بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ދިވެހިރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހީވާގި މަސްވެރިންނަށާއި ކެޔޮޅުންނަށް އަދި ފަޅުވެރިންނަށާއި އޮޑިވެރިންނަށް، ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ. އަދި، މަސްވެރިންގެ ޢާއިލާތަކަށާއި، މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ އެންމެހައި ވިޔަފާރިވެރިންނަށާއި، ކުންފުނިތަކަށްވެސް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަމެވެ.


މީގެ 40 އަހަރު ކުރިން، ރާއްޖޭގައި ފުރަތަމަ ފަހަރަށް، ޤައުމީ ފެންވަރުގައި މަސްވެރިންގެ ދުވަހެއް ފާހަގަކުރަން ފެށީ، ވަރަށް މުހިންމު މަޤްޞަދެއްގައެވެ. އެއީ، ރެޔާއި ދުވާލު، އަތްވާއި ވާރޭގައި، މަސްވެރިން ކުރަމުން އައި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، މުޖުތަމަޢުގައި މަސްވެރިންގެ ޤަދަރާއި ޢިއްޒަތް ހިފެހެއްޓުމެވެ. ހަމައެފަދައިން، ޤައުމުގެ އިޤްތިޞާދުގައި މަސްވެރިކަމުގެ ޙިއްޞާ އިތުރުކުރުމަށްޓަކައި، މަސްވެރިންނަށް ހިތްވަރުދީ، މަސްވެރިކަމަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކުރުމެވެ.


މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މިއަހަރުގެ ކުރީކޮޅު ރިޒޯޓުތައް ބަންދުކޮށް، މުޅިރާއްޖެ ފުރަބަންދުކުރުމާ ގުޅިގެން، މަސްވެރިކަމުގެ ޞިނާޢަތަށްވެސް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވިއެވެ. މިހާރުގެ މަސްވެރިކަމުގައި އެންމެ ބޮޑު ނަފާއެއް ހޯދައިދޭ، ބޮޑުކަންނެލީގެ މަސްވެރިކަން މުޅިންހެން ހުއްޓުމަކަށް އައެވެ. ރިޒޯޓް މާކެޓަށް އަމާޒުކޮށް، އަތޮޅުތަކުގައި ކުރަމުން އައި ފަރުމަހުގެ މަސްވެރިކަންވެސް ހުއްޓިގެންދިޔައެވެ.


މިކަންކަމުން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ، ރާއްޖެފަދަ ވަސީލަތްތައް މަދު ޤައުމެއްގައި، އެއް ޞިނާޢަތެއްގެ މައްޗަށް މުޅި އިޤްތިޞާދު ބިނާކުރުމުގެ ގެއްލުމާއި ނުރައްކާތެރިކަން ބޮޑުކަމެވެ. ކޯވިޑްގެ އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް، ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ފަށާފައިވާ މިދަނޑިވަޅުގައި، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކުރުމާއި، މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މުހިންމުކަން، ވަކިން ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެއެވެ. ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަޤީންކަން ދެމެހެއްޓުމަށާއި، ބޭރު ފައިސާ ހޯދުމަށް ދަތިވާ ކޮންމެ ވަގުތެއްގައިވެސް، މަސްވެރިކަމުގެ ޞިނާއަތުގެ މުހިއްމުކަން ވަޒަންކުރެވެއެވެ.


ރާއްޖޭގެ ޤައުމީ އާމްދަނީގައި އެންމެ ބޮޑު ޙިއްޞާއެއްވާ ޞިނާޢަތަކީ ފަތުރުވެރިކަން ކަމުގައިވިޔަސް، ކޯވިޑްގެ ފުރަބަންދު ތެރޭގައިވެސް، މުޅިން ހުއްޓުމަކަށް ނައިސް ހިނގަހިނގާ އޮތީ، އިޤްތިޞާދީ ދެވަނަ ޞިނާޢަތުގެ ގޮތުގައި މިހާރު ބެލެވޭ ދިވެހި މަސްވެރިކަމެވެ. ނަމަވެސް ދުނިޔެއަށް އަންނަ އިޤްތިޞާދީ އަދި ޞިއްޙީ، ކުއްލި ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި، މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ.


މި ދެންނެވި ސަބަބުތަކަށްޓަކައި، މި ފެށޭ 2021 ވަނަ އަހަރުގެ ތެރޭގައި، ދިވެހި މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެއެވެ. އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި، މުޅިން އައު، ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މި އަންނަ އަހަރު ފެށޭނެއެވެ. އަދި ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް އިތުރުކުރެވޭނެއެވެ. ހަމައެފަދައިން، މަސް ކިރުވުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތްވެސް، މާތް ﷲގެ ވާގިފުޅާއެކު، މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެއެވެ. މެރިކަލްޗަރގެ ޒަރީޢާއިން މަސްވެރިކަމުގެ ޞިނާޢަތު ސިންދަފާތުކުރުމުގެ މަސައްކަތްވެސް، މި އަންނަ އަހަރުގެ ތެރޭގައި އިތުރަށް ހަރުދަނާކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެކެވެ.


މަސްވެރިންނަށް މިވަގުތު ކުރިމަތިވެފައިވާ، މަސް ކިރުވުމުގެ ދަތިތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށްޓަކައި، 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫޢުތަކެއް، މި އަންނަ އަހަރުގެ ތެރޭގައި ފެށުމަށް މި އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުޚާނާ އިތުރަށް ތަރައްޤީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެއެވެ. އަދި ގދ. ތިނަދުއާއި މ. މުލަކުގައި، މަސް ގަންނަ މަރުކަޒެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުތައް ނިމުމުން، މަސްވެރިންގެ ވަރަށް ގިނަ ޝަކުވާތަކަށް ޙައްލު ލިބިގެންދާނެއެވެ.


މަސްވެރިކަން މިހާރަށްވުރެ ފުޅާކޮށް، މަސްވެރިކަމުގެ އުފެއްދުންތެރިކަން ސިންދަފާތުކުރުމުގައި، އެންމެ ބޮޑަށް ބޭނުންވަނީ، ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުމާއި އިސްނެގުމެވެ. މަސްވެރިކަން އިތުރަށް ފުޅާކޮށް، އިޤްތިޞާދަށް ދިރުން ގެނައުމަށްޓަކައި، މަސްވެރިންނާއި މަސްވެރި ޢާއިލާތަކުން ނަގާ ކޮންމެ އިސްނެގުމަކަށް، ސަރުކާރުން މަރުޙަބާ ކިޔާނެއެވެ. އަދި އެކަމުގައި ވެދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ސަރުކާރުން ވެދޭނެއެވެ.


އަޅުގަނޑުގެ ދުޢާއަކީ، ދިވެހި މަސްވެރިކަން މިހާރަށްވުރެ ކުރިއަރުވައި، އިޤްތިޞާދީ ބޮޑު ބާރެއްކަމުގައި ހެދުމަށް، ސަރުކާރާއި ރައްޔިތުން ގުޅިގެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَىގެ ބަރަކާތް ލައްވައި ކާމިޔާބު މިންވަރު ކުރެއްވުމެވެ. ދިވެހި މަސްވެރިންނަށް އުޖާލާ ފާގަތި ދުވަސްތަކަކަށް އެދެމެވެ.