ސަރުކާރުގެ އިޢުލާނާއި އެކި ބަޔާންތައް ނޫސްތަކަށް ވިޔަފާރީގެ އުޞޫލުން ދެއްވުން ހުއްޓާލެއްވުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ މާދަމާ ހާމަކުރައްވާނެއެވެ. މިކަން އެމަނިކުފާނު ހާމަކުރައްވާނީ، މާދަމާ ހެނދުނު 7.15ގައި ދިވެހިރާއްޖޭގެ އަޑު މެދުވެރި ކުރައްވައި އެމަނިކުފާނު ދެއްވާ ރޭޑިޔޯ ޚިޠާބުގައެވެ.

ކޮންމެ ހުކުރު ދުވަހަކު އެމަނިކުފާނު ދެއްވާ ޚިޠާބުގައި މާދަމާ ވާހަކަފުޅު ދައްކަވާނެ މައިގަނޑު އެހެން ކަންތައްތަކުގެ ތެރޭގައި، ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް މެދުކެނޑުމެއްނެތި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެމަނިކުފާނު މިހަފްތާގައި ހޯރަފުށްޓަށާއި އައްޑުއަތޮޅަށް ކުރެއްވި ދަތުރުފުޅު ހިމެނެއެވެ. އަދި މިފެށޭ ހަފްތާއަކީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ގާތުން ކިރުދިނުމުގެ ހަފްތާކަމަށްވުމާއެކު، އެކަމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.