بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.


މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް، ލ. އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝަރީފް، ގަމު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޗެއަރމަން މުޙައްމަދު ރަޝީދު އަދި މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު، ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ޢަލީ ނަޝީދު، ގަން/ފޮނަދޫގެ ލޮބުވެތި ރައްޔިތުން އަދި މިތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއަދަކީ، ތަރައްޤީގެ އިތުރު މަޝްރޫޢުތަކެއް ނިމި، ރައްޔިތުންނަށް ޚިދުމަތްތައް ލިބެން ފަށާ ދުވަހެއް. މިއަދު ފުރިހަމަވެގެން މިދަނީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ސިޔާސަތުގެ ދަށުން މިރަށުގައި ހިންގި ވަރަށް މުހިންމު ތިން މަޝްރޫޢެއް. ނަމަވެސް، މި އުފާވެރި މުނާސަބަތުގައި އެއްޗެއް ދެންނެވުމުގެ ކުރިން، އަޅުގަނޑުމެންނަށް މަރުޙަބާ ދެންނެވުމަށް، މި ރަށުގެ ރައްޔިތުން ހަމަޖައްސަވާފައިވާ މި ފުރިހަމަ އިންތިޒާމުތަކަށްޓަކައި، ގަމުގެ ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.


އަޅުގަނޑު މި ރަސްމިއްޔާތަށް މި ތަނަށް އައުމުގެ ކުރިން މިއައީ ސެންޓްރަލް އޭރިއާ ކޮމާންޑްގައި، އެމް.އެން.ޑީ.އެފް. އާއި، އިނގިރޭސިވިލާތުގެ ރޯޔަލް މެރިންސްއާ އެކީގައި ކުރިއަށްގެންދިޔަ ތަމްރީނުތަކެއް ނިމުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެފައި. މިއީ 32 އަހަރުގެ މެދުކެނޑުމަށްފަހުގައި، އިނގިރޭސި ދައުލަތުގެ ފަރާތުން ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކާއެކީގައި ބޭއްވުނު ތަމްރީނުތަކެއް. އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިއިން ދޭހަވެގެން މިދިޔައީ އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައި އޮތްގޮތުގެ ފުރިހަމަކަން. މި ފުރުޞަތުގައި އިނގިރޭސި ދައުލަތަށް، ދިވެހި ސަރުކާރުގެ ނަމުގަޔާއި، ރައްޔިތުންގެ ނަމުގައި، އަޅުގަނޑުމެންނަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން.


މިއަދު މި އިފްތިތާޙުކުރެވެނީ، މި ރަށާއި މި އަތޮޅުގެ ތަރައްޤީއަށް ހިންގުނު ވަރަށް މުހިންމު ތިން މަޝްރޫޢެއް. އޭގެތެރެއިންވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރާނީ، ޞިއްޙީ ޚިދުމަތް ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން، ގަމު ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ގޮތުން މި ގެނެވޭ މުހިންމު ބަދަލުތައް.


މިއަދު މި ފެށޭ ސީޓީ ސްކޭންގެ ޚިދުމަތަކީ، މި ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ގެންދިޔުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިތުރުކުރެވުނު މުހިންމު ޚިދުމަތެއް. މީގެ ސަބަބުން މި ޚިދުމަތް ހޯދަން މާލެއަށް ނުގޮސް، ރަށުގައި ތިބެގެން ނުވަތަ މިއަތޮޅުން، ޚިދުމަތް ހޯދުމުގެ ފުރުޞަތު މިވަނީ މި ސަރަޙައްދުގެ ރައްޔިތުންނަށް ފަހިކޮށްދެވިފައި.


އޭގެ އިތުރުން، އޯ.ޕީ.ޑީއަށް އިތުރުކުރި ކޮޓަރިތައްވެސް މިހާރު އެހުރީ ނިމި ބޭނުންކުރަން ތައްޔާރުވެފައި. ޑިޖިޓަލް އެކްސްރޭއާއި، މެމޮގްރާމާއި، ދަތުގެ ފަރުވާއަށާއި، ފިޒިއޯތެރަޕީއަށް ބޭނުންވާ ސާމާނާއި، ލެބޯޓެރީ ސާމާނުވެސް މިހާރު އެހުރީ ހޮސްޕިޓަލަށް ގެނެވިފައި. އެ މެޝިންތައް އިންސްޓޯލްކޮށް، ވަރަށް އަވަހަށް ޚިދުމަތް ދޭން އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. އަދި މި ހޮސްޕިޓަލަށް ބޭނުންވާ ސްޕެޝަލައިޒްޑް ޑޮކްޓަރުންނާއި، ޞިއްޙީ ޚިދުމަތްތެރިން ހޯދުމުގެ މަސައްކަތް، ހެލްތު މިނިސްޓްރީގެ ފަރާތުން މިހާރު އެގެންދަވަނީ ކުރައްވަމުން.


މިއިން ކޮންމެ ބަދަލަކާއެކު އުފެދިގެން އެ އަންނަނީ ވަޒީފާގެ އެތައް ފުރުޞަތެއް. މި ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރަމުން ގެންދާ ދަރިވަރުން، ރަށާއި އަތޮޅުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ވަރަށް ތަނަވަސް ފުރުޞަތުތަކެއް މިއާއެކުގައި އުފެދިގެންދާނެ.


ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ލާމަރުކަޒު ކުރުމަށް، މީގެ ދެ އަހަރު ކުރިން ފެށިގެން ކުރަމުން މި އަންނަ މަސައްކަތްތަކަށް ރައްޔިތުންގެ އިތުބާރު ލިބި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާ މީހުންގެ ޢަދަދު މިހާރުވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އަދި ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، މާލެ ފުރަބަންދުކުރަން ޖެހުމުން، ޚިދުމަތްތައް ލާމަރުކަޒު ކުރުމުގެ މުހިންމުކަން ފެނިއްޖެ. އަދި މިއީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއްކަމަށް އަޅުގަނޑުމެންނަށް މިވަނީ ގަބޫލުކުރެވިފައި.


ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ތަކުލީފަކަށްނުވެ، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެގޮތްތައް ހޯދައިދިނުން. ގަމު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ހިމެނޭ، އައު ޢިމާރާތުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި ފެށޭނެ. އެ ޢިމާރާތް ނިމި، ޓާޝަރީ ފެންވަރަށް ޚިދުމަތް ދޭން ފެށުމާއެކު، މި ޞަރަޙައްދުގެ ޞިއްޙީ ޚިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ.


އަޅުގަނޑުމެން ސަރުކާރުން ޞިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމުގެ ތެރޭގައި، ކެންސަރ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް އެބައޮތް. ސަރުކާރުގެ މިއަދުގެ ވިސްނުމަކީ، މި ހޮސްޕިޓަލް، ލ. އަތޮޅު ގަމުގައި އެޅުން. މި ހޮސްޕިޓަލަކީ އިންޑިއާގެ އެހީގެ ދަށުގައި އަޅާ ހޮސްޕިޓަލެއްކަމުން، މިއާބެހޭ ލިޔެކިޔުންތައް، މީގެ ދެ ދުވަސް ކުރިން އަޅުގަނޑުމެން ވާނީ އިންޑިއާ ސަރުކާރާ ޙިއްޞާކޮށްފައި. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެކަމާބެހޭ ނިންމުންތައް ނިންމި، މި ރަށުގައި އެ ހޮސްޕިޓަލް ޢަމަލީގޮތުން އެޅުމުގެ މަސައްކަތް، މި އަންނަ އަހަރުން ފެށިގެންދާނެ.


އާދެ، މިއަދު މިއިފްތިތާޙުކުރި، ގަމު މަރުކަޒީ އިންޖީނުގޭގެ ޚިދުމަތަކީވެސް، މި ރަށުގެ ރައްޔިތުންނަށް ވަރަށް ގިނަ މަންފާތަކެއް ކުރާނެ ޚިދުމަތެއް. އޭގެ އެންމެ މުހިންމު ފައިދާއަކީ، ގޭގެއަށް ބޭނުންވާ ހަމަ މިންވަރަށް ކަރަންޓު ލިބުން. އަދި ޞިނާޢީ މަސައްކަތްކުރާ ތަންތަނަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި، ކުރިން ހުރި ދަތިތައްވެސް މިއަދުން ފެށިގެން ޙައްލުވެގެންދާނެ.


މިރަށުގެ އިންޖީނުގެއަށް މި ގެނެވުނު ބަދަލަކީ، ތިމާވެށީގެ ގޮތުންނާއި، ޚަރަދުގެ ގޮތުން ބަލާއިރުވެސް، ވަރަށް ރަނގަޅު ބަދަލުތަކެއްކަން، ދެންމެ އަޅުގަނޑުމެންނަށް ފެނިގެން އެދިޔަ ވީޑިއޯއިން ހާމަވެގެން ހިނގައްޖެ. އެހެންކަމުން، ފެނަކަ ކޯޕަރޭޝަން ހިންގުމުގައި އިސްކޮށް ތިއްބެވި ޗެއަރމަން މުޙައްމަދު ރަޝީދަށާއި، މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދަށާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ވަޙީދަށާއި، ކުންފުނީގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވަން.


އާދެ، މިއަދު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މިތަނަށް ވަޑައިގެން އިންނެވީ، މި ސަރަޙައްދުގެ ޔުޓިލިޓީ ޚިދުމަތްދޭ 50 ކުންފުނީގެ ތެރެއިން އެންމެ ޚިދުމަތް ރަނގަޅު މެނޭޖިންގ ޑައިރެކްޓަރެއްގެ ގޮތުގައި ހޮވިވަޑައިގެން. އެކަމަށްޓަކައިވެސް މެނޭޖިންގ ޑައިރެކްޓަރަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.


މިއަދު މި އިފްތިތާޙުކުރެވުނު އަނެއް ކަމަކީ، އަޅުގަނޑުމެން އެއްވެ މިތިބި ބޯޅަދަނޑު. ފީފާގެ މިންގަނޑަށް ތައްޔާރުކުރި މި ދަނޑުގެ މަސައްކަތް ފެށީ، މިދިޔަ އަހަރުގެ ފަހުކޮޅު. ވަރަށްދަތި އުނދަގޫ ދުވަސްވަރެއްގައިވެސް، އެއްއަހަރުގެ ތެރޭގައި، މި މަޝްރޫޢު ފުރިހަމަކޮށްދެއްވިކަމަށްޓަކައި، އެމް.ޓީ.ސީ.ސީއަށާއި، އަމިން ކޮންސްޓްރަކްޝަނަށް، ގަމު ރައްޔިތުންގެ ނަމުގައާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.


މިތަނުގައި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޚްލޫފްވެސް އިންނެވުމާއެކު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކުރިމަގުގައި ކުޅިވަރު މުބާރާތްތައް ރާވައި ހިންގާއިރުވެސް، ލާމަރުކަޒީ ގޮތެއްގައި އެކަން ކުރެވޭނެ ނިޒާމެއް ހަމަޖައްސައިގެން ކުރިއަށް ގެންދެވުން. ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ޙަޤީޤީ ނަތީޖާ ފެންނާނީ އޭރުން.


ތަރައްޤީ ލާމަރުކަޒު ކުރުމުގެ ވަރަށް ގިނަ މަޝްރޫޢުތައް، މި އަންނަ އަހަރުގެ ތެރޭގައިވެސް މި ރަށާއި މި އަތޮޅުގައި ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ވާނީ ޕްލޭންކޮށްފައި. އޭގެ ތެރެއިން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ބައެއް ކަންތައްތައް އަޅުގަނޑު ދަންނަވާލާނަން.


ލ. ގަމު މުކުރިމަގު ބަނދަރުގެ މަސައްކަތް މިހާރުވާނީ އެމް.ޓީ.ސީ.ސީއާ ހަވާލުކުރެވިފައި. ތުނޑި އަވަށުގެ ބަނދަރުގެ މަސައްކަތް، އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ވަނީ ބަޖެޓުކުރެވިފައި. އަދި މި ރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ޑިޒައިނަށް ބޭނުންވާ ސާރވޭގެ މަސައްކަތްތައްވެސް މިހާރު އޮތީ ނިމިފައި. އަދި މި ރަށުގައި ބޯފެނުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މިހާރު އޮތީ، އެކަމަށް ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކުން ބީލަން ހުޅުވައިލުމުގެ މަރުޙަލާގައި.


މިއަތޮޅުގެ ރަށްތަކުގެ ތެރެއިން، ފެނާއި ނަރުދަމާ ނިޒާމު މިހާތަނަށް ޤާއިމުނުކުރެވި ހުރި ހުރިހާ ރަށެއްގައިވެސް، އެ ޚިދުމަތް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް މި އަންނަނީ ތައްޔާރުވަމުން. ކާރިސާތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، މި ސަރަޙައްދުގައި ޤާއިމުކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، ފޮނަދޫގައި ޤާއިމުކުރުމުގެ މަސައްކަތްވެސް، އިރާދަކުރެއްވިއްޔާ އަންނަ އަހަރު ފެށޭނެ.


އޭގެ އިތުރުން، ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތު އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެ. ފޮނަދޫ ޕޮލިސް ސްޓޭޝަން ޢިމާރާތްކުރުމާއި، ފޮނަދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތްވެސް، އަންނަ އަހަރު ފެށުމަށް މިހާރުވާނީ ބަޖެޓުކުރެވިފައި. އަޅުގަނޑުމެންގެ އަމާޒަކީ، އިޤްތިޞާދީ ހަބެއްގެ ގޮތުގައި، ގަން/ފޮނަދޫ ތަރައްޤީކުރުން. އާދެ، މީގެ އިތުރުން، މި ސަރަޙައްދަކީ ލޯކަލް ޓޫރިޒަމް އެންމެ ރަނގަޅަށް ތަރައްޤީކުރެވޭނެ އެއް ސަރަޙައްދު ކަމަށްވާތީ، އެ ވިސްނުމުގައިވެސް މި އަންނަނީ ކަންތައްތަކެއް ކުރަމުން.


މަސްވެރިންގެ ލުއިފަސޭހައަށްޓަކައި، ލ. މާބައިދޫގައި، އައިސް ޕްލާންޓެއް ޤާއިމުކުރުމުގެ އިތުރުން، ސަޢުދީ ފަންޑުގެ އެހީގައި، ލ. މާމެންދޫގައި އައިސް ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް، މި އަންނަ އަހަރު ފެށުމަށް މި އަންނަނީ މަސައްކަތް ކުރަމުން. މީގެ އިތުރުންވެސް، މި އަތޮޅުގެ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތަކެއް، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި އެބަހުރި.


ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން، އިޤްތިޞާދީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވި. އެކަންކަމަށް ވިސްނައި، އަންނަ އަހަރުގެ ބަޖެޓުގައި ތަރައްޤީގެ މަޝްރޫޢުތައް ހިމަނާފައިވާނީ، ﷲގެ ރަޙްމަތްފުޅާއެކު، ކުރިއަށް އޮތް އަހަރު ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ އުންމީދާއެކު.


ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ޙިއްޞާއެއްވާ ޓޫރިޒަމްގެ ޞިނާޢަތު، ކޯވިޑް-19ގެ ސަބަބުން މުޅިން ހުއްޓުމަކަށް އައިސް، އެތައް މަހެއް ހޭދަވުމަށްފަހު، މިއަދު ޓޫރިޒަމަށް ދިރުން އަންނަކަމުގެ ނިޝާންތައް އެބަ ފެނޭ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ޓޫރިސްޓް ސީޒަނަކީ، އުންމީދީ ދުވަސްތަކެއް ކަމަށް ވަރަށް ބޮޑަށް މިހާރު ޤަބޫލުކުރެވޭ.


އާދެ، ކޯވިޑުގެ ބަލިން ސަލާމަތްވުމަށްޓަކައި މުޅި ދުނިޔެ އެކީގައި ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުން އެބަދޭ. އެގޮތުން، އެ ބައްޔަށް ވެކްސިނެއް ހޯދުމުގެ އެންމެފަހުގެ މަރުޙަލާތައް ނިމި، ރައްޔިތުންނާ ހިސާބަށް އެ ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް، ގިނަ ޤައުމުތަކުގައި ކުރަމުން އެބަދޭ. ސަރުކާރުގެ ސިޔާސަތަކީ، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އެއްވެސް ރައްޔިތަކު ބާކީނުކޮށް، އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ހިލޭ އެ ވެކްސިން ފޯރުކޮށްދިނުން.


މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، ޢާއިލާތަކުގައި ދިރިއުޅުމުގެ ފުރުޞަތު ގެއްލި މަގުމަތިވެފައިވާ ޒުވާނުން އަނބުރާ މުޖުތަމަޢަށް ގެނައުމަކީ، މިއަދު ކުރަންޖެހިފައިވާ މުހިންމު ކަމެއް. މިއީ، އެތައް އަހަރެއްވެގެން ދިޔައިރުވެސް އަޅައިނުލެވި، ޙައްލުނުކުރެވި އަޅުގަނޑުމެންނާ ހަމައަށް ވާރުތަވެފައި އޮތް އިޖުތިމާޢީ އަދި އިޤްތިޞާދީ ބޮޑު މައްސަލައެއް. އަޅުގަނޑު ގަބޫލުކުރާގޮތުގައި، މަސްތުވާތަކެތީގެ މައްސަލައަކީ، އެ ބޭނުންކުރާ މީހުންނަށް ހަމައެކަނި އަދަބުދީގެން ޙައްލުކުރެވޭނެ ކަމެއްނޫން. އެހެންކަމުން، ސަރުކާރުން މި އަންނަނީ އެފަދަ ޒުވާނުން، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށް، ބިނާކުރަނިވި ބައެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ގެނައުމަށް، ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން.


ސަރުކާރުން މިކަމަށް އެކުލަވައިލި ޚާއްސަ އެކްޝަން ޕްލޭންގެ ދަށުން، ޒުވާނުން މަސްތުވާތަކެއްޗާ ދުރުކުރުމަށް، އަންނަ އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ފެށިގެންދާނެ. އެގޮތުން، ޖަލުގައި މަސްތުވާތަކެތީގެ ނެޓްވަރކްތައް އޮޕަރޭޓްކުރުން ހުއްޓުވުމާއި، މަސްތުވާތަކެތީގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރުން ހުއްޓުވުމަށް، ޚާއްޞަ ސަމާލުކަމެއް ދެވޭނެ. ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރެއް ޤާއިމުކުރުމުގެ އިތުރުން، ކުޑަކުދިންގެ ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުމާލޭގައި ޤާއިމުކޮށް، މަސްތުވާތަކެތީގެ މައްސަލަތައް ޝަރީޢަތުން އަވަސްކުރުމަކީވެސް އެ އެކްޝަން ޕްލޭންގެ ވަރަށް މުހިންމު ބައިތަކެއް.


ސަރުކާރުން މިހާރު ނިންމާފައިވަނީ، މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާގެ މަރުޙަލާ ފުރިހަމަކުރާ ޒުވާނުންނަށް، ދިރިއުޅުމުގެ ހުނަރާއި، ތަޢުލީމާއި، ތަރުބިއްޔަތުގެ ޕްރޮގްރާމްތަކެއް ހިންގާނެ މަރުކަޒެއް، މި އަތޮޅު ކަޅައިދޫގައި ޤާއިމުކުރުމަށް. އެ މަރުކަޒަށް ގެންނަ ޒުވާނުންނަށް ބޭނުންވާ އެންމެހައި ޚިދުމަތްތަކާއި ވަސީލަތްތައްވެސް އެތަނުގައި ޤާއިމުކުރެވޭނެ. ސަރުކާރުގެ ވިސްނުމަކީ، އެމަރުކަޒުގެ ޕްރޮގްރާމްތައް ފުރިހަމަކުރާ ޒުވާނުންނަށް، އިތުރު ތަޖުރިބާ ހޯދުމުގެ ފުރުޞަތުތަކާއި، އާމްދަނީ ހޯދުމުގެ އަމިއްލަ މަސައްކަތެއް ފަށައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުން.


ކޯވިޑްގެ ތެރޭގައި އިޤްތިޞާދީ ދާއިރާއިން މި ކުރެވުނު ތަޖުރިބާގެ އަލީގައި، ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއްދެނީ އިޤްތިޞާދު ސިންދަފާތު ކުރުމަށް. މަސްވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދުގައި މިހާރަށްވުރެ ބޮޑު ޙިއްޞާއެއްވެވޭނެ ޞިނާޢަތެއްކަން ހަމަ ޔަޤީން. ހަމައެގޮތުން، ދަނޑުވެރިކަމަކީވެސް، ޚާއްޞަ ސަމާލުކަމެއްދީ، މިހާރަށްވުރެ މާބޮޑަށް ކުރިއެރުވޭނެ ޞިނާޢަތެއްކަން މިދަނީ ހާމަވަމުން.


އަންނަ އަހަރަށް މަޖިލީހުން ފާސްކުރި، 34.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި، މި ދެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައި. ދަނޑުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރުން އުފެއްދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މި ސަރަޙައްދުގެ މަރުކަޒު، ފޮނަދޫގައި ޤާއިމުކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ، އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ.


މިހާރު ޤައުމަށް ކުރިމަތިވެފައި މިވާ އިޖުތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކުން އަރައިގަތުމުގައި، ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ސަރުކާރަށް ބޭނުންވޭ. ކޯވިޑް-19އާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތައް ތަންފީޒުކުރުމަށް، ރައްޔިތުން އެހީތެރިކަމާއި އެއްބާރުލުން ދެއްވި ފަދައިން، އިޤްތިޞާދު އަލުން އާރާސްތުކުރުމުގައިވެސް، އެހީތެރިވެދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.


އަޅުގަނޑުގެ އުންމީދަކީ، ކޯވިޑް-19ގެ މި ނުރައްކާތަކުން ސަލާމަތްވެ، ރައްޔިތުންގެ ކުރިއެރުމާއި، ޤައުމުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫޢުތައް، ހަލުވިމިނުގައި ކުރިއަށް ގެންދެވޭނެ އަވަސް އަލިމަގެއް ފެނިގެން ދިޔުން. އެކަމުގައި اللهُ سُبْحَانَهُ وَتَعَالَى ގެ ހެޔޮ ތައުފީޤާއި މަދަދު އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.