ލާ މަރުކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގެވުމަށްޓަކައި އެކުލަވާލައްވާފައިވާ ބިލަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފުރިހަމަ އެއްބާރުލެއްވުން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އުތުރު ޕްރޮވިންސް އޮފީސް ރަސްމީގޮތުން ހުޅުއްވައި ދެއްވުމަށްޓަކައި މިއަދު މެންދުރު ފާދިއްޕޮޅު ފެލިވަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންގެ އަޣްލަބިއްޔަތު އެދެނީ ލާ މަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގުމަށް ކަމަށާއި، މިބިލް އެކުލަވާލައްވާފައިވަނީވެސް ރައްޔިތުންނާ މަޝްވަރާ ކުރައްވައިގެން ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، ސަރުކާރާ ގުޅިވަޑައިގެން، ސަރުކާރާ އެކީގައި މަޝްވަރާ ކުރެއްވުމަށް އިސްކަންދެއްވައިގެން، މިބިލްގެ މައިގަނޑު އުޞޫލުތައް ހިފަހައްޓަވައިގެން ޤާނޫނެއްގެ ގޮތުގައި ފާސްކޮށްދެއްވުމުގައި އެހީތެރިވެވަޑައިގެން ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި މިކަމުގައި ޚިޔާލު ތަފާތުވެވަޑައިނުގެން، ޤައުމަށާއި ރާއްޖޭގެ އިޤްތިޞާދަށާއި ލިބޭ އާމްދަނީއަށާއި މީހުންގެ އަދަދަށް ވިސްނާވަޑައިގަތުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލާ މަރުކަޒީ އުޞޫލުން ހިންގުމަށް އިދާރީ ދާއިރާއެއް އެއީ، މާކުޑަ މިންވަރެއް ކަމަށާއި، ރާއްޖޭގައި ވިހި ސަރަޙައްދީ ސަރުކާރު އުފައްދައިގެން ހިންގާނެ އިޤްތިޞާދީ މާލީ ތަނަވަސްކަމެއް އަދި ފުދުންތެރިކަމެއް މިރާއްޖެއަކު ނެތްކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިސާލެއްގެ ގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ ފެލިދެއަތޮޅު ކަހަލަ ކުޑަ އަތޮޅެއްގައި ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާއެއް ހިންގުން ވަރަށް އުނދަގޫވާނެ ކަމުގައެވެ.

ލާ މަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބިލާ ބެހޭގޮތުން ވާދަވެރި ސިޔާސީ ލީޑަރުންނާއި ރައްޔތުންގެ މަޖިލީހުގެ މެންބަރުންނާ އެކުގައި ވާހަކަ ދައްކަވަން ސަރުކާރު އޮތީ ތައްޔާރަށްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ޚާއްޞަކޮށް އެބޭފުޅުން އެދިވަޑައިގަންނަވާ ބައެއް ކަންކަމާ ގުޅޭގޮތުން ވެވަޑައިގެންނެވި މިންވަރަކުން ދޫ ދެއްވަން ބޭނުންފުޅުވާ ކަމުގައި ވދާޅުވިއެވެ. އަދި އެމް.ޑީ.ޕީ. ޕާލަމެންޓްރީ ގްރޫޕުގެ ރައީސާއި އެހެން މެންބަރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ، ޑީ.އާރު.ޕީ.ގެ މެންބަރުންނާ ވާހަކަ ދައްކަވައި، މިކަމުގައި ދޫކުރެއްވެން ހުރި މިންވަރު ފާހަގަކުރައްވައިގެން މޭޒު ދޮށުގައި ބިލް ނިންމަވައި މަޖިލީހުގައި ވޯޓަށްދާގޮތަށް ބިލް ތައްޔާރު ކޮށްދެއްވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޕާޓީތަކުން ކެންޑިޑޭޓުން ކަނޑައެޅުއްވުމުގައި ޑިމޮކްރަސީގެ އުޞޫލު ގެންގުޅުއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އަތޮޅު ކައުންސިލުގެ އިންތިޚާބަށާއި ރަށު ކައުންސިލްގެ އިންތިޚާބަށްވެސް ރަނގަޅު ކެންޑިޑޭޓުން ނެރުއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އުތުރު ޕްރޮވިންސްގެ އޮފީހުގައި ޤައުމީ ދިދަ ނަންގަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.