بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ނޫސްވެރިންނާއި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރެއަކީ ދިވެހި ނޫސްވެރިންގެ އެންމެ އުފާވެރި މުނާސަބާ ފާހަގަކުރެވޭ ރޭ. މިރޭގެ މި ޙަފްލާގައި، ނޫސްވެރިކަމުގެ ދާއިރާއިން މިދިޔަ އަހަރުގެ އެންމެ މޮޅު އެންމެ ކުޅަދާނަ، އަދި އެންމެ އުންމީދީ ނޫސްވެރިންގެ އެވޯޑް ހާސިލުކުރާ ހުރިހާ ނޫސްވެރިންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވަން.

ރާއްޖޭގައި މިހާރު މިއޮތީ ވަރަށް ވާދަވެރި ނޫސްވެރިކަމެއް. އަދި ނޫސްވެރިކަމުގެ ވަރަށް މިނިވަން ޖައްވެއް މިހާރު އެބައޮތް. މި ދެންނެވި މިނިވަން ނޫސްވެރިކަމުގެ ތެރޭގައި، ވަރަށް ގިނަ ނޫސްވެރިންތަކަކާ ވާދަކޮށް އެވޯޑެއް ހާސިލުކުރާއިރު، ދެން އެންމެ ބޮޑަށް މަސައްކަތް ކުރަންވީ، ތިމާއަށް ލިބޭ އެވޯޑުގެ ނަން ދެމެހެއްޓުމަށް.

އެއީ ޒިންމާދާރު ނޫސްވެރިއެއްގެ ގޮތުގައި ދެމިހުރުން. އެއީ ފަހަރެއްގައިވެސް، އިވޭ ކޮންމެ ވާހަކައެއް، އިވުނު ގޮތަކަށް ލިޔެ ޢާންމުކުރުމެއް ނޫން. ޒިންމާދާރުވުމަކީ، އިވޭ ވާހަކަތަކުގެ ތެދުދޮގު ކަށަވަރުކުރުމަށްފަހު، އަދި އެއީ މުޖުތަމަޢަށް ކޮންމެހެން އެނގެންޖެހޭ، ނުވަތަ މުޖުތަމަޢުގެ މަޞްލަޙަތާ ގުޅިފައިވާ ވާހަކައެއްކަން ކަށަވަރުކުރުމަށްފަހުގައި ޢާންމުކުރުން.

ޒަމާނީ ޑިމޮކްރެސީގެ ހަމަތައް ޤަބޫލުކުރާގޮތުން، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރު. ނޫސްވެރިން ފަތުރާ ޚަބަރާއި މަޢުލޫމާތުން، މުޖުތަމަޢަށް ފޯރާ އަސަރާއި ނުފޫޒަށް ބަލާއިރުވެސް، މިއީ ޙަޤީޤަތުގައި ވަރަށް ބޮޑު ތެދެއްކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ. އެހެންކަމަށްވާނަމަ، ނޫސްވެރިންގެ ކޮނޑުގައި ވަރަށް މަތިވެރި ޤައުމީ ޒިންމާއެއްވެސް އެޅިގެންދާނެކަން ޤަބޫލުކުރަންޖެހޭ.

މިޒަމާނުގެ ނޫސްވެރިކަމަކީ، މުޖުތަމަޢުގެ ކަންކަން ބޭނުން މިސްރާބަކަށް ބަދަލުކޮށްލުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއް. ހަމައެފަދައިން، އިންފޮމޭޝަން ޓެކްނޯލޮޖީގެ އޮއިވަރުގައި ވަރަށް ހަލުވިކަމާއެކު، މުޖުތަމަޢަށް ފެތުރިގަންނަ އެއްޗެއްވެސްމެ. އެހެންކަމުން، ނޫސްވެރިޔާގެ އަތުން، ނޫސްވެރިކަމުގެ ޙަޤީޤީ ލަގަން ދޫވެއްޖެނަމަ، ނޫސްވެރިކަމުން މުޖުތަމަޢަށް ލިބެންޖެހޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވުމަކީ އެކަށީގެންވާ ކަމެއް.

ދައުލަތުގެ ކޮންމެ ބާރެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބަކީ، ޤައުމީ މަޞްލަޙަތު އިސްކޮށް، ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތްކުރުން. ނޫސްވެރިކަމަކީ، މިދެންނެވި ތިން ބާރުގެ މައްޗަށް ފާރަވެރިވެ ޒިންމާދާރުކުރުވާ، ދައުލަތުގެ ހަތަރުވަނަ ބާރުކަމަށްވާނަމަ، ނޫސްވެރިންގެ ޒިންމާއަކަށްވާނީ، ޤައުމުގެ ކޮންމެ ކަމެއްގައިވެސް، ރައްޔިތުންނަށް އެންމެ ސީދާ އަދި އެންމެ ރަނގަޅު މަގު ދައްކައިދިނުން.

މުޖުތަމަޢުގެ ގިނަ ބަޔަކަށް އަދި ގިނަ ނޫސްވެރިންނަށްވެސް ޤަބޫލުކުރެވިފައި އޮންނަނީ، ނޫސްވެރިކަމަކީ ކަމެއް ހިނގީމާ އެކަމެއް ހިނގިކަން، ރައްޔިތުންނާ ހަމައަށް ގެނެސްދިނުމޭ. ނުވަތަ އެ ނޫސްވެރިއަކު ޝައުޤުވެރިވާ ދާއިރާއަކުން، ރިޕޯޓެއް ނުވަތަ ފީޗަރއެއް ލިޔެލުމޭ.

ނަމަވެސް ޙަޤީޤަތުގައި ނޫސްވެރިކަމުގެ ދާއިރާ އެއަށްވުރެ މާފުޅާ. ނޫސްވެރިންގެ ޒިންމާވެސް އެއަށްވުރެ މާބޮޑު. އެއިރަކު ހުރި އިޖުތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމަކީވެސް، ނޫސްވެރިންގެ ޒިންމާއެއް. މަސްތުވާތަކެތީގެ މައްސަލަތަކާއި، ހަރުކަށި ފިކުރުގެ މައްސަލައަކީވެސް ޙައްލު ހޯދަންޖެހިފައިވާ އިޖުތިމާޢީ ބޮޑެތި މައްސަލަތައް.

އަޅުގަނޑު މި ދަންނަވަނީ، މިފަދަ މައްސަލަތަކާ ބެހޭގޮތުން ނޫސްވެރިން ނުލިޔުއްވާ ވާހަކައެއް ނޫން. އަޅުގަނޑު މި ދަންނަވަނީ، މަސްތުވާތަކެއްޗާ ދުރަށްދާނެގޮތާއި، އެފަދަ މައްސަލަތައް ޙައްލުކުރާނެގޮތް ބުނެދީ، އެކަންކަން ޙައްލުކުރުމުގެ ގޮތުން ތަކުރާރުކޮށް ލިޔެވޭ ލިޔުންތައް މަދު ވާހަކަ.

މިހާރު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ އަނެއްކަމަކީ، ކޯވިޑް-19ގެ އަޑިގަނޑަށްފަހު، އިޤްތިޞާދު އަލުން ކޮޅަށްޖެހުމުގެ މަސައްކަތް. މިއީވެސް، ޤައުމީ ފެންވަރުގައި ވަރަށް ޚާއްޞަ އިސްކަމެއް ދޭންޖެހިފައިވާ ކަމެއް. އަޅުގަނޑު އުންމީދުކުރަނީ، މި ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ހޭލުންތެރިކުރުމަށް، ނޫސްވެރިން އަދާކުރެއްވި ދައުރަށްވުރެވެސް، ފުޅާ ދައުރެއް މިކަމުގައި އަދާކުރައްވާނެ ކަމަށް.

އަޅުގަނޑު ޤަބޫލުކުރަނީ، މީގެ ދެއަހަރު ކުރިން ދިވެހި ނޫސްވެރިކަން އޮތް ޙާލަތު، އަދި ދިވެހި ޤައުމު އޮތް ޙާލަތުވެސް، ތިޔައިން އެއްވެސް ބޭފުޅަކު ހަނދުމަފުޅުނުނެތޭނެ ކަމަށް. އަދި ތިޔައިން އެއްވެސް ނޫސްވެރިއަކު، އަދި ދިވެހި އެއްވެސް ރައްޔިތަކުވެސް، އެނބުރި އެދުވަސް ދެކެން ބޭނުންނުވާނެ ކަމަށް.

މީގެ ދެ އަހަރު ކުރިން، މިކައުންސިލްގެވެސް، އަދި ބްރޯޑްކާސްޓިންގ ކޮމިޝަންގެވެސް މައިގަނޑު މަސައްކަތަކަށްވެފައި އޮތީ، ނޫސްވެރިންނާ ދެކޮޅަށް ހުށަހެޅޭ ޝަކުވާތައް ބަލައި، ނޫސްވެރިންނާއި ނޫސް އިދާރާތައް ކުށްވެރިކޮށް ފިޔަވަޅު އެޅުން. ނަމަވެސް މިއަދު އެ ޘަޤާފަތް މުޅިން ބަދަލުވެއްޖެ.

ނޫސްވެރިކަމަށް އަލަށް ނުކުންނަ ނޫސްވެރިންނަށް އަޅުގަނޑު ދަންނަވާނީ، ނޫސްވެރިއެއްގެ ހައިސިއްޔަތުން ގަލަމުގެ ދޯރި ނަގަންވާނީ، އޭގެ ތުނޑުން ތިމާ ލިޔާނީ، ބިނާކުރަނިވި ލިޔުމެއްތޯ ނުވަތަ ފަނާކުރަނިވި ލިޔުމެއްތޯ ކަނޑައެޅުމަށްފަހުގައޭ. މިރޭ ނޫސްވެރިކަމުގެ އެވޯޑް ހާސިލުކުރާ ނޫސްވެރިންފަދަ، ނޫސްވެރިއަކަށްވާން އެދޭނަމަ، އެއްވެސް ޝައްކެއްނެތްގޮތުގައި، އޭނާ އިޚްތިޔާރުކުރާނީ ބިނާކުރަނިވި ނޫސްވެރިކަން.

ނޫސްވެރިކަމުގެ މިފަދަ ޙަފްލާއެއް ކުރިއަށްދާއިރު، އަޅުގަނޑުގެ ސިކުނޑިއަށް އަންނަނީ، ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، އަނިޔާވެރިގޮތަކަށް މަރައިލި ޔާމީން ރަޝީދުގެ ހަނދާންތައް. އެ ދެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް، އަޅުގަނޑުމެން ހުއްޓައެއްނުލަން. އެއީ، އުނދަގޫ މަސައްކަތެއް. ނަމަވެސް، އެ މަސައްކަތް ނުހުއްޓި ކުރިއަށް އެބަދޭ.

ދިވެހި ނޫސްވެރިކަމަށާއި ދިވެހި ނޫސްވެރިންނަށް އަޅުގަނޑު އެދެނީ ކާމިޔާބާއި ކުރިއެރުން. ދިވެހި ޤައުމަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާޢީ އަދި އިޤްތިޞާދީ މައްސަލަތައް ޙައްލުކުރުމުގައި، ދިވެހި ނޫސްވެރިންގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، ރައްޔިތުންނަށް ރަނގަޅު މަގު ދައްކާ ބައެއްކަމުގައި، ދިވެހި ނޫސްވެރިން ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.