ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން އުފައްދާފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ބާވަތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޤަރާރަކުން މިއަދު ކަނޑައަޅުއްވައި ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެ ބާވަތްތައް ކަނޑައަޅުއްވާފައި ވަނީ، 2020 ޑިސެންބަރު 22 ވަނަ ދުވަހު އެ މަނިކުފާނު ތަޞްދީޤުކުރެއްވި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު (ޤާނޫނު ނަންބަރު: 31/79) އަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

ސިންގަލް-ޔޫޒް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ނިންމަވާ ރައީސުލްޖުމްހޫރިއްޔާ އެ ކަން އިޢުލާނުކުރައްވާފައި ވަނީ 2019 ވަނަ އަހަރު ބޭއްވި އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުންނެވެ. އަދި އެއާއެކު، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ބާވަތުގެ ޕްލާސްޓިކް ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭނެއް އެކަށައަޅުއްވައި، ކެބިނެޓުގެ މަޝްވަރާއާއެކު، 2020 ނޮވެންބަރު 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޕްލޭން ތަންފީޒުކުރުމަށް ނިންމަވާފައެވެ. މި ޕްލޭނަކީ ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ފުޅާދާއިރާއެއްގައި ހޯދުމަށްފަހު އެކުލަވާލާފައިވާ ޕްލޭނެކެވެ.

ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކްގެ ބާވަތްތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާއެކު، އެ ކަން އިޢުލާނުކުރައްވާ ނެރުއްވާފައިވާ ޤަރާރުގައި ބަޔާންކުރައްވާފައިވާ ތާރީޚުތަކުން ފެށިގެން، އެ ތަކެތި އެތެރެކުރުން މަނާވާނެއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ތަކެތީގެ ތެރެއިން ބައެއް ބާވަތްތައް އެތެރެކުރުން މަނާވާނެ ތާރީޚެއް ކަމުގައި އެ މަނިކުފާނު ކަނޑައަޅުއްވާފައި ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހެވެ. އަދި އިތުރު ބާވަތްތަކެއް ރާއްޖެއަށް އެތެރެކުރުން، 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހާއި، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް އެ މަނިކުފާނު ވަނީ ކަނޑައަޅުއްވާފައެވެ.