މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންނަށް ބޭނުންވާ ފުރަތަމަ ފަރުވާ ދެއްވުމަށްޓަކައި އުފެއްދެވި ވިލިމާލެ ޑިޓޮކްސް ސެންޓަރ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހުޅުއްވައި ދެއްވައިފިއެވެ. މިތަން ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 10 ޖެހިއިރު މާލެ ވިލިނގިލީގައެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، މިއަދަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ދޮރުތައް ބަންދު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ވަރަށް މުހިންމު މަރްޙަލާއެއްގެ ފެށުން ފާހަގަކުރާ ދުވަހެއްކަމަށް ވިދާޅުވިއެވެ. އަދި މިއީ، މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދު ފުއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ވަރަށް ފުރިހަމަ ދަލީލެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިމަރުކަޒް އުފެއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކުރެއްވި މަސައްކަތްޕުޅުތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި މިއީ، ރާއްޖޭގެ ތަފާތު ދިމަދިމާގައި މިފަދަ ޑިޓޮކްސް ސެންޓަރުތައް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ދަށުން ޤާއިމުކުރެއްވި ފުރަތަމަ މަރުކަޒު ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޑިޓޮކްސް ސެންޓަރަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި ކުދިންނަށް އަދި އެކަމަށް ދެވި ހިފާފައި ތިބި ކުދިންނަށް ފުރިހަމަ ފަރުވާއެއް ދެވޭނެ ތަނެއް ނޫން ކަމަށާއި، މިއީ ރިހެބިލިޓޭޝަން ސެންޓަރެއް ނޫން ކަމުގައި ވިދާޅުވިއެވެ. މިތަނުން ދެވޭ ފަރުވާގެ މަޤްޞަދަކީ، ކުއްޖާގެ ހަށިގަނޑުން މަސްތުވާތަކެތީގެ ވިހަ ފިލުވާލުން ކަމަށާއި، ކުއްޖާ އަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުރަންޖެހޭ ބޮޑެތި މަސައްކަތްތައް މިތަނުން ނުކުރެވޭނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށާއި މީހުންނަށް ބޭނުންކުރާ ފަރުވާއަކީ، ގިނަފަހަރަށް ދިގުމުއްދަތަށް ދެމިގެންދާ ފަރުވާއެއްކަން ފާހަގަކުރައްވަމުން، އެކުދިން އަނބުރާ މުޖުތަމަޢަށް ގެނެވެންދެން ކެތްތެރިކަމާއެކު ފަރުވާދެމުން ގެންދަންޖެހޭނެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި ކުދިންނަކީ، ވަރަށް ނާޒުކު ޞިއްޙީ ޙާލަތެއްގައި ތިބޭ ކުދިން ކަމަށާއި، އެކުދިންނަށް ދިމާވާ ހާދިސާއެއްގެ ގޮތުން އެކުދިންގެ ފުރާނައަށް ގެއްލުމެއް ލިބުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބޭ ކުދިންނަށާއި މީހުންނަށް ދެއްވަނެޖެހޭ ރިހެބިލިޓޭޝަން ފަރުވާވެސް ފުޅާކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް ނައިބު ރައީށް ހާމަކުރެއްވިއެވެ. އަދި، މިކަން ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ފަރާތުން އިތުރު ރޭއްވެވުންތައް ރާއްވަވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ.

ވިލިމާލެ ޑިޓޮކްސް ސެންޓަރ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވުމަށްފަހު އެމަނިކުފާނާ ނައިބު ރައީސް އެތަން ބައްލަވާލެއްވިއެވެ.