މިނިވަންކަމުގެ ރުކުންތައް ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތް ނުހަނު ބޮޑުކަމަށާއި، މިކަމަށް އަޅުގަނޑުމެން އެންމެން މަސައްކަތްކޮށްގެންނޫނީ، މި މިނިވަންކަން ނުދެމެހެއްޓޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިނިވަންދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު އަޅުގަނޑުމެންގެ ޒިންމާ ވަރަށް ބޮޑުކަމަށާއި، އަޅުގަނޑުމެންގެ ވާޖިބަކީ، މި ޤައުމު މިނިވަންކަންމަތީގައި އަންނަންއޮތް ޖީލުތަކަށާއި، އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް ރައްދުކޮށްދެއްވުންކަމުގައި ވިދާޅުވިއެވެ. އަދި މިނިވަންކަމަކީ ހަމައެކަނި އިސްތިޢުމާރީ ބާރުގެ ވެރިކަން ހުއްޓުމެއް ނޫންކަމަށާއި، އެ އިސްތިޢުމާރީ ބާރުގެ ވެރިކަން ހުއްޓުމަށްފަހު، އެ ޤައުމެއްގައި ދެންއުފެދޭ ވެރިކަމަކީ، ސީދާ ރައްޔިތުންގެ ވެރިކަމަކަށްވުމީ، މިނިވަންކަމުގެ ވާޖިބު ރުކުނެއްކަން ބަޔާންކުރެއްވިއެވެ. މިދެންނެވި މިނިވަންކަން މަތީގައި ކުރެވޭ ވެރިކަން ހިނގާއިރު އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލާފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަދި ޞުލްޙަވެރި ޙަރަކާތް ހިންގުމުގެ މިނިވަންކަން އޮންނަންޖެހޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެން މިކުރާ ވެރިކަމަކީ، މީގެކުރީގައި ރާއްޖޭގައި ކުރަމުންއައި ވެރިކަމާ، ވަރަށް ތަފާތު ވެރިކަމެއްކަމަށް ވިދާޅުވެ، މިނިވަންކަމުގެ މުހިންމު އެއްރުކުނަކީ، ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް ނުވަތަ ސަރުކާރުގެ ސިޔާސަތާ އިދިކޮޅަށް ފާޑުކިޔޭނެ ގޮތަކަށް ވެރިކަމުގެ ނިޒާމް ތަރުތީބުވެގެން ދިޔުންކަންވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މިނިވަންކަމުގެ ތާރީޚުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މިގޮތުން 1887 ވަނަ އަހަރު އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ބަދަލުވެ، އަދި 1965 ވަނަ އަހަރު އިނގިރޭސިންގެ ޙިމާޔަތުގެ އުނގުން ނެއްޓުނުކަމުގެ ހަނދާން މިއަދު އަޅުގަނޑުމެން އާލާކުރަމުންދާއިރު، ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވުމަށް އޭރު ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ. އަދި މިއަދު އިބްރާހީމް ނާޞިރުގެ ހަނދާން އާކުރުމަކީ، ދިވެހި ތާރީޚަށް ތެދުވެރިވުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އިނގިރޭސީންގެ އިސްތިޢުމާރީ ބާރުން ދިވެހިރާއްޖެ ނެއްޓި، އެއަށްފަހު އައި މިނިވަންކަމުގައި ގިނަދުވަސްތަކެއްގައި ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. މިގޮތުން، މަރްޙޫމް އިބްރާހީމް ނާޞިރުގެ އިތުރުން، މީގެކުރީގައި ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޚިދްމަތްތަކީވެސް، މިރާއްޖޭގެ ފަސްގަނޑުން ދުވަހަކުވެސް ފިލައިގެންދާނެ ޚިދްމަތްތަކެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެ، ރައީސް މައުމޫނަށް ނިހާޔަތަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ރާއްޖެ އަޅުގަނޑުމެން ބޭނުންވާ މިޞްރާބަށް، އުންމީދުކުރާ ހެޔޮވެރިކަމަށް ބަދަލުކުރުމަށްޓަކައި ކޮންމެހެން އަޅަންވީ ފިޔަވަޅުތަކަކާއި، އަދާކުރަންވީ ރުކުންތަކެއް އެބަހުރިކަމަށް ވިދާޅުވިއެވެ. އަދި މިރާއްޖޭގައި ޑިމޮކްރަސީ ގާއިމްކޮށް ހަރުދަނާ ކުރުމަކީ، ރާއްޖޭގެ ވެރިކަން އަންނަންއޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމަށް މިއަދު އަޅުގަނޑުމެން ކުރުން މަޖުބޫރު ކަމެއް ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޖަމާޢަތް ހަދައިގެން އެއްވެއުޅުމުގެ މިނިވަންކަމާއި، ސުލްޙަވެރި ޙަރަކާތް ހިންގުމުގެ މިނިވަންކަން، އަޅުގަނޑުމެންގެ ތެރޭގައި މީގެކުރީގައި ދުވަހަކުވެސް ނެތް ދަރަޖައަށް އިރާދަކުރެއްވިއްޔާ ބޭއްވޭނެކަމުގައި ވިދާޅުވިއެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު ބޭއްވެވި، ރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ މުޙަންމަދު ނަޝީދެވެ.