بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020ގެ އެންމެހައި ބައިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ، މި އަހަރުގެ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންނަށް، އަދި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރައްވާ އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން، މި ކޮންފަރެންސްގެ ބައިވެރިންނަށާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށްވެސް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަން.

މުޅި ދުނިޔެއަށް ފެތުރިފައި އޮތް އެންމެ ދުވަސްވީ އެންމެ ބޮޑު އެއް ބައްޔަކީ ކޮރަޕްޝަން. ނަމަވެސް މި ބައްޔަށްވެސް ޝިފާއެއް އެބައޮތް. އެއީ ޓްރާންސްޕޭރެންސީ. އާދެ، ކަންކަން ފޮރުވުމެއްނެތި ހާމަކަން ބޮޑު ގޮތެއްގައި ޢާންމުކުރުން.

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން، ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި، އަދި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން ދެނެގަނެ، އެކަންކަން ޙައްލުކުރުމުގެ މަޤްޞަދުގައި، މިފަދަ ކޮންފަރެންސެއް އިންތިޒާމުކުރެއްވި ކަމަށްޓަކައި، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި މަރުޙަބާ ކިޔަން.

ދިވެހިރާއްޖޭގައިވެސް ކޮރަޕްޝަނަކީ، ވަރަށް ދުވަސްވީ ބޮޑު މައްސަލައެއް. ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މޫލައި ފެތުރިފައި އޮތް، އަދި ޙައްލުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ބޮޑު ކަމެއް. ޙަޤީޤަތަކީ މިއީ.

ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، މިދިޔަ އަހަރުގެ ފެބުރުވަރީ 12 ވަނަ ދުވަހު ޤާއިމުކުރި ޕޯރޓަލްއަށް ހުށަހަޅާފައި ހުރި މައްސަލަތަކަށް ބަލައިލުމުންވެސް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި، މި ބަލި ފެތުރިފައި އޮތް މިންވަރު ވަޒަންކުރެވޭ. މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް އެ ޕޯރޓަލްއަށް ހުށަހެޅުނު 1081 މައްސަލައިގެ ތެރޭގައި، ދައުލަތުގެ ހުރިހާ އިދާރާތަކަށް ރައްދުވާ މައްސަލަތައް އެބަހުރި.

އޭގެ ތެރޭގައި މިނިސްޓްރީތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ކައުންސިލްތަކަށް ރައްދުވާ މައްސަލަތައް އެބަހުރި. އަދި މިނިވަން މުއައްސަސާތަކަށާއި، ޤާނޫނީ އަދި ޝަރުޢީ އިދާރާތަކަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، އެމް.އެން.ޑީ.އެފް.އަށާއި، ރައްޔިތުންގެ މަޖިލީހަށް ރައްދުވާގޮތަށް ހުށަހެޅިފައި ހުރި މައްސަލަތައް އެބަހުރި.

އޭގެ ތެރެއިން ތަޙުޤީޤީ އިދާރާގެ ދައުރެއް އޮތްކަމަށް ފާހަގަކުރެވޭ މައްސަލަތައް، މިގެންދަނީ ތަޙުޤީޤީ އިދާރާތަކަށް ހުށަހަޅަމުން. އެފަދަ 209 މައްސަލައެއް، މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް ވާނީ އޭ.ސީ.ސީއަށް ފޮނުވާފައި. އޭގެ ތެރެއިން 51 މައްސަލައެއްވަނީ އޭ.ސީ.ސީއަށް ބަލައިގެންފައި. އަދި ޖިނާއީ ތުހުމަތު އެކުލެވޭ މައްސަލަތައް މިގެންދަނީ ފުލުހުންނާ ޙިއްޞާކުރަމުން.

ދައުލަތުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވެގެންދާ ގޮތަށް ހުރި، ވަރަށް ގިނަ ކަންތައްތައް އެބަހުރި. އެއްކަމަކީ، ޕްރޮކިއުމަންޓްގެ ކަންތައް މިހާތަނަށް އޮތްގޮތް. ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ގެންގުޅޭ ހަމަތަކާއި އުޞޫލުތައް. ދެވަނަ ކަމަކީ، ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ބީލަމުގެ ކަންތައް ރޭވިފައި ހުރިގޮތް. އަނެއްކަމަކީ، ދައުލަތުގެ އިދާރާތަކުން ޚިދުމަތް ދިނުމުގައި ޢަމަލުކުރެވޭ ގޮތްތައް. އަދި އޭގެ އިތުރުން، ވަޒީފާ ދިނުމުގައި ޢަމަލުކުރަމުން އައިގޮތް.

ދައުލަތުގެ އިދާރާއަކުން ކަމެއްކުރަން، ނުވަތަ ޚިދުމަތެއް ހޯދަން ނުވަތަ ވަޒީފާއެއް ހޯދަން، ނުވަތަ ބީލަމެއް ހުށަހަޅަން ބޭނުންވިޔަސް، ކޮންމެ މީހަކަށްވެސް މިހާރު ޤަބޫލުކުރެވިފައި އޮންނަނީ، އެކަމެއް ހާސިލުކުރެވޭނީ، އެ އިދާރާގެ ކޮންމެވެސް މީހެއްގެ އެހީތެރިކަމާ އެކުގައި ކަމަށް.

މިހެންވުމުން، އެންމެ ފުރަތަމަވެސް ބަލަނީ ތިމަންނާގެ ރައްޓެއްސެއް، ނުވަތަ ރައްޓެއްސެއްގެ ރައްޓެއްސެއް ނަމަވެސް އެތަނެއްގައި ހުރިތޯ. މިއީ ޙަޤީޤަތުގައިވެސް ކަން ހިނގަމުން އައިގޮތް. މިހާހިސާބުން އެ ފެށެނީ، ހަމައާއި އުޞޫލުން ބޭރުން ކަންތައްތައް ކުރުމުގެ އާދަ. މިއީ، މިހާރުން މިހާރަށް ބަދަލުކުރަންޖެހިފައިވާ ޘަޤާފަތެއް.

އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ، އެ ވާހަކަ ދައްކާ މީހާވެސް، ކޮރަޕްޝަނާ ދުރުވުން.

ރާއްޖޭގައިވެސް ނުބަލައި ދޫކޮށްލާފައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އެބަހުރި. އެންމެފަހުން ފެންމަތިވި، އެންމެ ބޮޑު މައްސަލައަކީ، އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ. އެ މައްސަލަވެސް ފެންމަތިވީ، ރިޔާސީ ލޯންޗުކޮޅު ގޮއްވާލައި، ވެރިކަން ގެއްލިދާނެކަމުގެ ބިރު ހީވި ހިސާބުން. ޙަޤީޤަތުގައި، އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތް، އޭރުގެ ސަރުކާރުން ހާމަކުރީ، ކޮރަޕްޝަނާ ދެކޮޅަށް ކުރި ކަމެއްގެ ގޮތުގައެއް ނޫން. އެކަން ކުރީ، ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަންޖެހި މަޅިއެއްގެ ގޮތުގައި.

މި ސަރުކާރުގެ ސިޔާސަތަކީ، ކޮރަޕްޝަނަށް ނޫނެކޭ ބުނެ، ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުން. އަދި ކޮރަޕްޝަންގެ ޢަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ޤާނޫނުން ރައްކާތެރިކަން ހޯދައިދިނުން. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޢަމަލުކުރަން ފެށި، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ އެންމެ ބޮޑު ބޭނުމަކީވެސް، ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވައިލާ މީހުންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރުކުރުން.

އޭގެ އިތުރުން، ކޮރަޕްޝަނާއި ޚިޔާނާތާއި ފަސާދައިގެ ޢަމަލުތަކަށް ޖަވާބުދާރީވަނިވި، ދެފުށް ފެންނަ، ނަޒާހަތްތެރި ޘަޤާފަތެއް ދައުލަތުގެ އިދާރާތަކާއި، ޢާންމު ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމަކީވެސް، މި ޤާނޫނުގެ ވަރަށް މުހިންމު މަޤްޞަދެއް.

ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ޒީރޯ ޓޮލަރެންސް ކެމްޕެއިން ފެށިފަހުން، ސަރުކާރުގެ ކޮރަޕްޝަންގެ ޢަމަލުތައް އިތުރުވެއްޖެޔޭ. އަޅުގަނޑު ދަންނަވާނީ، ވިސްލްބްލޯ ޕޯރޓަލް އާއި ވިސްލްބްލޯ ޤާނޫނު ވުޖޫދަށް އައިފަހުން، ކޮރަޕްޝަންގެ ޢަމަލުތައް ހުށަހެޅޭ މިންވަރު، އެތައް ގުނައެއް އިތުރުވެއްޖެޔޭ. އެކަން އެހެން މެދުވެރިވަނީ، ކޮރަޕްޝަން ހުއްޓުވަން މި ސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ޤަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތީމަ.

މި ދެންނެވި ނިޒާމުގެ ތެރެއިން ހުށަހަޅާ ޝަކުވާތަކާމެދު، އަޅުގަނޑު އަޅަންޖެހޭ ފިޔަވަޅުތައްވެސް މި އަންނަނީ އަޅަމުން. އެފަދަ މައްސަލަތަކުގެ ތެރެއިން ތަޙުޤީޤީ އިދާރާތަކުގެ ލަފައަށް ބިނާކޮށް، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އެބަ އަޅަން. އަދި ޕޯރޓަލްއިން ފާހަގަވާ ކަންކަމާމެދު، މުއައްސަސާތަކާ މަޝްވަރާކޮށް، ޕޮލިސީ ލެވެލްގަޔާއި، ހިންގުމުގެ ލެވެލްގައި ގެންނަންޖެހޭ އިޞްލާޙުތައްވެސް އެބަ ގެންނަން.

ކޯވިޑް-19އަށްފަހު ޤައުމު ބިނާކުރުމަށްޓަކައި ޚާއްޞަ އިސްކަމެއްދީގެން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، 2020 އިން 2022 އަށް، ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގެ ނަމުގައި، ޕްލޭނެއް އެކުލަވައިލައި، މިހާރު އަންނަނީ ޢަމަލުކުރަމުން. މި ޕްލޭންގައިވެސް ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ކަންތައްތަކެއް ހިމަނާފައިވާނެ.

އޭގެ ތެރެއިން އެއްކަމަކީ، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މާލީ ބަޔާން ހުށަހެޅުމާއި، މާލީ ބަޔާންތައް ޢާންމުކޮށް ފެންނާނޭހެން ހާމަކުރުން. މީގެ ތެރޭގައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކަށް ޢައްޔަނުކުރެވޭ ބޭފުޅުން ހިމެނޭނެ.

މީގެ އިތުރުން، ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން، ޤާނޫނުލްޢުޤޫބާތަށް ދެ ކުށެއް އިތުރުކުރުމަށް މިހާރުވާނީ ދެ އިޞްލާޙެއް ހުށަހަޅާފައި. އެއީ ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުން، ކުށެއްގެ ގޮތުގައި ކަނޑައެޅުމާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިނާޔަތްތެރިވުމަކީ، ކުށެއްކަން ކަނޑައެޅުމުގެ އިޞްލާޙް.

އަނެއްކަމަކީ، މާލިއްޔަތު ޤަވާޢިދުން ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށާއި ޤަވާޢިދަށް، އަދި ޕްރޮކިއުމަންޓް ގައިޑްލައިންތަކަށް ބަދަލުގެނައުން. މިކަންކަން މިގޮތަށް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، އިޤްތިޞާދު އަލުން ކޮޅަށްޖަހަން މިކުރާ މަސައްކަތުގެ ތެރޭގައި، ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ދޮރުތައް ބަންދުކުރުން.

ޕްރޮކިއުމަންޓާ ގުޅޭ ސިޔާސަތުތަކާއި އުޞޫލުތައް ހަދައި، ޕްރޮކިއުމަންޓްގެ ކަންތައް ބެލެހެއްޓުމަށް، މި އަހަރުގެ ފެބުރުވަރީ 23 ވަނަ ދުވަހު އުފެއްދި ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ މަސައްކަތްތައް މިހާރު އެހުރީ ފެށިފައި. ބިޑްކުރުމަކާ ނުލައި މަސައްކަތް ޙަވާލުކުރެވޭގޮތަށް، މާލިއްޔަތު ޤަވާޢިދުގައި އޮތް މާއްދާ އިޞްލާޙުކޮށް މިހާރު އަންނަނީ ޢަމަލުކުރަމުން.

ދައުލަތުގެ އޮފީސްތަކުން ކުރުވާ މަސައްކަތްތަކުގެ އެގްރީމަންޓް ހެދުމުގެ ކުރިން، ބީލަމާ ގުޅިގެން މައްސަލަ ހުށަހަޅަން ވަކި މުއްދަތެއް ދިނުމަށް ލާޒިމުކޮށް، އެފަދަ މައްސަލަތައް ބެލުމަށްފަހުގައި މެނުވީ ކޮންޓްރެކްޓްތަކުގައި ސޮއިނުކުރެވޭނެ ގޮތަށް މިހާރުވާނީ ޤަވާޢިދު އިޞްލާހު ކުރެވިފައި. އެފަދަ މައްސަލަތައް ބެލުމަށް މިނިވަން ކޮމިޓީއެއް ވަނީ އުފައްދާފައި.

މީގެ އިތުރުން، ނޭޝަނަލް ޓެންޑަރ ބޯޑުން އެވޯޑް ކުރާ ހުރިހާ މަސައްކަތްތަކެއް، ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އެބަ ޢާންމުކުރެވޭ. އަދި އެބޯޑުން އެވޯޑް ކުރާ ހުރިހާ މަސައްކަތްތަކެއްގެ އިވެލުއޭޝަން ރިޕޯޓުގެ ޚުލާޞާއެއްވެސް، ދަނީ ޢާންމުކުރަމުން. މީގެ ބޭނުމަކީ ބީލަމެއް އެވޯޑް ކުރެވުނު ގޮތާއި، އެވޯޑް ކުރެވުނު ފަރާތާއި، އަދި ބިޑަށް ކުރިމަތިލި ފަރާތްތަކަކީ ކޮބައިކަމާއި، ބީލަމުގެ ކަންތައް ކުރިއަށް ގެންދިޔަގޮތް، ރައްޔިތުންނަށް ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި އެންގުން.

އަޅުގަނޑު އުންމީދުކުރަނީ، މި ކޮންފަރެންސްގައި ތިޔަބޭފުޅުން ކުރެއްވި މަޝްވަރާތަކުން، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުވުމަށް މަގުފަހިވެގެންދާނެ ކަމަށް. އަދި ދައުލަތް ހިންގުމާއި، ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން، ކޮރަޕްޝަން ނައްތާލުމުގައި، ދައުލަތުގެ އެންމެހައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ ފަހި މާޙައުލެއް ޤާއިމުވެގެންދާނެ ކަމަށް.

ދިވެހި ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިންނާއި، ދިވެހި މުޖުތަމަޢުން ކޮރަޕްޝަންގެ ނުބައި ވިހަ ނައްތާލުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއް. އެ ގޮންޖެހުންތަކާ ކުރިމަތިލައްވައިގެން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެ ކޮމިޝަންގެ އެންމެހައި މެންބަރުންނަށާއި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މި މަސައްކަތުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އަދާކުރައްވާ ދައުރު ފާހަގަކޮށް، އެ ޖަމުޢިއްޔާއަށްވެސް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ވައްކަމާއި ކޮރަޕްޝަނާއި ޚިޔާނަތާއި ފަސާދައިގެ އެންމެހައި ޢަމަލުތައް ހުއްޓުވައި، ނަޒާހަތްތެރި ދައުލަތެއް ބިނާކުރުމަށް މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ކާމިޔާބު މިންވަރުކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.