‎ހޯރަފުށިން ފަތުރުވެރިކަމަށް ދޫކުރާނެ ބިންތައް ޤާނޫނުގައިވާ ގޮތުގެ މަތިން ޕްލޭނިންގ މިނިސްޓްރީގެ ލަފަޔާއެކު މިދިޔަ ހޯމަ ދުވަހު ކަނޑައަޅާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ހޯރަފުށީ އެއަރޕޯޓު ރަސްމީކޮށް އިފްތިތާޙުކޮށްދިނުމަށް އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހޯރަފުށީ އެއަރޕޯޓަކީ ހއ. އަތޮޅުގެ ފަތުރުވެރިކަމަށް ވެސް ލިބުނު ވަރަށް ބޮޑު އުއްމީދެއް ކަމަށާއި އެ ސަރަޙައްދުގައި ރަށު ފަތުރުވެރިކަން ތަރައްޤީކުރުމުގެ ވަގުތު ޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މިހާތަނަށް އެ ސަރަޙައްދުގައި ފަތުރުވެރިކަމަށް މާގިނަ ފުރުޞަތުތަކެއް ނެތް ނަމަވެސް، އައު އެއަރޕޯރޓާއެކު ފަތުރުވެރިކަމުގެ ވަރަށް ފަހި ފުރުޞަތުތަކެއް އެ ސަރަޙައްދުގައި ތަނަވަސްވެގެންދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ރަށުގެ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް ހޯރަފުށިން ފަތުރުވެރިކަމަށް ދޫކުރާން ކަނޑައެޅި ބިންތައް އަވަހަށް ދޫކުރަން ފެށުމަށް ރަށުގެ ކައުންސިލަށް އެ މަނިކުފާނު ގޮވައިލެއްވިއެވެ.

‎އެ މަގުން ކަންހިނގަން ފަށާފައިވާކަމުގެ ހެކި ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް، އެ ރަށުގެ އަށް ލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެއް މިދިޔަ އާދީއްތަ ދުވަހު ބީލަމަށް ހުޅުވައިލެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އޭގެ އިތުރުން އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށް، ދެވަނަފަހަރަށް، ވަރަށް އަވަހަށް ބީލަމަށް ހުޅުވައިލެވޭނެ ކަމަށާއި، އުލިގަމަށް ބަނދަރުކުރާ ޔޮޓްފަހަރުން ކުރިން ނަގަމުން އައި ފީވެސް ކުޑަކޮށްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އެ ރަށުގައި ކަސްޓަމްސްގެ އިތުރުން އިމިގްރޭޝަންގެ ޚިދުމަތްތައް މިހާރު ލިބޭނޭގޮތް ހަމަޖެހިފައިވާ ކަން ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި، އެ އަތޮޅު އަލިދުއްފަރުފިނޮޅާއި މެދަފުށި ރިޒޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ރާވާފައިވާކަން ހާމަކުރައްވާ، އެ ރަށްތަކާ ގުޅޭ މަޝްރޫޢުތައް ވަރަށް އަވަހަށް ބީލަމަށް ހުޅުވައިލާނެކަން އިޢުލާނުކުރެއްވިއެވެ. އަދި މީގެ އިތުރުން، ހ.އ، ހ.ދ، ށ، އަދި ނ. އަތޮޅުގެ ބައެއް ރަށްތައް އަންނަ އަހަރުގެ ކުރީކޮޅު ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލެވިގެންދާނެ ކަން ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.