ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 157ވަނަ މާއްދާގެ (ހ)އާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 37ވަނަ މާއްދާގައިވާ ގޮތުގެމަތިން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް، ޤާނޫނުއަސާސީގެ 158ވަނަ މާއްދާގެ (ހ)އާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 3ވަނަ މާއްދާގެ 1ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އެކޮމިޝަނަށް މިއަދު މެންބަރުން ހަމަޖައްސަވައިފިއެވެ.

ޤާނޫނުއަސާސީގެ 158ވަނަ މާއްދާގައިވާ ގޮތުގެމަތިން ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ މިދަންނަވާ މެންބަރުންނެވެ.

1. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު.
2. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބު ކުރެއްވި ފަނޑިޔާރު އަލްއުސްތާޛު މުޖްތާޒު ފަހުމީ.
3. ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބު ކުރެއްވި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙަންމަދު.
4. ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބު ކުރެއްވި ފަނޑިޔާރު އަލްފާޟިލް ޢަބްދުﷲ ދީދީ.
5. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައެޅުއްވި މެންބަރު ޑޮކްޓަރ އަފްރާޝީމް ޢަލީ.
6. ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވި އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން.
7. ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑޮކްޓަރ މުޙަންމަދު ލަޠީފް.
8. ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރެއްވި އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ.
9. ބަންޑާރަނައިބު އަލްއުސްތާޛު ޙުސްނުއްސުޢޫދު.

މިބޭފުޅުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ހަމަޖެއްސެވި ކަމުގެ ލިޔުން މިބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިޞްލާޙު ކުރެވިފައިވާ ޤާނޫނުއަސާސީ ދިވެހި ރައްޔިތުން ބަލައިގެންފައިވަނީ ވަރަށްބޮޑު އުންމީދުތަކަކާ އެކީގައި ކަމަށާއި، ޝަރުޢީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައްޔިތުން އެދޭކަން ޤާނޫނުއަސާސީން ވަރަށް ސާފުކަމުގައި ވިދާޅުވިއެވެ. އަދި، މިކޮމިޝަން އުފެދުމާއެކު، ރާއްޖޭގެ ޝަރުޢީ ނިޒާމާއި ޢަދުލް އިންސާފު ޤާއިމު ކުރުމުގެ ނިޒާމު ވަރަށް ފުރިހަމައަށް ހިނގަމުންދާނެ ކަމުގައިވެސް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގެ ކުރިން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ކުރިމަތީގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި، މިބޭފުޅުން ކުރެއްވިއެވެ.
މިކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ ޤާނޫނީ ވަކީލު އަދި އިންތިޚާބު ކުރެވިފައެއް ނުވެއެވެ.