ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ގޮތާބެހޭ އިތުރު މަޢްލޫމާތު ދެއްވީ މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުޙަންމަދު އަސްލަމެވެ. މިގޮތުން، ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމަށް ބިޑު ހުށަހެޅި ފަރާތްތަކުގެ ބިޑުތައް ދިރާސާ ކުރެއްވުމަށްފަހު، ދިރާސާ ކުރެއްވި ކޮމިޓީއަށް ފެނިވަޑައިގެންނެވި ކަންތައްތަކުގެ ތަފްޞީލު އެމަނިކުފާނު ދެއްވިއެވެ.

މިކަމާބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، މެދު ދެކުނު ޕްރޮވިންސްގެ ބިޑު ކާމިޔާބުކުރި ފަރާތާ ސަރުކާރާ ދެމެދު އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭވަރަށް މިމަސައްކަތް ގެންދެވުމަށް ނިންމެވިއެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލެއްވުމަކީ، ސަރުކާރުގެ ފަސް ވަޢުދު ތެރެއިން އެއްވަޢުދު ކަމަށްވުމާއެކު، މިވަޢުދު ފުއްދެވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތަކާއި އަޅުއްވަންޖެހޭ ފިޔަވަޅުތައް ސަރުކާރުގެ ކަމާބެހޭ ދާއިރާތައް ގުޅިވަޑައިގެން އަވަހަށް އަޅުއްވަމުން ގެންދެވުމަށްވެސް ނިންމެވިއެވެ.