بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އެންވަޔަރަންމަންޓް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ، އެޗް.ޑީ.ސީ.ގެ ޗެއަރމަން މުޙައްމަދު ޖައިޝް އިބްރާހީމް، ހުޅުމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ނިޔާޒު، އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ، އަދި ބޯޑުގެ ޑައިރެކްޓަރުންނާއި، އެޗް.ޑީ.ސީ.ގެ އެންމެހައި މުވައްޒަފުން، އަދި މިއަދުގެ މި ސާފުކުރުމުގެ "ސާފު ހުޅުމާލެ"، މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑަށް މިފަދަ ޕްރޮގްރާމެއްގައި، ޚާއްޞަކޮށް ސާފުކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު އެޗް.ޑީ.ސީ.ގެ ފަރާތުން ދެއްވީތީ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން.

އާދެ، އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަށް، ދިވެހިރާއްޖޭގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ، ސަރުކާރާއި ހަވާލުވެވަޑައިގަތުމާއެކު އެންމެ ފުރަތަމަ ބޮޑު ޕްރޮގްރާމެއްގެ ގޮތުގައި 2018 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 8 ވަނަ ދުވަހުވެސް ބޭއްވިގެން ދިޔައީ މުޅި ރާއްޖެ، އާދެ، މުޅި ރާއްޖޭގެ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުން. އާދެ، މިކަމުންވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ، ސާފުތާހިރުކަން، އާދެ، ސާފުކުރުމުގެ މުހިންމުކަމާއި، އަދި ސާފުތާހިރުކަމަށް މި ސަރުކާރުންނާއި އަދި ރައްޔިތުން އެ ދޭންޖެހޭ ސަމާލުކަން އެއިން އެކަނިވެސް އަޅުގަނޑުމެންނަށް ފާހަގަވެގެން އެބަދޭ.

އާދެ، އަޅުގަނޑުމެން މީގައި ހަނދާންކޮށްލަން އެބަޖެހޭ. އަޅުގަނޑުމެންނަށް އަބަދުވެސް ދިވެހިރާއްޖޭގެ ރަށްތަކުންނާއި، އަދި މާލެއިންވެސް، ޚާއްޞަކޮށް ފަތިހުގެ ވަގުތުތަކުގައި، އިރުއަރައިގެން އަންނަ ވަގުތުތަކުގައި ރީތި އަޑެއްގެ ގޮތުގައި، ރީތި މަންޒަރެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އަބަދުވެސް ފެނޭ، މަގުމަތި ފޮޅައި ސާފުކުރުމާއި، ގޯތިގެދޮރު ސާފުކުރުމުގެ ރީތި އާދަތައް. އާދެ، ދިވެހީންނަކީ އަޅުގަނޑު ދަންނަވާނީ ޒަމާނުއްސުރެ ފެށިގެން ސާފުތާހިރުކަމަށް ވަރަށް ބޮޑަށް ލޯބިކުރާ ބައެއް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް މި ލިބިފައިވާ، ދިވެހިރާއްޖޭގެ ރިވެތި، އާދެ، މި ޖަޒީރާވަންތަ ރިވެތިކަމުގައިވެސް އެންމެ މުހިންމު އެއްސިފައަކީ އަޅުގަނޑު ދަންނަވާނީ ސާފުތާހިރުކަމޭ. އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެން އެކަމަކަށްޓަކައި ފަޚްރުވެރިވާ، ދިވެހިރާއްޖޭގައި މިއޮތް ފަތުރުވެރިކަން، އާދެ، ދުނިޔޭގެ އެކި ޤައުމުތަކުން ދިވެހިރާއްޖޭގެ މި މަންޒިލެއްގެ ގޮތުގައި މިތަނަށް މި އަންނަނީވެސް އަޅުގަނޑު ދަންނަވާނީ، ދިވެހިރާއްޖޭގެ ސާފުތާހިރުކަމުން އެ ދެވޭ ސަމާލުކަމަކީ އެއީ އޭގެ އެއް ސަބަބޭ.

އާދެ، މިއަދު، ބަދަލުވަމުންދާ ދުނިޔެއެއްގައި ޚާއްޞަކޮށް އަޅުގަނޑުމެން ތިމާވެށްޓާބެހޭ ކަންތައްތަކުގައި އަޅުގަނޑު ގަބޫލުކުރަނީ މިއަދު ދިވެހިރާއްޖެއަކީވެސް ވަރަށް ބަސްކިޔައި، ވަރަށް ބޮޑަށް އިސްނަގައި، ދުނިޔޭގެ ހަމަ ބޮޑެތި ޤައުމުތަކާ އެއް މިންވަރަކަށް އެ މަސައްކަތްކުރާ ޤައުމެކޭ. އަޅުގަނޑުމެން އެބަހުރި ޚާއްޞަ ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް. މިފަދަ ވަގުތެއްގައި އަޅުގަނޑު ދައްކަންހުރި ވާހަކަތައް ދައްކަން އަޅުގަނޑަށް ތަންކޮޅެއްދަތި.

އެހެންވީމާ، ވަރަށް ކުރުގޮތަކަށް އަޅުގަނޑު ދަންނަވާލާނަން. ޚާއްޞަކޮށް، އަޅުގަނޑުމެން އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުންކުރުން މުޅިން ހުއްޓުމަކަށް އައުމަށްޓަކައި ސަރުކާރުން މިހާރު ފަށާފައިމިވާ މަސައްކަތް ކާމިޔާބު ކުރެވޭނީ، އެކަމާ ގުޅިގެން އަޅުގަނޑުމެން ހުރިހާ ރައްޔިތުން އެކަމަށް ސަމާލުކަން ދެއްވައިގެން، އެ މަސައްކަތް ކުރެވިގެން.

އަޅުގަނޑު މިއަދު ހަމަ ވަކިން ޚާއްޞަކޮށް، ހުޅުމާލޭގެ ރައްޔިތުން، ނުވަތަ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުން މި ޕްރޮގްރާމުގައި ބައިވެރިވެ، މިކަންތައް ކުރަމުންދާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހުޅުމާލެ މި އަންނަނީ ވަރަށް ރީތި ނަލަ ޑިޒައިންތަކަކަށް އުފެދިގެން އަންނަ ސިޓީއެއްގެ ގޮތުގައި. އަޅުގަނޑުމެންނަށް ހަމައެކަނި ސިޓީ ރީތިވާނީކީ، ރީތި ބިލްޑިންގތަކެއް، ނަލަ ބިލްޑިންގތަކެއް ނުވަތަ ރީތި މަގުތަކެއް ހުރެގެނެއް ނޫން. ސިޓީ، ރީތި ސިޓީއަކަށް މިވަނީ، ހިތްގައިމު ތަނަކަށް މިވަނީ، އެންމެ ބޮޑު، އެންމެ އިސްކަމެއްގެ ގޮތުގައި މި އަންނަނީ އެތަނެއްގެ ސާފުތާހިރުކަމުން. ސާފުތާހިރުކަމަކީ އެއީ ކޮންމެ ފަރުދެއްވެސް އެ ފަރުދެއްގެ ޒިންމާ، ފަރުދީ ޒިންމާ އަދާނުކޮށް ކުރެވޭނެ ކަމެއްނޫން. އަޅުގަނޑުމެން ބަލައިލަންވީ ދުނިޔޭގެ ކުރިއަރާފައި ހުރި ޤައުމުތައް ކުރިއަރާފައި ހުރިއިރު، މި ކަންތައްތަކަށް ސަމާލުކަންދީފައި އޮތް މިންވަރު. އެންމެކައިރިން، ސިންގަޕޯރއަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާވެސް ރީތި ނަލަ ސިޓީއެއް ފެންނައިރު، އަޅުގަނޑުމެންނަށް މަގުމަތިން ހަމަ އެންމެ ކުނިކޮޅެއްވެސް ނުފެނޭ. އެންމެ ޓިޝޫ ޕޭޕަރެއްވެސް އަޅުގަނޑުމެންނަކަށް ނުފެނޭ.

އެހެންވީމާ، އަޅުގަނޑުމެން ހުރިހާ އެންމެންވެސް ސަމާލުކަމެއް ދޭންވީ، މިއީ އެކަމެއް ކުރުމުން އަޅުގަނޑުމެންނަށް ވާނެކަމެއް. އަޅުގަނޑުމެން މިގޮތަށް ވާހަކަދެއްކުމަކުން އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންނަށް އެކަމެއް ނުވާނެއޭ. ކޮންމެ މީހަކީވެސް މިކަމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއްދޭ، ވަރަށް ބޮޑު ސަމާލުކަމެއްދޭ މީހަކަށް ވެއްޖެކަމަށްވަންޏާ، އެއްވެސްޝައްކެއްނެތް، ދެން އަޅުގަނޑުމެންގެ ފަހަތުން ކުޑަކުދިންވެސް ދަސްކުރާނީ، މަގުމައްޗަށް ފުޅި އުކައިނުލުން، ގޮނޑުދޮށަށް ފުޅި އުކައިނުލުން، ގެންދާތަކެތި، ބާކީވާތަކެތި އުކައިނުލުން.

އެހެންވީމާ، މިއަދު އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ވަރަށް އަދަބުވެރިކަމާއެކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޚާއްޞަ ސަމާލުކަމެއްދެމާ ހިނގާށޭ. ދިވެހިންނަކީ ނަލަ ސިފަތަކެއް ހިމެނޭ ބައެއް. އެހެންވީމާ، އަޅުގަނޑުމެންގެ މި އުފެދިގެން އަންނަ ސިޓީތަކާއި، ތަރައްޤީވެގެން އަންނައިރު ރަށްތަކުގެ އެ ނަލަކަން ހިފެހެއްޓުމަށްޓަކައި މަގުމައްޗަށް ކުނި އުކުމާއި، ތަންތަނަށް އެއްޗެހި އުކުމާއި، މިކަންކަން ހަމަ އެއްގޮތަކަށްވެސް ނުކޮށް، މުޅިން މިކަން ހުއްޓައިލަމާ ހިނގާށޭ.

އާދެ، އެނގިވަޑައިގަންނަވާނެ، މިއަދު، ދެންމެ މެނޭޖިންގ ޑައިރެކްޓަރުގެ ވާހަކަފުޅުގައިވެސް އެންމެ ބޮޑަށް އެ ފާހަގަކުރެއްވީ، ކޯވިޑް-19 ގެ ޙާލަތުގައި ތަންދޭ މިންވަރުން މި މަސައްކަތް ކުރުމުގައިވެސް އެކަމަށް ސަމާލުކަން ދިނުން. އަޅުގަނޑު ދަންނަވާލަން އޮތީ، ކޯވިޑް-19 އިންވެސް އަޅުގަނޑުމެންނަށް ދަސްކޮށްދިން އެންމެ މުހިންމު ފިލާވަޅަކީ ސާފުތާހިރުކަމޭ. މިކަމުން ދުރުހެލިވުމަށްޓަކައިވެސް، އަވަހަށް މިކަމުން އަރައިގަތުމަށްޓަކައިވެސް އަޅުގަނޑުމެންނަށް ކުރެވެން އޮތް އެންމެ ބޮޑު ކަމަކަށް މިއޮތީ ސާފުތާހިރުކަން. އެހެންވީމާ، ސާފުތާހިރުކަމަކީ ކޮންފަދަ މުހިންމު ކަމެއްކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް، ވަރަށް ރަނގަޅަށް އެބައެނގޭ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިންވެސް، އަޅުގަނޑު ދަންނަވާލަން އޮތީ، ދިވެހިރާއްޖޭގެ ހުރިހާ ފަރާތްތަކަށް، ދިވެހިރާއްޖޭގެ ހުރިހާ ރަށްތަކާއި، ދިވެހިރާއްޖޭގެ ރިޒޯޓުތަކާއި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ތަނެއްގައި، ހުރިހާ ރަށްތަކެއްގެ، ހުރިހާ ރައްޔިތުންވެސް ޚާއްޞަ ސަމާލުކަމެއް މިކަމަށް ދެއްވައިގެން، އަޅުގަނޑުމެންގެ ރީތި ގޮނޑުދޮށްތަކާއި، ރީތި ފަރުތަކާއި، ގޯތި ގެދޮރު، މަގުމަތި ސާފުކޮށް ބޭއްވުމަކީ އެއީ އަޅުގަނޑުމެންގެ ފަރުދީ ޒިންމާއަކަށް ހެދުމުގެ މަސައްކަތް، އަޅުގަނޑުމެން އާ ޖޯޝަކާއެކު، ޚާއްޞަކޮށް، މި ކޯވިޑް-19ގެ ފިލާވަޅުތަކުން އެކަމަށް އައި މުހިންމުކަން އަޅުގަނޑުމެންނަށް އިތުރަށް ގަބޫލުވެވުނުހިނދު، އެކަމަށް އަޅުގަނޑުމެން އެންމެން، ހުރިހާ އެންމެން އެކަމަށް ސަމާލުކަން ދެއްވަމާ ހިންގަވާށޭ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ މި ވެށްޓަކީ، ރިވެތި ނަލަ ސާފު ވެއްޓެއްގެ ގޮތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ލެއްވުން. އަދި އަޅުގަނޑުމެން އެންމެންނަކީ ސާފުތާހިރުކަމަށް އިތުރަށް ލޯބިކުރާ ބައެއްގެގޮތުގައި މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.