ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެމް.އެން.ޑީ.އެފް. ސެންޓްރަލް އޭރިޔާ މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މިއަދު ހަވީރު ހުޅުލޭގައި އޮތް މިރަސްމިއްޔާތުގައި މިތަން އިފްތިތާޙްކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރު ހިންގުމާ އެމަނިކުފާނު ހަވާލުވެވަޑައިގަތީއްސުރެ، ސަރުކާރުގެ އެންމެ މުހިންމު އެއްސިޔާސަތެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވީ، ރާއްޖޭގެ އަސްކަރީންނަކީ ފަންނީ ޤާބިލް ބައެއްގެ ގޮތުގައި، އެ އަސްކަރީންގެ އެންމެހާ ކަންކަން ރާވައި އިންތިޒާމު ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި މިދިޔަ 8 މަހެއްހާ ދުވަހުގެ ތެރޭގައި އެމް.އެން.ޑީ.އެފް.ގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މިގޮތުން މުޅި އެމް.އެން.ޑީ.އެފް.ގެ ހުރިހާ ބާރެއް 4 ސަރަޙައްދަކަށް ބަހާލައި، އެ 4 ސަރަޙައްދުގައި މަރުކަޒުތައް ޤާއިމުކުރެވި، އެމަރުކަޒަކުން އެންމެހާ ކަންކަން ހިންގަމުން ގެންދާ އުޞޫލު ނުވަތަ ލާމަރުކަޒީ އުޞޫލު އެމް.އެން.ޑީ.އެފް ގައި ތަޢާރަފް ކުރައްވަމުން ގެންދަވާފައިވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސެންޓްރަލް ކޮމާންޑް ޤާއިމު ކުރުމުގެ ޙަފްލާގައި ބައިވެރިވެވަޑައިގަތުމަކީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއް ކަމަށް ވިދާޅުވެ، އިރާދަކުރެއްވިއްޔާ އުތުރުގެ ކޮމާންޑް، ނޮވެމްބަރ 11 އަށް ޤާއިމު ކުރެވޭނެކަންވެސް ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސަރުކާރުގެ ބޭނުމަކީ، ލިބިފައިވާ ވަސީލަތްތައް އަދި ލިބިފައިވާ ބާރުވެރިކަން މިރާއްޖެއަށް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމުގެ އުޞޫލެއްގެ މަތިން ކަންކަން ކުރައްވަމުން ގެންދެވުމެވެ.

މިރަސްމިއްޔާތުގައި، ސެންޓްރަލް އޭރިޔާ އިފްތިތާޙްވެގެން ދިޔައީ އެތާނގެ ނަންބޯޑުގެ ފަރުދާ ރައީސުލްޖުމްހޫރިއްޔާ ކައްސަވާލަދެއްވުމުންނެވެ. އެއަށްފަހު، އެމް.އެން.ޑީ.އެފް.ގެ ދިދައާއި ސެންޓްރަލް އޭރިއާގެ އެސް.އޯ.ޕީ ސެންޓްރަލް އޭރިއާގެ ކޮމާންޑަރާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކޮށްދެއްވިއެވެ.

ސެންޓްރަލް އޭރިއާ އިފްތިތާޙް ކުރެއްވުމަށްފަހު، ކޮޅުމަޑުލު ވިލުފުށީ ރައްޔިތުން ބަދަލުކުރުމަށް ހިންގުނު އޮޕަރޭޝަނުގައި މަސައްކަތްކުރެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވުމުގެ ރަސްމިއްޔާތުވެސް އޮތެވެ. މިފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިލުފުށީ ރައްޔިތުން ވިލުފުށްޓަށް ބަދަލުކުރުމަށް ހިންގުނު އޮޕަރޭޝަންގައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކުން އެ ކޮށްދެއްވީ ވަރަށް މުހިންމު މަސައްކަތެއްކަމަށް ވިދާޅުވެ، އެކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.