ރާއްޖެއަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުން ސަލާމަތްވެ، މިއަދު ލިބިފައިވާ މިނިވަންކަން ހަރުދަނާކޮށް ފުރިހަމަކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެހީތެރިކަން އަދިވެސް ރާއްޖެއަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިނިވަންދުވަހުގެ ރަސްމިއްޔާތަށް ބޭރުޤައުމުތަކުން ވަޑައިގެންނެވި ޢިއްޒަތްތެރިންގެ ޝަރަފުގައި އެމަނިކުފާނުގެ ދެކަނބަލުން ރޭ ދަރުބާރުގޭގައި ބޭއްވެވި ނުރަސްމީ ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި، ވަކިން ޚާއްޞަގޮތެއްގައި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ބައިނަލްއަޤްވާމީ ހުރިހާ ދާއިރާއަކުން ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި، ޑިމޮކްރަސީ ފުރިހަމަ ކުރުމުގެ މަސައްކަތް އަދިވެސް އިތުރަށް ކުރިއަށް ގެންދަންޖެހޭ ކަމަށް ވިދާޅުވެ، ޑިމޮކްރަސީ ފުރިހަމަކުރުމަށްޓަކައި ބޭނުންވާ މުއައްސަސާތައް އުފައްދާ ހަރުދަނާކުރަން ޖެހިފައިވާކަން ރައީސުލްޖުމުހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކާއެކުވެސް މި މަސައްކަތް ފުރިހަމަ ކުރެއްވޭނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޑިމޮކްރަސީ ހަރުދަނާކޮށް ފުރިހަމަކުރުމުގެ މަސައްކަތުގެ އިތުރުން، ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އަނެއް ގޮންޖެހުމަކީ، މޫސުމާއި ތިމާވެށްޓަށް އަންނަބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ދެމިއޮތުމަށް ކުރިމަތިވެފައިވާ ގޮންޖެހުން ކަމުގައި ވިދާޅުވިއެވެ. ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކާގުޅޭގޮތުން އެންމެ ކުރީ ސަފުގައި އޮތްޤައުމެއްކަން ފާހަގަކުރައްވަމުން، މިއަދު މިކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން ރާއްޖެ ޙިމާޔަތް ނުކުރެވިއްޖެނަމަ، މާދަމާ ދުނިޔޭގެ އެހެން ޤައުމުތައްވެސް ޙިމާޔަތް ނުކުރެވޭނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޭ ދެއްވި ނުރަސްމީ ފަރިއްކޮޅުގައި، މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ ޢިއްޒަތްތެރިންގެ އިތުރުން، ވަޒީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މިނިވަން މުއައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.