މަސްތުވާތަކެތީގެ ނުރައްކަލުން އަޅުގަނޑުމެންގެ ޅަދަރިން ސަލާމަތް ކުރެއްވުމަށް ބެލެނިވެރިންނާއި ސްކޫލްތައް ގުޅިވަޑައިގެން، މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. ނައިބު ރައީސް މިކަމަށް ގޮވާލެއްވީ، ޣާޒީ ސްކޫލަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި، އެ ސްކޫލުގައި ރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްތުވާތަކެތީގެ ނުރައްކާތެރިކަން ސްކޫލްތަކަށް ފެތުރުނަ ނުދެއްވުމަށްޓަކައި ޣާޒީ ސްކޫލުގެ ދޮރުތަކަކީވެސް ބަންދުކޮށްފައިވާ ދޮރުތަކަކަށް ހެއްދެވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަކީ، ހިސާބު، ފިޒިކްސް، ބަޔޮލޮޖީފަދަ މާއްދާތަކަށް ވަރަށްމޮޅު އަދި އެފަދަ ރޮނގުތަކުން ވަރަށް މަތީ ވަނަތައް ހާސިލުކުރަމުންދާ ދަރިވަރުންކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މަތީ ވަނަތައް ހޯދި ކަމުގައިވިޔަސް، ތަރުބިޔަތަކީ، ވަރަށް މުހިންމު އެއްޗެއް ކަމަށާއި، ދަރިވަރުންގެ ތަރުބިޔަތު ރަނގަޅުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި ތަރުބިޔަތަކީ މުޖްތަމަޢުގައި ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުން ކަމަށްވާތީ، މި ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދީ ކިޔަވައިގެން ނުކުންނަ ކޮންމެ ކުއްޖަކީ، ރިވެތި އަޚްލާޤެއްގެވެރި ކުއްޖަކަށް ހެދުމަށް މަސައްކަތްކުރުމަކީވެސް އިތުރު ބާރަކާއެކު ކުރަންވެއްޖެ ކަމެއްކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މި ޙަފުލާގައި، ޣާޒީ ސްކޫލަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި ހަނދާނީ ފިލައެއް ނައިބު ރައީސަށް އެރުއްވިއެވެ. ހަނދާނީފިލާ އެރުއްވީ ޣާޒީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް ޙުސައިން ސަޢީދު މުޙަންމަދެވެ.
މި ޙަފުލާގެ ކުރިން ޣާޒީ ސްކޫލަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވަވާ އެ ސްކޫލްގެ އާޓް އެގްޒިބިޝަން ނައިބު ރައީސްގެ ދެކަނބަލުން ބައްލަވާލެއްވިއެވެ.
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠްފީއާއި، ސްކޫލް ޕްރިންސިޕަލް އަލްފާޟިލް ޙުސައިން ސަޢީދު މުޙަންމަދު މި ޙަފްލާގައި ވާހަކަފުޅު ދެއްކެވިއެވެ. މަރްޙަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ، ސްކޫލްގެ ޕީ.ޓީ.އޭ.ގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު ތައުފީޤެވެ. ޝުކުރު ދެންނެވީ ސްކޫލްގެ ކެޕްޓަން ޢާއިޝަތު ޢައްޒާއެވެ.