ޤަދަރާއި، ޢިއްޒަތަކީ، އަޅުގަނޑުމެންގެ ޢަމަލުންނާއި ބަހުން އަޅުގަނޑުމެން ހޯދަންޖެހޭ އެއްޗެއް ކަމަށާއި، އެއީ، އަޅުގަނޑުމެން އެއްވެސް މީހަކަށް އެހެންމީހަކު ރައްދުކޮށްދޭނެ އެއްޗެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި މިއަދު ހެނދުނު އެމަނިކުފާނު ދެއްވި ރޭޑިޔޯ ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިވެރިކަމުގެ ބާރުވެރިކަމެއް އިރާދަކުރެއްވިއްޔާ ކެނޑިގެނެއް ނުދާނެއެވެ. މިވެރިކަމުގެ ޤަދަރެއްވެސް، މި ވެރިކަމުގެ ޢިއްޒަތެއްވެސް އިރާދަކުރެއްވިއްޔާ ފަނޑުވެގެންނުދާނެއެވެ. ޤަދަރާއި، ޢިއްޒަތާއި، އަދި ބާރާއި ހައިބަތާ، މިކަންކަމަކީ ރުފިޔާ ދީފައި ގަނެވޭނެ ކަންކަމެއްނޫނެވެ. އަދި ޤާނޫނެއްގައި ލިޔެގެން އަޅުގަނޑުމެންނަށް ހޯދޭނެ އެއްޗެއްވެސްނޫނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ މިނިވަންކަމުގެ ތާރީޚުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ސިޔާސީ ތާރީޚު އެކިއެކި ގޮތްގޮތަށް ފުރޮޅެމުން އަންނަތާ ދުވަސްތަކެއް ވުމަށްފަހު، އިނގިރޭސީންގެ އިސްތިޢުމާރީ ބާރުން ދިވެހިރާއްޖެ މިނިވަންވީ 1965ވަނަ އަހަރުގެ ޖުލައިމަހުން 26 ވަނަ ދުވަހުކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވުމަށް އޭރު ރާއްޖޭގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެމަނިކުފާނުގެ ޒިކުރާ އާކުރެއްވިއެވެ. އަދި، މިނިވަންކަމުގެ އެންމެހާ ކަންކަން، އެންމެ އިސް މޭސްތިރިއެއްގެގޮތުގައި ރާއްވަވަމުން ގެންދެވީ އަލްމަރްޙޫމް އިބްރާހީމް ނާޞިރުކަން ބަޔާންކުރައްވައި، އެމަނިކުފާނުގެ އަރިހުގައި މަސައްކަތްޕުޅު ކުރެއްވި އެހެން ބޭފުޅުންގެ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ޤާނޫނީ ދައުލަތެއްގެ މުހިންމު ކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޤާނޫނީ ދައުލަތެއް އެއީ، ކޯޓު އޯޑަރަކުން އަށަގެންނެވޭނެ، ނެގެހެއްޓޭނެ ކަމެއްނޫނެވެ. އެއީވެސް، ރައްޔިތުން އެ މައްޗަށް ބޯލެނބުމުން ހިނގާނެ ކަމެކެވެ. ކޯޓަކުންވިޔަސް އަދި ބަޑީގެ ބާރުންވިޔަސް، ކަނޑީގެ ބާރުންވިޔަސް، ރައްޔިތަކުވެސް ނުހިފެހެއްޓޭނެއެވެ. އަޅުގަނޑުމެން ކަންކަމުގެ ތެރެއަށް މިދަނީ، ކަންކަމަށް އަޅުގަނޑުމެން މި ރުހެނީ އަޅުގަނޑުމެން ހިތުން ރުހުނީމައެވެ. މިރޮނގުން އެމަނިކުފާނުގެ ރޭޑިޔޯ ޚިޠާބު ކުރިއަށް ގެންދަވަމުން، އަޅުގަނޑުމެން އެންމެންގެވެސް އުންމީދަކީ، އަޅުގަނޑުމެންގެ ތެރޭގައި ޤަދަރުވެރިން، ޤަދަރުވެރިންގެ ގޮތުގައި އަދި ޢިއްޒަތްތެރިން ޢިއްޒަތުގައި ތިއްބެވުން ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑުމެން އެކަކުވެސް ނޭދޭ ޢިއްޒަތްތެރިންގެ ޢިއްޒަތަށް، ޤަދަރަށް، ހައިބަތަށް، ކަރާމަތަށް، ލައްޒަތަށް، ކުޑަވެސް އުނިކަމެއް އަންނާކަށް. އަޅުގަނޑުމެންގެ ބޭނުމަކީ މި ރާއްޖޭގެ ވެރިންނަކީ، ހައިބަތުހުރި ޤަދަރާ ޢިއްޒަތް ލިބިގެންވާ ބަޔަކަށްވުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ އެޑްރެހުގައި، މިއަހަރަކީ، ކަލާފާނު ޝަހީދުވިތާ ހަތަރުސަތޭކަ އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި އެކަމުގެ ޒިކުރާވެސް އާކުރެއްވިއެވެ. އަދި މާދަމާއަކީ، ކަލާފާނު ސްކޫލަށް ވިހިއަހަރު ފުރޭދުވަސް ކަމަށްވެސް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކަލާފާނުގެ ދެއަނބިކަނބަލުންނާއި އަދި އެހެންވެސް ހަގުބޭކަލުންނާއި މުސްކުޅިން، ކަލާފާނު ފަސްދާނުލެވިފައިވާ ރަށްކަމަށްވާ ހަންޏާމީދުއަށް ދަތުރުކުރައްވައި، އެތާ ޒިޔާރަތެއް އަޅުއްވައި، އެޒިޔާރަތަށް ބޯގައެއް ލިޔުއްވައި، ވަޤުފް ކުރައްވައި އެޒިޔާރަތް ބެލެހެއްޓެވުން ވަކިބަޔަކާ ޙަވާލުކުރައްވައި އެކަންކަން ނިންމެވި ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުރި ލިޔުންތަކުން މިހާރު ފެނިވަޑައިގެންފައިވާ ކަމަށާއި، މިފަތްކޮޅުގެ ރީތިކޮޕީއެއް މާދަމާއިން ފެށިގެން ކަލާފާނު ސްކޫލްގައި ފެންނަން ހުންނާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުން ގަސްތުކުރައްވަނީ، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒު މެދުވެރިކުރައްވައިގެން، ހަންޏާމީދޫގައި ކަލާފާނުގެ ޒިޔާރަތާ ގުޅުވާ އަދި ހަންޏާމީދޫ މިސްކިތާ ގުޅުވާ، އެތަނުގައި ކަލާފާނާ ގުޅޭ ހުރިހާ ފަތްކޮޅެއް ބެހެއްޓޭނެ މަގެއް ހޯއްދެވުމަށް ކަމުގައި ވިދާޅުވިއެވެ. ބޭނުންފުޅަކީ ހުރިހާ ރަސްރަސްކަލުންގެވެސް ހުރިހާ ވެރިންގެވެސް ހަޔާތުން އަޅުގަނޑުމެންނަށް މިއަދު ޢަމަލުކުރެވޭނެ ރަނގަޅު ފިލާވަޅެއް ލިބޭތޯ މަސައްކަތް ކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.