މި އިންޓަރވިޔުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހުގައި ސުވާލުތައް ދެންނެވީ، ޕްރޮގްރާމް ހުށަހެޅުއްވި ނިޝާން މުޙައްމަދުދީދީ.

ޕްރެޒެންޓަރ:

السَّلَامُ عَلَيْكُمْ.

ޕީ.އެސް.އެމް ނިއުސް ބައްލަވާ އެންމެހައި ބޭފުޅުންނަށް މަރުޙަބާ ދަންނަވަން. އަޅުގަނޑަކީ ނިޝާން މުޙައްމަދުދީދީ.

އާދެ، އަޅުގަނޑުމެން ޕީ.އެސް.އެމް ނިއުސްއިން މިދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ދެ އަހަރުވުމާ ގުޅިގެން، ސަރުކާރުން މިވީ ދެ އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، އެކިއެކި ދާއިރާތަކުން ކުރައްވާފައިވާ މުހިންމު މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު، ތިޔަބޭފުޅުންނާ ހަމައަށް، އެކިއެކި ބޭފުޅުންނާއެކު، އެ މަޢުލޫމާތުތައް ޙިއްސާކުރަމުން އަޅުގަނޑުމެން މިދަނީ. މިގޮތުން ސަރުކާރުގެ ތަފާތު ދާއިރާތަކުން، ތަފާތު އެކިއެކި ވުޒާރާތަކުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުރައްވާފައިވާ މަސައްކަތްތަކާއި އަދި ހަމަ އެހެންމެ، މީގެތެރޭގައި ސަރުކާރުގެ ވަޒީރުންގެ އިތުރުން، ސަރުކާރުގެ މަތީފަންތީގެ ބޭފުޅުންނާވެސް، އަޅުގަނޑުމެން މިދަނީ އިންޓަރވިއުކޮށް، މިކަންކަމާ ގުޅޭ މަޢޫލޫމާތުތައް ތިޔަބޭފުޅުންނާ ހިއްސާކުރަމުން.

އެގޮތުން އަޅުގަނޑުމެން މި ވަގުތުކޮޅު މި ޚާއްޞަކޮށްލަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއެއްކޮށް.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއެއްކޮށް އަޅުގަނޑުމެން މި މަޢުލޫމާތުތައް ތިޔަބޭފުޅުންނާ ހަމައަށް ގެނެސްދޭއިރު، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ނައިބު ރައީސް ފައިޞަލް ނަސީމަކީ ސޯޝަލް ކައުންސިލްގެ ޗެއަރކަން. އަދި ސޯޝަލް ކައުންސިލްގެ ޗެއަރއަކަށް އެ މަނިކުފާނު ވެވަޑައިގެންނެވުމުގެ ކުރިންވެސް، އަޅުގަނޑުމެން ހަމަ ފާހަގަކޮށްލަން، އެމަނިކުފާނަކީ، އިޖުތިމާޢީ ދާއިރާގައި، ޚާއްޞަގޮތެއްގައި ދިވެހިރާއްޖޭގެ އެކިއެކި ރައްޔިތުންގެ ތެރެއިން، އަދި ހަމަ އެހެންމެ، އެކިއެކި ރަށްރަށުގައިވެސް، މުހިންމު އިޖުތިމާޢީ ކަންކަމުގައި ވަރަށް އިސް ބޭފުޅެއްގެ ގޮތުގައި، ވަރަށް ޙަރަކާތްތެރި ބޭފުޅެއްގެ ގޮތުގައި މީގެކުރީންވެސް ވެވަޑައިގެންފައިވާ، އަދި އެގޮތަށް ފެނިގެންދިޔަ ބޭފުޅެއް. މިގޮތުން އެކިއެކި އުމުރުފުރާތަކުގެ މީހުންނަށް ބޭނުންވާ އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ޚާއްޞަ އެހީތެރިކަން ބޭނުންވާ މީހުންނާއި އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތްކުރުމަށް އެމަނިކުފާނު ވަނީ، މުހިންމު މަސައްކަތްތަކެއް ކުރައްވާފައި. މީގެ އިތުރުން، ހަމަ ސަރުކާރުގެ ތެރެއިންވެސް ޞިއްޙީ ދާއިރާގެ ކަންކަން ތަންފީޒުކުރުމުގައާއި، ޞިއްޙީ ދާއިރާއިން ސަރުކާރުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެ މަނިކުފާނު ގެންދަވަނީ، މުހިންމު މަސައްކަތްތަކެއް ކުރައްވަމުން. މި ގޮތުން ބަލައިލާއިރު، މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވެފައިމިވާ، ކޯވިޑް-19ގެ ނުރައްކާތެރި ދަނޑިވަޅުގައި މިކަމުގައިވެސް، ހަމަ ޞިއްޙީ ދާއިރާގެ ބޭފުޅުންނާއެކު އެކަންކަން ވިލަރެސްކޮށް، ކަންކަން ހިންގުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުކަން އަޅުގަނޑު ފާހަގަކޮށްލަން.

އަޅުގަނޑު ހަމަ ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމަށް، އަޅުގަނޑުމެންނާއެކު، ވަގުތުކޮޅެއް ހޭދަކޮށްލަދެއްވާތީ.

އާދެ، ދެ އަހަރުދުވަހުގެ ކާމިޔާބީގެ ވާހަކަ އަޅުގަނޑުމެން ހިއްސާކުރަމުން މިދާއިރު، އަޅުގަނޑު ފުރަތަމަ ސުވާލެއްގެ ގޮތުންވެސް އަހާލާހިތްވޭ، އަޅުގަނޑުމެންނަށް ސޯޝަލް ކައުންސިލްގެ ވާހަކަތައް އަޑުއިވިގެންދާއިރު، ވަރަށް ގިނަ މަސައްކަތްތަކެއް އަޑުއިވިގެން އެބަދޭ އެކިއެކި ދާއިރާތަކުގެ.

ފުރަތަމަވެސް އަޅުގަނޑު އަހާލާހިތްވޭ، ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސޯޝަލް ކައުންސިލުން މައިގަނޑު ގޮތެއްގައި އަދާކުރާ ދައުރަކީ ކޮބައިތޯއޭ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ޝުކުރިއްޔާ! އަޅުގަނޑު އެންމެ ފުރަތަމަވެސް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އަދި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރިސްކުރަން. އެނގިވަޑައިގަންނަވާނެ، އިޖުތިމާޢީ ކަންތައްތައް އަޅުގަނޑުމެންނަށް އަބަދުވެސް ވިސްނިފައި އޮންނަނީ ބޮޑަށް ތަރައްޤީއާއި އިންފްރާސްޓްރަކްޗަރ، ނޫނީ ޢުމްރާނީ ތަރައްޤީގެ ކަންތައްތަކެއްގެ ގޮތުގައި. އެކަމަކު އިޖުތިމާޢީ ކަންތައްތަކަށް އެ ދޭންޖެހޭ ސަމާލުކަމެއް ދެވިފައެއްނޯވޭ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މި ސަރުކާރުން ޚާއްޞަގޮތެއްގައި ފާހަގަކުރެވުނީ، ރައީސުލްޖުމްހޫރިއްޔާ، ވަރަށް ބޮޑު އިސްކަމެއް، ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ދާއިރާއެއް އިޖުތިމާޢީ ދާއިރާއަކީ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއް ލިބުމަށް، ހެޔޮލަފާ ޖީލެއް، ތަޢުލީމީ ޒުވާނުންތަކެއް ބިނާވެގެން ދިއުމަކީ، އެއީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ އިސް، އެންމެ މުހިންމު އަމާޒެއްގެ ގޮތުގައި މި އޮންނަނީ.

އެގޮތުން ސޯޝަލް ކައުންސިލްގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭ. އަޅުގަނޑުމެން ވިސްނާލަންޖެހޭ، އަޅުގަނޑުމެންގެ ތެރޭގައި ހުރި ކަންތައްތައް ހޯދައި އަޅުގަނޑުމެން ބަލަން އެބަޖެހޭ. ހުރި މައްސަލަތައް އަޅުގަނޑުމެންނަށް އެނގެން އެބަޖެހޭ. އަޅުގަނޑުމެން މިއަދު ސޯޝަލް ކައުންސިލާއި އަދި މުޅި ސަރުކާރުންވެސް މި ކުރެވޭ މަސައްކަތްތައް، ދުރު ރާސްތާގެ ޕްލޭންތައް ވާންޖެހޭނީ، ޤައުމަށް ދިމާވެފައި ހުރި މައްސަލަތަކަށް ޙައްލު ހޯދައިދޭ ކަމަކަށް. އެގޮތުން އަޅުގަނޑު ފާހަގަކުރަން ބޭނުންވޭ، ވޭތުވެދިޔަ ދެ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައި މިހުރީ.

މި ދެންނެވި ގޮތަށް، ވަރަށް ގިނަ ދިމަދިމާއަށް އަމާޒުކުރެވިގެން، އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކުރެވިއްޖެ. އަދި މިހާރުވެސް އެ މަސައްކަތްތައް ރޭވިގެން ކުރިއަށް އެބަދޭ. މިގޮތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން މިއީ، އަޅުގަނޑުމެންނަށް ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި މިއޮތީ. މާލެއަށް ބެލިކަމުގައިވިޔަސް، އަދި ރާއްޖޭގެ ޚާއްޞަކޮށް، ބޮޑެތި ރަށްތަކަށް ބަލައިފި ކަމަށްވަންޏާ، މީހުން ހޭލުންތެރިކުރުވުމާއި، މިކަމުންދިމާވާ، އެކިއެކި ހިތާމަތަކާއި، އެ ކަންތައްތަކުން މީހުން ދުރުހެލިކުރުވުމަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ހަމައެއާއެކު އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި ބަލިމަޑުކަމަށް ބަލައިފިކަމަށްވަންޏާ، އަޅުގަނޑުމެން އަބަދުވެސް، ސަލާމަތްވެ ތިބެން އެބަޖެހޭ. ރައްކާތެރިކަމުގެ ފިޔަވަޅުތައް، ޕްރިވެންޝަނަށް މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

އެގޮތުން އަޅުގަނޑު ދަންނަވާނީ، ސޯޝަލް ކައުންސިލްތެރެއިން ކުރެވޭ މަސައްކަތްތަކަކީ، ވަރަށް މުހިންމު މަސައްކަތްތަކެއް. ތަޢުލީމީ ދާއިރާއަށް ބެލިކަމުގައިވިޔަސް، އަޅުގަނޑުމެންނަށް އެބަޖެހޭ، މި ދެންނެވި ކަހަލަ ހެޔޮލަފާ ޖީލެއް ބިނާކުރުމަށްޓަކައި ބޭނުންވާ ކަންތައްތައް ފުރިހަމަކުރަން. އެގޮތުން ސޯޝަލް ކައުންސިލްގެ ވަޒީރުންނާއި، އަދި މުޅި ސަރުކާރުގެ ގިނަ މަޝްވަރާތަކަކާއެކު، ކުރިއަށް ގެންދެވޭ މަސައްކަތްތަކަކީ، އަޅުގަނޑު ދަންނަވާނީ، އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެނިގެންދާނެ ކަމެކޭ.

ޕްރެޒެންޓަރ:

އާދެ، ވަރަށް ތަފްޞީލީ ގޮތެއްގައި ވިދާޅުވެއްޖެ، ސޯޝަލް ކައުންސިލުން މައިގަނޑު ގޮތެއްގައި މި ބައްލަވާ ކަންތައްތައް. ކޮބައިތޯ ޤާބިލް ޒުވާނުން ބިނާކުރުމަކީ؟ ސަރުކާރުގެ މުހިންމު ސިޔާސަތަކަށް ވެގެން ގޮސްފައި މިވަނީ. އެކިއެކި ޕޯޑިއަމްތަކުގައި ވާހަކަފުޅުދެއްކެވިއިރު، ރައީސުލްޖުމްހޫރިއްޔާވެސް އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވެސް، އެކަންކަމަށް އަލިއަޅުއްވައިލައްވައި ވަނީ ވާހަކަފުޅުދައްކަވާފައި. ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމުގައި ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތްތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، ތަޢުލީމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މިހާރު މިވަނީ ތަޞްދީޤު ކުރައްވާފައި. އޭގެ ސަބަބުންވެސް އިތުރު ގިނަގުނަ ޙައްޤުތަކެއް ލިބިގެން އެބަދޭ. ތަޢުލީމު ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތަށް އިތުރު ބާރެއް، އިތުރު ހިތްވަރެއް ލިބިގެންދާނެ. ޅަފަތުގެ ތަޢުލީމަށް އަޅުގަނޑުމެން ސަމާލުކަންދޭން އެބަޖެހޭ. ސްކޫލްތެރެއިން ތަޢުލީމާ އެކުއެކީގައި ދަރިވަރުންނަށް މަސައްކަތްތެރިކަން ދަސްވާން އެބަޖެހޭ. ސްކޫލް ނިމިގެން މާޙައުލަށް މުޖުތަމަޢަށް ނުކުންނަ ކޮންމެ ކުއްޖަކީވެސް، ދިރިއުޅުމަކަށް އަހުލުވެރިވެފައިވާ ކުއްޖަކަށްވާން އެބަޖެހޭ. އެއީ މިއަދުގެ އަމާޒު. އަޅުގަނޑުމެންގެ މުޅި އެޑިޔުކޭޝަންގެ ނިޒާމު، ތަޢުލީމީ ނިޒާމު މި އެކުލަވައިލެވެނީ، މި ހުރިހާ ކަމެއްގެ މައްޗަށް ބެލިގެން. ވަށާޖެހޭ ތަޢުލީމެއް ދެވެން އެބަޖެހޭ. ތަޢުލީމު ދިނުމުގައި ފުރިހަމަކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބައާދޭ. ފެންވަރު ރަނގަޅު މުދައްރިސުން ތިބެން އެބަޖެހޭ. މުދައްރިސުންނަށް ތަމްރީނު ދެވެން އެބަޖެހޭ. އަދި ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރެވި، މި ގޮތަށް ގޮސް ވަރަށް ގިނަ ކަންތައްތަކެއް ސަރުކާރުން މިހާރު ކުރެވެމުންދާކަން، އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށްލަން.

ޕްރެޒެންޓަރ:

އާދެ، ޞިއްޙީ ދާއިރާއަށް ބަލައިލާއިރު، އަޅުގަނޑުމެންނަށް މަނިކުފާނު މިހާރު މި ހުންނެވި މަޤާމަށް ވަޑައިގެންނެވުމުގެ ކުރީންވެސް ރަށްރަށުގެ ޞިއްޙީ ދާއިރާގެ ކަންކަން ހަރުދަނާކުރެއްވުމަށްޓަކައި، ޓީމުތައް ގޮވައިގެން ރަށްރަށަށް ވަޑައިގެން، ވަރަށް ގިނަ މަސައްކަތްތަކެއް އޭރުވެސް، މެންބަރެއްގެ ގޮތުގައި ހުންނެވިއިރުވެސް، ކުރެއްވިތަން އަޅުގަނޑުމެންނަށް ފެނިގެންދިޔަ. މި ދެ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މި ދާއިރާއިން އޭރު ފާހަގަކުރެއްވުނު ކަންތައްތަކާއެކު، މި ދާއިރާއިން ކުރެވުނު މުހިންމު މަސައްކަތްތަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ހަމަ މީގައި ފާހަގަކޮށްލަން ބޭނުންވަނީ، ޞިއްޙީ ދާއިރާއަށް ބަލައިލާކަމަށްވަންޏާ، ދެންނެވިދާނެ، އެންމެ ބޮޑަށް ރައްޔިތުންނަށް އެކަމަކުން ލުއިފަސޭހަކަން ބޭނުންވެފައި އޮތް ދާއިރާއަކީ ޞިއްޙީ ދާއިރާއޭ. ރާއްޖެ އުފެދިފައި އޮންނަ ގޮތަށް ބަލައިލާއިރުވެސް، މިހާތަނަށް އައިއިރު، އަޅުގަނޑުމެންނަށް މި ފެނިގެންދިޔައީ، ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށްޓަކައިވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަން މި ޖެހެނީ ވަކި ދިމާއަކަށް. ޚާއްޞަކޮށް މާލެއަށް، ރާއްޖޭގެ ރަށްރަށުންވެސް ހަމަ ކޮންމެކަމަކު އަންނަންޖެހޭ ގޮތަށް މި އޮންނަނީ. އެހެން ނަމަވެސް، ދިވެހި ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ، ރާއްޖޭގެ ރަށްތައް، ރާއްޖޭގެ އަތޮޅުތަކުން ކައިރިން، އެ ޚިދުމަތްތައް ލިބޭނޭގޮތަށް ކަންތައްތައް ކުރުން.

އެނގިވަޑައިގަންނަވާނެ، ލާމަރުކަޒީ ޤާނޫނުގެ ދަށުން، ރާއްޖޭގެ ހިންގުން ހަރުދަނާކޮށް، ރަށްރަށާއި އަތޮޅުތަކަށް އިތުރު ބާރުތައްދީ، ހިންގުމުގެ ނިޒާމު ވަރުގަދަކުރުމުގެ މަސައްކަތުގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް ކުރެވެމުން މިދަނީ. އެގޮތުން މިހާރުވެސް އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގެ ހިންގުން މިވަނީ ހަރުދަނާކުރެވިފައި. އަދި ހަމަ އެއާއެކު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްވެސް މިހާރު މިވަނީ ހިންގުން ހަރުދަނާކޮށް، އަމިއްލައަށް އެތަނުގެ ހިންގުން ރަނގަޅުކުރުމަށްޓަކައި އެ މަސައްކަތް އެގޮތަށް ހަމަޖެއްސިފައި. ޞިއްޙީ ދާއިރާއަށް އަޅުގަނޑުމެން ބަލައިފިކަމަށްވަންޏާ، ދުވަހަކުވެސް މީގެ ކުރިން އަޅުގަނޑުމެންނަކަށް އަޑެއްނީވޭ، ދިވެހިރާއްޖޭގެ ރަށެއްގެ ހޮސްޕިޓަލަކުން، ނޫނީ އަތޮޅު ހޮސްޕިޓަލަކުން އަދި ރީޖަނަލް ހޮސްޕިޓަލަކުންވެސް ސަރޖަރީތައް، އޮޕަރޭޝަންތައް ކުރާ ވާހަކައެއް.

އެހެން ނަމަވެސް، ދެ އަހަރު ވެގެންދާއިރު، އާދަޔާޚިލާފު ހަމަ ވަރަށް ރަނގަޅު ކަންތައްތަކެއް ކުރެވިފައި އެބަހުރި. މީގެ ސަބަބުން ރައްޔިތުންނަށް އިތުބާރު ލިބިގެން އެބަދޭ. ރައްޔިތުންގެ އިތުބާރު ލިބޭފަދަ ކަންތައްތަކެއް ކުރެވެމުން އެބަދޭ. އަޅުގަނޑަށް ގަބޫލުކުރެވެނީ، ސަރުކާރުގެ މިހާރުގެ މި މަސައްކަތާއެކު، އަންނަ އަހަރުގެ ބަޖެޓުގައިވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅިފައި މިވަނީ ޞިއްޙީ ދާއިރާއަށް. މިއާއެކު، އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހީނުކުރާކަހަލަ ފަސޭހަތަކެއް ލިބިގެންދާނެ، ރަށުގައި، ނޫނީ އަތޮޅުގައި ތިބެގެން. މުސްތަޤްބަލުގައި އިރާދަކުރެއްވިއްޔާ ވަރަށް ބޮޑަށް އެކަމުގެ އިންތިޒާމުތައް އަޅުގަނޑުމެންނަށް ކުރެވިގެންދާނެ.

ޕްރެޒެންޓަރ:

އާދެ، ޞިއްޙީ ދާއިރާއަށްފަހު، ތަޢުލީމީ ދާއިރާއަށް ބަލައިލާއިރު، ތަޢުލީމީ ދާއިރާއިންވެސް ހަމަ ސަރުކާރުން ވެފައިވާ ވަޢުދުތަކާ އެއްގޮތަށް މުހިންމު މަސައްކަތްތަކެއް މިހާރުވެސް ފެށިގެން ކުރިއަށް އެބަދޭ. ޚާއްޞަ ގޮތެއްގައި، ސްކޫލް ކުދީންނަށް ޚާއްޞަކޮށްގެން ކުރިއަށް މިގެންދާ ނާސްތާ ޕްރޮގްރާމާއި، އަދި އެނޫންވެސް، މުދައްރިސުންނާއި އަދި ސްކޫލްތަކުގެ އިސްވެރިން ތަމްރީނުކުރުމާއި، ފެންވަރު ރަނގަޅު ބައެއްގެ ގޮތުގައި ހެދުމުގެ އިތުރުން، ތަޢުލީމީ ދާއިރާގައި މުހިންމު ކަންތައްތަކެއް ވެގެންދާތަން އަޅުގަނޑުމެންނަށް މި ފެނިގެން މިދަނީ.

ކޮބައިތޯ ތަޢުލީމީ ދާއިރާއިން އެކަށައެޅުނު ސިޔާސަތުތައް، ކިހާ މިންވަރަކަށް ތަންފީޒު ކުރެވިފައިވޭތޯ؟ އަޅުގަނޑުމެންނަށް ފެނިގެންދޭ، ހަމަ ތަޢުލީމީ ދާއިރާގެ ވަރަށް ގިނަ ފަރާތްތަކަކާ ބައްދަލުކުރައްވައިވެސް، އެ ބޭފުޅުންގެހުރި ކަންބޮޑުވުންތައް، ނައިބު ރައީސް އޮޅުންފިލުއްވަމުންދާތަން އަޅުގަނޑުމެންނަށް ފެނިގެންދޭ. ކޮބައިތޯ، މި ދާއިރާއިން ހާސިލުކުރެވުނު ކާމިޔާބީތަކަކީ މިވީ މުއްދަތުގެތެރޭގައި؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން، ސަރުކާރުގެ ތަޢުލީމި ސިޔާސަތުގެ ތެރެއިން ނާސްތާ ޕްރޮގްރާމް. އެއީ އަޅުގަނޑު ދަންނަވާނީ ހަމަ ވަރަށް ކާމިޔާބު، ވަރަށް ރަނގަޅު ޕްރޮގްރާމެއްގެ ގޮތުގައި. އެއީ ފެށުން. ކުދީންގެ ހެނދުނުގެ ކިޔެވުމުގެ ފެށުން ރަނގަޅުވާން އެބަޖެހޭ. ކުދިން ފުރިހަމަ ޞިއްޙަތެއްގައި ތިބެގެންނޫނީ ރަނގަޅަށް ތަޢުލީމު ޙާޞިލެއްނުކުރެވޭނެ. ކުދީންނަށް ފުރަތަމަ ފޮތްތަކަށް، ފިލާވަޅުތަކަށް ރަނގަޅަށް ބަލައިލެވޭނީވެސް، ރަނގަޅަށް ފުރިހަމަ ޞިއްޙަތެއްގައި ހަމަޖެހިލައިގެން ތިބެގެން. ތަޢުލީމީ ދާއިރާއަށް ބަލައިފިކަމަށްވަންޏާ، ހަމަ ވަރަށް ގިނަ މައްސަލަތައް، ވަރަށް ގިނަ ކަންތައްތަކެއް ހުރި. ރަށްރަށުގައި ޚާއްޞަކޮށް، ކުދި ރަށްރަށާއި ބޮޑެތި ރަށްރަށާ، މި ހުރިހާ ރަށެއްގައިވެސް ހުރި މައްސަލަތައް އަޅުގަނޑުމެން ބަލަން އެބަޖެހޭ. ކަންތައްތައް އަޅުގަނޑުމެން ހޯދަން އެބަޖެހޭ. ކަންކަން އަޅުގަނޑުމެންނަށް ރަނގަޅު މި ކުރެވެނީ، މި ކަންތައްތައް އެނގިގެން. ރަށްރަށުގެ ސްކޫލްތަކުގެ ހާލަތު އަޅުގަނޑުމެން ބަލަން އެބަޖެހޭ. ރަށްރަށަށް މުދައްރިސުން އިތުރަށް ތަމްރީނުކޮށް، ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަކީ، އެއީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އަޅުގަނޑު ކުރީންވެސް ދެންނެވިގޮތަށް، ދަރިވަރުންނަށް މަސައްކަތްތެރިކަން ދަސްކޮށްދީ، ސްކޫލްތެރެއިން އެބަޖެހޭ ކަންތައްތަކެއް ދަސްކޮށްދޭން. ހަމައެކަނި އަޅުގަނޑުމެން ކުދީންނަށް ފިލާވަޅުތައް ނަގައިދީ، ރަނގަޅު މާކްސް، ނޫނީ ރިޕޯޓެއް ލިބުމަކުން އަދި ނުފުދޭ.

އެހެންވީމާ، ސަރުކާރުގެ އެ ލަނޑުދަނޑިތަކަށް އަދި އެ އަމާޒަށް ވާސިލުވުމަށްޓަކައި، މިހާރު މިކުރެވޭ މަސައްކަތްތަކުން އަޅުގަނޑު ގަބޫލުކުރަނީ، ހެޔޮނަތީޖާއެއް ފެނިގެންދާނެ ކަމަށް. ދެން އެނގިވަޑައިގަންނަވާނެ، މިކަހަލަ ކަންތައްތަކަށް ޚާއްޞަކޮށް، ތަޢުލީމީ ދާއިރާއަށް ކުރެވޭ އިންވެސްޓަކީ ނުވަތަ ކުރާ ކަންތައްތަކަކީ އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނަން ވަގުތު ނަގާކަމެއް. އެއީވެސް ރަނގަޅަށް ބަރާބަރަށް އެ ކަންތައްތައް ކުރެވިއްޖެ ކަމަށްވަންޏާ. ސަރުކާރުން މި ކަންތައްތައް މިކުރަނީ ޕްލޭންކޮށްގެން. ޕްލޭން މި ކުރަނީ ހުރި ކަންތައްތައް ހޯދައިގެން، ކޮންކޮން ދިމާއަކަށްތޯ އެންމެ ބޮޑަށް ވިސްނަންޖެހެނީ، އެންމެ ބޮޑަށް އަޅައިލަންޖެހެނީ، އެ ގޮތަށް ބެލިގެން މަސައްކަތްތަކެއް ކުރެވެމުން މިދަނީ.

ޕްރެޒެންޓަރ:

ދެން، އަޅުގަނޑުމެން ހަމަ ޚާއްޞަ އެހީތެރިކަން ބޭނުންވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ކަންތައްތަކަށް ބަލައިލާއިރުވެސް، އަޅުގަނޑުމެންނަށް ހަމަ ފެނިގެންދޭ، ތެރަޕީދިނުމާއި އަދި އެނޫންވެސް މުޖުތަމަޢުގައި އަޅައިލުން ބޭނުންވެފައިވާ، ވަރަށް މުހިންމު ބައެއް އެމީހުންނަކީ. އަޅުގަނޑު ކުރިންވެސް ފާހަގަކޮށްލިގޮތަށް، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ކަންކަމުގައިވެސް، މީގެ ކުރިންވެސް ވަރަށް ބޮޑަށް ވަކާލާތުކުރެއްވި ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. ދެން، ސަރުކާރުގެ މިވީ މުއްދަތަށް ބަލައިލާއިރުވެސް ކުރިން އަޅުގަނޑު ފާހަގަކޮށްލިގޮތަށް، ތެރަޕީ ހިލޭ ނެގޭނޭ އިންތިޒާމު ހަމަޖެއްސުމާއި، އަދި އެނޫންވެސް މި ދާއިރާގެ މީހުންނަށް ބޭނުންވާ މުހިންމު ކަންތައްތައް ކުރެވިގެންދާތަން އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ.

އަޅުގަނޑު ހިތަށްއަރާ، ކޮބައިތޯއޭ މިހާތަނަށް ހޯދުނު، މި ދާއިރާއިން ކުރެވުނު މަސައްކަތްތަކަކީ؟ އަދި ކޮންކޮން ކަންތައްތަކެއްތޯ މިހާރު ކުރަން ޖެހިފައިވަނީ. އަދި ޕްލޭން ކުރެވިފައިވަނީ ކޮންކޮން ކަންތައްތަކެއްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑުމެން ޚާއްޞަ އެހީއަށް ބޭނުންވާ ކުދީންނަށް ވިސްނައިފި ކަމަށްވަންޏާ، ސްކޫލްތަކުގައި ގިނަގުނަ ޓްރެއިނިންގތަކެއް މިހާރުވެސް ދެވެމުން އެބަދޭ. އަދި ހަމަ އެއާއެކު، ތެރަޕީއާއެކު ކުދީންނަށް ބޭނުންވާ ތަމްރީނު ދެވޭނެފަދަ އިންތިޒާމުތައް މިހާރުވެސް އެދަނީ ހަމަޖައްސަމުން. އެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ. މިހާރުވެސް ކަންތައްތަކެއް ކުރިއަށް ގެންގޮސްފައިވެސް ވެއްޖެ. މީގައި އަޅުގަނޑުމެން ބަލައިލަންޖެހޭ، ރާއްޖޭގެ ހުރިހާ ރަށަކަށްވެސް. އަޅުގަނޑުމެންނަށް އެނގޭ، ވަކި ރަށެއްނޫން، ހުރިހާ ރަށެއްގައިވެސް މި ކަންތައްތައް ބޭނުންވެފައި އޮތްކަން.

އެހެންވީމާ، މިހާރު އެ ކުރެވޭ މަސައްކަތްތަކުން އިންކްލޫސިވް ގޮތަކަށް މި ކުރިއަށް ގެންދެވެނީ އެކުއެކީގައި. އެއްވެސް ކުއްޖަކު ބާކީނުކޮށް، ތަޢުލީމު ދިނުމުގެ ކަންތައްތައް އެއީ މިއަދުގެ ސިޔާސަތަކީ. އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ހިލޭ ތެރަޕީ، އެއީވެސް، މި ސަރުކާރުގެ ވަރަށް ބޮޑު ފަސޭހަތަކެއް ރައްޔިތުންނަށް ލިބިގެންދިޔަކަމެއް. ވަރަށް ގިނަ މައިންބަފައިންގެ އުންމީދެއް، ދަރިންނަށާއި ދަރިވަރުންނަށް އެ ތެރަޕީއާއި، އެކި ގޮތްގޮތުން ލިބެންޖެހޭ ތަމްރީނާއި ފަރުވާލިބުން މިއީ. ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުން އެބަދޭ. ޚާއްޞަކޮށް، ހޮސްޕިޓަލްތަކުގައިވެސް. އަޅުގަނޑުމެންގެ ހޮސްޕިޓަލްތައް ޓާރޝަރީ ލެވްލްއަށް އިތުރަށް ތަރައްޤީވެގެންދާއިރު، ހޮސްޕިޓަލް ތެރެއިންވެސް ސްޕީޗް ތެރަޕީ، އޯޓީ ލިބޭނެފަދަ އިންތިޒާމުތަކާ އެއްކޮށް އިރާދަކުރެއްވިއްޔާ ކުރިއަށްދާނީ. އޭގެ ސަބަބުންވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

ޕްރެޒެންޓަރ:

އާދެ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން، މަސްތުވާތަކެތީގެ ވަބާގައި ޖެހި މުޖުތަމަޢުގެ ތެރޭގައި ބިކަވެފައި މިތިބޭ މައްސަލައަކީ މިއީ ވަރަށް ގިނަ އަހަރުތަކެއްވެފައި، ޙައްލުނުކުރެވި އޮތް މައްސަލަތަކެއް. މި ދާއިރާއިން ޚާއްޞަގޮތެއްގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ރަނގަޅުގޮތުގައި، މުޖުތަމަޢަށް ނެރުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރެވިގެން އެބަދޭ. މިއީ، އަޅުގަނޑު ކުރިންވެސް ފާހަގަކޮށްލިގޮތަށް، ރަނގަޅުނުވެ، ނޫންނަމަ، އިޞްލާޙުކުރަން ޖެހިފައިވާ މުހިންމު ކަމެއް. ޚާއްޞަ ގޮތެއްގައި ޒުވާނުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު، ހަމަ ކޮންމެ ރަށެއްގައި ކަހަލަ ގޮތަކަށް މި ވަބާގައިޖެހި އެކަމުގެ ތެރޭގައި އެބައުޅޭ.

އެހެންވީމާ، ކޮބައިތޯ މިގޮތަށް ތިބި ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން، ނޫންނަމަ މިކަމުން ސަލާމަތްކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ؟ އަދި މިކަންކަން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރިއަށް މިއޮތް، އަދި ދައުރުގެ މިއޮތް މުއްދަތުގެ ތެރޭގައި ކޮންކޮން ކަންތައްތަކެއްތޯ ކުރެވިގެންދާނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އެނގިވަޑައިގަންނަވާނެ، މަސްތުވާތަކެތީގެ މައްސަލައަކީ މުޅި ޤައުމުގައި ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ. ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ. އަޅުގަނޑުމެންގެ މި ނިޒާމު އަޅުގަނޑުމެން ރަނގަޅުކުރަން އެބަޖެހޭ. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ، ބައެއްފަހަރު ކަންތައްތައް ކުރެވިފައި ހުރީ، ހާސިލުކުރަން ބޭނުންވާ ނަތީޖާ ހާސިލުކުރެވޭނެ އެންމެ އެދެވޭ ގޮތަކަށް ނޫންކަން. އަޅުގަނޑުމެންނަށް އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ކަމަކުން ނުނިކުންނަ ކަމަށްވަންޏާ، އަޅުގަނޑުމެން އެކަމަކާ ދޭތެރޭގައި ވިސްނާފައި، ބަދަލުތައް ގެންނަން އެބަޖެހޭ. އަޅުގަނޑު ގަބޫލުކުރަނީ ރާއްޖޭގައި މިއޮތް ފަރުވާގެ ނިޒާމު، އެކަށީގެންވާ ބަދަލުތަކެއް ގެންނަންޖެހޭ ނިޒާމެއްގެ ގޮތުގައި އަޅުގަނޑުމެންނާ ހަމައަށް އެއައީވެސް. މިހާރު ސަރުކާރުން ކުރަމުންގެންދާ މަސައްކަތުން އިރާދަކުރެއްވިއްޔާ ފަރުވާގެ ނިޒާމު އޮންނަންޖެހޭނީ ކުދީންނަށް، ޒުވާނުންނަށް އެ ފަރުވާދީފައި، މަސައްކަތްތައް ދަސްކޮށްދީފައި އަދި މުޖުތަމަޢަށް ނެރެން އެބަޖެހޭ. ވަޒީފާތަކަކަށް ނެރެން އެބަޖެހޭ. އެއީ މި ވަށާޖެހޭ ގޮތަކަށް އަޅުގަނޑުމެން މިކަންކަން ބައްޓަން ކުރަން މި ޖެހެނީ. ހަމައެކަނި އަޅުގަނޑުމެން، ފަރުވާދީފައި ކުދިން ދޫކޮށްލުމަކުން ނުފުދޭ. ރާއްޖޭގައި އެނގިވަޑައިގަންނަވާނެ، ޒުވާނުންގެ ވަރަށް ގިނަ އަދަދެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. މިއީ ދިވެހިރާއްޖޭގެ މިއަދުގެ ސަރުކާރުން އެންމެ ބޮޑަށް ސަމާލުކަންދެވޭ އެއް ދާއިރާ. މިގޮތަށް ދިމާވެފައި ތިބި ޒުވާނުންނަށް އެކަށީގެންވާ ރަނގަޅު ފަރުވާދީފައި، މަސައްކަތްތައް ދަސްކޮށްދީފައި، ދެން އެ ކުދިންނަށް މުސްތަޤްބަލެއް ހޯދައިދިނުން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ޒުވާނުންގެ ބޮޑު ބައެއް ދޫކޮށްލާފައި، ޤައުމު ތަރައްޤީއެއް ނުކުރެވޭނެ. އެގޮތަކަށް އެކަމެއް ނުކުރެވޭނެ. އަޅުގަނޑުމެންނަށް މި ކާމިޔާބު މި ހޯދެނީ ހުރިހާ އެންމެން އެއްކޮށް، ޚާއްޞަކޮށް ޒުވާނުންގެ ބައިވެރިވުން އެކަމަށް ލިބިގެން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިހާރު މި ކުރެވޭ މަސައްކަތްތަކުން، އަޅުގަނޑު ގަބޫލުކުރަނީ އެކަށީގެންވާ ރަނގަޅު ނަތީޖާތަކެއް އަޅުގަނޑުމެންނަށް ނެރެވޭނެ ކަމަށް.

ޕްރެޒެންޓަރ:

ދެން، ޤާބިލް ޒުވާނުން ބިނާކުރުމުގެ ވާހަކައަށް އަޅުގަނޑުމެން ކޮންމެވެސްވަރަކަށް އަލިއަޅުވައިލައިފިން ތަންކޮޅެއް ކުރިން. ނައިބު ރައީސް ވިދާޅުވެއްޖެ، އެ ދާއިރާއިން ކުރެވެމުންދާ މަސައްކަތްތައްވެސް، ދެން ޤާބިލް ޒުވާނުން ބިނާކުރުމުގެ ވާހަކަދައްކާލާއިރު، އެކިއެކި އުމުރުފުރާތަކުގެ މީހުން އެބަ ތިއްބަވާ ދޮގެއްތޯ. ތަޢުލީމީ ގޮތުން މާ މޮޅެތި ހިސާބަށް ވާސިލުނުވެވިފައި ތިބި މީހުންވެސް އެބަތިބި. ޚާއްޞަ ގޮތެއްގައި އެކިއެކި ހުނަރުން ފުރިގެންވާ މީހުންވެސް އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ. ކޮބައިތޯ، މީހުން ބިނާކުރުމާއި މީހުން ތަމްރީނުކުރުމަށް ކިހާވަރަކަށް އިސްކަންދެވޭތޯ؟ އަދި މިކަމުގައި ކުރިއަށް ހުރި ޕްލޭންތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އެނގިވަޑައިގަންނަވާނެ، ސްކޯލަރޝިޕް ފްރީ ޑިގްރީ ޕްރޮގްރާމަކީ، އެއީ ސަރުކާރުން ޒުވާނުން ބިނާކުރުމަށްޓަކައި، ރަނގަޅު ޖީލެއް އުފެއްދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި އެންމެ ރަނގަޅު ނިންމެވުން. ސިޔާސަތުތަކުގެ ތެރެއިން އެންމެ ރަނގަޅު ކަންތައްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ޒުވާނުން ބިނާކުރުމުގެ ވާހަކަ، ތަމްރީނުކުރުމުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު ބަލަންޖެހޭ، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތައްވެސް އަޅުގަނޑުމެން ބަލަންޖެހޭ. އެގޮތުން މިހާރު ވަނީ، ޓްރެއިނިންގ ނީޑްސް، ނޫނީ، އަޅުގަނޑުމެންނަށް އެ ބޭނުންވާ ދާއިރާތަކާއި، ކޮންކޮން ކަންތައްތަކަކަށްކަން އެންމެ ބޮޑަށް މީހުން ބިނާކުރަންޖެހެނީ ބެލިފައި. އެ ނޭނގި، އަޅުގަނޑުމެންނަކަށް އެކަށީގެންވާ ގޮތަކަށް މަސައްކަތެއް ނުކުރެވޭނެ.

މިއަދުގެ ހާލަތަށް އެކަނި ބެލި ނަމަވެސް، އަޅުގަނޑުމެންނަށް އެބަ އިނގޭ، އަޅުގަނޑުމެންގެ ޤައުމަށް އެކި ދާއިރާތަކުން ޒުވާނުން އަޅުގަނޑުމެން ބިނާކުރަން އެބަޖެހޭކަން. މަސައްކަތްތެރި ބަޔަކަށް އަޅުގަނޑުމެން ހަދަން އެބަޖެހޭކަން. އެއީ، އަޅުގަނޑުމެން ޞިއްޙީ ދާއިރާއަށް ބެލިނަމަވެސް، އަޅުގަނޑުމެންނަށް އެބަ ފެނޭ، ޑޮކްޓަރުންނާއި ނަރުހުންނާއި އަދި ޓެކްނީޝަނުންނާއި، އެކިއެކި ދާއިރާތަކަށް މީހުން ބިނާކުރަންޖެހޭކަމުގެ މުހިންމުކަން. މިހާރު އަޅުގަނޑުމެންނަށް މިއޮތް ހާލަތުންވެސް އަޅުގަނޑުމެންނަށް އެބަ ވިސްނޭ. ހަމަ އެއާއެކު، ޓުއަރިޒަމް ދާއިރާއަށް އަޅުގަނޑުމެން ބަލައިފިކަމަށްވަންޏާވެސް، ޚާއްޞަކޮށް، މެދުފަންތީގެ، މަތީފަންތީގެ މަގާމުތަކަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، އެބަޖެހޭކަން އިތުރު މަސައްކަތްތަކެއް ކުރަން. ދެން ތަޢުލީމީ ދާއިރާއަށް ބަލައިފިކަމަށްވަންޏާ، އެންމެ ފުރަތަމަ، ޕްރައިމަރީ ޓީޗަރުންގެ ދަތިކަންތައްތައްވެސް ވަރަށް ބޮޑަށް އެބަހުރި.

އެހެންވީމާ، މިހިރަ ދާއިރާތަކަށް މީހުން ބިނާކުރުމަށް ސަމާލުކަންދީގެން، އެކަންތައް އަޅުގަނޑުމެންނަށް ކުރެވިގެން ނޫންގޮތަކަށް، އަޅުގަނޑުމެންނަށް ޤައުމުގެ ހަމަޖެހުމާއި އަދި ޤައުމުގެ އިޤްތިޞާދު އަޅުގަނޑުމެންނަކަށް ނުހިފެހެއްޓޭނެ. މިހާރު ޚާއްޞަކޮށް، މިހާރުގެ ހާލަތަށް ބަލާފައިވެސް، އަޅުގަނޑުމެން ކުރިއަށް އޮތްތާނގައި ބަލަން އެބަޖެހޭ، ޤައުމުގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި އަޅުގަނޑުމެންގެ އިޤްތިޞާދު ހިފަހައްޓަން. އެގޮތަށް ބަލާއިރުވެސް، ވީހާވެސް ބޮޑަކަށް މަސައްކަތްތެރިން އުފެއްދުމުގެ ކަންތައްތައް ކުރިއަށް ގެންދަންޖެހޭ. އެނގިވަޑައިގަންނަވާނެ، މި ސަރުކާރުން މި އަންނަ އަހަރަށްވެސް ލަފާކޮށްފައިވާ ބަޖެޓުގައި، އެއް ދާއިރާއަކުން އެންމެ ބޮޑު ހޭދައެއް ކުރެވޭ ދާއިރާއަކީ ތަޢުލީމީ ދާއިރާ. މީހުން ބިނާކުރުމުގެ ދާއިރާ. އެހެންވީމާ، އޭގެ ހެޔޮ ނަތީޖާ އިރާދަކުރެއްވިއްޔާ ފެނިގެންދާނެ.

ޕްރެޒެންޓަރ:

ދެން، އަޅުގަނޑުމެން އަލިއަޅުވާލަން ބޭނުންވޭ، މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވަނީ ކޯވިޑް-19ގެ މި ނުރައްކާތެރި ދަނޑިވަޅު. އޭގެ ނުރައްކާ ރާއްޖެއަށްވެސް އެކި ގޮތްގޮތުން މިދަނީ ފޯރަމުން. އިޤްތިޞާދީ ގޮތުން ބެލި ނަމަވެސް، އަދި އިޖުތިމާޢީ ގޮތުންވެސް، ތަފާތު މައްސަލަތަކެއް އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔަ، މި ބިރުވެރި ބަލިމަޑުކަމާ ގުޅިގެން.

ދެން، ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް މި ދިމާވެފައިވާ އިޤްތިޞާދީ އަދި ހަމަ އެހެންމެ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިފައިވާ މުހިންމު މަސައްކަތްތަކަކީ ކޮބައިތޯ؟ އަޅުގަނޑުމެންނަށް ފެނިގެންދިޔަ، މި ބަލިމަޑުކަމުގެ ކަންކަން ރަނގަޅުކުރުމަށްޓަކައި، ނޫންނަމަ މިކަމުން އަރައިގަތުމަށްޓަކައި ކުރެއްވި މަސައްކަތްތަކުގައި ލީޑް ކުރައްވަނީ މަނިކުފާނުކަން އަޅުގަނޑުމެންނަށް ފެނިގެންދިޔަ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑުމެންނަށް މި ކޯވިޑް-19ގެ މި ހާލަތަކީ މިއީ، ދުނިޔޭގެ އެއްވެސް ބަޔަކަށް އަޅުގަނޑުމެންނަށް އެއްވެސް ގޮތަކަށް މިފަދަ ކަމެއް މެދުވެރިވެދާނެކަން، އެއީ ދުވަހަކުވެސް އަޅުގަނޑުމެން ވިސްނައިގެން ތިބި ކަމެއްނޫން. މިފަދަ ކަމެއް އަޅުގަނޑުމެންނަށް ކުރިމަތިވެދާނެކަމަށްވެސް. މިއިން އަޅުގަނޑުމެންނަށް ވަރަށް ގިނަ ފިލާވަޅުތަކެއް ގެނެސްދީފި. ޙަޤީޤަތަކީ އަޅުގަނޑުމެން ދުވަހަކުވެސް ނުދެކޭފަދަ ދުވަސްތަކެއް އަޅުގަނޑުމެންނާ މި ކުރިމަތިކުރުވީ. އިޤްތިޞާދަށް ބަލައިފިކަމަށްވަންޏާ، އިޤްތިޞާދު ހީނަރުވެ، ހަމަ ވަރަށް ދަށަށް ގޮސްފައި މިއޮތީ. ދުނިޔޭގެ ޤައުމުތަކަށްވެސް ދިމާވި، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް އަޅުގަނޑުމެންނަށް ތަޙައްމަލުކުރަން ޖެހިފައި މިއޮތީ އެކަންތައް. ހަމައެއާއެކު، އިޖުތިމާޢީ ދާއިރާގެ ކަންތައްތަކަށް ބަލައިލާއިރު، ސްކޫލްތައް ބަންދުވެ، ކިޔެވުމުގެ ވަރަށް ބޮޑު ގެއްލުމެއް، ވަރަށް ބޮޑު ލަރނިންގ ލޮސްއެއް، ދަރިވަރުންނަށް ކުރިމަތިވެފައި މިއޮތީ. މިއިން އަޅުގަނޑުމެން މިއަދު ޢިބްރަތްތަކެއް ހާސިލުކޮށް، އަޅުގަނޑުމެން ތައްޔާރުވާންޖެހެނީ ކުރިއަށް އޮތް ދުވަސްތަކަށް. ދިމާވާ ކަންތައްތަކުން ވީހާވެސް ގެއްލުން ކުޑަކުރެވޭނެކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ކަންތައްތައް އަޅުގަނޑުމެން ބައްޓަންކުރަން ޖެހެނީ.

މިގޮތުން އަޅުގަނޑުމެންގެ ޤައުމުގައި ހުރި ކަންތައްތައް ޚާއްޞަކޮށް، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާއިރު، ފެނާއި ނަރުދަމާ އަދި އެނޫންވެސް ގިނަގުނަ ކަންތައްތަކެއް ކުރިއަށްދާއިރު، މި ކަންތައްތައް ބަލަހައްޓަން އަޅުގަޑުމެންގެ މީހުން ތިބެންޖެހެނީ. ވީހާވެސް ގިނަ އަދަދަކަށް ވަޒީފާތަކުގައި ދިވެހީން ތިބެން އެބަޖެހޭ، ހުރިހާ ދާއިރާއެއްގައިވެސް.

ހަމައެއާއެކު، އަޅުގަނޑުމެންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އަޅުގަނޑުމެންނަށް އުފެއްދެން ހުންނަ ކޮންމެ އެއްޗެއް، ރާއްޖޭގައި އަޅުގަނޑުމެން އުފައްދަން އެބަޖެހޭ. ޙަޤީޤަތުގައި ދިވެހިރައްޔިތުންނަކީ ވަރަށް މަސައްކަތްތެރި ބައެއް. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް ދައްކުވައިދިން އެ ނަމޫނާ، އެ މިސާލުތައްވެސް، އަޅުގަނޑުމެންނަށް އޭގެތެރެއިން ގެއްލިގެން ގޮސްފައިހުރި ހުރިހާ އެއްޗެއް އަނބުރާ އަޅުގަނޑުމެން ގެންނަން އެބަޖެހޭ. އަޅުގަނޑުމެންނަށް އަމިއްލައަށް ކުރެވެންހުރި ހުރިހާ ކަންތައްތަކެއް އަޅުގަނޑުމެން އަމިއްލައަށް ކުރަން އެބަޖެހޭ. ހަމައެއާއެކު، އަޅުގަނޑުމެން އިސްރާފުކުޑަކޮށް، ޚަރަދުކުޑަކޮށް އުޅުން އެއީ، އަޅުގަނޑުމެން އިތުރަށް ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ގޮތަށް އަޅުގަނޑަށް މި ފާހަގަކުރެވެނީ. މި ހުރިހާ ދާއިރާއެއްގައިވެސް ކުރެވޭ ހޭދައަކީ، އެއީ ރަނގަޅުގޮތުގައި ކުރެވޭ ހޭދައެއްގެ ގޮތުގައި އަޅުގަނޑުމެން ކަންތައްތައް އެބަކުރަންޖެހޭ. އެ ގޮތަށް ކަންތައްތައް ކުރެވިގެން ނޫނީ، އަޅުގަނޑުމެންނަށް މިކަމުން އަރައިގަންނަން އަދި މާގިނަ ދުވަސްތަކެއް ނަގާނެ. ދިވެހިރާއްޖެ މިހާރު މިއޮތް ހާލަތުން އިޤްތިޞާދީގޮތުންވެސް އަޅުގަނޑުމެންނަށް އަރައިގަނެވޭނީ، އެންމެން އެކުގައި މިގޮތަށް ކުރެވޭ މަސައްކަތުން. ދިވެހިރާއްޖޭގައި ފައިސާ އަޅުގަނޑުމެން ހިފަހައްޓަން އެބަޖެހޭ. އަދި އިޤްތިޞާދު ވަރުގަދަކުރާ ކަމަށްވަންޏާ، މިދެންނެވި ގޮތަށް، ވަޒީފާތަކުގައި އަޅުގަނޑުމެންގެ މީހުން ތިބެން އެބަޖެހޭ. އަޅުގަނޑުމެން ނުކުންނަން އެބަޖެހޭ. ކުރީގައި އަޅުގަނޑުމެން މަސައްކަތަށް ނުދޭ ސަމާލުކަން، އަޅުގަނޑުމެން ދޭން އެބަޖެހޭ. އެނގިވަޑައިގަންނަވާނެ، މަސައްކަތަކީ އެއީ އެމީހަކު ޚިޔާރުކުރާ ކޮންމެ ދާއިރާއަކުން، ވަކި ދަށް ވަޒީފާއެއް، ދަށް މަސައްކަތެއް ނޯވޭ.

އެހެންވީމާ، އެ ވިސްނުން އަޅުގަނޑުމެން މިއަދު އެންމެން ގެންނަން އެބަޖެހޭ. ގެނެސްފައި ބޮޑަށް ހިތްވަރުދޭން އެބަޖެހޭ. ކޮންމެ މީހަކީވެސް، ވަޒީފާއެއްގައި އުޅޭ، ތަޢުލީމު ހާސިލުކޮށްގެން، ވަކި ދާއިރާއަކުން ތަމްރީނު ލިބުމުން ވަޒީފާއެއް އަދާކޮށް، އަމިއްލަ އާމްދަނީއެއް ހޯދި، އަމިއްލަ ފައިމަތީގައި އުޅޭ މީހަކަށްވުމަކީ، އެއީ ލިބޭ ހިތްހަމަޖެހުމެއް، އުފަލެއްކަމަށް ބަލަން އެބަޖެހޭ. އެގޮތަށް އަޅުގަނޑުމެންނަށް މަސައްކަތްކުރެވިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، މިކަމުން އަވަސް ފުރުޞަތެއްގައި، އަވަސް މުއްދަތެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އަރައިގަނެވޭނެ.

ޕްރެޒެންޓަރ:

ކޯވިޑް-19ގެ މި ބަލިމަޑުކަމުގެ ވާހަކަދައްކާއިރު، އަޅުގަނޑުމެންނަށް މިހާރު ފެނިގެން މިދަނީ، ބަލިމަޑުކަމުގެ ތެރޭގައި ހޭދަވި ދުވަސްތަކަށްފަހު، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެންމެ ހިތްހަމަނުޖެހުނެއްކަމަކު އަޅުގަނޑުމެންނަށް ފެނިގެންމިދަނީ މަދުވަމުންދާ މަންޒަރު. މަދުވެގެންދިޔަދިޔުމާ އެއްކޮށް އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ، ސްކޫލްތަކުގެވެސް ވަކި ގްރޭޑުތަކަކަށް މިހާރު ކިޔަވައިދޭން ފަށާފައި މިވަނީ. އަދި ހަމަ އެހެންމެ، ވިޔަފާރީގެ ދާއިރާއާއި، އެނޫންވެސް ދާއިރާތަކުން ހިނގައިގަންނަތަން އަޅުގަނޑުމެންނަށް ފެނިގެންދަނީ. ކޮބައިތޯ މި ނިންމުންތައް ނިންމުގައި، މިކަމާ ގުޅުންހުރި ފަރާތްތަކުގެ އެއްބާރުލުން ކިހާވަރަކަށް ލިބެމުންދިޔަތޯ؟ އަދި ޚާއްޞަގޮތެއްގައި ތަޢުލީމީ ދާއިރާއަށް ބަލައިލާއިރުވެސް، ބައެއް ގްރޭޑްތަކަށް ކިޔަވައިދޭން ފަށާފައިވާއިރު، ކިހިނެއްތޯ މިކަންތައްތައް ތިޔަބޭފުޅުން ޚާއްޞަގޮތެއްގައި ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން، އެ ބޭފުޅުން ދެއްވާ އިރުޝާދާ އެއްގޮތަށް ކަންކަން ތަންފީޒުވެގެންދާއިރު، ކިހާވަރެއްގެ އެއްބާރުލުމަކާއި އަދި ހަމައެހެންމެ ކިހާވަރެއްގެ މުހިންމުކަމެއް ދީގެންތޯ މި ކަންތައްތައް ކުރެވިފައި މިވަނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އެނގިވަޑައިގަންނަވާނެ، ކޯވިޑް–19ގެ ހާލަތު އަޅުގަނޑުމެންނާވެސް ކުރިމަތިވުމުން، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކޮންމެ ދުވަހަކު، މީގެ ޓާސްކްފޯހުގެ މަސައްކަތްތައް ކުރިއަށްދިޔައީ. މިކަން އަޅުގަނޑުމެންނާ ހަމައަށް އައިއިރު، ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރި. ކޮންކޮން ކަންތައްތަކެއްތޯ ކުރަންވީ، ކޮންކޮން ފިޔަވަޅުތަކެއްތޯ އަޅަންވީ ރައްކާތެރިވުމަށްޓަކައި، ސަލާމަތްވުމަށްޓަކައި. އެއީ އެއްވެސް ބަޔަކަށް އެނގިފައި އޮތްކަމެއްނޫން. އެހެންނަމަވެސް، އެ ހޯދުނު ހޯދުންތަކުން، އެ ކުރެވުނު މަސައްކަތްތަކުން، ޚާއްޞަކޮށް، ޞިއްޙީ ޚިދުމަތްތެރީންގެ އިރުޝާދާއި ލަފާ، އަޅުގަނޑުމެންގެ ރައްޔިތުން އޭގައި ހިފައިގެން، އެއާ އެއްގޮތަށް އަޅުގަނޑުމެންނަށް މަސައްކަތްކުރެވުނީމާ، އަޅުގަނޑު ދަންނަވާނީ، މިގޮތަށް މި ނަންބަރު ދަށްވެގެން މިދިޔައީ.

ދެން މީގައި ވިސްނާލަންޖެހޭ ޙަޤީޤަތަކީ، އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑު ގެއްލުމަކާއި، ހަމަ ވަރަށް ގިނަ ދަތި އުނދަގޫތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވިއޭ. މީގެ ސަބަބުން މާރިޗު މަހުން ފެށިގެން އައިއިރު، ލޮކްޑައުންއާއެކީ އަޅުގަނޑުމެންގެ އިޖުތިމާޢީ ގުޅުންތައްވަނީ ވަރަށް ބޮޑަށް ބަންދުވެފައި، ކުޑަކުދީންނާއި، އުމުރުން ދުވަސްވީ ބޭފުޅުންގެ. އަދި ހަމަ އެއާއެކު، ސްކޫލްގައި ކިޔަވައިދިނުން ހުއްޓި، އެކަމުންވެސް ވަރަށް ބޮޑު ގެއްލުންތަކެއް އެބަވޭ. އަދި އޮންލައިންކޮށް ވަރޗުއަލްކޮށް ކިޔަވައިދިން ނަމަވެސް، ވަރަށް ބޮޑު ތަފާތުތަކެއް ހުރޭ.

އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މި ހުރިހާ ގޮތަކަށް ބަލާއިރު، އަޅުގަނޑުމެންނަށް ތަޙައްމަލުކުރަން ޖެހުނީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެކޭ. ދެން، މީގައި ކާމިޔާބަކީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މި ނަންބަރުތައް ދަށްމިކުރެވެނީ، އަޅުގަނޑު ދަންނަވާނީ މިދެންނެވި ގޮތަށް، އެ މެޝަރސްތަކާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ރައްޔިތުން ފަރުވާތެރިކަމާއެކު އަޅައި، ރައްޔިތުން އެކަމަށް ކަމޭހިތައިގެން، އަވަހަށް މިކަމުން ސަލާމަތްވުމަށްޓަކައި ހުރިހާ އެންމެންކުރާ މަސައްކަތުން. އަދިވެސް އަޅުގަނޑުމެންނަކަށް މިކަމުން އެއްކޮށް އަރައެއްނުގަނެވޭ. އަޅުގަނޑުމެން އަދިވެސް ޖެހެނީ މިކަންތައްތަކުގައި ހިފަހައްޓައިގެން، ޞިއްޙީ މާހިރުން އެ ދެއްވާ އިރުޝާދާ އެއްގޮތަށް ކަންތައްތައް ކުރަން. އޭރުން އަޅުގަނޑުމެންނަށް މިކަމުން އަދިވެސް ސަލާމަތްވާންއޮތީ.

މީގައި އަޅުގަނޑުމެން ހަމަ ވިސްނާލަން އެބަޖެހޭ، މި ދެންނެވި ޞިއްޙީ މާހިރުންގެ މަޝްވަރާއާއެކު، ރަނގަޅު ނިންމުންތަކެއް ނިންމަން. ރައީސުލްޖުމްހޫރިއްޔާވެސް ބައްލަވަނީ އަދި ސަރުކާރުން މި ބަލަނީ އިޤްތިޞާދު ހިންގޭނެ ގޮތްތަކެއް ހޯދަން. ސްކޫލްތައްވެސް ހުޅުވޭނެ ގޮތްތަކެއް، އާންމުންނަށް ބޭރަށްވެސް ނުކުމެވޭނެ ގޮތްތައް ހޯދުމަށް. އަޅުގަނޑުމެންގެ ސަރަޙައްދުގައި ހިމެނޭ އެހެން ޤައުމުތަކަށް ބަލައިފިކަމަށްވަންޏާވެސް، އަޅުގަނޑުމެންނަކަށް ނުފެނޭ، އެއްވެސް ޤައުމެއްގައި ޓުއަރިޒަމަށް ހުޅުވައިލާފައި އޮތްތަނެއް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މިއޮތީ ދިވެހިރާއްޖެ ހުޅުވައިލެވިފައި. އިރާދަކުރެއްވީތީ، ފުދޭވަރަކަށް ރަނގަޅަށް ޓުއަރިޒަމް އިންޑަސްޓްރީ ކުރިއަށްދާތަންވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ. އެހެންވީމާ، މިއީ ޤައުމަށް ރަނގަޅުގޮތް ހޯދައިދިނުމަށްޓަކައި މިއަދުގެ ސަރުކާރުން ކުރެވޭ މަސައްކަތްތައް. އިޤްތިޞާދު ހިންގުމަށްޓަކައި މި ދެންނެވި ގޮތަށްވެސް، މި ހުރިހާ ކޮންޓްރޯލްތަކެއްގެ ތެރެއިންވެސް އެޅޭ ރަނގަޅު ފިޔަވަޅުތައްކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

ޕްރެޒެންޓަރ:

އަދިވެސް ކޯވިޑް-19ގެ ސުވާލުތައް ހުރުމާއެކު، އަޅުގަނޑުމެން ކުރިއަށްދާނަން. އެގޮތުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތަކާ މަނިކުފާނު ހަވާލުވެވަޑައިގަތީ، ހަމަ ކޯވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެގެންދިޔަ ވަގުތު. އެއީ ހަމަ އޮގަސްޓުމަހުގެ ތެރޭގައި. އެހިސާބުން ފެށިގެން މިކަންކަން މެނޭޖް ކުރެއްވުމަށްޓަކައި އެންމެ ބޮޑު އިސްކަމެއްދެއްވީ ކޮން ކަންތައްތަކަށްތޯ؟ އަދި ކޮބައިތޯ ކުރިއަށް ރޭވިފައިވާ ޕްލޭންތަކަކީ، މިހާރުގެ މި ހާލަތަށް އަންނަ ބަދަލުތަކާއެކު؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އެނގިވަޑައިގަންނަވާނެ، މިހާރު އަޅުގަނޑުމެން ހުރިހާ އެންމެންގެ ކުރިމަތީގައިވެސް އެންމެ މުހިންމު މަސައްކަތަކީ ކޯވިޑް-19ގެ މި ބަލިމަޑުކަމުން އަރައިގަތުން. އަޅުގަނޑު ދަންނަވައިފިން، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން މި ކަންތައްތައް ހިނގަމުން މިދަނީ.

އެހެންވީމާ، އަޅުގަނޑުމެން މުޅި ސަރުކާރުގެވެސް ހުރިހާ އިދާރާތަކެއްގެ، ހުރިހާ މުއައްސަސާތަކެއްގެ ވެރިންގެވެސް އެންމެ އިސްކަމެއްގެ ގޮތުގައި މިއަދު މިއޮތީ، މިކަމުން ޤައުމާއި ރައްޔިތުން ސަލާމަތްކުރުން. އެހެންވީމާ، އެ މަސައްކަތް ހަރުދަނާކޮށް، ރަނގަޅަށް ރޭވިގެން މިކަންތައްތައް ކުރިއަށް އެބަ ގެންދަންޖެހޭ. ދެން އަޅުގަނޑުމެންނަށް މިދެންނެވި ގޮތަށް، އެންމެ އިސް މަސައްކަތެއްގެ ގޮތުގައި، މިއަދު އަޅުގަނޑުމެން މި ބަލަނީ، މިކަންތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް.

ޕްރެޒެންޓަރ:

އާދެ، ދެން ކޮބައިތޯ ދުވަހުންދުވަހަށް ކުރައްވާ މަސައްކަތާއެކު، ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތަކަށް ބަލައިލާއިރު، އެ ސެންޓަރުގެ މަސައްކަތްތައް ރާވައި، އަދި ހަމަ އެހެންމެ، އެކަމަށް ވަގުތު ދެއްވަމުން އަންނަނީ ކޮންގޮތަކަށްތޯ؟ މަނިކުފާނުގެ މަގާމުގެ ގޮތުން އަދާކުރައްވަންޖެހޭ، ޚާއްޞަކޮށް ސޯޝަލް ކައުންސިލްގެވެސް ޗެއަރއަކަށްވާއިރު، ކޮބައިތޯ ހެލްތު އިމަރޖެންސީ އޮޕަރޭޝަންގެ މަސައްކަތްތަކަށް، ކޮންގޮތަކަށްތޯ ވަގުތު ދެއްވަނީ އަދި ރާއްވަވަނީ ކަންކަން؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑާ ރައީސް ހަވާލުކުރައްވާ ކޮންމެ މަސައްކަތަކަށްވެސް އަޅުގަނޑަށް ވަގުތުއޮވޭ. އަދި އަޅުގަނޑުގެ މި މަސައްކަތުގެ ތެރެއިން، ވަޒީފާގެ ތެރެއިން، ކުރަންޖެހޭ ކޮންމެ ކަމަކަށް އަޅުގަނޑަށް ހަމަ ވަގުތު އޮވޭ. އަޅުގަނޑުކުރާ އެހެން މަސައްކަތެއް މިހާރަކު ނޯވޭ. އަޅުގަނޑު ކުރާހާވެސް މަސައްކަތަކީ، މިހާރު އަޅުގަނޑާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާ މަސައްކަތްތަކާއި، އަދި ސޯޝަލް ކައުންސިލުގެ މަސައްކަތްތަކާއި އަދި މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަންތައްތަކަށް ވަގުތުދީގެން އެކަން ކުރުން. އެހެންވީމާ، ހެލްތު އިމަރޖެންސީ އޮޕަރޭޝަންގެ މަސައްކަތްތައް ބެލުމާއި، އަދި އެނޫންވެސް އަޅުގަނޑު ކުރަންޖެހޭ ކަންތައް ކުރުމުގައި، އެއްވެސް ގޮތަކަށް ވަގުތުގެ ދަތިކަމެއް އަޅުގަނޑަކަށް އިޙްސާސެއް ނުކުރެވޭ.

ޕްރެޒެންޓަރ:

ކޯވިޑް-19ގެ ވާހަކަތައް ދައްކަމުންދާއިރު، ވަރަށް ގިނަ ބަޔަކު ބޭނުންވާނެ ދޮގެއްތޯ، ކުރިއަށް އޮތްތަނުގައި ސަރުކާރުން އަޅުއްވާނެ ފިޔަވަޅުތަކާއި އަދި މިކަމުން އަރައިގަތުމަށް، މަނިކުފާނު ހަމަ ފާހަގަކުރައްވައިފި، އެންމެ އިސްކަމެއް ދެއްވަނީ، މިކަމުން އަރައިގަތުމަށް ކަމަށް. ކޮބައިތޯ، މިކަމުން އަރައިގަތުމަށް ސަރުކާރާއި އަދި ކަމާގުޅުންހުރި ދާއިރާތަކުން މަސައްކަތް ކުރަމުންދާއިރު، ރައްޔިތުންގެ ފަރާތުން ކޮންކޮން ކަންތައްތަކަށްތޯ މިވަގުތު ބޭނުންވަނީ. ކޮބައިތޯ ރައްޔިތުންނަށް މިކަމުގައި ދެއްވަން ބޭނުންފުޅުވާ މެސެޖަކީ މިޙާލަތުގައި.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ރައްޔިތުންނަށް ދަންނަވަން ބޭނުންވަނީ، މިހާރު މިހިސާބަށް މި އާދެވުނީ، އަޅުގަނޑުމެންނަށް މި ފެންނަނީ އަޅުގަނޑުމެންގެ ނަންބަރުތައް ހުރި ހިސާބު. އަޅުގަނޑުމެން އެންމެންނަށްވެސް އެބަ އިނގޭ، މިއަދު އިރާދަކުރެއްވިއްޔާ ވަރަށް ބޮޑަށް ދަށްކުރެވިގެން މިދަނީ. އެއީ ވަރަށް ގިނަ ބުރަ މަސައްކަތްތަކެއް. ވަރަށް ގިނަ ކަންތައްތަކެއް ދޫކޮށްގެން. އެއީ، އަޅުގަނޑު ދަންނަވާނީ، މިކަމުގައި ބައިވެރިނުވާ، ކޮންޓްރިބިއުޓް ނުކުރާ ހަމަ އެންމެ ދިވެހި ރައްޔިތެއްވެސް ނެތޭ. ކޮންމެ ދިވެހި ރައްޔިތެއްގެވެސް މަސައްކަތުން ކަންތައްތަކެއް ދޫކޮށްގެން، އަޅާފައިހުރި ފިޔަވަޅުތައް ބަލައިގަނެގެން، ކަންކަމަށް ފަރުވާތެރިވެގެން، ޚާއްޞަކޮށް، ޑޮކްޓަރުން، ޞިއްޙީ މާހިރުން، ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން އަބަދުވެސް މި ވިދާޅުވާގޮތަށް، މާސްކު އެޅުމާއި، އަތްދޮވެ ސާފުކުރުމާއި، އަދި އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުން މިއީ، ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް އެއްއަޑަކަށް އިވޭ އަޑު.

އަޅުގަނޑު ރައްޔިތުންނަށް ދަންނަވާލަން އޮތީ، އަދި ނަންބަރު ދަށްވެގެންދިޔަނަމަވެސް، އެއްވެސް ބޭފުޅަކު ފަރުވާކުޑަނުކުރައްވައި، އަދިވެސް ހަމަ މިކަމުގައި ހިފަހައްޓައިގެން ފަރުވާތެރިކަމާއެކު، އަޅުގަނޑުމެންގެ މި މަސައްކަތައިގެން ކުރިއަށްދާން. އެ އެއްބާރުލުން ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަގޮތަށް، ކުރިއަށް އޮތްތާނގައިވެސް ހަމަ ވަރަށް ބޮޑެތި ދަތި އުނދަގޫ ކަންތައްތަކެއް ހުންނާނެ. ދަތި އުނދަގުލުގެ ވާހަކަ، ދިމާވިހާ ކަންތައްތަކުގެ ވާހަކަ، މިހާރުވެސް ރައްޔިތުން ތަޙައްމަލުކުރަމުންދާ ކަންތައްތަކުގެ ވާހަކަދައްކާ ނުއެއްނިމޭ. އެއަށްވުރެ މާހިތްދަތި، މާ އުނދަގޫ ކަންތައްތައް ކުރިމަތިވި. އެހެންނަމަވެސް، މިކަމުން ސަލާމަތްވުން އެއީ، ކޮންމެ މީހަކުވެސް ބޭނުންވާ ކަމެއް. ޤައުމު އެނބުރި، ޤައުމު އޮތް ހިސާބަށްދާން އެބަޖެހޭ. ސްކޫލްތައް ބަރާބަރަށް ހުޅުވިގެން، ސްކޫލްތަކަށް ދެވެން އެބަޖެހޭ. ވަޒީފާތަކަށް ދެވެން އެބަޖެހޭ. އިޤްތިޞާދު ހިނގައިގަންނަން އެބަޖެހޭ.

އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، އެއަށްދެވޭނީ ހުރިހާ އެންމެން، މުޅި ދިވެހި ހުރިހާ ރައްޔިތުން މިކަމަށް ހަމަ އެ ދެއްވި ސަމާލުކަން އިތުރަށްވެސް ދެވިގެން، މިކަމުގައި އެއްކޮށް އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކުރެވިގެންނޭ.

ޕްރެޒެންޓަރ:

އާދެ، އަޅުގަނޑުމެންނަށް ކުރިންވެސް ފާހަގަކޮށްލިގޮތަށް، ވަރަށް ބޮޑަށް ފެނިގެންދޭ، އިޖުތިމާޢީ އެކިއެކި ދާއިރާތައް، ޚާއްޞަ ގޮތެއްގައި ޞިއްޙީ ދާއިރާވިޔަސް، ތަޢުލީމީ ދާއިރާވިޔަސް، އަދި އެނޫންވެސް، މަސްތުވާތަކެއްޗާ ގުޅުންހުރި ކަންކަމުން ސަލާމަތްކުރަން ކުރާ މަސައްކަތްތަކާއި، އެކަންކަމުގައި ޙަރަކާތްތެރިވާ ބޭފުޅުންނާއި، އެކިއެކި ދާއިރާތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި މަނިކުފާނު ގެންދަވަނީ، އެފަރާތްތަކުގައި އެ ހުންނަ މައްސަލަތައް ދެނެގަނެ، އެކަންކަން ޙައްލުކުރެއްވުމަށް ވަރަށް ގިނަ ބައްދަލުކުރެއްވުންތައް އަޅުގަނޑުމެންނަށް ފެނިގެންދޭ.

ކޮބައިތޯ، މައިގަނޑު ގޮތެއްގައި ކޮންކަހަލަ ކަންތައްތަކެއްތޯ ފާހަގަކުރެއްވެނީ. އަދި މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި، މިއައި ބަދަލުތަކާއެކު، ކޮންގޮތަކަށްތޯ އެ ބޭފުޅުންގެ ވާހަކަފުޅުތައް ހުންނަނީ އަދި ޚާއްޞަ ގޮތެއްގައި މި ދާއިރާއިން، އެކިއެކި ދާއިރާތަކުން ދޮގެއްތޯ. އިޖުތިމާޢީ ދާއިރާގެ ގޮތުގައި އަޅުގަނޑު ހަމަ ޚާއްޞަކޮށް، ތަޢުލީމީ ދާއިރާއާއި އަދި ޞިއްޙީ ދާއިރާ ފާހަގަކޮށްލަން ބޭނުން. މި ދެ ދާއިރާއިން ކޮބައިތޯ އެންމެ ބޮޑަށް ހާސިލުކުރެވިފައިވާ ކުރިއެރުންތަކަކީ؟ އަދި ކުރިއާ އަޅައިބަލާއިރު، ކޮންކޮން ކަންތައްތަކެއް ރަނގަޅުކުރުމަށް، ކުރިއަށް ހުރި ތަނުގައި ފާހަގަކުރެވޭތޯ ހުރިކަމަށް؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ދަންނަވާނީ، އެއް ދާއިރާއަކަށް އަޅުގަނޑުމެން ބަލައިފިކަމަށްވަންޏާ، ޞިއްޙީ ދާއިރާގައި އަޅުގަނޑުމެން ބޭނުންވާ ހިސާބަކަށް ދިއުމަށް، ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް މިހާރުވެސް ކުރެވޭ. އަދި ކުރެވެމުން އެބަދޭ. ޞިއްޙީ ދާއިރާއަށް އަންނަ ކޮންމެ ހެޔޮ ބަދަލަކީ އެއީ ކޮންމެ ރައްޔިތަކަށްވެސް އޭގެ ފައިދާތަކެއް ކުރާނެ ކަންތައްތައް. ދެން ހަމައެއާއެކު، އަޅުގަނޑުމެން ބަލައިލާއިރު، މިއަދު ކުޑަކުދީންގެ ޙައްޤުތައް ޙިމާޔަތްކޮށް، ކުޑަކުދީންނަށް ރައްކާތެރި މާޙައުލެއް ހޯދައިދިނުމުގެ މަސައްކަތްތަކަކީ އެއީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވޭ މަސައްކަތްތަކެއް. މިގޮތުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބެގެން ބަލަންޖެހޭ ފަރާތްތަކާއި އަދި، އެނޫންވެސް ކުޑަކުދީންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބޮޑަށް ކުރިއަށް އެބަދޭ. ހަމައެއާއެކު، އުމުރުން ދުވަސްވީ ފަރާތްތަކަށް ދޭންޖެހޭ އަޅާލުމާއި ރައްކާތެރިކަން، ދައުލަތުގެ ފަރާތުންނާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކާއި، އަދި އެނޫންވެސް ދިވެހިރާއްޖޭގައި އެ އެހީތެރިކަމާއި، އެ އަޅައިލުން ބޭނުންވާ ފަރާތްތަކަށް އެ ކަންތައްތައް ކުރެވެމުންދޭ.

އަޅުގަނޑު ގަބޫލުކުރަނީ މިއީ އަޅުގަނޑުމެންނަށް ހަމަ ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމެއް ކަމަށް. ޚާއްޞަކޮށް، ޞިއްޙީ ކަންތައްތައްތަކަށް އަޅުގަނޑުމެން ބަލާކަމަށްވަންޏާ. ހަމައެއާއެކު، ތަޢުލީމީ ދާއިރާގައި އަޅުގަނޑުމެންނަށް، މި ފަށާފައިވާ މަސައްކަތްތައް ރަނގަޅަށް މިގޮތަށް ހުއްޓުމެއްނެތި ގެންދެވުމުން، އަޅުގަނޑުމެންނަށް އަހަރުތަކެއްގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އޭގެ ފޮނިމީރުކަން ފެނިގެންދާނީ. އަޅުގަނޑުމެން މިއަދު ވިސްނަންޖެހެނީ، ކުރީގައިވެސް އަޅުގަނޑު ދެންނެވިން، އާންމުގޮތެއްގައި ވަރަށް ބޮޑަށް ވިސްނޭ، ޢުމްރާނީ ތަރައްޤީއާ ދޭތެރޭގައި. ބޮޑެތި ބިލްޑިންގތައް އަޅުގަނޑުމެންނަށް ބޮޑަށް މި ފެންނަނީ. އެއީ ފެންނަ އެއްޗިއްސަށްވީމާ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ނުފެންނަ އެއްޗަކަށްވީނަމަވެސް، އިޖުތިމާޢީ އެ ވެލިއުސްތައް އަޅުގަނޑުމެންގެ ތެރޭގައި ހިފަހައްޓަންޖެހޭ. ހެޔޮލަފާ ރަނގަޅު ޖީލެއް އެއީ އެންމެ މުހިންމުކަމަކީ. އަޅުގަނޑުމެންނަށް ތަހުޒީބު މުޖުތަމަޢެއް ބިނާވެ، އަމާންކަމާއެކު ޤައުމެއް ކުރިއަރައި މިދަނީ، މުޖުތަމަޢެއްގެ ތެރޭގައި އޮންނަ ހަމަޖެހުމާއި، އަމާންކަމާއި، އެ ގުޅުން އޮންނަވަރަކުންނާއި، އެކަކު އަނެކަކަށް އިޙްތިރާމުކުރުމާއި، އެކަކު އަނެކަކަށް އަޅައިލުމުން.

އެހެންވީމާ، މިއަދުގެ ސަރުކާރުން ކަންތައްތައް ކުރުމުގައި، ރައްޔިތުންގެ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަންދެއްވާ. އެނގިވަޑައިގަންނަވާނެ، ސަރުކާރަކީ އެއީ ރައްޔިތުން. ސަރުކާރެއް މި އޮންނަނީ ރައްޔިތުންނަށް ޚިދުމަތްކުރަން. އެނޫން އެއްވެސް އެހެން ބޭނުމެއްގައެއްނޫން. ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން އަޅުގަނޑުމެން މިއަދު 24 ގަޑިއިރު މިތިބީ. ރައްޔިތުންނަށް މަސައްކަތްކޮށްދޭ ބައެއްގެ ގޮތުގައި. އެހެންވީމާ، ކަންތައްތައް ކުރާއިރު، ކުރަން މިޖެހެނީ ޤައުމަށް ބޭނުންވާގޮތަށް. ރައްޔިތުންނަށް ބޭނުންވާގޮތަށް.

އެހެންވީމާ، މިއަދު މިކުރެވޭ ކަންތައްތަކުން އަޅުގަނޑު ގަބޫލުކުރަނީ ޚާއްޞަކޮށް، ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުގެ ހިންގުން ހަރުދަނާވެ، ލާމަރުކަޒީ ނިޒާމު ރަނގަޅަށް ޤާއިމުކުރެވި، އޭގެ ފަސޭހަތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް. ގިނަ ކަންތައްތަކެއް ރާއްޖޭގައި މިހާރުވެސް ހިނގަމުން އެބަދޭ. ކޯވިޑް-19ގެ މި ދަތި އުނދަގޫ ވެގެން ގޮސްފައި، ވަރަށް ބޮޑަށް ހިތްދަތިވާ ވަގުތުތަކެއް ކުރިމަތިވީއިރުވެސް، އަޅުގަނޑުމެން ހަމަ އުފާކުރަންޖެހޭ ކަމަކީ، ޕްރޮޖެކްޓްތައް ހިނގަމުން އެބަދޭ. ބޮޑެތި ޕްރޮޖެކްޓްތައް ހިނގަމުން އެބަދޭ. ރާއްޖޭގެ އުތުރުން ފެށިގެން ދެކުނާ ދެމެދު ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުން، ބަނދަރު ހެދުން، މަގު ހެދުމުގެ ކަންތައްތައް، އެއަރޕޯޓް، ސްކޫލްތަކުގެ އިމާރާތްތައް، ހޮސްޕިޓަލްތައް، ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް، މީހުން ބިނާކުރުމުގެ މަސައްކަތްތައް، މިއީ، ރާއްޖޭގެ އެކި ތަންތަނުގައި ހުއްޓުމެއްނެތި ކުރިއަށްގެންދާ ކަންތައްތައް.

ހަމަ އެއާއެކު، ދަނޑުވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ކަންތައްތައް ކުރިއަރުވައި ރައްޔިތުންނަށް އިތުރަށް ނަފާ ލިބޭނޭގޮތަކަށް، ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ހުއްޓުމެއްނެތި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އެހެންވީމާ، އަޅުގަނޑަށް ގަބޫލުކުރެވެނީ، މި ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ، ﷲ އިރާދަކުރެއްވިއްޔާ، މުޅި ދިވެހި ޤައުމަށާއި ދިވެހިރައްޔިތުންނަށް ފެނިގެންދާނެކަމަށް.

ޕްރެޒެންޓަރ:

ދެން، ކޮބައިތޯ، ކޯވިޑް-19އާ ގުޅިގެން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ޚާއްޞަގޮތެއްގައި މާލެ ސަރަޙައްދުގައި ސަރުކާރުން މިކުރާ ކަންތައްތަކުގައި މާލެ ސަރަޙައްދުގައި މި ބަލިން ރައްކާތެރިވުމަށްޓަކައި މުހިންމު މަސައްކަތްތަކެއް. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު ޤާއިމުކޮށް، އެ މަސައްކަތްތައް ކުރެވިގެންދާއިރު، ރަށްރަށުގައިވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ރާއްޖޭގެ އެކި ސަރަޙައްދުގައި މި ބަލިން ރައްކާތެރިވުމަށްޓަކައި އަދި މި ބައްޔަށް ފަރުވާދިނުމަށްޓަކައި ސެންޓަރުތަކެއްވެސް ޤާއިމުކުރެވިގެންދިޔަތަން. ކޮބައިތޯ، މި ބަލިން އަރައިގަތުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން، އެއްވެސްވަރަކަށް މާލޭގައި މި ހިނގައިދިޔަ މަސައްކަތްތަކާއި އަދި ހަމަ އެހެންމެ ރަށްރަށުގައި އޮތް ހާލަތަށް ބަލާއިރުގައި، އެއްވެސް ތަފާތުކުރުންތަކެއް ފެނިގެން ހިނގައިދާނެތޯ؟ ނޫންނަމަ ކޮންކޮން ކަންތައްތަކަށްތޯ މުޅި ރާއްޖެ މިކަމުގައި ޝާމިލުކުރުމަށް އިސްކަންދެއްވީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑުމެން ދިވެހިރާއްޖޭގައި އެއްވެސްގޮތަކަށް ވަކި އިސްކަންދޭ ވަކި ދިމާއެއްނޯވޭ. އެހެންވީމާ، ސަރުކާރުން ބަލަނީ، މާލެ، ރާއްޖޭގެ އެހެން ރަށްރަށް، އުތުރުގެ ރަށްތައް، ދެކުނުގެ ރަށްތައް، އެއީ ހަމަ އެއްގޮތަކަށް ކަންތައްތައް ކުރުމުގައި. އޭގައި ވަކި ތަފާތުކުރުން، ޚާއްޞަކޮށް، އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ ޞިއްޙީ ކަންތައްތަކަކީ އެއްވެސް ތަހުޒީބު މުޖުތަމަޢެއްގައި އެކަކު އަނެކަކުގެ މެދުގައި ތަފާތުކުރާނެ ކަންތައްތަކެއްނޫން. އަޅުގަނޑުމެން ހަމަ މިއަދުވެސް، އެންމެ އިސްކަމެއް ދެނީ ބޮޑަށް ކަންތައްތަކެއް އޮންނަ ތަނެއްގައި. ޞިއްޙީ ބޮޑު ނުރައްކަލެއް، ނޫނީ، ގިނަ ބަޔަކު ތިބޭ ތަނެއްގައި ކަމެއް ދިމާވާ ވަގުތު، އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަމެއް ދޭންޖެހޭ. ރާއްޖޭގެ ރަށްތަކުގައިވެސް އަޅުގަނޑުމެންނަށް ކޮންމެވެސް މިންވަރަކަށް ދިމާވެއްޖެ، ކޯވިޑް-19ގެ ކޭސްތައް.

އެހެންވީމާ، އެ ވަގުތު އެ ދިމާއަކަށް ޓީމުތައްގޮސް، ކުރަންޖެހޭ ކަންތައްތައް ބަރާބަރަށް ގަޑިންގަޑިއަށް ކުރެވި، އަޅުގަނޑު ގަބޫލުކުރަނީ، މި ހުރިހާ އެންމެންގެ މަސައްކަތުން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އިރާދަކުރެއްވިއްޔާ މެނޭޖްކުރެވޭ. އެއީ ރަނގަޅު މަސައްކަތްތަކެއް ކުރެވޭތީ. އަޅުގަނޑުމެންނަށް މި ފެންނަނީ ރަށްރަށުގައި ކޯވިޑުގެ މި ކަންތައްތައް މެނޭޖް ކުރުމަށްޓަކައި ޓާސްކްފޯސް، ރަށުގެ ހުރިހާ މުއައްސަސާތައް، ކައުންސިލް، ހޮސްޕިޓަލް ހިމެނިގެން މި މަސައްކަތްކުރެވެނީ. އެއްވެސް ބަޔަކު މީގެ ތެރެއިން ބާކީވެގެންނެއްނުދޭ.

އެހެންވީމާ، މިއީ ކޮމިޓްމެންޓް. މި ހުރިހާ އެންމެންގެވެސް ވަރަށް ބޮޑު ކޮމިޓްމެންޓެއްދޭ، އެކަމެއް ކުރަންޖެހޭ ގަޑީގައި އެކަމެއް ކުރަން. އެ ކަންތައްތައް ފަސްނުކޮށް، މިއަދު ދިމާވާ މައްސަލަތަކަށް ޙައްލު ހޯދަންޖެހެނީ، މިކަހަލަ ކަންތައްތަކުގައި ޚާއްޞަކޮށް، ޞިއްޙީ ކަންތައްތަކުގައި އެ ދުވަހުން ދުވަހަށް އަޅުގަނޑުމެން ކަންތައްތަކަށް އެޓެންޑްވެ، އެކަމެއްގެ ވަގުތުގައި އެކަމެއްކުރުމަށް.

އެހެންވީމާ، އަޅުގަނޑަށް ފާހަގަކުރެވެނީ، ރާއްޖޭގެ އެކި ހިސާބުތަކުގައި މި ކުރެވޭ ކަންތައްތަކުގައި، އަޅުގަނޑުމެންނަށް ހެދިފައި ހުންނަ އުސޫލުތަކާއި ގައިޑްލައިންތަކާއި، ހުންނަ ޕްރޮޓޮކޯލްސްތަކާ އެއްވަރަށް އެކަންތައްތައް ބަރާބަރަށް އެއް މިންގަނޑެއްގައި ކުރިއަށް އެބަދެވޭ. އަޅުގަނޑުމެން މި މަސައްކަތްކުރާއިރު، އަޅުގަނޑުމެންނެއް ނުދެކެން، އަޅުގަނޑުމެން މިތިބީކީ ކޮންމެހެން މާލޭގައޭ. ނޫން، ޙަޤީޤަތުގައި އަޅުގަނޑުމެން މިތިބީ ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި.

ޕްރެޒެންޓަރ:

ދެން ކޮބައިތޯ، ވޭތުވެދިޔަ ދެ އަހަރު ދުވަހުގައި ކުރެވުނު މަސައްކަތުން އެންމެ ފާހަގަކޮށްލައްވާނީ ކޮންކޮން ކަންތައްތަކެއްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑުމެންނަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުރީ. އަޅުގަނޑު ހަމަ އަމިއްލައަށް ވިސްނާލާއިރު، އަޅުގަނޑަށް އަބަދުވެސް އެންމެ މުހިންމު ކަމަކަށްވަނީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަމާއި، ހަމަޖެހުމާއި އަމާންކަން. އެއީ އަޅުގަނޑަށް އެންމެ މުހިންމު ކަމެއްގެ ގޮތަށް، އަޅުގަނޑަށް އަބަދުވެސް ގަބޫލުކުރެވެނީ އެކަންތައްތައް. އަޅުގަނޑަށް ފާހަގަކުރެވުނު، އަޅުގަނޑުމެންނަށް ސަރުކާރު ހަމަ ފެށުމާއެކު ކުރެވުނު މަސައްކަތެއް މިއީ، ކުރީގައިވެސް ދެންނެވިގޮތަށް ރާއްޖޭގެ ޚާއްޞަކޮށް، ބޮޑެތި ރަށްތަކުގެ އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި އަޅުގަނޑުމެން ފެށްޓި އެ ޕްރޮގްރާމް، އަދިވެސް ޕްރޮގްރާމެއް ނުނިމޭ. އެ ޕްރޮގްރާމް ކުރިއަށް އަދިވެސް މިގެންދަނީ. އެއިން އެދެވޭ ނަތީޖާތަކެއް ނުކުތްކަމަށް އަޅުގަނޑު ގަބޫލުކުރަން. ހަމައެއާއެކު، އަޅުގަނޑު ކުރީގައިވެސް ތަކުރާރުކޮށް ފާހަގަކޮށްފިން، ޞިއްޙީ ދާއިރާއަށް އަޅުގަނޑުމެންނަށް މި ގެނެވޭ ބަދަލުތައް އެއީ ކުރިއެރުމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެއާއެކު ތަޢުލީމީ ދާއިރާއަށް އެ ކުރެވޭ އިންވެސްޓުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިގެންދާނެކަން އެއީ އަޅުގަނޑު ފާހަގަކުރާގޮތުގައި ވަރަށް މުހިންމު ދާއިރާއެއް.

ހަމައެއާއެކު، ކުޑަކުދީންގެ ޙައްޤުތައް ޙިމާޔަތްކޮށް، ކުޑަކުދީންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި އަދި މުޖުތަމަޢުގެ ތެރޭގައި އެކި ގޮތްގޮތުން ސަރުކާރުން، ދައުލަތުން އެ އަޅައިލަން ޖެހިފައި ތިބި ފަރާތްތަކަށް މިހާރު ކަންތައްތައް ކުރެވޭގޮތަށް ބަލާކަމަށްވަންޏާ، އަޅުގަނޑު ގަބޫލުކުރަނީ ހެޔޮ ބަދަލުތަކެއް އައިސް، ހަމަ އެއާއެކު، ޚާއްޞަ އެހީއަށް ބޭނުންވާ، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ޚާއްޞަ ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަންތައްތަކެއް ރޭވިގެން އެބަދޭ. މީގެތެރޭގައި އަވަހަށް ދެނެގަތުން މިއީ، ވަރަށް މުހިންމު ކަމެއް. ރާއްޖޭގެ އެކި ރަށްރަށުގައި ޅަފަތުގައި ކުދީންގެ ހުންނަ އެކިއެކި މައްސަލަތައް ދެނެގަތުން އެއީ ވަރަށް މުހިންމު ކަމަކަށްވޭ.

ދެން ޕަބްލިކް ހެލްތު. އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންނަށް މިގޮތަށް މި މަސައްކަތް ކުރެވިގެން، އޭގެ ކާމިޔާބަކަށް ވެގެންދާނީ، ދުޅަހެޔޮ ބައެއްގެ ގޮތުގައި، ބަލިތަކާ ދުރު ބައެއްގެގޮތުގައި ދިވެހިރައްޔިތުން ވެގެންދިޔުން.

ޕްރެޒެންޓަރ:

ދެން، ނިންމާލުމުގެ ކުރީން ކިހިނެއްތޯ، މިދިޔަ ދެ އަހަރު ސިފަކުރައްވާނީ، ކިހާ ކާމިޔާބު ކަމަށްތޯ؟ އަދި ހަމަ އެހެންމެ ކުރިއަށް އޮތްތަނުގައި، ސޯޝަލް ކައުންސިލުންވެސް އަދި ޚާއްޞަގޮތެއްގައި މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރެވޭ މަސައްކަތްތަކުގައި، ކޮންކަހަލަ ނަތީޖާތަކަކަށް ވާސިލުވުމަށްތޯ، އެންމެ ބޮޑަށް ގަދައަޅައި މަސައްކަތް ކުރައްވާނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ހަމަ އެންމެފަހުގެ ބަހެއްގެ ގޮތުގައިވެސް، ހަމަ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތައް ފުއްދުމުގައި އިރާދަކުރެއްވިއްޔާ، އެ މަސައްކަތުގައި ފަސްނުޖެހި މުޅި ސަރުކާރު އެއްކޮށް، އަޅުގަނޑުމެން ހުރިހާ އެންމެން އެ މަސައްކަތައިގެން ކުރިއަށްދާނީ. ރައްޔިތުންނަށް އެ ލިބެންޖެހޭ ޚިދުމަތްތަކާއި، އެ ކަންތައްތައް ފޯރުކޮށްދިނުމުގެ އެ މަސައްކަތްތަކުގައި ހުއްޓުމެއްނެތި އިރާދަކުރެއްވިއްޔާ ކުރިއަށްދާނަން. ވަރަށް ބޮޑު ބައެއް އަޅުގަނޑުމެންނަށް ގެއްލިގެން މިދިޔައީ. ޙަޤީޤަތަކީ ވޭތުވެދިޔަ ނުވަމަސް ދުވަސް އެއްކޮށް ގެއްލިގެން މިދިޔައީ. އެހެންވީމާ، އަޅުގަނޑުމެންނަށް އޭގެ ކުރީގައި ލިބުނު ދުވަސްތަކެއް ލިބިގެން މިދިޔައީ. އެހެން ނަމަވެސް، އަޅުގަނޑުމެން އިތުރު ހިތްވަރެއްލާފައި، ގެއްލުނު ބައިވެސް ހޯދުމަށް އަޅުގަނޑުމެން މަސައްކަތްކުރާނީ.

އެހެންވީމާ، ރައްޔިތުންނަށް އަޅުގަނޑު ހަމަ ދަންނަވާލާނީ، މަސައްކަތްތެރި، ތިމާއަށް، ކޮންމެ މީހަކަށްވެސް ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަޅުގަނޑުމެން ބަލަން އެބަޖެހެއޭ. ޤައުމު ތަރައްޤީވާނީ ޤައުމުގެ ހަމަޖެހުން ޤާއިމުކުރެވޭނީ، އަޅުގަނޑުމެންގެ ހުރިހާ ޢާއިލާތަކަށްވެސް އަމާންކަން ލިބޭނީ އެންމެންގެ މަސައްކަތުން. އެއީ އެއްބަޔަކު ކުރާ މަސައްކަތަކުންނެއް، އެއްވެސް ގޮތަކުން ޤައުމަކަށް ކުރިއެރުމެއް ނުލިބޭނެ.

އެހެންވީމާ، އެ ހިތްވަރާއެކު އެ ޢަޒުމުގައި އަޅުގަނޑުމެން ހުރިހާ އެންމެން މަސައްކަތްކުރަން އެބަޖެހޭ. ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުތައް، ސަރުކާރުގެ ސިޔާސަތުތަކާއި އެ ކަންތައްތައް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. ރައްޔިތުންނަށް އަމާން މާޙައުލެއް، އިންސާފުވެރިކަމާއެކު، ހިތްހަމަޖެހިގެން ރައްޔިތުންނަށް އުޅެވޭނެ މާޙައުލެއް އިރާދަކުރެއްވިއްޔާ، މި ޤައުމުގެ ރައްޔިތުންނަށް ލިބެގެންދާނެކަން އެއީ، އަޅުގަނޑު ޔަޤީންކުރާ ކަމެއް. އަޅުގަނޑު ހަމަ ދަންނަވާލާނީ، އެކުގައި އެންމެން ގުޅިގެން ޤައުމަށްޓަކައި، ރައްޔިތުންނަށްޓަކައި، އަޅުގަނޑުމެން އިތުރު ހިތްވަރެއްލައި މަސައްކަތްތަކެއް ކުރަން އެބަޖެހެޔޭ.

ޕްރެޒެންޓަރ:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ، އަޅުގަނޑުމެންނާ ތިޔަ ހިއްސާކޮށްލެއްވި މަޢުލޫމާތަށްޓަކައި.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ޝުކުރިއްޔާ!

ޕްރެޒެންޓަރ:

އާދެ، އަޅުގަނޑުމެން ތިޔަބޭފުޅުންނާ ހަމައަށް މި ގެނެސްދިނީ، ސަރުކާރަށް ދެ އަހަރު ފުރިގެން ގޮސްފައިވާއިރު، ސަރުކާރުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަގޮތެއްގައި، ސޯޝަލް ކައުންސިލްގެ މަސައްކަތްތަކާއި އަދި ކޯވިޑް-19އާ ގުޅިގެން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ޚާއްޞަ ގޮތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ ބެއްލެވުމުގެ ދަށުން ކުރެވުނު މަސައްކަތްތަކާއި އަދި އެކަމުގައި ހޯދިފައިވާ ކާމިޔާބީތަކުގެ އިތުރުންވެސް، އަދި ހަމަ އެހެންމެ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރެވެމުންދިޔަ މުހިންމު މަސައްކަތްތަކަށް އަޅުގަނޑުމެން މި އަލިއަޅުވައިލީ.

އަޅުގަނޑުމެން އުންމީދުކުރަނީ މި ދާއިރާއިން ތިޔަބޭފުޅުންނަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދިޔަކަމަށް. އެހެންކަމުން، އަޅުގަނޑުމެން މިހާ ހިސާބުން މިވަގުތުކޮޅު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއެކު އަޅުގަނޑުމެން މި ހިއްސާކޮށްލި މަޢުލޫމާތަށްފަހު، އަޅުގަނޑުމެން ތިޔަބޭފުޅުންނާ ވަކިވެލާނަން.

والسّلام عليكم ورحمـة اللّـه وبركاته.