بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އެމް.ޓީ.ސީ.ސީ.ގެ ޗެއަރމަން މުޙައްމަދު ފަހީމް، އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ އާދަމް ޢާޒިމް، އެމް.ޓީ.ސީ.ސީ.ގެ ބޯޑު މެންބަރުން، އެމް.ޓީ.ސީ.ސީ.ގެ ހުރިހާ މުވައްޒަފުން، އެ ކުންފުނީގެ އެންމެހައި ހިއްސާދާރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އެމް.ޓީ.ސީ.ސީ.އަށް 40 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި، މި ކުންފުނީގެ ޗެއަރމަން މުޙައްމަދު ފަހީމަށާއި، ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް ޢާޒިމަށާއި، ބޯޑުގެ ހުރިހާ ޑިރެކްޓަރުންނަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. އަދި މި ކުންފުނީގެ ހީވާގި އެންމެހައި މުވައްޒަފުންނަށްވެސް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަން. އަދި މި ކުންފުނީގެ އެންމެހައި ޙިއްޞާދާރުންނަށާއި، ކުންފުނީގެ ޚިދުމަތް ލިބިގަންނަ، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށްވެސް، ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަން.

މީގެ 40 އަހަރު ކުރިން، ސަރުކާރުން މި ކުންފުނި އުފެއްދީ، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތަކެއް، ވީހާ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި. އޭގެ ތެރެއިންވެސް، މި ކުންފުނިން އެންމެ ފުޅާ ދާއިރާގައި ކުރަމުން އަންނަ މަސައްކަތަކީ، ލަފާފުރުމުގައި ރަށްރަށަށް ދިމާވެފައި ހުރި ދަތިކަން ޙައްލުކޮށްދިނުމުގެ މަސައްކަތް.

މިއަދު ރަށްރަށުން މި ފެންނަ ޖާގަ ތަނަވަސް ބަނދަރުތަކާއި، ރަށްރަށުގައި ލާފައިވާ ކަނޑުތޮށްޓާއި އެއްގަމުތޮށިތަކާއި، ބިން ހިއްކުމުގެ މަސައްކަތުގެ ގާތްގަނޑަކަށް 90 އިންސައްތައަކީ މި ކުންފުނީގެ މަސައްކަތް. ރަށްރަށުގެ ފަޅު ފުންކުރުމާއި ބިންހިއްކުމުގެ މަސައްކަތަކީ، އެމް.ޓީ.ސީ.ސީ.ގެ ވަރަށް ޅަފަތުގައި ކުރަން ފެށި މަސައްކަތެއް. އަދި މިހާރު އެހާމެ ފުޅާވެފައި އޮތް މަސައްކަތެއް.

ރަށްރަށުގެ ޢުމްރާނީ ތަރައްޤީގެ ތެރެއިން، ބަނދަރު ހެދުމާއި، ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަސައްކަތަކީ، މި ކުންފުނިން އެންމެ ފުޅާ ދާއިރާގައި ކުރަމުން އަންނަ މަސައްކަތް. އަދި އެކަމުގައި އެންމެ ކުރިއަރާފައިވާ ދިވެހި ކުންފުންޏަކީވެސް މިއީ. މަގުހެދުމާއި އެއަރޕޯޓުތައް ހެދުމާއި، ޔުޓިލިޓީގެ ޚިދުމަތްތައް ޤާއިމުކުރުމަކީވެސް މި ކުންފުނީގެ މަސައްކަތުގެ އެއްބައި.

ރާއްޖޭގެ އިޤްތިޞާދީ ދާއިރާތަކަށް ބަލާއިރު، މަސްވެރިކަމުގެ ޞިނާޢަތް ކުރިއަރުވައި ތަރައްޤީ ކުރުމުގައިވެސް، މިދިޔަ 40 އަހަރުގެ ތެރޭގައި އެމް.ޓީ.ސީ.ސީ އިން އަދާކޮށްފައިވަނީ ޝުކުރުވެރިވުން ޙައްޤު ދައުރެއް. މަސްދޯނިފަހަރަށް ބޭނުންވާ އިންޖީނާއި، އިންޖީނުގެ ސްޕެއަރޕާޓްސް ފޯރުކޮށްދިނުމުގެ ޚިދުމަތަކީ، ދިވެހި މަސްވެރިކަން ތަރައްޤީވެ ދެމިއޮތުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ޚިދުމަތެއް.

މީގެ އިތުރުންވެސް، ރައްޔިތުންގެ އަސާސީ ބޭނުންތަކާ ގުޅިފައިވާ ވަރަށް ގިނަ ޚިދުމަތްތައް މި ކުންފުނިން މިހާރު ދެމުން އެބަގެންދޭ. އަޅުގަނޑު ދެކޭގޮތުގައި، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމުގައި، އެމް.ޓީ.ސީ.ސީ އިން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއް.

މި ކުންފުނީގެ 40 އަހަރުގެ ތާރީޚުގައި ވަރަށް ތަފާތު އެތައް ދުވަސްތަކެއް މާޒީވެގެން ހިނގައްޖެ. ކުންފުނީގެ ހިންގުން ގޯސްވެ، ފައިދާއެއްނުވެ ހިންގަންޖެހުނު ދުވަސްތައްވެސް ފާއިތުވެގެން ހިނގައްޖެ. ނަމަވެސް، މިހާރު ކުރިމަތިވެފައިމިވާ ކޯވިޑްގެ ސަބަބުން ކުރިމަތިވި ހުރަސްތަކާއެކުވެސް، ނިމިގެންމިދާ އަހަރަކީ، މި ކުންފުނީގެ މުޅި ތާރީޚުގައިވެސް އެންމެ ފައިދާ ބޮޑު އަހަރު.

އެހެންކަމުން، ކުންފުނީގެ ހިންގުންތެރި ލީޑަރޝިޕަށާއި ހުރިހާ މުވައްޒަފުންނަށް، ޚާއްޞަކޮށް، ކުންފުނީގެ ސީ.އީ.އޯ އާދަމް ޢާޒިމަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި މިދިޔަ 40 އަހަރުގެ ތެރޭގައި، ރައްޔިތުންނަށް ފޯރުކޮށްދީފައިވާ މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، އެމް.ޓީ.ސީ.ސީ.ގެ ކުރީގެ ބޯޑުތަކުގެ މެމްބަރުންނަށާއި، މިދިޔަ 40 އަހަރުގެ ތެރޭގައި، މި ކުންފުނި މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޝާމިލުވި، ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މިހާރު ކުރިމަތިލާންޖެހިފައި މިވަނީ ވަރަށްބޮޑު ބަދަލަކާ. ކޯވިޑް-19ގެ ސަބަބުން، ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށްޓަކައި، ތަރައްޤީގެ މުޅިން އައު މަސައްކަތްތަކެއް މިއޮތީ ފަށަން ޖެހިފައި. އަދި އެ މަސައްކަތްތައް ވަރަށް ބާރު ދުވެލީގައި ކުރިއަށް ގެންދަން އަޅުގަނޑުމެންނަށް މިހާރު މަޖުބޫރުވޭ.

މި އަންނަ އަހަރުގެ ތެރޭގައި، ރަށްރަށުގައި ހިންގަން ހަމަޖެހިފައި ހުރި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެބަހުރި. އޭގެ ތެރޭގައި 17 ރަށެއްގެ ބަނދަރު ހެދުމާއި، 27 ރަށެއްގެ ބަނދަރު ފެންވަރު މަތިކުރުމާއި، 2 ރަށެއްގައި ސަރަޙައްދީ ބަނދަރު ޤާއިމުކުރުމާއި، ބަނދަރު ތޮށިލުމުގެ 5 މަޝްރޫޢެއް، މި އަންނަ އަހަރަށް ކަނޑައެޅިފައި އެބަހުރި. އޭގެ އިތުރުން 22 ރަށެއްގެ މަގުތައް ހެދުމާއި، 23 ރަށެއްގެ ބިން ހިއްކުމާއި، 79 ރަށެއްގައި ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތައް ފެށުމަށް މި އަންނަނީ ތައްޔާރުވަމުން.

މިއީ ތަރައްޤީ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ތެރެއިން، އިސްކަންދީގެން މި އަންނަ އަހަރުގެ ތެރޭގައި ފެށުމަށް މިހާރު ރޭވިފައި ހުރި ބައެއް މަޝްރޫޢުތައް. މީގެ ތެރެއިން މި ކުންފުންޏާ ޙަވާލުކުރެވޭ މަޝްރޫޢުތައް، ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމައި، ކުންފުންޏާމެދު އުފެދިފައިވާ އިތުބާރާއި ޔަޤީންކަން ދަމަހައްޓާނެކަން އަޅުގަނޑަށް ޔަޤީން.

މިހެން މި ދެންނެވީ، ހަމައެކަނި މި އަހަރުގެ ތެރޭގައިވެސް، މި ކުންފުނީގެ ޤާބިލުކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައިވާތީ. ކޯވިޑް-19ގެ ސަބަބުން، ޤައުމުގެ އިޤްތިޞާދީ ޙަރަކާތްތައް މުޅިންހެން ހުއްޓުނު. ވަރަށް ގިނަ މަޝްރޫޢުތަކަށް ބުރޫއެރި. އިމްޕޯޓް އެކްސްޕޯޓް ވަރަށް ބޮޑަށް ދަށަށްދިޔަ.

ކޯވިޑްގެ މި ހުރަސްތަކާއެކުވެސް، މި އަހަރުގެ ފުރަތަމަ 9 މަހުގެ ނިޔަލަށް، ޓެކުހަށް ކެނޑުމުގެ ކުރިން މި ކުންފުންޏަށް ލިބުނު ފައިދާ 140 މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވުމަކީ، ކުންފުނީގެ ހިންގުންތެރިކަމާއި، މާލީ ރޭވުންތެރިކަން ހަރުދަނާކުރެވިފައިވާ ކަމުގެ ހެއްކެއް. އަދި މި ކުންފުނީގެ މުޅި ތާރީޚުގައިވެސް، އަހަރެއްގެ ފުރަތަމަ 9 މަހުގެ ތެރޭގައި ލިބުނު ސާފު ފައިދާއާއި އާމްދަނީވެސް އެންމެ މައްޗަށް ދިޔައީ މި އަހަރުގެ ތެރޭގައިކަން އަޅުގަނޑު ފާހަގަކޮށްލަން. އަޅުގަނޑަށް އެނގިފައި އޮތްގޮތުންވިއްޔާ، އެމް.ޓީ.ސީ.ސީ. އިން މި އަހަރު ނިންމާލާނީ، ކުންފުނީގެ ޙަޔާތުގައި އެންމެ މަތިން ސާފު ފައިދާ ލިބުނު އަހަރުގެ ގޮތުގައި.

ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޚާއްޞަ އިސްކަމެއް ދޭން ސަރުކާރުން މިހާރުވާނީ ނިންމާފައި. އެއީ، ލާމަރުކަޒީ ނިޒާމުން އަސާސީ ޚިދުމަތްތައް ދިނުމުގެ މުހިންމުކަން، ކުރިއަށްވުރެ އެތައް ގުނައެއް، މިހާރު ބޮޑުވެފައިވާ ކަމަށް ޤަބޫލުކުރެވޭތީ. ކޯވިޑްގެ ސަބަބުން މާލެ ފުރަބަންދުކުރަން ޖެހުމުން، އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތާއި، ދަތުރުފަތުރުގެ ނިޒާމު، ތަރައްޤީކުރުން އެތައް ގުނައެއް ހަލުވިކުރަން ޖެހިފައިވާ ކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ.

ރާއްޖޭގައި މިހާރުވެސް އެންމެ ގޮންޖެހުން ބޮޑު އަސާސީ ޚިދުމަތަކީ ދަތުރުފަތުރުގެ ޚިދުމަތް. އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ޤަޞްދުކުރާ އެންމެ މުހިންމު އެއް މަޝްރޫޢަކީ، ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް. އެކަން ކުރާނެ ގޮތުގެ ޕްލޭންތައް، ޕްލޭނިންގ މިނިސްޓްރީއާއި ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ އެކުލަވައިލާފައި.

އަޅުގަނޑުމެންގެ އެއް ވިސްނުމަކީ، މި މަޝްރޫޢު އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔުން. މިކަމުގެ މަޝްވަރާތައް، ޕްލޭނިންގ މިނިސްޓްރީއިން ވަރަށް އަވަހަށް އެމް.ޓީ.ސީ.ސީ.އާ އެކީގައި ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުން. އަޅުގަނޑުގެ އުންމީދަކީ، މި ކުންފުނީގެ ތަޖުރިބާއާއެކީ، މި މަޝްރޫޢަކީ ކާމިޔާބު މަޝްރޫޢަކަށް ވެގެންދިއުން.

މާލެ ސަރަޙައްދުގެ އެއްގަމު ދަތުރުފަތުރުގެ ޚިދުމަތަށްވެސް ހެޔޮ ބަދަލުތަކެއް އަންނަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. މާލެ، ހުޅުލެ އަދި ހުޅުމާލޭގައި މިހާރު ބަހުގެ ޚިދުމަތް ދެމުން މި އަންނަނީ އެމް.ޕީ.އެލްއާއި އެމް.ޓީ.ސީ.ސީ. އިން. މީގެ ތެރެއިން އެމް.ޓީ.ސީ.ސީ.އަކީ ދަތުރުފަތުރުގެ ޚިދުމަތަށް ޚާއްޞަ ކުންފުންޏަކަށްވާއިރު، ސަރުކާރުގެ ވިސްނުމަކީ، މި ސަރަޙައްދުގެ ބަހުގެ ޚިދުމަތްވެސް، އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްގެން ކުރިއަށް ގެންދިއުން. އެކަމާ ބެހޭގޮތުން މިހާރު ކުރިއަށްދާ މަޝްވަރާތައް ނިމި، މި ފެށޭ އަހަރުގެ ކުރީކޮޅު، މާތް ﷲގެ އިރާދަފުޅާއެކު، އެމް.ޓީ.ސީ.ސީ. އިން އެ މަސައްކަތާ ޙަވާލުވެ، އިތުބާރުހުރި ރަނގަޅު ޚިދުމަތްތަކެއް ދޭން ފަށާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން.

އަޅުގަނޑުގެ ދުޢާއަކީ، ރައްޔިތުންގެ އަސާސީ ޚިދުމަތްތަކާ ގުޅިފައިވާ ޤައުމީ މަޝްރޫޢުތައް ހަލުވިމިނުގައި ފުރިހަމަކުރުމަށް، މި ކުންފުނިން ކުރަމުން އަންނަ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ހެޔޮ ތައުފީޤު ދެއްވައި، ކުންފުންޏަށް އިތުރު ކުރިއެރުމާއި ފާގަތިކަން މިންވަރުކުރެއްވުން. އެމް.ޓީ.ސީ.ސީ.ގެ ހިންގުންތެރި ޓީމަށް ވަރަށް ފާގަތި ދުވަސްތަކަކަށް އެދެން.

އަޅުގަނޑުގެ މި ވާހަކަކޮޅަށްފަހު، އެމް.ޓީ.ސީ.ސީ.ގެ 40 އަހަރުގެ ތާރީޚާ ގުޅުވައިގެން ތައްޔާރުކުރި، ޚާއްޞަ ފޮތް، މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން، އިފްތިތާޙުކޮށްދިނުމުގެ އުފަލާއި ޝަރަފު އަޅުގަނޑު ލިބިގަންނަން.