މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގެ އަވަށްތަކާއި ސިފައިންގެ ފަރާތުން މާލޭގެ އެކިއެކި ސަރަޙައްދުތަކުގައި ރޭ ބޭއްވެވި ޙަފްލާތަކުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީއާއި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން ބައިވެރިވެވަޑައިގެންފިއެވެ.

ރޭ 9 ޖެހިއިރު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ނައިބު ރައީސްގެ ދެކަނބަލުން މުލީއާގެއިން ނުކުމެވަޑައިގެން ފުރަތަމަ ވަޑައިގަތީ ޖުމްހޫރީ މައިދާނަށެވެ. އޭގެފަހުން، ވަޑައިގަތީ ހިތްފަސޭހަ މައިޒާން ސަރަޙައްދަށެވެ. ދެން ގަލޮޅު ފްލެޓް ސަރަޙައްދަށެވެ. ގަލޮޅުން ވަޑައިގަތީ މައްޗަންގޮޅި ޞަލާޙުއްދީން ބިލްޑިންގ ކުރިން ހުރި ތަނަށެވެ. އެންމެ ފަހުން ރައީސްގެ ދެކަނބަލުންނާއި ނައިބު ރައީސްގެ ދެކަނބަލުން ވަޑައިގަތީ މާފަންނު ލައިސަންސް ނަގަން ދުއްވަން ދަސްކުރާ ސަރަޙައްދަށެވެ.

މި ސަރަޙައްދުތަކުގައި ޘަޤާފީ ކުޅިވަރުތަކާއި މިޔުޒިކު އޮތެވެ. މި ސަރަޙައްދުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ނައިބު ރައީސްގެ ދެކަނބަލުން ވަޑައިގެން، އެތަންތާނގައި ތިބި ޢާންމުންނާ ބައްދަލުކުރައްވައި މިނިވަންދުވަހުގެ ތަހުނިޔާ ބަދަލުކުރެއްވިއެވެ. އަދި އެ ސަރަޙައްދުތަކުގައި ހިނގަމުންދިޔަ ކުޅިވަރުތަކާއި މިޔުޒިކުގެ އައިޓަމްތައް ބައްލަވައިލެއްވިއެވެ.

މި ސަރަޙައްދުތަކަށް ވަރަށް ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންނާއި އެތައް ބަޔަކު ޙާޟިރުވެ މިނިވަންކަމުގެ އުފަލުގައި ބައިވެރިވިއެވެ.