بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް ޢުމަރު ޒާހިރު، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދަކީ، ރާއްޖެ އިސްލާމްވި ފަޚުރުވެރި މުނާސަބާ ފާހަގަކުރާ ދުވަސް ކަމަށްވާތީ، އެމަތިވެރި ނިޢުމަތް އަޅުގަނޑުމެންނަށް ދެއްވިކަމަށްޓަކައި، اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަމުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. އަދި މިމަތިވެރި ނިޢުމަތުގެ މަތީގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު ބަހާއަކީވެސް އަޅުގަނޑުމެންގެ ހިތްތަކުގައިވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ. އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައިދެނީވެސް ދީނީ އެއްބައިވަންތަކަން. މިއީ މި މުހިންމު ޒިކުރާ އާކުރާއިރު، އަބަދުވެސް އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންޖެހޭ ކަމެއް.

މި މުހިންމު ތާރީޚީ ދުވަހު އަޅުގަނޑުމެން މިތަނަށް އެއްވެ މިތިބީ، ވަރަށް މުހިންމު މަސައްކަތެއްގެ ނިމުން ފާހަގަކުރުމަށް. ރާއްޖޭގެ ޘަޤާފީ ތަރިކައިގެ ތެރެއިންވެސް ވަރަށް މުއްސަނދި ތަރިކައެއް، ތާރީޚުގެ އަނދިރިކަމުގެ ތެރެއަށް، ފަހުނޭވާ ދޫކޮށްލަމުންދަނިކޮށް، އަލުން އަނބުރާ ސަލާމަތްކުރުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށް.

މި މުހިންމު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިތާ، ގާތްގަނޑަކަށް ފަސް މަސްދުވަހުގެ ތެރޭގައި މަޝްރޫޢު ފުރިހަމަކުރެއްވި ކަމަށްޓަކައި، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނަށާއި، ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤަށާއި، އަދި މި މަސައްކަތުގައި އުޅުއްވި ދިވެހި ފަންނުވެރިންގެ ޒުވާން ޓީމަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ޚާއްޞަ ގޮތެއްގައި މި މަސައްކަތް ކުރަމުންދިޔައިރުގައި، އެންމެ އިސްކޮށް މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި މަޢުރޫފް ޖަމީލުވެސް އަޅުގަނޑު ޚާއްޞަގޮތެއްގައި މިއަދު ފާހަގަކުރަން.

ކަޅުވަކަރު މިސްކިތަކީ، ދިވެހިންގެ ޘަޤާފަތާއި، ފަންނުވެރިކަމާ ގުޅި ލާމެހިފައިވާ މިސްކިތެއް. އެއް ތަނުން އަނެއް ތަނަށް ބަދަލުވަމުން އައި މިސްކިތެއް. އަޅުގަނޑުމެންގެ އަތްތަކުން އެތައް ގެއްލުންތަކެއް ދިންއިރުވެސް، އަޅުގަނޑުމެންނާ ވަކިވާން ބޭނުންނުވި މިސްކިތެއް. ދިވެހިންގެ އަމިއްލަވަންތަ އެތައް ސިފަތަކެއް ޖަމާވެ ރައްކާތެރި ކުރެވިފައިވާ، ތާރީޚީ ޚަޒާނާއެއްވެސްމެ.

ނަމަވެސް، ޤާއިމުވެ ހުންނާނޭ ގޯއްޗެއް ނުވަތަ ބިމެއް ކަށަވަރުނުވެ، 230 އަހަރަށްވުރެ ގިނަ ދުވަސްވަންދެން، މާލޭގެ ރައްޔިތުންނާއެކު އުޅެމުން އައި މިސްކިތެއް. އަޅުގަނޑު އުންމީދުކުރަނީ، މި ސަރުކާރުން ކަޅުވަކަރު މިސްކިތަށް ހަމަޖައްސައިދިން މި ބިމަކީ، މި މިސްކިތުގެ ދާއިމީ ވަޒަން ކަމުގައި ވެގެންދާނެކަމަށް.

ވާނުވާ ނޭނގޭ އަނދިރިކަމެއްގައި ވަނިކޮށް، ސަރުކާރުން މި މިސްކިތް އަލުން މި ބިނާކުރީ، ޤާނޫނީގޮތުންވެސް ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައި. މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ޢަމަލުކުރަން ފެށި، ޡަޤާފީ ތަރިކައިގެ ޤާނޫނު ބުނާގޮތުން، މިފަދަ ތަންތަން ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، ދައުލަތާއި ރައްޔިތުންގެވެސް ޒިންމާއެއް.

މި ދެންނެވި ޤާނޫނުގައި 4 ބާވަތެއްގެ ޘަޤާފީ ތަރިކަ ބަޔާންކޮށްދީފައި އެބައޮތް. އެއީ، އުފުލޭ ޘަޤާފީ ތަރިކައާއި އާސާރީ ބިނާތަކާއި އާސާރީ ސަރަޙައްދުތަކާއި މާނަވީ ޘަޤާފީ ތަރިކަ. މިދެންނެވި ބާވަތްތައް، މި ޤާނޫނުގައި މާނަކޮށްދީފައި އޮތްގޮތަށް ބަލާއިރު، ކަޅުވަކަރު މިސްކިތަކީ، މި ދެންނެވި ހަތަރު ބާވަތުގެ ތަރިކައިގެ ގޮތުގައިވެސް ހިމެނޭ ބިނާއެއް.

މި ސަބަބަށްޓަކައި، ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ، މިފަދަ ތަރިކަތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއެއް އަދި މަސްއޫލިއްޔަތެއް. މި މިސްކިތް ދިވެހިންގެ ތާރީޚުގައި ޚާއްޞަވަނީ ހަމައެކަނި އެވޭލާ ޒަމާނުގެ މިސްކިތަކަށް ވާތީއެއްނޫން.

ޢިމާރާތް ކުރުމުގެ ފަންނުވެރިކަމަށް ބެއްޔަސް، މިއީ ވަރަށް މުހިންމު މިސްކިތެއް. އަދި މި މިސްކިތް ބިނާކުރުމަށް ބޭނުންކުރެވިފައިވާ ތަކެއްޗަށް ބެއްޔަސް، މިއީ ވަރަށް ނާދިރު މިސްކިތެއް. އާދެ! ރާއްޖޭގައި ކަޅުވަކަރުން ޢިމާރާތްކޮށްފައިވާ، މިހާރު ފެންނަން ހުރި ހަމައެކަނި މިސްކިތަކީ މި މިސްކިތް.

ވަކިން ޚާއްޞަކޮށް މި މިސްކިތަކީ، ރާއްޖޭގެ ބަހަވީ ތަރިކައާވެސް ވަރަށް ބޮޑަށް ގުޅިފައިވާ އާސާރީ ބިނާއެއް. މިސްކިތަށް ވަންނަ ދޮރުގެ ކަނާތްފަރާތުގައި، ހިރިގަލުގައި ބިންވަޅު ނަގާފައި އެހެރަ، ރީތި ނިޝާނަކީ، އައްސުލްޠާން ޙަސަން ނޫރައްދީން އެކެއްގެ ސިއްކަފުޅާ އެއްގޮތަށް، މުސްކުޅި ތާނައަކުރުން ލިޔެފައިވާ މާނަ ފުން ރަމްޒެއް.

އާދެ! މުސްކުޅި ތާނަ އަކުރަކީ، މިހާރު އަޅުގަނޑުމެން މި ބޭނުންކުރާ ތާނަ އަކުރުގެ އަޞްލު އުފެދުނުއިރު، އަކުރުތައް ހުރި ބައްޓަމާއި ސިފަތައް އަންގައިދޭ ތާނައިގެ މާދަރީ އަކުރު. މިއީ ތާނަ އަކުރުން ލިޔެފައިވާ ދުވަސްވީ ލިޔުމަކަށްވާތީ، ދިވެހިންގެ ލިޔެކިޔުމާއި ތާނައަކުރާ ވަރަށް ބޮޑަށް ގުޅިފައިވާ ތަރިކައެއް.

ދިވެހިންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ އެތައް ބާވަތެއް، މި މިސްކިތުން އަޅުގަނޑުމެންނަށް އެބަފެނޭ. އެއްކަމަކީ ގަލުވަޑާމުގެ މަސައްކަތް. ދެން ފެންނަނީ ލަކުޑީގައި ކޮށްފައިވާ ތެދުއުއި ވަޑާމުގެ މަސައްކަތާއި، ހިރިގަލުގައި ކަނޑައިނަގައިގެން ކުރެހުމާއި ލިޔުން. އޭގެ އިތުރުން، ލަކުޑީގައި ބިންވަޅު ނަގައިގެން ކުރެހުމާއި ލިޔުމާއި ލާފެންކުރުމުގެ މަސައްކަތްވެސް މި މިސްކިތުން ފެނިގެންދޭ.

މި ހުރިހާ މަސައްކަތެއް، އޭގެ އެންމެ ފުރިހަމަ ދިވެހިވަންތަ ސިފަތަކާއެކު، މި ކުޑަކުޑަ މިސްކިތުން ފެންނަން އެބަހުރި. މިފަދަ ޘަޤާފީ ތަރިކައެއް އަޅުގަނޑުމެންގެ ތެރެއިން ނެތިގެންދިޔަނުދީ ރައްކާތެރިކުރުމަކީ، އަޅުގަނޑު ހިތުން ކޮންމެހެން ކުރަންޖެހޭނެ ކަމެއް. ރާއްޖޭގެ ތާރީޚީ ދިރާސާތަކަށްޓަކައިވެސް އެކަން އެބަ ކުރަންޖެހޭ.

މި މިސްކިތް އުފެދިގެން އައިގޮތަށް ބަލާއިރު، މިއީ ރާއްޖޭގެ ސިޔާސީ ޙަޔާތާވެސް، ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް. މި މިސްކިތުގެ ތާރީޚާ ބެހޭގޮތުން ދެންމެ އަލާދީދީ ވަރަށް ރަނގަޅު ތަފްޞީލީ މަޢުލޫމާތުތަކެއް ދެއްވައިފި. އާދެ، މި މިސްކިތް އުފަންވެގެން އައީ، އަލާދީދީ ވިދާޅުވިފަދައިން، ދިވެހި ރަސްކަން، ދިޔަމިގިލީ ދަރިކޮޅުން، ހުރާ ދަރިކޮޅަށް ފުރޮޅިގެންދިޔަ ޙާދިޘާގެ ތެރެއިން. އާދެ، އޭރު އެ ވާދަވެރިކަމުގެ ތެރޭގައި، ތިމަންނާއަށް ރަސްކަން ލިބިއްޖެނަމަ، އޭރުހުރި ގަނޑުވަރު ރޫޅާލާފައި މިސްކިތެއް ބިނާކުރާނެ ކަމަށްވީ ނަދުރެއްގެ ގޮތުން ފެށްޓެވި މަސައްކަތެއް.

އާދެ، މި މިސްކިތް ބިނާކުރުމަށް ފެށްޓެވީ މުޙައްމަދު ޝަމްސުއްދީން ދޭއްގެ ވެރިކަމުގައި. މިސްކިތް ބިނާކުރުމަށް 16 އަހަރު ހޭދަވެގެންދިޔައިރު މިސްކިތް ނިންމައިލެވުނީ ޙަސަން ނޫރައްދީން އެކެއްގެ ވެރިކަމުގައި 1789 ވަނަ އަހަރު.

އާދެ، މި މިސްކިތަކީ، މީގެކުރިން ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވިފަދައިން، އެއްތަނުން އަނެއްތަނަށް އެތައްފަހަރަކު ބަދަލުވެގެންދިޔަ މިސްކިތެއް. އަލާދީދީ ވިދާޅުވިފަދައިން، ބައެއް ލިޔުންތަކުގައި ހުރިގޮތުން މި މިސްކިތް އެންމެ ފުރަތަމަ ބިނާކުރެވިގެންދިޔައީ ޗާނދަނީ މަގުގައި. އެއަށްފަހުގައި ހީނާމާގޭ ދެކުނުން ކަރަންކާމަގާއި މަޖީދީ މަގާ ގުޅުނުތަނަށް ބަދަލުވެގެންދިޔައީ. އިބްރާހީމް ނާޞިރުގެ ވެރިކަމުގައި މިސްކިތް ނީލަންކިޔައި، ފުރަނަފުށްޓަށް އެ މިސްކިތް ބަދަލުކުރެވިގެންދިޔައީ. އެއާއެކީގައި، އޭރު ތަރިކައާއި ތާރީޚަށް ލޯބިކުރައްވާ ވަރަށްގިނަ ބޭފުޅުން ހަރުއަޑުން އެކަމާ އިދިކޮޅަށް އިޙްތިޖާޖު ކުރައްވަމުން ގެންދެވި. އަޅުގަނޑު އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވާ އެއްބޭފުޅަކީ، މަންދު މުޙައްމަދު ވަޙީދުގެ ނަންފުޅު. އެމަނިކުފާނުގެ ދިރާސީ މަސައްކަތުގައި އަތްގާތްކުރުމުގެ ކުޑަކުޑަ ދައުރެއް އަޅުގަނޑަށްވެސް ވަކިހިސާބަކުން ލިބިގެންދިޔަ.

އާދެ، އެއަށްފަހު ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހުގައި، އެންމެ ފުރަތަމަވެސް ކުރެއްވި އެއްކަމަކީ، މިސްކިތް އަނބުރާ މާލެއަށް ގެނައުމުގެ މަސައްކަތް. އޭރު ފުރަނަފުށި ހިންގެވި ފަރާތުން ހިލޭ އެމިސްކިތް ދިނުމާއެކީގައި، ގެނެސް ސަލްޓަންޕާރކުގެ އިރު ދެކުނު ކަންމަތީގައި ރޭވިގެންދިޔަ. އެއަށްފަހުގައި، އާބާތުރަ ފިލުވުމަށްފަހުގައި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެ މިސްކިތް ބޭނުންކުރަން ފެށިގެންދިޔަ. އެއަށްފަހުގައި، 2016 ވަނަ އަހަރު، ރައީސް ޔާމީނުގެ ވެރިކަމުގައި، އެ މިސްކިތް ރޫޅައިލެވިގެންދިޔައީ، އެތަނުގައި ވިންޓަރ ޕާރކެއް ހެދުމުގެ ބޭނުމުގައި. އެކަމާ އިޙްތިޖާޖު ކުރުމުގެ ގޮތުން، އެ މިސްކިތް މާލޭގައި ބެހެއްޓުމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި މިއަދުވެސް އެބަތިއްބެވި ދެބޭފުޅަކު ކޯޓަށް ވަޑައިގެންނެވި. މިހާރުގެ އެންވަޔަރަންމަންޓް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދާއި، މިހާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ތާރިޤާ ދެބޭފުޅުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވި. ކޯޓުން ނިންމެވީ ޤާނޫނީ ހައިސިއްޔަތެއް އެބޭފުޅުންނަށް ނެތްކަމަށް، މި މިސްކިތް ހިމާޔަތް ކުރުމުގެ. އެއަށްފަހުގައި ދުވަސްތަކެއް ދިޔުމަށްފަހުގައި އަޅުގަނޑުމެންނާ ހިސާބަށް އަނެއްކާވެސް އިރާދަކުރެއްވީތީ މި މިސްކިތް އަނބުރާ އައިސްފައި މިއޮތީ.

ފާހަގަކޮށްލަންޖެހޭ އެއްކަމަކީ، އެ މިސްކިތް ރޫޅައިލުމާ ގުޅިގެން އޭރު ހެރިޓޭޖުގެ މަސައްކަތާ ހަވާލުވެވަޑައިގެން ހުންނެވި އެންމެ އިސްބޭފުޅެއް މިއަދު އަޅުގަނޑުމެންގެ މިނިސްޓަރަކަށް މި ހުންނެވީ. ޔުމްނާ މައުމޫން ޢަބްދުލްޤައްޔޫމް. ސަރުކާރުން އިސްތިޢުފާ ދެއްވައި ގެޔަށް ވަޑައިގެންނެވީ. އެ ކަމަނާ މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމާ އެކީގައި އެންމެ ފުރަތަމަ ފެށްޓެވި ކަމަކީ މިސްކިތް އަނބުރާ ހޯދައި މިތަނުގައި މިސްކިތް ބެހެއްޓުމުގެ މަސައްކަތް. އެކަމަށްޓަކައި ޔުމްނާއަށާއި، މިނިސްޓްރީގެ ޓީމަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކުގައި މިއަދު ޝުކުރު ދަންނަވަން.

އާދެ، މި ޒަމާނުގައި ތަރިކަ އަގު ކުރެވޭގޮތަށް ބަލާއިރު، ތަރިކައަކީ އިޤްތިޞާދީ ވަރަށް މުހިންމު ވަސީލަތެއް. ޘަޤާފީ ތަރިކައަކީ، ފަތުރުވެރިކަން ވިއްކުމުގައި، ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް ބޭނުންކުރާ އެންމެ މުހިންމު އެއް ވަސީލަތް. އަދި ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި، ޘަޤާފަތާއި ތަރިކައާ ގުޅުވުމަކީ، އޭގެ ނަތީޖާ ވަރަށް ރަނގަޅު ކަމެއް.

މި ސަބަބަށްޓަކައި، މިއަދު އަޅުގަނޑުމެން ތަރިކަ ރައްކާތެރިކޮށް ދަމަހައްޓަންވީ، އިޤްތިޞާދު ކުރިއަރުވައި އާމްދަނީ އިތުރުކޮށްދޭ ވަސީލަތެއް ކަމަށްވެސް ދެކިގެން. ކޯވިޑް-19ގެ ސަބަބުން، ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން ސަލާމަތްވުމަށްޓަކައި، މި އަންނަ އަހަރުގެ ތެރޭގައި އިޤްތިޞާދީ ދާއިރާތައް އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ރާއްޖޭގައި ޘަޤާފީ ފަތުރުވެރިކަމެއް އާލާކުރެވޭނެ ގޮތަކާމެދު ވިސްނުން ބެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، ދިވެހިރާއްޖޭގެ ތާރީޚާއި ޘަޤާފީ ތަރިކަ ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް މިނިސްޓްރީގެ ފަރާތުން ކުރައްވާ މަސައްކަތްތަކަށްޓަކައި، މިނިސްޓަރ ޔުމްނާއަށާއި އެކަމަނާއާއެކު މަސައްކަތް ކުރައްވާ ހީވާގި ޓީމަށް އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަދިވެސް އެއްފަހަރު، ރާއްޖެ އިސްލާމްވި ދުވަހުގެ ހެޔޮއެދުންތައް ފޮނުވަމުން، މި ރާއްޖޭގެ ޘަޤާފަތާއި ތަރިކައަކީ ރާއްޖެއަށް ފައިދާކުރަނިވި ވަސީލަތެއްގެ ގޮތުގައި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.