މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ބޭރުޤައުމުތަކުން ވަޑައިގަންނަވާ ޢިއްޒަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ނުރަސްމީ ފަރިއްކޮޅެއް މި މަހުގެ 27 ވަނަ ދުވަހުގެ ރޭ އޮންނާނެއެވެ. މި ފަރިއްކޮޅު ބޭއްވެވުމަށް ކުރިން ހަމަޖައްސަވާފައިވަނީ އާރަށުގައެވެ. އެހެންނަމަވެސް، މޫސުން ކުރިއަށް ލަފާކުރާގޮތަށް ބައްލަވައި، އާރަށުގައި މިކަން ބޭއްވުމަށް މޫސުން ތަންނުދީފާނެތީ، މި ފަރިއްކޮޅު ދަރުބާރުގޭގައި ބާއްވަވާ ގޮތަށް މިހާރުވަނީ ހަމަޖައްސަވާފައެވެ.

މި ފަރިއްކޮޅަށް، ވަޒީރުންނަށާއި، ސްޓޭޓް މިނިސްޓަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، މިނިވަން މުއައްސަސާތަކުގެ އިސް ބޭފުޅުންނަށާއި، ސިޔާސީ ޕާޓީތަކުގެ އެންމެ އިސް ވެރިންނަށްވެސްވަނީ ދަޢުވަތު އަރުވާފައެވެ.

ދަޢުވަތު ލިބިވަޑައިގެންފައިވާ ބޭފުޅުން، 27 ވަނަ ދުވަހުގެ ރޭ 8 ޖަހާއިރަށް ދަރުބާރުގެއަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެދިވަޑައިގަންނަވައެވެ.

މިނިވަންދުވަހުގެ ރަސްމީ އިޙްތިފާލުތައް މީގެ ކުރިއާ ޚިލާފަށް މިފަހަރުވަނީ މުޅިރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުއްވާލައްވާފައެވެ.