بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ހޯމް އެފެއާރޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މިޖަލްސާގައި އިނާމުތައް ލިބިވަޑައިގަންނަވާ ބޭފުޅުން، ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


މިއަދު އަޅުގަނޑުމެން މި ފާހަގަކުރާ ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުންނަށާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް އަރިސްކުރަން.


މިރޭގެ މި ޖަލްސާގައި އަޅުގަނޑުގެ އެންމެ އިސް އެއް ވާޖިބެއްކަމުގައި ދެކެނީ، ދިވެހި ދައުލަތުގެ ޢިއްޒަތް އެރުވުނު، މާފަންނު މަޚްމާވިލާ އިބްރާހީމް އިސްމާޢީލަށާއި، މައްޗަންގޮޅީ ވިލުވެލި ބަދުރުއްނަޞީރަށް، ދިވެހި ދައުލަތުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން.


މި ޖަލްސާގައި ފެނުނު ވީޑިއޯ ރިޕޯޓުންވެސް، އެބޭފުޅުން ދިވެހި ޤައުމަށް ކޮށްދެއްވި ޚިދުމަތްތައް، ވަރަށް ތަފްޞީލުކޮށް އަޅުގަނޑުމެންނަށް އެނގިއްޖެ. އޭގެތެރެއިން އިބްރާހީމް އިސްމާޢީލަކީ، ދިވެހި ސަރުކާރަށް 44 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި، ޚާއްޞަކޮށް، ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، އަދި ކުޅިވަރުގެ ތާރީޚުގައި ފަޚުރުވެރި ކާމިޔާބީތަކެއް ޙާޞިލުކުރައްވާފައިވާ ބޭފުޅެއް. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވައި، ރާއްޖޭގެ ތަޢުލީމު ފުޅާކުރައްވައި، ތަރައްޤީ ކުރެއްވުމުގައިވެސް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއް.


ބަދުރުއްނަޞީރަކީ، ރާއްޖޭގައި ރޭޑިއޯގެ ޚިދުމަތް ދޭން ފެށިތާ ވަރަށް ކުރީކޮޅު، އެދާއިރާއާ ގުޅިވަޑައިގެން، އެދާއިރާގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭފުޅެއް. އަޅުގަނޑުމެންގެ ސްކޫލް ދުވަސްވަރުގައިވެސް، އޮފީސްތަކަށާއި ސްކޫލަށް ދާން ތައްޔާރުވުމުގައިވެސް، އެންމެންގެ ބައިވެރިއަކީ، ބަދުރުވެސް ހިމެނިވަޑައިގެން ގެނެސްދެއްވި، ބާއްޖަވެރި ހެނދުނެއް. މަރްޙޫމް ޖަމީލު ދީދީގެ ވާހަކަ، "ގިތެޔޮ ގުޅި"، އޭގެ ފުރިހަމަ އަސަރާއެކު އަޅުގަނޑުމެންނަށް އިޙްސާސްކުރެވުނީ، ޑްރާމާއެއްގެ ގޮތުގައި ބަދުރުމެން އެ ވާހަކަ ހުށަހަޅުއްވައިދެއްވިލެއް ފުރިހަމަކަމުން. މަރްޙޫމް ސައިކުރާ އިބްރާހީމް ނަޢީމްގެ ވާހަކަ، "ޙަޔާތުގެ ރާސްތާ"އަކީވެސް، ބަދުރުގެ ބައިވެރިވުން ވަރަށް ފާހަގަކުރެވުނު ޑްރާމާއެއް.


ހަމައެކަނި އެބޭފުޅެއްގެ އަޑު އިވިގެން، ރާއްޖޭގެ އުތުރުން ދެކުނަށް، އެބޭފުޅަކަށް އިޙްތިރާމާއި ލޯބި އުފެދުނު މަދު ބޭފުޅުންގެ ތެރޭގައި ބަދުރު ހިމެނިވަޑައިގަންނަވާނެ. އެހެންކަމުން، ބަދުރުއްނަޞީރަށާއި، އިބްރާހީމް އިސްމާޢީލަށް، އަދިވެސް އެއްފަހަރު އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.


މިރޭގެ މި ޖަލްސާއަކީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމުވެސް ދިނުމަށް ހަމަޖެހިފައިވާ ޖަލްސާ. އެހެންކަމުން، މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 14 ބޭފުޅުންނަށާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 24 ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.


އަދި މަތީ ދަރަޖަ ހޯދައިގެން ޚާއްޞަ އިނާމު ޙާޞިލުކުރައްވާ، ރާއްޖޭގެ ޒުވާން ޢިލްމީ ބޭފުޅުންނަށާއި، ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުން ރަން ވަނަ ޙާޞިލު ކުރެއްވި ކުޅުންތެރިންނަށްވެސް، މި ފުރުޞަތުގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރަން. އަދި އެބޭފުޅުން ކުރައްވާ ޚިދުމަތުގައި ދެގޮތެއްނުވެ ކުރިއަށް ވަޑައިގަތުމަށް ހިތްވަރު އަރުވަން.


މިހާރު ކުރިމަތިވެފައިވާ ކޯވިޑްގެ ދަތި އުނދަގޫ ޙާލަތުގައިވެސް، މިއަހަރު ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވުމުގައި، ޤައުމީ އިނާމާބެހޭ ކޮމިޓީން ކޮށްދެއްވި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކޮށް، ކޮމިޓީގެ ޗެއަރޕަރސަން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދަށާއި، ކޮމިޓީގެ ހުރިހާ މެންބަރުންނަށް، އަޅުގަނޑުގެ ހިތުގެ އަޑިން ޝުކުރު ދަންނަވަން. އަދި ޚާއްޞަ އިނާމާބެހޭ ކޮމިޓީގެ މެންބަރުން ކޮށްދެއްވި މަސައްކަތްޕުޅުތައް ހަނދާންކޮށް، ކޮމިޓީގެ ޗެއަރމަން ޑޮކްޓަރ އިބްރާހީމް ޙަސަނަށާއި، ކޮމިޓީގެ މެންބަރުންނަށްވެސް ޝުކުރު ދަންނަވަން.


ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖަ ޙާޞިލުކުރާ ޙާފިޡުންނަށް، މިއަހަރުން ފެށިގެން ޚާއްޞަ މެޑެލެއް ދޭގޮތަށް އަޅުގަނޑުވާނީ ކަނޑައަޅާފައި. އެގޮތުން މިރޭގެ ޖަލްސާގައި 4 ޙާފިޡަކު މި ޚާއްޞަ މެޑެލް ޙާޞިލުކުރައްވާ. އެހެންކަމުން، އެ 4 ޙާފިޡުންނަށް އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރަން. އަދި އެ ޙާފިޡުންނަށް ޤުރްއާން ހިތުދަސްކޮށްދެއްވުމުގައި، އެ ކުދިންގެ ލޮބުވެތި މައިންބަފައިންނާއި ބެލެނިވެރިންނާއި މުދައްރިސުން ކޮށްދެއްވި މަސައްކަތްޕުޅުތައްވެސް ފާހަގަކޮށް، އެބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.


21 ވަނަ ޤަރުނުގެ ފުރަތަމަ 20 އަހަރު ނިމިގެންދާއިރު، އަޅުގަނޑުމެން މިވަނީ ދިވެހިރާއްޖޭގެ ތާރީޚު މީގެ ކުރިން ނުދެކޭފަދަ، 2 ކާރިސާއަކާ ކުރިމަތިލާންޖެހިފައި. ފުރަތަމަ ކާރިސާއަކީ މީގެ 16 އަހަރު ކުރިން، 2004 ޑިސެންބަރު 26 ވަނަ ދުވަހު، އަޅުގަނޑުމެންނާ ކުރިމަތިވި ސުނާމީ ކާރިސާ. ދެވަނަ ކާރިސާއަކީ ކޮވިޑް-19ގެ ބަލިމަޑުކަން.


ކާރިސާގެ ހިތާމަވެރި ތަޖުރިބާތައް، އަޅުގަނޑުމެންގެ އެތައް ބައެއްގެ ހަނދާނުގައި، މިހާރުވެސް އެބަހުރި. އެ ކާރިސާގައި އަޅުގަނޑުމެންގެ ތެރެއިން 82 މީހުން މަރުވެ، 26 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި. އެ ހިތާމަވެރި ކާރިސާގައި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ، ލޮބުވެތި އަޚުންނާއި އުޚުތުންގެ ހަނދާންތައް އައުކޮށް، اللهُ سُبْحَانَهُ وَتَعَالَى ގެ ހެޔޮ ރަޙްމަތުގައި އެއެންމެން ލައްވަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރަން.


އެދުވަހުގެ އެވަގުތުގައި އަޅުގަނޑަށްވެސް ހުރެވުނީ، އަޅުގަނޑުގެ އުފަން ރަށުގައި ކަމަށްވުމުން، މިއަދު ވީކަމެއްހެން، އެމަންޒަރުތައް އަޅުގަނޑުގެ ލޮލަށް މިހާރުވެސް ފެންނަމުން އެބަދޭ. ރައްޔިތުން އުޅުނު ޙާލު، ކުރިމަތިވި ބިރުވެރިކަން، އެއީ ހަނދާނުން ފޮހެވޭނެ ކަންކަމެއް ނޫން.


ސުނާމީ ކާރިސާގެ ދުވަސް، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރަނީ ވަރަށް މުހިންމު ސަބަބުތަކަކާހުރެ. ފުރަތަމަ ސަބަބަކީ، އެކާރިސާ ކުރިމަތިވި ނާޒުކު ވަގުތުގައި، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި، އަޅުގަނޑުމެން ދެއްކި އެއްބައިވަންތަކަން. ދެވަނަ ސަބަބަކީ، ސުނާމީން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، ޤައުމީ ފެންވަރުގައި ހިންގި ޙަރަކާތްތަކުގައިވެސް، ރައްޔިތުން ސާބިތުކޮށްދިން އެއްބައިވަންތަކަން.


އެދުވަހުގެ ބިރުވެރި ވަގުތުގައި، އަޅުގަނޑުމެންގެ މެދުގައި އޮތް އިންސާނިއްޔަތުކަމުގެ ގުޅުން ވަރަށް ރަނގަޅަށް ސާބިތުވެގެންދިޔަ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ވާދަވެރި ކެމްޕޭން ހިނގަމުންދިޔަ ދުވަސްވަރުވެސްމެ. ނަމަވެސް ސިޔާސީ ވާދަވެރިކަން އެއްފަރާތްކޮށް، ޤައުމީ އެއްބައިވަންތަކަން ކުރިއަށްނެރެ، އެންމެން އިސްކަންދިނީ، އެކަކު އަނެކަކަށް އެހީތެރިވުމަށް.


ސުނާމީ ކާރިސާގެ ހަނދާންތައް އައުކުރާއިރު މިއަދު މިވަނީ، އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ޖައްވު ހޫނުވެ، އަދި ކަނޑުފަޅާއި އެއްގަމުގައި ދިރިއުޅޭ ބައެއް ތަކެތި މުޅިން ނެތިގޮސް، ބިން ތިރި ބައެއް ޤައުމުތައް މުޅިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރާ ކުރިމަތިލާންޖެހިފައި. ދިވެހިރާއްޖެއަކީ ތިމާވެށީގެ މައްސަލަތަކުގައި، އަބަދުވެސް އެންމެ އިސް ސަފުގައި އަޑުއުފުލާ ޤައުމެއް. މިއަދުވެސް އެކަން އޮތީ އެގޮތަށް.


އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް، ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން، 2023 ގެ ނިޔަލަށް ހުއްޓާލުމަށް އެކުލަވައިލި ޕްލޭން ތަންފީޒުކުރުމަށް މިހާރުވަނީ ފަށާފައި. މިހާރު އަޅުގަނޑުމެންގެ އަމާޒަކީ، 2030 ވަނަ އަހަރާ ހަމައަށް ނެޓް ޒީރޯ އެމިޝަންސް އަށް ވާޞިލުވުން.


މިއީ ޙާޞިލުނުވެވޭނެ ލަނޑުދަނޑިއެއް ނޫން. ބޭނުންވަނީ، އެންމެން އެކުގައި މަސައްކަތް ކުރުން. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންގެ އަރިހުން މި އެދެނީ، މިކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންދެއްވުމަށް. މިކަން ޙާޞިލުކުރުމުގައި އަމިއްލަ ކުންފުނިތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ފަރުދުންގެ ބައިވެރިވުން ސަރުކާރަށް ބޭނުންވޭ.


މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 މިވަނީ، މުޅި ދުނިޔެ ހުއްޓުމަކަށް ގެނުވާފައި. މިކާރިސާގައި، އިޤްތިޞާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވި އެއް ޤައުމަކީ މި ދިވެހިރާއްޖެ. އިޤްތިޞާދުގެ ބޮޑު ބައެއް ފަތުރުވެރިކަމަށް ބަރޯސާވެފައި އޮއްވައި، ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމަކަށް އައުމުގެ ސަބަބުން، މިއަދު އަޅުގަނޑުމެން ދެކެމުން މިދަނީ، ރާއްޖެ ދުވަހަކުވެސް ނުދެކޭވަރުގެ އިޤްތިޞާދީ ދަތިކަމެއް.


އެހެން ނަމަވެސް، މާތް ﷲގެ ވާގިފުޅާއެކު، އުފާވެރި ދުވަސްތަކަކަށް އަލިވިލޭކަމުގެ އުންމީދުތައް އަންނަނީ އައުވަމުން. ކޯވިޑް-19އަށް ވެކްސިންތައް އުފައްދައި ބޭނުންކުރަން ފަށާފައިވާއިރު، ރާއްޖެއަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ އެކަން ހަމަޖެހިގެންދާނެ. އެކަމުގެ ތަފްޞީލުތައް ކަމާބެހޭ ފަރާތްތަކުން ހާމަކުރަމުން ދާނެ.


ކޯވިޑުން ރައްކާތެރިވުމުގެ ގޮތުން، ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު، އަލުން ހުޅުވައިލުމާއެކު، މާތް ﷲގެ ވާގިފުޅާއެކު، ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް އަތުވެއްޖެ. ދުނިޔޭގެ އެކިކަންކޮޅުތަކުގެ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ބޭނުންވާ މަންޒިލަކަށް މިއަދު ވެފައި މިވަނީ މި ދިވެހިރާއްޖެ.


ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިންނަށް މަރުޙަބާ ކިޔަން ފެށުނީ، ރައްޔިތުންގެ ވަރަށް މަތިވެރި ޤުރުބާނީތަކެއްގެ ސަބަބުންކަން އަޅުގަނޑަށް ޔަޤީން. އެހެންކަމުން، ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގައި، ދިވެހި ރައްޔިތުންގެ ފަރާތުން ލިބުނު އަދި ލިބެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.


މިބަލި ކޮންޓްރޯލް ކުރުމަށް، އެންމެ ކުރީ ސަފުގައި، ޞިއްޙީ ޚިދުމަތްތެރިން އެކުރައްވާ ބުރަ މަސައްކަތް އަޅުގަނޑުމެން ހަނދާނެއް ނުނެތޭ. އެބޭފުޅުންގެ މަސައްކަތުގެ އަގުވަޒަންކޮށް، ކޯވިޑްއާ ދެކޮޅަށް، އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.


ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ލުއިތައް ދެމުން އަންނައިރު، ޤައުމު ކުރިން އޮތް ޙާލަތަށްވުރެވެސް، ރަނގަޅު ޙާލަތަކަށް ގެންދެވޭނީ، މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކޮށްގެންކަން އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންވާނެ.


ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް މިކުރާ މަސައްކަތުގައި، އެންމެ އިސްކަމެއް ދޭންޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަން. ރާއްޖޭގެ ފަތުރުވެރިކަމެކޭ އެއްގޮތަށް، ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީވެސް، މިހާރަށްވުރެވެސް ބޮޑަށް، ދުނިޔޭގެ މަޤްބޫލުކަން ހޯދޭނެ ޞިނާޢަތެއް. އެއީ ތިމާވެށްޓާ އެންމެ ރައްޓެހި ގޮތަށް ދުނިޔޭގައި ކުރެވޭ މަސްވެރިކަން.


މަސްވެރިކަމުގެ ޞިނާޢަތަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ، ފަތުރުވެރިކަމެކޭ އެއްގޮތަށް، އެ ވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުން ކަމަށް ބުނެވިދާނެ. ނަމަވެސް މިވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތުކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. މިވަގުތު އެކަންކޮށްފި ނަމަ، މަސްވެރިކަމަށް ބޮޑެތި ލޯނުތައް ނަގައި އިންވެސްޓްކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތް.


އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް މި ޞިނާޢަތް ދޫކޮށްލުމަށްޓަކައި، މީގެ އަހަރުތަކެއް ކުރިން ސަރުކާރުން މަސައްކަތްތަކެއް ކުރީމު. ވަރަށް ގިނަ ލުއިތަކެއްވެސް ދިން. ނަމަވެސް، މަސްވެރިންގެ ޝަކުވާތައް ދިޔައީ، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. އަޅުގަނޑުމެން މިދަނީ މަސްވެރިންގެ ޝަކުވާތައް އަޑުއަހަމުން، އަދި އެޝަކުވާތަކަށް ޙައްލެއް ހޯދުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. އަޅުގަނޑުމެންގެ ސިޔާސަތަކީ، މަސްވެރިންނަށް އެންމެ ފައިދާ ހުރި ގޮތަށް މި ޞިނާޢަތު ބައްޓަންކުރުން.


އެނގިވަޑައިގަންނަވާނެ ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އޮތް ޙާލަތު. ބޮޑު ގެއްލުމެއްގައި ހިންގާތާ އެތައް އަހަރެއްވެއްޖެ. ވެއަތުވެދިޔަ ދެ އަހަރުގެ ތެރޭގައިވެސް، ސަރުކާރާއި އެސް.ޓީ.އޯ އިން މިފްކޯގެ ޚަރަދުތައް ދެކޮޅުޖެއްސުމަށްޓަކައި 571 މިލިއަން ރުފިޔާ ވަނީ ދީފައި. އެކަން އެގޮތަށް ކުރަންޖެހުނީ، މަސްވެރިންނަށް ލިބޭ އާމްދަނީ ހުއްޓުމަކަށް އަޔަނުދިނުމަށްޓަކައި.


މިދިޔަ އަހަރަކީ، މިފްކޯގެ ވެއަތުވެދިޔަ 14 އަހަރުގެ ތާރީޚުގައިވެސް، އެންމެ ގިނައިން މަސް ގަތް އަހަރު. އެއީ، 48494 ޓަނުގެ މަސް. އަދި މިފްކޯގެ މުޅި ޙަޔާތުގައިވެސް އެންމެ ގިނަ ފައިސާ، މަސްވެރިންނަށް ދީފައިވަނީވެސް މިދިޔަ 2019 ވަނަ އަހަރު. އެ އަހަރުގެ ތެރޭގައި، މަހުގެ އަގުގެ ގޮތުގައި މިފްކޯއިން މަސްވެރިންނަށް 903.7 މިލިއަން ރުފިޔާ ދޫކުރި. އާދެ، ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާއާ ގާތްކުރާ ޢަދަދެއް މިވަނީ މަސްވެރިންނަށް ދޫކުރެވިފައި.


އަދި މިހިނގާ 2020 ވަނަ އަހަރުގެ މިހާތަނަށް، މަސްވެރިންގެ އަތުން 44510 ޓަނުގެ މަސް މިފްކޯއަށް ގަނެ، 840.31 މިލިއަން ރުފިޔާވަނީ މަސްވެރިންނަށް ދޫކޮށްފައި. މިސަރުކާރު ފެށުމާއެކު، މިފްކޯއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން މިއަންނަނީ ކުރަމުން.


މިފްކޯގެ ދަށުގައި އޮތް ފެލިވަރު ކޭނިންގ ފެކްޓްރީއަށް އެކަނި ބެލިކަމުގައިވިޔަސް، ބަދަލުތަކެއް އަންނަކަން ގަބޫލުކުރަންޖެހޭނެ. 2018 ވަނަ އަހަރު ފެލިވަރަށްގަތީ 4000 ޓަނުގެ މަސް. 2019 ވަނަ އަހަރު، މިދިޔަ އަހަރު 9000 ޓަނުގެ މަސް. އަދި މި އަހަރުގެ މިހާތަނަށް 12000 ޓަނުގެ މަސް، ފެލިވަރަށް ގަނެފި. މިއީ މިފްކޯ ރަނގަޅު ކުރުމަށްޓަކައި މި ސަރުކާރުން ގެންނަ ބޮޑެތި ބަދަލުތައް.


ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރާއިރު، ޤައުމުގައި ހުރި ޤައުމީ ބޮޑެތި މައްސަލަތަކާމެދު، ކޮންމެ މީހަކުވެސް ފިކުރު ހިންގުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއް. ސުނާމީ ކާރިސާގައި ދިވެހިން ސާބިތުކޮށްދިން އެއްބަނޑުއެއްބަފާކަމާއި، އެކުވެރިކަމާއި، އެއްބައެއްވަންތަކަމުގެ ރޫޙުގައި ކުރިއަށްދާން ޢަޒުމް ކަނޑައަޅައިފިނަމަ، މިހާރު ޤައުމުގައި ހުރި ބޮޑެތި މައްސަލަތައްވެސް، މާތް ﷲގެ ވާގިފުޅާއެކު ޙައްލުކުރުމަކީ، މާ އުނދަގޫ ކަމަކަށް ނުވާނެ.


އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى ގެ މިންވަރުފުޅަށް ރުހި ޤަބޫލުވެ، އެކަލާނގެ އެއްކައުވަންތަކަމުގެ ޢަޤީދާގައި ސާބިތުވެ ތިބެ، ޤައުމު އަލުން އާރާސްތުކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. ޤުދްރަތީ ކާރިސާތަކުންނާއި، އެންމެހައި ބަލިމަޑުކަމުން ދިވެހިން ރައްކާތެރިކުރައްވައި، ރާއްޖެއާއި ރާއްޖޭގައި އުޅޭހައި ބަޔަކަށް، ދިވެހިރާއްޖެއަކީ އަމާން ތަނެއްކަމުގައި ލައްވާށި! ރާއްޖޭގެ ރައްޔިތުންނަށް ފާގަތިކަމާއި އިތުރު ތަރައްޤީއާއި ނަޞްރާއި ނަސީބު މިންވަރު ކުރައްވާށި! އާމީން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.