ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޔޫރަޕިއަން ޕާލަމެންޓްގެ މެންބަރު މިސްޓަރ ނަރޖް ދޭވާއާ، މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ތަރައްޤީގެ މަގުގައި ސަރުކާރުން ކުރައްވަން ނިންމަވާފައި ހުރި ކަންތައްތަކާއި، އެކަންތައްތައް ކުރައްވަން ނިންމަވާފައިވާ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މިސްޓަރ ދޭވާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޑިމޮކްރަސީ ގެންނެވުމަށް ރައީސލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކުރެއްވީ ވަރަށް ހިތްވަރުފުޅުގަދަ އަދި އަގުހުރި މަސައްކަތްޕުޅުތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ޔޫރަޕިއަން ޕާލަމަންޓްގެ އެހީތެރިކަމާއި އެއްބާރުލުން ކުރިއަށް އޮތްތާނގައިވެސް ރާއްޖެއަށް ލިބެމުންދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޞްލާޙީ މަސައްކަތުގައި މިސްޓަރ ނަރޖް ދޭވާ ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އެކަމަށްޓަކައި އޭނާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި ޔޫރަޕިއަށް ޕާލަމަންޓްގެ އެހީތެރިކަން އިތުރަށްވެސް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.