މިނިވަންދުވަހުގެ މުނާސަބަތުގައި، މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ހެވިކަމާއި ޝަރަފްގެ ހިނގާލުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައްލަވާލައްވައިފިއެވެ. މިރަސްމިއްޔާތަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން، އެދެކަނބަލުންނާ އިސްތިޤްބާލު ކުރެއްވީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް މުޙަންމަދު ޝިހާބާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އާމިނަތު ޝިމްލާއެވެ.

ޖުމްހޫރީ މައިދާނުން ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ. އަދި ސިފައިންގެ ބޭންޑުގައި ޤައުމީ ސަލާން ކުޅުނެވެ.

އޭގެފަހުން، ދިވެހި ސިފައިންގެ ހެވިކަމުގެ ލަޝްކަރު ޝަރަފުގެ ހިނގުން އޮތެވެ. މިހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ. ދިވެހި ސިފައިންގެ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގުން ނިމުނީ އެއްގަމު އުޅަނދުގެ ދައްކާލުމަކުންނެވެ. އެއަށްފަހު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑާއި ކަނޑުގެ އުޅަނދުފަހަރުގެ ސްޓީމް ޕާސްޓެއް އޮތެވެ. އަދި މިކަން ހިނގަމުން ދިޔައިރު އައިލެންޑް އޭވިއޭޝަނާއި، ޓްރާންސް މޯލްޑިވްސް އެއަރވޭޒާއި، މޯލްޑިވްސް އެއަރ ޓެކްސީގެ ފްލައިޕާސްޓެއްވެސް ވައިގެ ތެރޭގައި ކުރިއަށް ދިޔައެވެ.

މިރަސްމިއްޔާތުގައި ސްކޫލްތަކުން އެއްކޮށްލާފައިވާ ހެވިކަމުގެ ލަޝްކަރު، ބޭންޕާޓީއާއެކު ޝަރަފުގެ ހިނގުން އޮތެވެ. މިހިނގުމުގައި، އެ ލަޝްކަރުތައްވެސް ރައީސުލްޖުމްހޫރިއްޔާއަށް ކުރުނީސް އެރުވިއެވެ. ޔުނީފޯމް އެޅި އެކިއެކި ދާއިރާތަކުގެ ހިނގާލުމެއްވެސް މިރަސްމިއްޔާތުގައި އޮތެވެ.