްރުﷲ އިދުރީސް:

ރާއްޖޭގައި ތަޢާރުފް ކުރެވިފައިވާ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި މި ސަރުކާރުންވެސް ވަރަށް ގިނަ ކަންތައްތަކެއް އެބަ ކުރައްވާ. އަދި ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރެއްވިއިރުވެސް، މި ލާމަރުކަޒީ ޤާނޫނުގެ އެކަންކަމުގައިވެސް ބައިވެރިވަޑައިގެންފައިވާނެ އިނގޭތޯ. ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެއްވުމާއި، ލާމަރުކަޒު ކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން، ޝާހިދު ފާހަގަކުރައްވާނެ ޚާއްޞަ ކަންތައްތަކަކީ ކޮބައިތޯ؟

ޢަބްދުﷲ ޝާހިދު:

މިހާރު ފާސްވެގެން އަޅުގަނޑުމެން ޢަމަލުކުރަމުންމިގެންދާ ޤާނޫނުއަސާސީގައި، ލާމަރުކަޒީ ބާބެއް އެއޮތީ ހިމެނިފައި. އެ ބާބު ހިމެނިގެން އައީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން. އެކަމުގައި އިސްނަންގަވައިގެން އުޅުއްވި އެއް ބޭފުޅެއް، އެންމެ ކުރީގައި ހުންނެވި އެއް ބޭފުޅަކީ އޭރު ރައީސް ޞާލިޙް އިނގޭތޯ. އެއީ އެމް.ޑީ.ފީ.އިން އެ ޗެޕްޓަރު ޑްރާފްޓްކުރީ. އެމް.ޑީ.ޕީ.އިން އެކަމުގައި އިސްނެގީ. އެކަމުގައި އެންމެ އިސްބޭފުޅެއްގެ ގޮތުގައި އުޅުއްވީ، އޭރު އެ އެމް.ޑީ.ޕީ.ގެ ޕާލެމަންޓް ތެރޭގައި އެންމެ އިސްކޮށް ހުންނެވީ ރައީސް. ދެން އެހިސާބުން ފެށިގެން އައީ. 2009 ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހަށް އެމް.ޑީ.ޕީ.ގެ ސަރުކާރުން، ރައީސް ނަޝީދުގެ ސަރުކާރުން ފޮނުއްވި ލާމަރުކަޒީ ބިލެއް. އެ ބިލުގެ މަސައްކަތްތައް ހިނގިއިރުވެސް އެމް.ޑީ.ޕީ.ގެ ފަރާތުން އެންމެ އިސްކޮށް، މެޖޯރިޓީ ލީޑަރެއްގެ ގޮތުން ޕާލަމެންޓްގައި ރައީސް މަސައްކަތްޕުޅު ކުރެއްވި. ދެން އެފަހަރު އެކަމަކު އަޅުގަނޑުމެން އެ ބިލު ފާސްވެގެން ދިޔައީ ރައީސް ބޭނުންފުޅުވި ގޮތަކަށްނޫން. އެހެންނޫންތޯ ރައީސް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް: 

އާދެ، އާދެ.

ޢަބްދުﷲ ޝާހިދު:

ކޮށައި މަށައި.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ބޮޑަށް ބަދަލުކޮށްފައި އޮތީ ދޮގެއްތޯ.

ޢަބްދުﷲ ޝާހިދު:

އާދެ، ވަރަށް ބޮޑަށް. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާކަމާ ރައީސް ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ އިސްކަމެއް ދެއްވާފައި މިއޮތީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް. އެހެންވީމާ، މިހާރު މި ފެނިގެންދާ ލާމަރުކަޒީ ނިޒާމުގެ މަސައްކަތްތަކަކީ މި ދެންނެވި ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތްތަކާ ހަމައިން ފެށިގެން ހަމަ ރައީސް ޞާލިޙުގެ ވިސްނުންފުޅުގައި ހުރި ކަންތައްތައް. އެއަށް ޢަމަލީ ސިފަ ގެންނެވުމުގެ ފުރުޞަތު ލިބިވަޑައިގަތީމާ، މިހާރު އެކަން އެ ކުރައްވަނީ.

ނަޞްރުﷲ އިދުރީސް:

ދެން އަޅުގަނޑުމެންގެ ޕްރޮގްރާމުގެ ވަގުތު އޮތްގޮތުން ވާހަކަފުޅު ކުރުކޮށްލަންޖެހޭނީ ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ތިޔަ ވިދާޅުވި އަޅުގަނޑުމެން މަޖިލީހަށް ދިޔަ ދުވަހުގެ ވާހަކަ ދޮގެއްތޯ. އެދުވަހުގެ ފޮޓޯއެއް އަޅުގަނޑު ދުށިން. ޝާހިދު ވަރަށް ބާރަށް ދުވެވަޑައިގެން ގޮސް، މަޖިލީހަށް ވެދެވަޑައިގެންނެވި ތަން. ހީވަނީ އެއްކަލަ ހަންޑްރެޑް މީޓަރސް، ރާއްޖޭގައި ދުވާ، އެންމެ ބާރަށް ދުވާ މީހުންނަށްވުރެ ބާރަށް، އެ ދުވަހުގެ ފޮޓޯތަކުން ފެނޭ އަޅުގަނޑުމެންނަށް.

މުޙައްމަދު ރަމީޒު:

ރެކޯޑު ކުރެވިފައިހުރިނަމަ ފެންނާނެ ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އަޅުގަނޑުމެންނަށް ފެނުނޭ. އެދުވަހުގެ ބައެއް ކުދިކުދި ވީޑިއޯ ކްލިޕްތައް އުޅެއެއްނޫންތޯ. އޭގެތެރޭގައި، ޝާހިދާއި، އައްޑޫ ދާއިރާގެ މެންބަރު އަސްލަމާ، މި ދެބޭފުޅުންގެ އެ ދުވެލި، އަޅުގަނޑަށް އެދުވަހު ފާހަގަކުރެވުނު.

ނަޞްރުﷲ އިދުރީސް:

އަސްލަމްވެސް އެހާ ބާރަށް ދުވެވަޑައިގަންނަވާތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އެދުވަހު ވަރަށް ބާރަށް.

ޢަބްދުﷲ ޝާހިދު:

އެދުވަހު ދިޔައީ ވަރަށްބޮޑު ޤައުމީ ޖިހާދެކޭ ދޮގެއްތޯ.

ނަޞްރުﷲ އިދުރީސް:

ޝާހިދު، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ، އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ދެއްވީތީވެ. ދެން ވަރަށް މުހިންމު ވާހަކަތަކެއް އަޅުގަނޑުމެންނާ ތިޔަ ޙިއްޞާކޮށްދެއްވީ. އަދިވެސް އެއްފަހަރު ޝުކުރިއްޔާ އިނގޭތޯ.

ޢަބްދުﷲ ޝާހިދު:

ވަރަށް ބޮޑަށް ޝުކުރިއްޔާ.

ނަޞްރުﷲ އިދުރީސް:

ރައީސްގެ މަސައްކަތްޕުޅުތަކުގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ފާހަގަކުރައްވާ ކަމެއް، ފޮޓޯ ނެންގެވުން. ޚާއްޞަކޮށް، ދެން ސެލްފީ ނެންގެވުން މިއީ ވަރަށް ގިނައިން ކުރައްވާ ކަމެއްގެ ގޮތުގައި މި ފާހަގަކުރެވެނީ. ފޮޓޯ ނެގުމުގެ ތެރެއަށް ވެންނެވުނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެއީ ހަމަ އަޅުގަނޑު ވަރަށް ކުޑައިރުއްސުރެ ފަށައިގެން ކުރާހިތްވާ ކަމެއް އިނގޭތޯ. ދެން އަޅުގަނޑުމެން، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ ހުރިހާ އެންމެން ކަހަލަގޮތަކަށް ކިޔަވަން ތިބީ މާލޭގައި. އަޅުގަނޑުގެ ބޮޑުބޭބެމެން، އައްޔަ، އަޅުގަނޑުގެ ޢަލީ ޞާލިޙް އެއީ ބޮޑުބޭބެ، ޒާހިރުބެ، އިބްރާހީމްބެ މި އެންމެން. ކޮންމެ އަހަރަކު ޗުއްޓީއަށްދާއިރުގައި، އަބަދުވެސް ކެމެރާއެއް ގެންގުޅޭނެ ބޭބެމެން އިނގޭތޯ. އެހެންވީމާ، އެހިސާބުން އަޅުގަނޑަށް ފޮޓޯގްރަފީގެ ތެރެއަށް ވަދެވުނީ. އަޅުގަނޑު ހަމަ ބުނެގެން އަތުލައިގެން އޭރުވެސް، އެންމެ ކުޑައިރުގައިވެސް ފޮޓޯ ނަގައި އުޅެން. އެހެންވީމާ، އެހިސާބުން ފެށިގެން ޖެހުނުހިތް ޖެހިފައި މިއޮތީ. އަބަދުވެސް އޮންނާނެ އަޅުގަނޑު އަތުގައި ކެމެރާއެއް. ސްކޫލްއިރުން ފަށައިގެންވެސް އަދި މިހާރުވެސް ފޮޓޯ ނަގަމުންގެންދަން، އެއީ ދެން އެއްބޭފުޅެއް، މައިޒާން ޙަސަން މަނިކު. މައިޒާން ޙަސަން މަނިކުވެސް އަޅުގަނޑުމެންގެ ބޭބެމެންނާ އެކީގައި ޗުއްޓީގައި ވަޑައިގަންނަވާ. ޙަސަންވެސް ވަރަށް ފޮޓޯ ނަންގަވާ ބޭފުޅެއް އެއީ. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑުގެ ވަރަށް ކުޑައިރުގެ ފޮޓޯއެއް، ސޯޝަލް މީޑިއާގައި އުޅޭނެ، ބްލެކް އެންޑް ވައިޓް. އެއީ ޙަސަން ނަގާފައި އޮތް ފޮޓޯއެއް.

ނަޞްރުﷲ އިދުރީސް:

ދެން މިހާތަނަށް އެންމެ ފާހަގަކޮށްލެވޭ ސެލްފީއަކީ ކޮބައިތޯ ނެންގެވުނު؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ބައިވަރު ނަގާފައި ހުންނާނެ. އެހެން ކުއްލިއަކަށް އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެ.

މުޙައްމަދު ރަމީޒު:

އަޅުގަނޑު ހިތަށްއަރަނީ، ކުރީގައޭ ތިޔަ ވިދާޅުވީ، ފޮޓޯނަގާނީ އޭރު ރޯލް ފިލްމް ލައްވާނީ ދޮގެއްތޯ. ފިލްމް ލައްވައިގެން ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ފިލްމް.

މުޙައްމަދު ރަމީޒު:

އެއްވެސްކަހަލަ، އެއީ ވަރަށްބޮޑު އިންތިޒާރެއްކަންނޭނގެ، އެ ކުރަންޖެހެނީ ދޮގެއްތޯ. އެ ފިލްމް ސާފުވެގެން ފޮޓޯތައް ލިބެނީ. ކިހާވަރެއްގެ ޝައުޤުވެރިކަމާއެކު މަޑުކުރަންޖެހޭ ވަގުތުކޮޅެއްތޯ އެއީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ވަރަށް އިންތިޒާރު ކުރަންޖެހޭ. އަޅުގަނޑު އަތުގައި ހުންނާނެ، އޭރުގެ ބައެއް ހަމަ ސްލައިޑާއި އަދިވެސް ނެގެޓިވްތަކާ އެއްޗެހި. ދެން އެއީ ފަހަށް އައިސްފައި، ވަރަށް އަވަސް ނޫންތޯ؟

ނަޞްރުﷲ އިދުރީސް:

އާދެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެއްދުވަހުން ލިބޭ. ކޮޑެކް ސްޓޫޑިއޯ ހެދިފަހުން، ފުޖީއާ ދެ ތަން ހެދިފަހުން. ދެން އަޅުގަނޑު ޕްރިފަރ ކުރަނީ، ކޮޑެކް އޭރުއްސުރެން ފަށައިގެން.

ނަޞްރުﷲ އިދުރީސް:

އާދެ، އަޅުގަނޑުމެންގެ އަދިވެސް ވަރަށް ގިނަ ސުވާލުތައް އެބަހުރި. ގާތްގަނޑަކަށް ދެން 8:30އާ ހަމައަށް އަޅުގަނޑުމެން ޕްރޮގްރާމް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރާނަން. އެހެންނަމަވެސް ހަމަ މަނިކުފާނުގެ އިޒުނައާއެކީގައި އަނެއްކާވެސް އަޅުގަނޑުމެން ކުޑަ ވަގުތުކޮޅެއް.

މުޙައްމަދު ރަމީޒު:

ރަހަތަފާތުކޮށްލަން އިނގޭތޯ.

ނަޞްރުﷲ އިދުރީސް:

ޚަބަރަށް މެދުކަނޑައިލާނަން. ދެން މިއަދުގެ 8ގެ ޚަބަރާއެކީ ބައްދަލުކުރާނީ މަރްޔަމް ޢާޠިފާ. ޚަބަރަށް ދިޔުމުގެ ކުރިން، ބޮޑުބެރެއް އަޑުއަހާލާފައި.

މުޙައްމަދު ރަމީޒު:

ބޮޑުބެރުގެ ކޮންމެވެސް ރަހައެއް އަޅުގަނޑުމެން ޙިއްޞާކޮށްލާނަން ދޮގެއްތޯ.   

 (8ގެ ޚަބަރަށްފަހު)

މުޙައްމަދު ރަމީޒު:

އާދެ، މިހާރު ގަޑިން 8:04 މިނިޓް. މިއީ ދިވެހިރާއްޖޭގެ އަޑު. ދިވެހިރާއްޖޭގެ އަޑުން ތިޔަބޭފުޅުންނަށް މި ގެނެސްދެނީ، "ބާއްޖަވެރި ހެނދުނެއް". މިއަދުގެ ޕްރޮގްރާމް ތިޔަބޭފުޅުންނަށް މިގެނެސްދެނީ، އަޅުގަނޑު ރަމީޒު.

ނަޞްރުﷲ އިދުރީސް: 

އަދި އަޅުގަނޑު ނަޞްރުﷲ.

ނަޞްރުﷲ އިދުރީސް:

މިއަދުގެ ޕްރޮގްރާމް ވަރަށް ޚާއްޞަ އިނގޭތޯ. ތިޔަބޭފުޅުންނާއެކީ އަޅުގަނޑުމެން ޕްރޮގްރާމް ކުރިއަށް ގެންދާއިރު، 8ގެ ޚަބަރަށްފަހު ޕްރޮގްރާމް ކުރިއަށް މިގެންދަނީ، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކީ. އަދިވެސް އަޅުގަނޑުމެންނާއެކީ ރައީސުލްޖުމްހޫރިއްޔާ އެބަ އިންނެވި. އަޅުގަނޑުމެންގެ ވަރަށްގިނަ ސުވާލުތަކެއް މިހާރުވެސް ކުރެވިއްޖެ.

މުޙައްމަދު ރަމީޒު:

އާދެ.

ނަޞްރުﷲ އިދުރީސް:

އެކަމަކުވެސް ހަމަ ސުވާލުތައް އެބަހުރި، އަޅުގަނޑުމެންގެ ބައެއް އެހުންތެރިންނަށްވެސް ފުރުޞަތު އެބަ އަރުވަން އިނގޭތޯ. ދެން މަނިކުފާނުގެ ސިޔާސީ ޙަޔާތްޕުޅުގެތެރެއިން އެންމެ ގިނަދުވަހު މި މަސައްކަތް ކުރެއްވުނީ މަޖިލީހުގެތެރޭގައި، ގާތްގަނޑަކަށް ފަންސަވީހަކަށް އަހަރު މަޖިލީހުގައި ހޭދަކުރެއްވި އިނގޭތޯ. ކޮބައިތޯ މަޖިލީހުގެ މަސައްކަތްޕުޅުގެ ތެރެއިން އެންމެ ފާހަގަކޮށްލެއްވޭ މަސައްކަތްތަކަކީ މަނިކުފާނަށް ބައިވެރިވެވަޑައިގެންނެވުނު ކަންތައްތަކުގެ ތެރެއިން؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އެންމެ ފާހަގަކުރެވޭ އެއްކަމަކީ މިހާރު މިއޮތް ޤާނޫނުއަސާސީ ޑްރާފްޓް ކުރުމުގެ މަސައްކަތް. ޑްރާފްޓް ކޮމިޓީގައިވެސް އަޅުގަނޑަށް ބައިވެރިވެވުނު. އަދި އެ ޑްރާފްޓް ކުރަމުންދިޔައިރުގައި، ދެންމެ ކުރީގެ މަޖިލީހުގެ ރައީސް އެ ވިދާޅުވިފަދައިން، ޝާހިދު ވިދާޅުވިފަދައިން، ލާމަރުކަޒީ ބާބު ޑްރާފްޓްކުރާ ހިސާބަށް ދިޔުމުން، އެ ޚިޔާލުތަފާތުވި މިންވަރު އަޅުގަނޑު ހަނދާންހުރޭ. އެންމެފަހުންގޮސް، ލާމަރުކަޒީ ނިޒާމާ ބެހޭގޮތުން ހަމައެކަނި ލިޔެލެވުނީ، އެންމެ މާއްދާއެކޭ އަޅުގަނޑު ހަނދާންވަނީ. ޚިޔާލުތަފާތުވެގެންގޮސް، އޭގައި ދިވެހިރާއްޖެ ހިންގާނީ ލާމަރުކަޒީ ނިޒާމުންނޭ. ދެން އެއާބެހޭ ތަފްޞީލުތައް، ޤާނޫނެއްގައި ލިޔަންވާނެއޭ. ދެން އެއަށްވުރެ ބޮޑަކަށް ޤާނޫނުއަސާސީއަކަށެއް ލާމަރުކަޒު ކުރުމުގެ ބައެއް ނާދޭ އިނގޭތޯ.  

އޭގެ އިތުރުން، މަޖިލީހުން ޤާނޫނުއަސާސީ އިޞްލާޙު ކުރަމުންދިޔައިރުގައި، އަޅުގަނޑު އެންމެ އުފާވި އެއްދުވަސް އެއީ އަށާރަ އަހަރުގެ ކުދިންނަށް ވޯޓުލުމަށް އެ ފާސްވިދުވަސް. އެދުވަހު މަޖިލީހުގެ ތެރޭގައި ޙަރަކާތްތައް ހިނގައިދިޔަގޮތް ހަނދާންހުރި ބޭފުޅުން ތިއްބަވާނެ އިނގޭތޯ. ވަރަށް ފޯރިއާއެކީގައި، ވަރަށް ޖޯޝާއެކީގައި ބަޙުޘްތައް ކުރެވި، އަޅުގަނޑުހިތުން ފެންނަ ނުފެންނަ ވޯޓަކަށްވެސްދިޔަ ހަނދާން އަޅުގަނޑުވޭ. ގޮސްފައި، އެންމެފަހުން ވޯޓަށްއެހީ. ވޯޓަށްއެހި ދުވަހުވެސް ވަރަށް ބޮޑަށް ބައިވެގެންދިޔައީ. އެހެންނަމަވެސް، އަޅުގަނޑުމެން ލޮބީކުރިގޮތަށް އެދުވަހު ނިމިގެންދިޔައީ. އެއީ ވަރަށް ފާހަގަކުރެވޭ ދުވަހެއް.

ދެން އޭގެއިތުރުން، މި ލާމަރުކަޒީ ޤާނޫނު ފުރަތަމަ މަޖިލީހަށް ހުށަހެޅިގެން ގޮސް،  އެ ބަޙުޘްތައް ދިޔަގޮތްވެސް ހަނދާންހުރޭ. އެއީ ވަރަށް ދެރަވެސްވި ދުވަހެއް. އަޅުގަނޑުމެންގެ އެއް އުންމީދު އެއީ ލާމަރުކަޒީކޮށް ރާއްޖެ ހިންގުން. އެހެންނަމަވެސް، އޭރު 2008ގައި އަޅުގަނޑުމެންގެ ސަރުކާރުގައި ހުށަހެޅި އެ ޑްރާފްޓް ހަމަ ކޮށައި މަށައި، އެ ބަދަލުކޮށްލީ. އަޅުގަނޑުމެން އެ އަނބުރާ ރަނގަޅުކުރުމަށްޓަކައި ގާތްގަނޑަކަށް އަށްސަތޭކަ އެތައް އިޞްލާޙެއް އެދުވަހު މަޖިލީހަށް ހުށަހެޅިން. އަޅުގަނޑުމެން ބޭނުންވީ، އެ ޑިލޭކޮށްގެން ނަމަވެސް، އޭރު އެ އޮތްގޮތަށް ފާސްވިޔަނުދީ ހިފަހައްޓަން. އެހެންނަމަވެސް، މެޖޯރިޓީ ނެތް މަޖިލީހަކު. އެހެންވީމާ، ދެތިންދުވަހަށް އިޞްލާޙުތައް ހުށަހަޅައި، ކޮންމެ އިޞްލާޙެއް ފެއިލްކުރަމުން، ކޮންމެ އިޞްލާޙެއް ފެއިލްކުރަމުން، އޭރު ސަރުކާރުގެ މެޖޯރިޓީ އޮތް ޕާޓީން ގެންދިޔައީ. އެއީ ދެން ވަރަށް ދެރަވި ދުވަހެއް.

ނަޞްރުﷲ އިދުރީސް:

އާދެ، އަޅުގަނޑުމެން މިހާހިސާބުން އެހުންތެރިއަކަށް ފުރުޞަތު އަރުވަން އެބަޖެހޭ. މިވަގުތު އަޅުގަނޑުމެންނަށް ގުޅިފައި މިއޮތީ އިނގޭތޯ. އަޅުގަނޑުމެންނަށް މިވަގުތު ގުޅިފައި މިވަނީ ހަމަ އަޅުގަނޑުމެންގެ ރޭޑިޔޯގެ ވަރަށްގާތް އެހުންތެރިއެއް. ބ. މާޅޮސް ބަހާރީގެ ޔޫސުފް އިބްރާހީމް. ޔޫސުފް އިބްރާހީމަކީ ލޯފަން ކުއްޖެއް. ލޯފަން ކުދިންނަކީ ދިވެހިރާއްޖޭގެ އަޑާ ވަރަށް ގާތް ގުޅުމެއް އޮންނަ ބައެއް. މިއީ އެ ކުދިން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިބިކަމަށްވިޔަސް، އެއްކުއްޖަކު އަނެއްކުއްޖަކު ގާތްކޮށްދިނުމުގައި، ރަޙްމަތްތެރިކަން އުފެއްދުމުގައި، ދިވެހިރާއްޖޭގެ އަޑު މެދުވެރިއަކަށް ވެފައި މިއޮތީ.

السَّلَامُ عَلَيْكُمْ ޔޫސުފް.

ޔޫސުފް އިބްރާހީމް:

وعليكم السّلام ورحمة الله وبركاته.

ނަޞްރުﷲ އިދުރީސް:

ދިވެހިރާއްޖޭގެ އަޑުގެ އަހަރީދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ޔޫސުފަށް އަޅުގަނޑުމެންގެ ފަރާތުން އިނގޭތޯ.

ޔޫސުފް އިބްރާހީމް:

އާދެ، އަޅުގަނޑުވެސް ހަމަ މުޅި ޓީމަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން އިނގޭތޯ.

ނަޞްރުﷲ އިދުރީސް:

ޔޫސުފަކީވެސް ރަމީޒު، ލޯފަން ކުއްޖަކަށްވިޔަސް، ވަރަށް ގިނަ ތަންތަނަށް ދަތުރުކުރައްވާ އިނގޭތޯ. އަޅުގަނޑުވެސް ހަމަ އެކިދިމަދިމާއަށް މިހެން ކޮށްލެވޭ ދަތުރުތަކުގައި ޔޫސުފާ އެބަ ބައްދަލުވޭ، ދޮގެއްތޯ ޔޫސުފް. އެއްފަހަރަކު ލާމުން ބައްދަލުވެފައި، ދެން ބ. އަތޮޅާ ހަމައަށް އަޅުގަނޑު އައިއިރުގައި، ބ. އަތޮޅުގައިވެސް ޔޫސުފް. އެހެންނޫންތޯ.

މުޙައްމަދު ރަމީޒު:

ރ. އިންވެސް ޔޫސުފް ދޯ.

ނަޞްރުﷲ އިދުރީސް:

އެހެންވީމާ، މިހާރު އަހާލަންޖެހޭ، ކިހާ ހިސާބެއްގައިތޯ ތިޔަ ހުންނެވީ؟

ޔޫސުފް އިބްރާހީމް:

މިހާރު މިއުޅެނީ ރ. އަތޮޅުގައި.

މުޙައްމަދު ރަމީޒު:

އެހެންވީމާ، ޔޫސުފްގެ ނަން ނުކިޔަމާ. މީހުން ބުނެއެއްނޫންތޯ، ވަކި މީހެއްގެ ނަން ކިޔައިފިއްޔާ، ބަޑިއެދުރު އަންނާނެއޭ. އެހެންވީމާ ޔޫސުފްވެދާނެ އޭގެ މީހަކަށްވެސް.

ނަޞްރުﷲ އިދުރީސް:

ޔޫސުފް، ވަރަށް ޚާއްޞަ ފުރުޞަތެއް ތިޔަ ލިބުނީ އިނގޭތޯ. ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނާ އެކީގައި އެބަ އިންނެވި. ޔޫސުފް ކޮށްލަން ބޭނުންވާ ސުވާލުތައް ހަމަ ކޮށްލެވޭނެ. ކުރިއަށް ގެންދަވާ އިނގޭތޯ.

ޔޫސުފް އިބްރާހީމް:

الحمـد للّـه. ހަމަ ވަރަށް އުފާވެއްޖެ އިނގޭތޯ. ހަމަ މި ފުރުޞަތުގައިވެސް އަޅުގަނޑު އަހާލަން ބޭނުންވަނީ، ރައީސްގެ ޙާލު ކިހިނެއްތޯ އަހާލަން ފުރަތަމަވެސް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ރަނގަޅު އިރާދަކުރެއްވިއްޔާ. ޔޫސުފް ކިހިނެއްތޯ؟

ޔޫސުފް އިބްރާހީމް:

الحمـد للّـه. ވަރަށް ރަނގަޅު އިރާދަކުރެއްވީތީ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް އުފާވެއްޖެ ދިމާވީމަ އިނގޭތޯ.

ޔޫސުފް އިބްރާހީމް:

ދެން، އަޅުގަނޑު ފުރަތަމަ ކޮށްލަން ބޭނުންވާ ސުވާލަކީ، އަޅުގަނޑަކީވެސް، ހަމަ ކުރިން އެބޭފުޅުން އެ ފާހަގަކޮށްލިހެން ލޯފަން ކުއްޖެއް އިނގޭތޯ. ދެން މަނިކުފާނުގެ ޢާއިލާގައިވެސް ހަމަ ލޯފަން ކުދިން ތިއްބަވާ. އަޅުގަނޑުގެ ހަމަ ރައްޓެހި ކުދިންވެސް ތިއްބަވާނެ އިނގޭތޯ. ދެން ސަރުކާރުގެ އެކިއެކި ސިޔާސަތުތައް ކަނޑައަޅާއިރުގައި، މަނިކުފާނު، އަޅުގަނޑުމެންފަދަ ކުދިންނާ ދޭތެރޭގައި، ކޮންކަހަލަ ވިސްނުންފުޅެއްތޯ ގެންގުޅުއްވަނީ. އެކިކަހަލަ ޚިޔާލުފުޅުތައް ހުންނާނެ ނޫންތޯ. ޑިސްއެބިލިޓީ ކަންކަމާ ގުޅުންހުރި ޚިޔާލުފުޅުތައް ދޮގެއްތޯ. އެހެންވީމާ، އަޅުގަނޑުފަދަ ކުދިންނާ ދޭތެރޭގައި މަނިކުފާނު ކޮންކަހަލަ ވިސްނުންފުޅެއްތޯ ގެންގުޅުއްވަނީ، ޚާއްޞަކޮށް، ލޯފަން ކުދިންނާ ދޭތެރޭގައި އިނގޭތޯ.  

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ޚާއްޞަ އެހީއަށް ބޭނުންވާ، ދެން މިހާރު ކުރީގައި ދޭތެރެއަކުން އަޅުގަނޑުމެން ނުކުޅެދޭ ކުދިން ކިޔަމުން އައިސްފައި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން. އަނެއްކާ މިހާރު ބޭނުންކުރާ ފްރޭޒަކީ އެއީ ނުކުޅެދޭ ކުދިން.

މުޙައްމަދު ރަމީޒު:

އާދެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ދެން އެއީ ޔުނިސެފްގައިވެސް ބޭނުންކުރާ ވާރޑް. އަޅުގަނޑުހިތުން މިހާތަނަށް އައިއިރުގައި ނެތް މާބޮޑު އުޞޫލުތަކެއް ނުކުޅެދޭ ކުދިންނާ ދޭތެރޭގައި ލިޔެވިފައެއް. އެންމެފަހުން އިހަށްރޭ އެ ބޭއްވުނު އަޅުގަނޑުމެންގެ އިނާމު ދިނުމުގެ ޖަލްސާގައިވެސް އަޅުގަނޑަށް ފާހަގަވި، އަޅުގަނޑުމެން އެތަނުގައި ސްޓޭޖް ހަދައި ނިންމައި، ކަންތައްތައް ކުރިއިރަކުވެސް ނެތް އެކަމަކަށް ބެލިފައެއް. ވަރަށް ބަލިމީހުންވެސް، ނުކުޅެދުންތެރިކަން ހުރި ބައެއް ފަރާތްތައް އައެއްނޫންތޯ. އެއާދޭތެރޭގައި އެއްވެސްވަރަކަށް އަޅުގަނޑުމެންގެ ތެރޭގައި ވިސްނިފައި އޮތްތަނެއް އަޅުގަނޑަކަށް އެރެޔަކުވެސް ފާހަގައެއްނުކުރެވުނު. އެހެންވީމާ، އެއާޖެހިގެން އައި ދުވަހު، އަޅުގަނޑުމެންގެ އޮފީހުގެ ސެކްރެޓަރީ ޢާމިރާވެސް އެ ވާހަކަދެއްކިން. މިކަހަލަ ކަންތައްތަކާ ދޭތެރޭގައި ވިސްނަންވާނެއޭ. އެތަނަށް އެރޭގޮތަށް ހުންނަންވާނެއޭ.

އެހެންވީމާ، އަޅުގަނޑުމެންގެ މުޅި ސިޔާސަތުތައް ރޭވުމުގައިވެސް ވަރަށް ބޮޑަށް އިހުމާލުވެފައި އޮތް ދާއިރާއެއް އެއީ. އެނގިވަޑައިގަންނަވާނެ، ތަނަކަށް އަރާއިރުގައިވެސް، ދާއިރުގައިވެސް ނުހުންނާނެ ޕޭވްމަންޓެއް. ޕޭވްމަންޓުތައް އަދިކިރިޔާ އެގޮތަށް އެ ބަދަލުވަނީ، ފުރޮޅުލީ ގޮނޑީގައި އެއްޗެހީގައި ފޭބުމަށް.

އެހެންވީމާ، ތިޔައީ ޔޫސުފް ތިޔަވިދާޅުވާހެން ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައި އޮތް ދާއިރާއެއް. އަޅުގަނޑުމެންގެ ތެރޭގައި ބާކީނުކޮށް، އެ ހުރިހާ އެންމެން ޝާމިލުވާގޮތަށް ލިބެންޖެހޭ ޚިދުމަތްތަކާ އެއްޗެހި ލިބޭނެގޮތް ހަދައިދޭންޖެހޭ. ތިޔަ ވިދާޅުވާހެން އަޅުގަނޑުގެ ޢާއިލާގައިވެސް އެބަތިބި ލޮލަށް ނުފެންނަ ކުދިން. އެހެންވީމާ، އޭގެ އިޙްސާސްތައް އަޅުގަނޑަށް ކުރެވޭ. ބޭނުންވާނެ އެހީތެރިކަމާ އެއްޗެހި އިނގޭތޯ.

ޔޫސުފް އިބްރާހީމް:

އާދެ، އެއީ ހަމަ އަޅުގަނޑަށް ޔަޤީންކަމެއް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެހެންވީމާ، އެ ބަދަލުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންނާނަން އިނގޭތޯ ޔޫސުފް. ޔޫސުފްމެންނަށް ތިޔަ ބޭނުންވާ އެހީތެރިކަމާ އެއްޗެހި އަޅުގަނޑުގެ ހިތުގައި ހަމަ އަބަދުވެސް ހަރުލާ އެބަހުރި. އެހެންވީމާ، އުންމީދު ކުރައްވާ އިނގޭތޯ. އުންމީދު ގެއްލުވައިނުލައްވައްޗޭ.

ޔޫސުފް އިބްރާހީމް:

އިރާދަކުރެއްވިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުމެންގެ ސިޔާސަތުތައް ބަދަލުވެގެންދާއިރުގައި، އެ ހުރިހާ ކަމަކަށް ބަލާނަން.

ނަޞްރުﷲ އިދުރީސް:

ޔޫސުފް، އަޅުގަނޑުމެން އަދި އެއް ފުރުޞަތު އަރުވާނަން އިނގޭތޯ. އަދި އެއްސުވާލު ކޮށްލެވިދާނެ.

ޔޫސުފް އިބްރާހީމް:

ދެވަނަ ސުވާލެއްގެ ގޮތުން އަޅުގަނޑު ކޮށްލާނީ، އަޅުގަނޑަކީ ހަމަ ވަރަށް ސިޔާސީ ބޭފުޅުންގެ ވާހަކަތައް ހަމަ ވަރަށް ގާތުން އަޑުއަހަމުންދާ ކުއްޖެއް އިނގޭތޯ. ރޭޑިޔޯއަކީ ހަމަ ވަރަށް ގާތުން އަޑުއަހަމުންދާ އެއްޗެއް އަބަދުވެސް. ދެން މިފަދަ ބޭފުޅުން އެކިކަންކަމުގައި ވަރަށް ބޮޑަށް ވާހަކަދައްކަވާ އިނގޭތޯ، ހަމަ އެކިކަހަލަ ކަންކަމުގައި.

މުޙައްމަދު ރަމީޒު:

ސިޔާސީ ބޭފުޅުން ވާހަކަދައްކަވާނެ އިނގޭތޯ ޔޫސުފް.

ޔޫސުފް އިބްރާހީމް:

އަޅުގަނޑަށްވެސް ހަމަ ފާހަގަކުރެވޭ ކަމެއް މިއީ ވަރަށް ބޮޑަށް އެކަހަލަ ކަންކަމުގައި ވާހަކަނުދައްކަވާކަން. ޙަޤީޤަތުގައިވެސް މިޒާޖުގައި ހަމަ ބަސްމަދު ބޭފުޅެއްތޯއޭ ރައީސަކީ. އެކިކަހަލަ ކަންކަމުގައި ވަރަށް ވާހަކަފުޅުދެއްކެވުން މަދުކަމަށް ފާހަގަކުރެވޭ އިނގޭތޯ ޢާންމުކޮށް.

މުޙައްމަދު ރަމީޒު:

ރައީސް ބަސްމަދުފުޅުވީމާ، ވަރަށް ކަންބޮޑުވެއްޖެ ޔޫސުފް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ތަންކޮޅެއް ގިނައިން ވާހަކަދައްކަންވީތޯ އަޅުގަނޑު، ޔޫސުފް.

ޔޫސުފް އިބްރާހީމް:

ނޫނޭ، އަޅުގަނޑު ހަމަ މި ފާހަގަކޮށްލަނީ ސިޔާސީ ހަމަ ވަރަށް ގިނަ ކަންކަމުގައި ބޮޑަށް ވާހަކަދައްކަވާ ބޭފުޅުން އުޅުއްވާ. އެހެންވީމާ، އެގޮތުން މިޒާޖުގައިވެސް ހަމަ ބަސްމަދީތޯއޭ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އާދެ، އަޅުގަނޑުގެ މިޒާޖުގައިވެސް ހުންނަނީ އެގޮތް އިނގޭތޯ. ވާހަކަދެއްކުމަށްވުރެ ބޮޑަށް އަޅުގަނޑު ވިސްނާފައި އަޅުގަނޑު ބަލަނީ އެކަމެއް ކުރެވޭތޯ. އަދި އެކަމެއް ކުރުމަށްފަހުވެސް، ކޮންމެހެން އެއީ އަޅުގަނޑު ކުރި ކަމެއްގެ ގޮތުގައި ހަދާކަށެއް އަޅުގަނޑު މުހިންމުކަމެއް ނުދެން. އެކަމެއްވީމާ އެ ނިމުނީ. ދެން ކަމެއް ކުރާއިރުގައި، މީހުންގެ އަޑުއަހަން އަޅުގަނޑު ވަރަށް އިނގޭތޯ. ކަމެއް ނިންމަނީ އޭގައި ހުންނަ، ވަށައިގެން ހުރި ހުރިހާ ބައެއްގެ، ވީހާވެސް ގިނަ ބައެއްގެ ޚިޔާލު ހޯދުމަށްފަހުގައި. އަޅުގަނޑަކީ ޢާންމުކޮށް ހަމަ ބަސްމަދު މީހެއް.

ނަޞްރުﷲ އިދުރީސް: 

ހަރުބަހެއްގައިވެސް އޮވޭ ދޮގެއްތޯ. ބަސްމަދުކޮށްފައި، ޢަމަލު ގިނަކުރާށޭ. އެއީތޯ އެވާގޮތަކީ، ޔޫސުފް.

ޔޫސުފް އިބްރާހީމް:

އާދެ.

ނަޞްރުﷲ އިދުރީސް:

ޔޫސުފް ވަރަށް ބޮޑަށް ޝުކުރިއްޔާ! ޕްރޮގްރާމްގައި ބައިވެރިވީމާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ބޮޑަށް ޝުކުރިއްޔާ! ޔޫސުފް އިނގޭތޯ.

ޔޫސުފް އިބްރާހީމް:

މިފަދަ ފުރުޞަތެއް އަޅުގަނޑަށް ދެއްވީތީވެސް އަޑުގެ ޓީމަށް ވަރަށްބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ދެން ހަމަ އަޅުގަނޑު ވަރަށް އުފާކުރަން. ހަމަ الحمـد للّـه. ހަމަ މިފަދަ ފުރުޞަތެއްގައި ރައީސާ ބައްދަލުވުމުގެ ނަސީބު އަޅުގަނޑަށް މިންވަރު ކުރެއްވީތީވެ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ކުރިއަށް ވަޑައިގަންނަވާ ޔޫސުފް އިނގޭތޯ. ހަމަ ރަނގަޅުވާނެ އިނގޭތޯ. އަޅުގަނޑުމެން ޢާއިލާގައިވެސް އަޅުގަނޑު މިދެންނެވިހެން މިހާރު އެކުދިންނަކީ ޙާފިޡުން. ޤުރްއާން ހިތުދަސްކޮށްގެން އެތިބީ.

ޔޫސުފް އިބްރާހީމް:

އަޅުގަނޑުވެސް ހަމަ އެކަމުގައި މިއުޅެނީ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެހެންތޯ، ކުރިއަށް ވަޑައިގަންނަވާ ހަމަ. މިހާރު އަނެއްކާ ޑިގްރީއަށް ކިޔަވަމުން އެދަނީ. އެހެންވީމާ ދޮރުތަކެއް ބަންދެއްނުވާނެ. ހަމަ ހިތްވަރާއެކު ކުރިއަށް ވަޑައިގަތީމާ ރަނގަޅުވާނެ.

ނަޞްރުﷲ އިދުރީސް:

ޔޫސުފް އެއްގޮތަކަށްވެސް ކަންބޮޑުވެނުލައްވާތި، ރައީސް ބަސްފުޅުމަދުވެގެން އިނގޭތޯ.

ޔޫސުފް އިބްރާހީމް:

އާދެ.

ނަޞްރުﷲ އިދުރީސް:

މަނިކުފާނުވެސް ޢުމުރުން ދިހަ އަހަރުފުޅު ވަންދެން ރަށުގައި ތިޔައުޅުއްވީ. ދެން އެއަށްފަހު މާލެއަށް ވަޑައިގެންނެވީ. ރާއްޖޭގައި ބްރޯޑްކާސްޓިންގ މާގިނަ ވަސީލަތްތަކެއް ނެތް ކުރިއަކުންނެއް. ދިވެހިރާއްޖޭގެ އަޑު، އާންމު ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އޮތީ. މަނިކުފާނުގެ އެންމެ ދުރު ހަނދާނަކީ ކޮބައިތޯ ރޭޑިޔޯގެ.

މުޙައްމަދު ރަމީޒު:

ރޭޑިޔޯގެ ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑަކީވެސް، އަޅުގަނޑުމެންގެ ގޭގައިވެސް ރޭޑިޔޯ އަބަދު އަޑުއަހާނެ. ޚާއްޞަކޮށް، ބައްޕަ އިނގޭތޯ. ދެން އަޅުގަނޑަށް ޖެހޭނެ، ހަމަ ކޮންމެ ޚަބަރުގަޑިއެއްގައި ޓިއުންކުރަން، އެންމެ ކުޑައިރުގައިވެސް. އެއީ ދެން ކަނުލައި އަޑުއަހަން. ވަރަށް ނުސާފުކޮށް ބައެއްފަހަރުފަހަރު އަޑުއިވޭނީ. އޭރު އަޅުގަނޑުހިތުން އެކެއް، ނޫނީ އެއްގަޑިބައިގައި އޭރު ޚަބަރު ފުރަތަމަ ކިޔާނީ. ދެން ރޭގަނޑު ހަތެއްޖަހާއިރުއޭ އަޅުގަނޑު ހަނދާންވަނީ. އެ ގަޑިގަޑީގައި، ކޮންމެ ގަޑިއެއްގައި އަޅުގަނޑަށް ޖެހޭނެ، ޚަބަރު ޓިއުންކުރެވޭތޯ ބަލަން ދެން. ހަމަ ކޮންމެ ގަޑިއެއްގައި ފަރުވާތެރިކަމާއެކީގައި ބައްޕަ ކުރައްވާ ކަމެއް އެއީ. އެ ހަނދާންހުރޭ ވަރަށް ބޮޑަށް. އެ އަޑު ނުލިބިގެން، އެ ޓިއުންކުރަން އެ ކުރަންޖެހުނު މަސައްކަތްތައް. ޚަބަރު އެންމެ ބޮޑަށް އަޅުގަނޑު އަޑުއަހަމުން ގެންދިޔަ އެއްޗަކީ ފަހުންވެސް.

އޭގެ އިތުރުން، "ރޭޑިޔޯ ހަވީރު" ކިޔާ ޕްރޮގްރާމެއް ފެށްޓެވީމެއް ނޫންތޯ، ދޮގެއްތޯ. މަސްވެރިކަމާއި ދަނޑުވެރިކަމާ، ދެން އެ ހުރިހާ އެއްޗަކާ ބެހޭގޮތުން. އެ ޕްރޮގްރާމްގެ ފުރަތަމަ ޕްރޮގްރާމް އަޑުއެހި ހަނދާން އަޅުގަނޑުވޭ. އޭރު ރަށަށް ޗުއްޓީއަށް ގޮސްފައި، ފަޅުރަށަކަށް އެރޭ އަޅުގަނޑުމެން ގޮސް ތިބީ. އެރޭ ދިހައެއް ޖެހިއިރުއޭ އަޅުގަނޑު ހަނދާންވަނީ. ނުވައެއް، ނޫނީ ދިހައެއް ޖެހިއިރުއޭ ފުރަތަމަ ޕްރޮގްރާމް އައީ. އަޅުގަނޑުމެން ޓިއުންކޮށްގެން، އޭގައި އަންނަނީ ކޯޗެއްތޯ ބަލަންވެގެން އަޅުގަނޑު ރޭޑިޔޯ އަޑުއަހަން އަޅުވައިގެން ހުރި ހަނދާންވޭ.

ނަޞްރުﷲ އިދުރީސް:

އަޅުގަނޑުމެން ކޯލެއް ނަގާނަން އިނގޭތޯ. މިފަހަރު އަޅުގަނޑު ނަން ނުދަންނަވާނަން ފުރަތަމަ އިނގޭތޯ.

السَّلَامُ عَلَيْكُمْ.

އަޙްމަދު މުސްތާޤު ޢަލީ:

وعليكم السّلام.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ދިވެހިރާއްޖޭގެއަޑުގެ އަހަރީދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން އިނގޭތޯ. ކިހިނެއްތޯ ޙާލު އަހުވާލު؟

އަޙްމަދު މުސްތާޤު ޢަލީ:

ރަނގަޅު އިނގޭތޯ. ދިވެހިރާއްޖޭގެ އަޑަށް ވަރަށް ބޮޑަށް މަރްޙަބާ ފަންސާސް އަށްވަނަ އަހަރީ ދުވަހަށް.

ނަޞްރުﷲ އިދުރީސް:

އަޅުގަނޑުމެންނާ އެކީގައި ތިޔަބޭފުޅާގެ ހަމަ ވަރަށް ގާތް ބޭފުޅެއް އިނގޭތޯ، ގާތްގަނޑަކަށް ޢުމުރުން ފަނަރަ، ސޯޅަ އަހަރުން ފެށިގެންގޮސް އަށާރަ، މިހާކަންހައި ހިސާބުގައިވެސް ހަމަ ވަރަށް އެކީގައި އުޅުއްވި ބޭފުޅެއް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ އިނގޭތޯ. ދެން އަޅުގަނޑު ފުރަތަމަ ރައީސަށް ދަންނަވާލާނަން، މިއީ ކޮންބޭފުޅެއްކަން އެނގިވަޑައިގަންނަވާތޯއޭ މިހާރު.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އަޅުގަނޑަށް އަޑުން އެނގިއްޖެ އިނގޭތޯ.

ނަޞްރުﷲ އިދުރީސް:

އެއީ ކޮން ބޭފުޅެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މުސްތާޤު ދޮގެއްތޯ.

އަޙްމަދު މުސްތާޤު ޢަލީ:

އާދެ، ރައީސް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، މުސްތާޤު ކޮބާ ކިހިނެއް؟

އަޙްމަދު މުސްތާޤު ޢަލީ:

ރައީސް ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ރަނގަޅު އިނގޭތޯ މުސްތާޤު.

އަޙްމަދު މުސްތާޤު ޢަލީ:

މިކަހަލަ ޕްރޮގްރާމަކުން ދިމާވީމާ ވަރަށް އުފާވެއްޖެ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ކޮންތާކުތޯ ތިޔައުޅުއްވަނީ؟

އަޙްމަދު މުސްތާޤު ޢަލީ:

ގޭގައި މިވަގުތު މިހުރީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެހެންތަ.

އަޙްމަދު މުސްތާޤު ޢަލީ:

އާދެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ކިހިނެއްތޯ ޢާއިލާ.

އަޙްމަދު މުސްތާޤު ޢަލީ:

ރަނގަޅު އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ކުދިވެރިން ނުތިބޭނެތާ މިކޮޅަކު ދޮގެއްތޯ.

އަޙްމަދު މުސްތާޤު ޢަލީ:

އާދެ، އާދެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ބޭރުގައިވީ؟

އަޙްމަދު މުސްތާޤު ޢަލީ:

އާދެ. މިހާރު ދެން އެކަމަކު މިކޮޅަށް ގެންނަ މަގުމަތީގައި މިއުޅެނީ. މި ކޯވިޑްއާ، މި ހުރިހާ ކަމަކާހެދި.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް: 

ކިޔަވައި ނުނިމޭތޯ؟

އަޙްމަދު މުސްތާޤު ޢަލީ:

ނޫން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެކަކު ނިމިއްޖެ؟

އަޙްމަދު މުސްތާޤު ޢަލީ:

އެކަކު ނިމިގެން ރާއްޖޭގައި އޮޅުވެލީގައި މަސައްކަތްކުރަނީ. ދެން އަނެކަކު ނިމިގެން އިޓަލީއަށް ދާން، މިހާރު މޭގައި ދާން ތައްޔާރުވެފައި ހުރީ.  

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މުސްތާޤު މިއީ ނައިފަރު އިނގޭތޯ.

ނަޞްރުﷲ އިދުރީސް:

އާދެ، ގްރޭޑް އަށަކުން ފެށިގެން ގްރޭޑް ދިހައެއް ނިމެންދެން އެކީގައި އުޅުއްވި ކަމަށް ވިދާޅުވި، އަޅުގަނޑު ކައިރީގައިވެސް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެހެންތޯ.

ނަޞްރުﷲ އިދުރީސް:

މުސްތާޤު، ކޮބައިތޯ ދެބޭފުޅުންގެ އެންމެ ހަނދުމަފުޅު ހުންނަކަމަކީ. މުސްތާޤު ވިދާޅުވި، ވަރަށްގިނަފަހަރު ހިންނަވަރަށްވެސް ރައީސާ އެކީގައި ޗުއްޓީގައިވެސް ވަޑައިގަތީމޭ. ކޮބައިތޯ އެންމެ ހަނދާނުގައި ހުންނަ ކަންތައްތަކަކީ؟

އަޙްމަދު މުސްތާޤު ޢަލީ:

ހިންނަވަރު ދަތުރު، ދެފަހަރެއްގެމަތިން ކުރެވުނު، ބޮޑު ޗުއްޓީގައި ރައީސާއި އަދި އޭރުގައި އެކީގައި އުޅުނު ހުރިހާ ރައްޓެހިންނާއެކީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ކުރީގެ ރައީސް ދޮގެއްތޯ، ރައީސް ނަޝީދު.

އަޙްމަދު މުސްތާޤު ޢަލީ:

އާދެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އަދި ޢަބްދުއްރަޙްމާން ޢަލީ، ޙުސައިން އާދަމް. މިގޮތަށް ދެން ވަރަށް ގިނަ ގުރޫޕެއް، އޭރު ދެވުނު ދޮގެއްތޯ ރައީސް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ކުލާސް އެކީގައި އޭރު ދޮގެއްތޯ.

އަޙްމަދު މުސްތާޤު ޢަލީ:

އާދެ، ދެން ވަރަށް ރަނގަޅު ދަތުރުތަކެއް އެއީ ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ.

ނަޞްރުﷲ އިދުރީސް:

ކިހިނެއްތޯ މިހާރު ބައްދަލުވޭތޯ. ދެން ރައީސް ވަރަށް ބިޒީވާނެ ދޮގެއްތޯ. މިހާރު ދެން ކިހިނެއްތޯ ރައީސާ ދިމާވޭތޯ މިހާރު.  

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ފޯނުން ދިމާވޭ އިނގޭތޯ. ދެން އަނެއްހެން އެއްތަނަކުން ވަރަށް މަދުން ދިމާވޭ. އެހެންވިޔަސް އަޅުގަނޑުގެ ހަމަ ފުރިހަމަ ޔަޤީންކަން މުސްތާޤާ ދޭތެރޭގައި އޮވޭ. އަބަދުވެސް އަޅުގަނޑު ކަމަކަށްޖެހޭ ވަގުތުގައި ކައިރީގައި ހުންނާނެކަން، އެހީތެރިވާނެކަން، އަދި ރަނގަޅު ޚިޔާލުވެސް ދެއްވާނެކަން.

ނަޞްރުﷲ އިދުރީސް:

ރަނގަޅު ރަޙްމަތްތެރިއެއް ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ވަރަށް ރަނގަޅު، ވަރަށް އިޚްލާޞްތެރި، ތެދުވެރި، ހަމަ ހެޔޮއެދޭ ރަޙްމަތްތެރިއެއްގެ ގޮތުގައި އަޅުގަނޑު މުސްތާޤު ދެކެނީ.

ނަޞްރުﷲ އިދުރީސް:

އެއް ކުލާހުގައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އަޅުގަނޑުމެން އެކީގައި އުޅުނީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ސަކަރާތްގަންނާނެ އަބަދުވެސް. ދޭތެރެއަކުން ކުލާހުން ބޭރުގައި ހުންނަންޖެހޭ އެކަކު މުސްތާޤަކީ.

އަޙްމަދު މުސްތާޤު ޢަލީ:

ބައްލަވާ، މިހާރު ދެން ވަރަށް އެހެންކަހަލަ ވާހަކައެއް ތިޔަ ދަންނަވަނީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެއްދުވަސް އަޅުގަނޑު ހަނދާންހުރޭ. އަޅުގަނޑުމެންނަށް ލިބުނު ލަނޑެއް.

ނަޞްރުﷲ އިދުރީސް:

ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ހަމަ ލަނޑެއް އިނގޭތޯ، ކުލާހުގައި އުޅުނުއިރުގައި. މިހާރުގެ ޓޫރިޒަމް މިނިސްޓަރ ޑޮކްޓަރ މަޢުޞޫމް އެއީ އަޅުގަނޑުމެންގެ ކުލާސް އިނގޭތޯ. ދެން ޑޮކްޓަރ ޙުސައިން ރަޝީދުވެސް އެއީ ހަމަ އަޅުގަނޑުމެން ކުލާސް. ހަމަ އެކީގައި އުޅުނީ. މަޢުޞޫމް އޭރު ދެން ވަރަށް ފަތާނެ އިނގޭތޯ. ދެން އޭރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާން ނޭޝަނަލް ޓީމުގައި މަޢުޞޫމްވެސް ސްކޫލްގައި އުޅެނިކޮށް ނަގައިފި. މުސްތާޤު ހަނދާން އެބަހުރިތޯ އެ ދުވަސް؟

އަޙްމަދު މުސްތާޤު ޢަލީ:

އާދެ، މަޢުޞޫމް ފުރުވަންދިޔަ ދުވަސް ދޮގެއްތޯ.  

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މަޢުޞޫމް އެދުވަހު ފުރަންދާއިރު، އަޅުގަނޑުމެން ކޮންމެހެން ޖެހިއްޖެ މަޢުޞޫމް ފުރުވަން ދާންވެގެން އެއަރޕޯޓަށް ދާން. އޭރު ކުލާސްވެސް އޮތް. ކިޔެވުންވެސް އޮތް. އިރުކޮޅަކުން މުސްތާޤު އައިސްފައި ބުނެފި. އިބްރާހީމް އިސްމާޢީލް ހެޑްމާސްޓަރަކީ. ހެޑްމާސްޓަރު ވިދާޅުވިއޭ ދާށޭ. ހުރިހާ ކުދިން ދާށޭ. މައްސަލައެއް ނެތޭ. ދެން އަޅުގަނޑުމެން ހަމަ ކުލާސް ދޫކޮށްލާފައި އެންމެން ދިޔައީ. އޭރު ޓީޗަރު އައިއިރަކު ނުތިބޭނެތާ. މުސްތާޤު އައިސްފައި ބުނި އެއްޗަކުން އަޅުގަނޑުމެން ދިޔައީ. އައިތަނުން ކުލާސް އެކީގައި ސަސްޕެންޑްކުރީ. ދެން މުސްތާޤު ގެޔަށް ފޮނުވާލީ. ހުއްދަ ނުނަގައި މުސްތާޤު ކުރިކަމެއް އެއީ އިނގޭތޯ.

އަޙްމަދު މުސްތާޤު ޢަލީ:

އަޅުގަނޑުމެންނަށް ވަރަށް ބޮޑު ފަޚްރެއް ދޮގެއްތޯ ރައީސް، މަޢުޞޫމް ފުރުން އެއީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އާދެ.

އަޙްމަދު މުސްތާޤު ޢަލީ:

އެހެންވީމާ، އެކަމުގައި ބައިވެރިވުމުގެ ގޮތުން، ދެން ވަރަށް ގިނަ ވާހަކަ އޭރު ސްކޫލްގެ އިދާރާއާ ދެކެވިގެންވެސް، މާކަ އެދެވޭ ޖަވާބެއް ނުލިބުނީމާ، އަޅުގަނޑު ހިތަށްއެރީ، ދެން މިކަމައިގެން ކުރިއަށްދާނީއޭ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ދެން މަޢުޞޫމް އަނެއްކާ. މަޢުޞޫމް މުބާރާތް ނިންމާފައި އައިމާ، އަޅުގަނޑުމެން ދެން ބައްދަލުކުރާނެތާ ދޮގެއްތޯ.

ނަޞްރުﷲ އިދުރީސް:

އާދެ.     

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުމެން އެހީ ކިހިނެއްހޭވީ؟ ވިދާޅުވީ ތިމަންނާ ބެލީ، ދެން ދިޔައީ ޢާމިރުކަންނޭނގެ. ވިކްޓްރީ ޢާމިރު. ޢާމިރަށްވުރެ ކުރީގައި އަބަދުވެސް އޮވެވޭތޯއޭ. އެހެންވީމާ، ކޮންމެހެން އެއްވަނަ ހޯދާކަށް ނޫނޭ. ޢާމިރަށްވުރެ ކުރީގައި އޮވެވޭތޯއޭ ބެލީ. އެކަން ކުރީމޭ ތިމަންނާ.

މުޙައްމަދު ރަމީޒު:

ޢާމިރު އެގޮތަށް ދިޔަނަމަ، އޭގެ ކުރިއަށްދާނެ ދޮގެއްތޯ.

ނަޞްރުﷲ އިދުރީސް:

މުސްތާޤު ދެން ވަރަށް އުފާވެއްޖެ އިނގޭތޯ. ދެން ޅައިރުގެ ހަނދާންތަކެއް އާވެގެން ތިޔަދިޔައީ ދޮގެއްތޯ.

އަޙްމަދު މުސްތާޤު ޢަލީ:

އާދެ.

ނަޞްރުﷲ އިދުރީސް:

ވަގުތުކޮޅެއް ހަމަ ހުސްކޮށްލަދެއްވައި، ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންދެއްވީތީވެ، އަޅުގަނޑުމެންގެ ފަރާތުން ހަމަ ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑުމެންގެ ޕްރޮގްރާމް ނިންމާލާ ވަގުތުވެސް ކައިރިވާތީ، ވަކިވެލަން މިޖެހެނީ.

އަޙްމަދު މުސްތާޤު ޢަލީ:

އާދެ.

ނަޞްރުﷲ އިދުރީސް:

އެބައޮތްތޯ، އިތުރަށް ވިދާޅުވާނޭ ވާހަކަފުޅެއް.

އަޙްމަދު މުސްތާޤު ޢަލީ:

ނޫންނޫން. ދެން އަޅުގަނޑު އެދެނީ، ރައީސްގެ ދައުރުގައި ރާއްޖެއަށް ރަނގަޅު ކުރިއެރުންތަކެއް ލިބި، ދިވެހިންނަށް މިކަމުގެ ފައިދާއާއި މަންފާ ރަނގަޅުގޮތުގައި ލިބުން.

ނަޞްރުﷲ އިދުރީސް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ!

އަޙްމަދު މުސްތާޤު ޢަލީ:

ވަރަށް ބޮޑަށް ޝުކުރިއްޔާ!

ނަޞްރުﷲ އިދުރީސް:

ރައީސް އެއްޗެއް ވިދާޅުވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މުސްތާޤު ވަރަށް ހެޔޮދުޢާ އިނގޭތޯ.

އަޙްމަދު މުސްތާޤު ޢަލީ:

އާދެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް އުންމީދުކުރަން.

އަޙްމަދު މުސްތާޤު ޢަލީ:

އާދެ، އާދެ.

ނަޞްރުﷲ އިދުރީސް:

އާދެ، އަޅުގަނޑުމެންގެ ޕްރޮގްރާމުގައި ތާރީޚަށް ޖެހިލާއިރުގައިވެސް ރާއްޖޭގެ ރައީސަކު މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރު މިއީ. އެހެންވީމާ، މިއީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް، އެހެންނޫންތޯ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ ޒަމާންވީ އެއް ޕްރޮގްރާމް، ބާއްޖަވެރި ހެނދުނަކީ. މެދުނުކެނޑި މިހާތަނަށް ކުރިއަށް ގެންދެވުނު ޕްރޮގްރާމްތަކުގެ ތެރެއިން، އެހުންތެރިންގެ އެންމެ މަޤްބޫލު އެއް ޕްރޮގްރާމަކީވެސް "ބާއްޖަވެރި ހެނދުނެއް". މަނިކުފާނު އަޅުގަނޑުމެންނަށް މި ޝަރަފް ދެއްވީތީ، މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްވީތީވެ، އަޅުގަނޑުމެންގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކީ، ލޯތްބާ އެކީގައި ޝުކުރު ދަންނަވަން އިނގޭތޯ.

މުޙައްމަދު ރަމީޒު:

ދެން ކީކޭތޯ ވިދާޅުވާނީ؟ އަޅުގަނޑުމެންގެ އަހަރީވެސް ދުވަސް. ދެން ޕްރޮގްރާމް ނިމުމަކަށްވެސް އަންނަނީ. ވިދާޅުވާނީ ކީކޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ފުރަތަމަވެސް ހަމަ އަހަރީ ދުވަހުގެ ހެޔޮއެދުންތައް ހުރިހާ ބޭފުޅުންނަށް. ދިވެހިރާއްޖޭގެ އަޑުގެ ހުރިހާ މުވައްޒަފުންނަށް، އެހާރާއި މިހާރުގެ އިނގޭތޯ.

ނަޞްރުﷲ އިދުރީސް:

އާދެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ޓެކްނޮލޮޖީ ބަދަލުވަމުން އެބަ އާދޭ އިނގޭތޯ.

ނަޞްރުﷲ އިދުރީސް:

އާދެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ޒަމާނާ އެކީގައި. ސޯޝަލް މީޑިއާއާއި، އެކަހަލަ ޕްލެޓްފޯމްތަކެއް އެބައޮތް. އެހެންނަމަވެސް، ރޭޑިއޯއަކީ ނެތިގެންދާނެ އެއްޗެއް ނޫންކަމަށް އަޅުގަނޑު ދެކެނީއިނގޭތޯ. އެހެންވީމާ، ތިޔަބޭފުޅުންގެ ޕްރޮގްރާމްތައް ވީހާވެސް މުއްސަނދިކޮށް ކުރިއަށް ގެންދަވާށޭ. މިހާރު ބޮޑަށް އަޅުގަނޑަށް މި ފެންނަނީ، ޚަބަރު އެއްޗެހި ހަދާއިރުވެސް، ސޯޝަލް މީޑިއާގައި، ނޫނީވިއްޔާ މީހަކުކޮށްލާ ޓުވީޓެއް އެއީ ޚަބަރަކަށް ވެގެންދޭ. އެއަށްވުރެ ތަފްޞީލުކޮށް، ޑީޓެއިލަށް ވަޑައިގަންނަވާށޭ. ތިޔަބޭފުޅުންގެ ޕްރޮގްރާމްތަކުން އަޑުއަހާ މީހުންނަށް ލިބޭ މަޢުލޫމާތުތައް ވަރަށް ތަފާތުވާނެ. އޭގެ ޑީޓެއިލަށް މާބޮޑަށް ދެވޭނެ. ޓީ.ވީ.އެއްގައި ވެއްޖިއްޔާ، މީހާގެ ފޯކަސް ހުންނާނެ، އޭގައި ހުންނަ ލައިޓާއި، އިންނަ މީހާއާ ހަމަޔަށް. އެއާ ޚިލާފަށް، އަޑުގައި އަންނާނީ ހަމައެކަނި އެ އަންނަ ވޮއިސް އެކަނި. އެއިން ބުނާ އެއްޗެއް އިވޭނީ. އެހެންވީމާ، ވީހާވެސް ބޮޑަކަށް އެއަށް ސަމާލުވެ، މަޢުލޫމާތުތައް ހޯއްދަވައިގެން، ޚަބަރުތައް ހައްދަވާށޭ. މަޢުލޫމާތުތައްވެސް ދެއްވާށޭ. އަޅުގަނޑަށް ޔަޤީން، ރޭޑިޔޯއަކީ ނެތިގެންދާނެ އެއްޗެއް ނޫން. ކިތަންމެ ބޮޑަކަށް ޓީ.ވީ. ފުޅާވެގެންދިޔަސް.

ނަޞްރުﷲ އިދުރީސް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ހަމަ ވަރަށް މުހިންމު ވާހަކަފުޅެއް ތިޔަ ވިދާޅުވެދެއްވީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ހަމަ ތިޔަ ވާހަކަފުޅާ އެއްގޮތަށް، މަސައްކަތްތައް ކުރިއަށް ގެންދެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރާނަން. ހަމަ އަދިވެސް އެއްފަހަރު، ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންދެއްވީތީވެ، އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ޝުކުރު ދަންނަވަން.

މުހައްމަދު ރަމީޒު:

އަދި އެއްފަހަރު ނަޞްރު، އެއްކަމެއް އަޅުގަނޑުމެން ހަނދާންކޮށްލާފައި ކުރިއަށްދާނީ. އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން އަންނަ ވާހަކައެއް، އަޅުގަނޑުމެންގެ ޕްރޮގްރާމަށް މިހާރު ހައެއްކަމަސްވެއްޖެ، އަޅުގަނޑުމެން ދިވެހިދިދައިގެ ވާހަކަދައްކަމުން މިދަނީ. ދިވެހިދިދައަށް އިޙްތިރާމް ކުރުމުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. ކޮންމެ ދުވަހެއްގެ ޕްރޮގްރާމް ނިންމައިލުމުގެ ކުރިން، އަޅުގަނޑުމެން ދަންނަވާލާ ވާހަކައެއް، އަޅުގަނޑުމެންގެ ދިވެހިދިދަ އިސްކުރައްވާށޭ. އަޅުގަނޑުމެންގެ ކޮންމެ މުނާސަބަތެއްގައި ދިވެހިދިދަ ގެންގުޅުއްވާށޭ. ދިވެހިދިދައިގެ ކުލަތަކަށް އިޙްތިރާމް ކުރައްވާށޭ. ދިވެހިދިދައިގެ މުހިންމުކަން، އަޅުގަނޑުމެންގެ ދަރިންނަށް ކިޔައިދެއްވާށޭ.  

ނަޞްރުﷲ އިދުރީސް:

އަޅުގަނޑުމެން ހަމަސްދުވަހަށް ކުރިއަށްގެންދާ މި ކެމްޕެއިން، މި އަހަރުގެ ނިޔަލަށް ނިމިގެންދާނެ. މި ކެމްޕެއިން ކުރިއަށް ގެންދިޔުމުގެ އެންމެ މުހިންމު ބޭނުމަކީ، ދިވެހި ޤައުމީ ދިދައަށް އިޙްތިރާމް ކުރުން އިތުރުކުރުން. އެ ދިދައާމެދުގައި އަޅުގަނޑުމެންގެ ހިތުގައި އޮންނަ ލޯބި އިތުރުކުރުން، އާލާކުރުން. ރައީސް ހަމަ ޤައުމީދިދައާ ބެހޭގޮތުން ކޮންމެވެސް އެއްޗެއް ވިދާޅުވެދެއްވިއްޔާ، ވަރަށް ރަނގަޅު އިނގޭތޯ، ވަރަށް ކުރުކޮށް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ވަރަށް ރަނގަޅު ކެމްޕެއިނެއް ތިޔަ ހިންގަވަނީ. އަޅުގަނޑުމެންގެ ފަޚުރެއް އެއީ އިނގޭތޯ ދިދައަކީ، ނިޝާނަކީ. އެހެންވީމާ، އެއަށް އިޙްތިރާމް ކުރުން އިތުރުކުރުމަކީ، ޤައުމުދެކެ ލޯބިވުން އިތުރުވެގެންދާނެ ކަމެއް. ބައެއް ޤައުމުތަކުގައި އެނގިވަޑައިގަންނަވާނެ، ދިދައަކީ އެހެން ޢާންމުކޮށް ބޭނުންވެސްކުރެވޭ އެއްޗެއް ނޫން. އެހާބޮޑަށް ރައްކާތެރިކުރެވިފައި އޮތް އެއްޗެއް އެއީ. މިސާލަކަށް، އިންޑިއާގައި އަޅުގަނޑުހިތުން ވަރަށްފަހުން، އެހެން ކަމަކަށް ދިދަ ބޭނުންކުރުމަށް ފުރުޞަތު ލިބުނީ. ހަމައެކަނި ދައުލަތުގެ ޤައުމީ ކަންތައްތަކުގައި އެކަނި އިންޑިއާގައި ދިދަ އޭރު ބޭނުންކުރެވުނީ ވަރަށް ފަހަކަށްއައިސް. އެއާޚިލާފަށް، އެހެން ޤައުމުތަކުގައި، ބައެއް ޤައުމުތަކުގައި، ހަމަ ހުރިހާ ކަމެއްގައި ބޭނުންކުރޭ.

އެހެންވީމާ، އެހާބޮޑަށް ބައެއް ޤައުމުތަކުގައި ރައްކާތެރިކަމާއި ޙިމާޔަތް ދީފައި އޮތް އެއްޗެއް، އަޅުގަނޑުމެންގެ ފަޚްރެއްގެ ގޮތުގައި ދެކެންވާނެ އެއްޗެއް އެއީ. އެހެންވީމާ، ޤައުމީދިދައަށް ލޯބިކުރުމާއި އިޙްތިރާމް ކުރުން އެއީ ހަމަ ޤައުމުދެކެ ލޯބިވުން އިތުރުވެގެންދާނެ ކަމެއްގެ ގޮތުގައި އަޅުގަނޑުވެސް ދެކެން.  

ނަޞްރުﷲ އިދުރީސް:

އަދިވެސް އެއްފަހަރު، ޕްރޮގްރާމްގައި މަނިކުފާނު ބައިވެރިވެވަޑައިގެންދެއްވީތީވެ، އަޅުގަނޑުމެންގެ ފަރާތުން ޝުކުރު އަދާކުރަމުން، މިއަދުގެ ޕްރޮގްރާމް މިހާ ހިސާބުން އަޅުގަނޑުމެން ނިންމާލާނަން.

މިއަދުގެ ޕްރޮގްރާމް އުފެއްދުމުގައި، އަޅުގަނޑުމެންގެ ވަރަށް ގިނަ މުވައްޒަފުންތަކެއް މަސައްކަތްކޮށްފައިވޭ. މިއަދުގެ ޕްރޮގްރާމް އުފެއްދުމުގައި، ޢަލީ ރާޒީ، ޢާޠިފާ، ނާފިޒާ އަދި ގެނެސްދިނުމުގައި ރަމްލާ، އަދި މީގެ އިތުރުންވެސް އަޅުގަނޑުމެންގެ ޓެކްނިކަލްވެސް ވަރަށް ގިނަ މުވައްޒަފުން ބައިވެރިވެފައިވޭ. މި ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑުމެން ހަމަ ޝުކުރު އަދާކުރަމުން، ނިންމާލާނީ ބޮޑުބެރަކުން.

މުހައްމަދު ރަމީޒު:

އާދެ.

ނަޞްރުﷲ އިދުރީސް:

މިއަދުގެ ޕްރޮގްރާމް މި ހުށަހެޅީ އަޅުގަނޑު ނަޞްރުﷲ.

މުހައްމަދު ރަމީޒު:

އަދި އަޅުގަނޑު ރަމީޒު.

ނަޞްރުﷲ އިދުރީސް:

ހުރިހާ ބޭފުޅުންނަށް ރައްކާތެރި، ބާއްޖަވެރި ދުވަހަކަށް އެދެން. އަދި ރައީސަށްވެސް ހަމަ ރައްކާތެރި، ބާއްޖަވެރި ދުވަހަކަށް އަޅުގަނޑުމެންގެ ފަރާތުން އެދެން.

وَالسَّلَامُ عَلَيْكُمْ.