ކޮންމެ ކުއްޖަކީވެސް މުޖްތަމަޢު ގަބޫލުކުރާ، މުޖްތަމަޢުގެ އިޙްތިރާމް ލިބިގެންވާ އަދި މުޖްތަމަޢަށް ފައިދާހުރި މަސައްކަތްތަކެއް ކުރާ ކުއްޖަކަށްވުމުގެ ޢަޒުމް ކަނޑައެޅުމަށް، ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ދަރުމަވަންތަ ސްކޫލުގެ 2008 ވަނަ އަހަރުގެ އިނާމު ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަތީ ތަޢްލީމު ޙާޞިލު ކުރުމުގެ ފުރްޞަތު ނުލިބުނު ކަމުގައިވީނަމަވެސް، ކޮންމެ ކުއްޖަކުވެސް، ކޮންމެވެސް އެއް ރޮނގަކުން ކުރިއަށް ދިޔުމުގެ ޢަޒުމް، ކަނޑައަޅައި، އެކުއްޖަކު އެ ޚިޔާލުކުރާ ރޮނގަކުން މުޖްތަމަޢަށް ފައިދާހުރި ޚިދްމަތްތަކެއް ކޮށްދިނުމަށްވެސް ނައިބު ރައީސް އިލްތިމާސް ކުރެއްވިއެވެ. ހަމައެއާއެކު، ކޮންމެ ކުއްޖަކީވެސް އަޚްލާޤީ ގޮތުން ރިވެތި ނަމޫނާއެއް ދައްކާ ކުއްޖަކަށްވުމަށްވެސް ގޮވާލެއްވިއެވެ.

މިއަދު ރާއްޖޭގެ ތަޢްލީމީ ސިޔާސަތަށް މިވަނީ މުހިންމު ބަދަލުތަކެއް ގެނެވިފައިކަން ފާހަގަކުރައްވަމުން، އާ ސަރުކާރު ވެރިކަމާ ޙަވާލުވުމާއެކު، ރާއްޖޭގެ އެކިކަންކަމަށް ބޮޑެތި އިޞްލާޙީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތުގެ ތެރެއިން ތަޢްލީމީ ދާއިރާއަށްވެސް މުހިންމު ބަދަލުތަކެއް އަންނަމުންދާކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ތަޢްލީމީ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ، ޒަމާނީ ތަޢްލީމު ދިނުމުގައި ދުނިޔޭގައި ތަރައްޤީވަމުން އަންނަ ޤައުމުތައް ދަތުރުކުރަމުންދާ މިޞްރާބަށް ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ކުދިންގެ ތަޢްލީމީ ފެންވަރު ރަނގަޅު ކުރެއްވުމަކީ، ސަރުކާރުން މިއަދު ވަރަށްބޮޑު އިސްކަމެއްދެއްވާ އެއްކަންތައްކަން ބަޔާންކުރެއްވިއެވެ. "ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ، ކުދިން ބައިވެރިވާ އިމްތިޙާނުތަކުން ހޯދާ ނަތީޖާތައް، އެއް އަހަރުން އަނެއް އަހަރަށް ރަނގަޅު ކުރުމަށެވެ. ކޮންމެ ދަރިވަރަކީވެސް އެކުއްޖެއްގެ ޢާއިލާއަށާއި، މުޅި މުޖްތަމަޢަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރާ، މުޖްތަމަޢުގެ އިޙްތިރާމާއި ލޯބި ލިބިފައިވާ ރަނގަޅު އަޚްލާޤެއްގެ ވެރި ކުއްޖަކަށް ހެދުމަށެވެ. އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން މިގެންދަނީ އަޅަމުންނެވެ." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ކުދިން ތަރުބިއްޔަތު ކުރެއްވުމުގައި، ބެލެނިވެރިންގެ ދައުރު ހަނދުމަފުޅު ނައްތާނުލެއްވުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރެއްވިއެވެ. އަދި މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ، މަސްތުވާތަކެތީގެ މައްސަލަ ކަމަށްވުމާއެކު، މިކަމުން ދަރިން ސަލާމަތް ކުރުމުގައި، މައިންބަފައިން އަދާކުރައްވަންޖެހޭ ދައުރު ވަރަށްބޮޑުކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. އެކުދިން ބޮޑެތިވަމުން އަންނައިރު، އެކުދިންގެ ކަންތައްތައް ވީހާވެސް ގާތުން ބައްލަވައި، އެކުދިންނާ އަޅާލައްވައި، ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށާއި، މައިންބަފައިން ދަރިންނާ އަޅާނުލައްވާނަމަ، އެކުދިން މަގުން ކައްސާލައިގެން ދިޔުމަކީ، ވަރަށް ގާތުގައި އޮންނާނެ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިސްލާމްދީނުގެ މަތިވެރި ގިއުގަނޑުގެ ތެރޭގައި، އެކުދިން ބޮޑެތި ކުރައްވައި، އެކުދިންގެ ސަބަބުން އަޅުގަނޑުމެންގެ މުޖްތަމަޢަށް ފައިދާތަކެއް ޙާޞިލު ކުރެވޭނެ ގޮތަކަށް އެކުދިންގެ ކަންތައްތައް ބަލަހައްޓަވަމުން ގެންދެވުމަށްވެސް ނައިބު ރައީސް އިލްތިމާސް ކުރެއްވިއެވެ.

2008 ވަނަ އަހަރު ދަރުމަވަންތަ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ގްރޭޑް 10 ޖޭ ގެ ދަރިވަރު މުޙަންމަދު ޝަފީޢުއަށާއި، ޚާއްޞަ ވަނަތަކަށް އިނާމު ދެއްވީ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. އެ ސްކޫލުގެ ފަރާތުން ނައިބު ރައީސަށް ޝަރަފުގެ ފިލައެއް އެރުވިއެވެ. މި ފިލާ އެރުއްވީ ޕްރިންސިޕަލް އަލްފާޟިލް ޢަބްދުﷲ ދީދީއެވެ.