ރާއްޖޭގެ ޓޫރިޒަމް މާލެ އަތޮޅުގައި ފެށިގެން އައިއިރުވެސް އައްޑުއަތޮޅުގެ ހީވާގި ޒުވާނުން، އެ ޞިނާޢަތު ބިނާކުރުމުގައި ނުހަނު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ފާހަގަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރެއްވީ، ޝަންގްރިއްލާސް ވިލިނގިލި ރިޒޯޓް އެންޑް ސްޕާއަށް ރޭ ޒިޔާރަތް ކުރައްވައި، އެ ރިޒޯޓުގައި ރޭ އޮތް ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ރިޒޯޓް ހުޅުވިގެންދިއުމުން، އައްޑުއަތޮޅުގައި ވަޒީފާތައް އިތުރުވެގެންދާނެ ކަމަށާއި، އިޤްތިޞާދީ ފުރްޞަތުތައް ހުޅުވި، އެއަރޕޯޓްގެ ވިޔަފާރިއާއި އެހެންވެސް ވިޔަފާރިތައް ރަނގަޅުވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިރާއްޖެއަށް އަންނަ މެހްމާނުންނަށް އައްޑުއަތޮޅުން މެހްމާންދާރީ އަދާކުރުމުގެ ފުރްޞަތު ދެވޭކަން އެއީވެސް، ރައްޔިތުންނަށް އިޙްސާސް ކުރެވޭ ވަރަށްބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ވަރަށްގިނަ ޤައުމުތަކުން ރާއްޖެއަށް މެހްމާނުން ޒިޔާރަތް ކުރަމުންދާއިރު، އެމީހުންގެ ހިތްތަކުގައި ދިވެހިންނާ ގުޅޭގޮތުން ބިންވަޅު ނެގިފައި ހުންނަނީ، ވަރަށްވެސް އުފާވެރި ގޮތަކަށްކަން އެމަނިކުފާނު ބަޔާން ކުރެއްވިއެވެ. އަދި އައްޑުއަތޮޅުގެ ރައްޔިތުންނަކީ، މެހްމާނުންނަށް އިޙްތިރާމް ކުރުމާއި، މެހްމާނުންނަށް ކަމޭހިތުމާއި، މެހްމާނުންނާއެކީ އުޅުމުގެ ހުނަރު ލިބިފައިވާ ބައެއް ކަމަށް ވިދާޅުވިއެވެ.

މި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އެރުއްވިއެވެ. މި ފިލާ އެރުއްވީ، އެ ރިޒޯޓްގެ ޖެނެރަލް މެނޭޖަރ މިސްޓަރ ޔެންސް މޫސްކަރއެވެ.
މި ޙަފްލާއަށްފަހު، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި އައްޑުއަތޮޅު ހެރެތެރެ ރިޒޯޓްގެ ކަންތައްތައް ވަކިގޮތަކަށް ނިމި، އަދި އެ ރިޒޯޓް އަލުން ހިންގަން ފެށުމުން، ބައިނަލްއަޤްވާމީ ފްލައިޓްތައް އައްޑުއަތޮޅު ގަމަށް ގެނެވޭނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ޕްރައިވެޓް ޖެޓްފަދަ ބޯޓުތައްވެސް އައްޑުއަތޮޅު ގަމަށް ޖެއްސޭނެ ގޮތަށް އޮތުމަކީ، ޝަންގްރިއްލާސް ވިލިނގިލީ ރިޒޯޓަށްވެސް ލިބިގެންދާނެ ވަރަށްބޮޑު ފައިދާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު އެ ރިޒޯޓްގެ އެކި ތަންތަނަށް ވަޑައިގެން، އެތަންތަން ބައްލަވާލެއްވިއެވެ.