بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެވެރި اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރު، ހުޅުމާލޭ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، މޯލްޑިވްސް ޕޫލް ބިލިއާރޑް އެސޯސިއޭޝަންގެ ވައިސް ޗެއަރޕަރސަން އަޙްމަދު މާހިރު، އަދި ޕޫލް ބިލިއާރޑް އެސޯސިއޭޝަންގެ އިސްވެރިން، ޔޫތު މިނިސްޓްރީގެ އިސްބޭފުޅުންނާއި އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަ އަޅުގަނޑުވެސް ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ އެންމެހައި ޒުވާނުންނަށާއި އަދި މުޅި ދިވެހި ރައްޔިތުންނަށް އަރިސްކުރަން.

އާދެ، އަޅުގަނޑުމެން ޖުމްހޫރީ ދުވަހެއް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެން ވިސްނަންޖެހެނީ ޤައުމު ހިންގުމުގެ ކަންތައްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް. ޤައުމެއްގައި ހަމަޖެހުން ޤާއިމުކުރެވެނީ ތަރައްޤީއައިގެން ކުރިއަށް މިދެވެނީ، ގިނަ ޒުވާނުންތަކެއްގެ ވިސްނުމާއި ފިކުރު އޭގައި ހިމެނިގެން.

އާދެ، އެނގިވަޑައިގަންނަވާނެ، މިއަދު އަޅުގަނޑުމެންނަށް މިހާރު މި ގުނެނީ، މިއަދުގެ ސަރުކާރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް، ދެ އަހަރު ފުރިގެންދާ އެ މުނާސަބަތު، އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ. މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ޚާއްޞަ ގޮތެއްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޒުވާނުންނަށާއި ކުޅިވަރަށް ދެއްވާ އަހަންމިއްޔަތު. އާދެ، ދެންމެ ޔޫތު މިނިސްޓަރ ވިދާޅުވެއްޖެ، ކުރީއްސުރެ ފެށިގެން ކުޅިވަރުގެ ދާއިރާގައި ދިވެހިރާއްޖެ ތަމްސީލުކުރާ، ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކާމެދު އޮތް ތަފާތުކުރުން ނުވަތަ ތަފާތުކޮށްހުރި ކަންތައްތައް ބަދަލުކޮށް، ކުޅިވަރު ކުޅޭ ފަރާތްތަކަށް އާ ހިތްވަރެއް ލިބޭނެފަދަ ގޮތަކަށް ކަންތައްތައް ބަދަލުކުރުމުގެ ވާހަކަ.

އާދެ، އަޅުގަނޑު ހަމަ މި ފުރުޞަތުގައި ފާހަގަކުރަން. ވޭތުވެދިޔަ އަހަރު ވެގެންދިޔައީ ކުޅިވަރުގެ މައިދާނުގައި، ދިވެހިރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދިން އަހަރަކަށް. އާދެ، ޤައުމަށް ރީތި ނަން އެކި ގޮތްގޮތުން އެބަ ހޯދައިދެވޭ. އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގައިވެސް ވަރަށް މަޤްބޫލު މަންޒިލެއްގެ ގޮތުގައި، ޚާއްޞަކޮށް ފަތުރުވެރިކަން މި އޮންނަނީ. އަޅުގަނޑު ގަބޫލުކުރަނީ، މިއަދުގެ ޒުވާނުން ޚާއްޞަކޮށް، ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިން އެ ހޯދޭ ކާމިޔާބުތަކުން ދިވެހިރާއްޖެއަށް އިތުރު ރީތި ނަންތަކެއް ލިބިގެންދާނެކަމަށް.

އާދެ، އަޅުގަނޑަށް ތިޔަބޭފުޅުންނާއެކު، މި ވަގުތުކޮޅު ހޭދަކޮށްލުމުގެ ފުރުޞަތު އަދި ވަކީން ޚާއްޞަކޮށް، ކުޅިވަރުގެ މިފަދަ ކަމެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާ ކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އަދި އެ ފުރުޞަތު ދެއްވިކަމަށްޓަކައި ތިޔަ އެންމެހައި ބޭފުޅުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން.

ޕޫލް ބިލިޔާޑަކީ އަޅުގަނޑަށް ދެން އެހާ ކުޅެން މާމޮޅަށް ނޭނގުނު ނަމަވެސް، ފަނަވަރަކަށް އަހަރު ވަންދެން މެދުނުކެނޑި ކޮންމެ ރެޔަކު ބޯޅައެއްގައި އަޅުގަނޑަށްވެސް ޖަހައިލެވުނު. އެހާވެސް އަޅުގަނޑު ލޯބިކުރާ ކުޅިވަރެއް. އާދެ، ސަރުކާރުގެ އަމާޒަކީ ޕޫލް ބިލިޔާޑުވެސް، ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރުން.

އާދެ، ދިވެހިރާއްޖޭގެ ޒުވާނުންގެ އެކިއެކި ކަންތައްތަކާއި އަދި ކުޅިވަރު ކުރިއެރުވުމަށްޓަކައި ވަކިން ޚާއްޞަކޮށް، ޔޫތު މިނިސްޓަރ އަދި މިނިސްޓްރީގެ އިސްބޭފުޅުންނާއި، ކުޅިވަރު އެސޯސިއޭޝަންތަކުން އެ ކުރައްވާ މަސައްކަތް އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ފާހަގަކުރަން ބޭނުން. އެކަމަށްޓަކައި މިނިސްޓްރީގެ އެންމެހައި ބޭފުޅުންނަށާއި އަދި އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި، ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ދެ އަހަރު ގުނަމުންދާއިރު، އަދިވެސް ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް މިދެނީ ޒުވާނުންނަށް. ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް. އާދެ، ތަޢުލީމީ ރޮނގުން ޤާބިލް ޒުވާނުންތަކެއް އުފައްދަން. ޕްރޮޑަކްޓިވް އިނޮވޭޓިވް ޒުވާނުންތަކެއް އުފެއްދުމުގެ މަސައްކަތް ކުރަން. ކުރިއަށް އޮތް ދުވަސްތަކަކީވެސް އިރާދަކުރެއްވިއްޔާ، މި ދެންނެވި ގޮތަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ދުވަސްތަކެއް.

އާދެ، ކުޅިވަރަށް ބަލައިފި ކަމަށްވަންޏާ، އެނގިވަޑައިގަންނަވާނެ، ދިވެހި ޒުވާނުންނަކީ އެއީ ތަޢުލީމީ ދާއިރާގައި ކިޔެވުމުން ކަމުގައިވީނަމަވެސް، މަސައްކަތެއް ކުރަން ކަމުގައިވީނަމަވެސް، އަދި ކުޅިވަރުގެ މައިދާނުގައިވިޔަސް ވަރަށް ކުޅަދާނަ، ވަރަށް ފަސޭހައިން ކަންކަން ދަސްކުރާ ބައެއް.

އެހެންވީމާ، އަޅުގަނޑު މިއަދު ޚާއްޞަކޮށް، ތިޔަބޭފުޅުންނަށް ގޮވާލަން ބޭނުންވަނީ، ޤައުމަށް ރީތި ނަން ހޯދައިދިނުމަށްޓަކައި ކޮންމެ މީހަކަށްވެސް އެމީހެއްގެ ދާއިރާއިން ކުރެވޭނެ މަސައްކަތްތަކެއް ހުންނާނެ. އަދި ހަމަ އެއާއެކު، އެކަންތައްތައް ވެގެން މިދަނީ ކާމިޔާބު ދިރިއުޅުމަކަށް މަގުފަހިކޮށްދޭ ކަމަކަށް. އެހެންވީމާ، ޒުވާނުންނަށް އަޅުގަނޑު މިއަދު ގޮވާލަން، ޒުވާނުންނަކީ މަސައްކަތްތެރި، އުފެއްދުންތެރި، ޤައުމަށް ފައިދާހުރި، ރަނގަޅު ދިރިއުޅުމެއް ހޯދޭފަދަ މީހަކަށް ކޮންމެ ޒުވާނަކުވެސް ވުމުގެ ޢަޒުމް ވަރުގަދަކުރުމަށް.

އާދެ، އެނގިވަޑައިގަންނަވާނެ، މިއަދު، މި އަހަރު، އަޅުގަނޑުމެން ކުރިމަތިލާފައި މިވަނީ ދުވަހަކުވެސް އަޅުގަނޑުމެންގެ ވިސްނުމަށްވެސް ނާންނަފަދަ ދަތި އުނދަގޫ ދުވަސްވަރަކާ. އާދެ، މީގެ ސަބަބުން ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން ދިވެހި ރައްޔިތުންނަށް ވަރަށް ގިނަ ގެއްލުންތަކެއްވަނީ ވެފައި. ކުޅިވަރުގެ މައިދާނުގައި، ކުޅިވަރުގައި ޙަރަކާތްތެރިވާ ފަރާތްތަކަށްވެސް އެ ކުޅިވަރުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތުވަނީ ގެއްލިގެން ގޮސްފައި.

އާދެ، އެހެންނަމަވެސް އަޅުގަނޑު ހަމަ މީގައި ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަން ބޭނުންވަނީ، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން، ދިވެހި ޒުވާނުން، ޞިއްޙީ މާހިރުންގެ އިރުޝާދާއެކު، މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، އެ ބަހައްޓަންޖެހޭ ފަރުވާތެރިކަން ބެހެއްޓުމުގެ ސަބަބުން މިއަދު އަޅުގަނޑުމެންނަށް މި ނަންބަރުތައް ދަށްކުރެވި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ފެންނަނީ މިބަލިން އަޅުގަނޑުމެންނަށް އަރައިގަނެވޭތަން.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކުރިއަށް އޮތްތާނގައިވެސް، އަޅުގަނޑުމެން މިކަމަށް ސަމާލުވެ، މި ބަލިން އަވަހަށް އަރައިގަނެވި، އަޅުގަނޑުމެންނަށް އާންމު ހާލަތަކަށް އެނބުރި ދިއުމަށްޓަކައި އެންމެން އެކުގައި ޚާއްޞަކޮށް، ޒުވާނުން މިކަމަށް ސަމާލުކަން ދެއްވަން އެބަޖެހޭ.

އަޅުގަނޑު އެއްކަމެއް ފާހަގަކޮށްލަން ބޭނުންވޭ. އަޅުގަނޑު ހަމަ މިގޮތަށް ބައްދަލުވުމުން ނަޞޭޙަތެއްގެ ގޮތުންވެސް ޒުވާނުންނަށް އަޅުގަނޑު ދަންނަވަން ބޭނުން. ކުޅިވަރުގެ މައިދާނުގައި ކާމިޔާބު ހޯދުމަށްޓަކައި ދުޅަހެޔޮ ހަށިހެޔޮކަމަކީ އެއީ އެންމެ މުހިންމު ކަންތައް. އާދެ، އިންސާނަކަށްވީތީ، އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ކަމަކަށް މިވަނީ ފުރިހަމަ ޞިއްޙަތެއް.

އަޅުގަނޑު ތިޔަ ޒުވާނުންނަށް މިއަދު ގޮވާލަން ބޭނުންވަނީ، ދުންފަތުގެ އިސްތިޢުމާލާ ދުރުހެލިވުމަކީ އެއީ، އަޅުގަނޑުމެން މިއަދު އިތުރު ހިތްވަރެއްލާފައި ކުރަންޖެހޭ ކަމެކޭ. އަޅުގަނޑު ހަމަ އެ ނަޞޭޙަތެއްގެ ގޮތުގައި ދެންނެވުމާއެކު، ދެން އަޅުގަނޑު ޒުވާނުންގެ ކިބައިން އެދެން އޮތީ، އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގައި، ޚާއްޞަކޮށް، މާލެ އަދި ބޮޑެތި ރަށްތަކުގައި އެކްސިޑެންޓް ވަރަށް ގިނަ އަދަދަކަށް ހިނގަމުންދޭ. ގިނަފަހަރު ފަރުވާކުޑަކުރުމުގެ ސަބަބުން ސަމާލުކަން ދޭންޖެހޭ މިންވަރަށް ނުދެވުމުގެ ސަބަބުން މިފަދަ ކަންތައްތައް ހިނގަނީ. އޭގެ ސަބަބުން ދުނިޔެދޫކޮށްލާ ނުވަތަ މުޅި އުމުރަށް ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ބަދަލުވެގެން، ވަރަށް ބޮޑެތި ހިތާމަތަކެއް ޢާއިލާތަކަށް ލިބިގެން މިދަނީ.

އަޅުގަނޑު ޒުވާނުންނަށް މިއަދު ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވާލަން ބޭނުންވަނީ، މަގުމަތީގައި ދުއްވުމުގައާއި އަދި މަގުމަތީގައި އުޅުމުގައި އިތުރަށް ސަމާލުވެ، އަޅުގަނޑުމެން މިކަންތައްތަކުން ވީހާވެސް ބޮޑަކަށް ރައްކާތެރިވާން ޢަޒުމް ވަރުގަދަކޮށް، އެ މަސައްކަތްކުރަން އެބަޖެހެއޭ.

އާދެ، އިންޑިޔާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިއަދު ހުންނެވުމާއެކު، އަޅުގަނޑު ސަފީރަށްވެސް ހަމަ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުންވޭ. ޚާއްޞަކޮށް، ކުޅިވަރުގެ ކަންތައްތައް ކުރިއެރުވުމަށްޓަކައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި އެ ކުރައްވާ މަސައްކަތް، ޚާއްޞަކޮށް، ސަފީރުގެ އިސްނެންގެވުން މިކަމުގައި އޮތީތީވެ، އިންޑިޔާ ސަފީރަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު، މިފަދަ ފުރުޞަތެއް އަޅުގަނޑަށް ލިބުނީތީވެ، އެކަމާ އަޅުގަނޑު އުފާކުރާ ވާހަކަ ދަންނަވަމުން، ދިވެހި ޒުވާނުންނަށް ބާއްޖަވެރި ދުވަސްތަކެއް ލިބިގެން ދިއުމަކީ އެއީ އަޅުގަނޑުގެ އެންމެ ބޮޑު އެދުން. ހަމަ އެއާއެކު، ދިވެހި ކުޅުންތެރިންނަށް، އެކި ކުޅިވަރު ކުރިއެރުވުމަށްޓަކައި އެކުރާ މަސައްކަތް ކާމިޔާބުވެ، ދިވެހިރާއްޖެއަށް އިތުރު ރީތި ނަންތަކެއް ލިބިގެންދިއުމަކީ އެއީ، އަޅުގަނޑުގެ މިއަދުގެ ދުޢާ.

އަޅުގަނޑު އެދެނީ، ދިވެހި ޒުވާނުންނަށާއި، މުޅި ދިވެހިޤައުމަށް ފާގަތި ދުވަސްތަކެއް. އަދިވެސް އެއްފަހަރު ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެންމެހައި ބޭފުޅުންނަށް އަރިސްކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.