ކަލާފާނު ސްކޫލުގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރެއްވުމަށް މިއަދު ހެނދުނު އެ ސްކޫލުގައި ބޭއްވެވި ޚާއްޞަ އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ކަލާފާނު ސްކޫލަށް ވަޑައިގަތުމުން، އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ދެންނެވިއެވެ. އެމަނިކުފާނުގެ އިސްތިޤްބާލުގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި، އެ މިނިސްޓްރީގެ އިސްވެރިންނާއި، ކަލާފާނު ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރާއި، އެސްކޫލުގެ އިސްބޭފުޅުންނާއި، ޕީ.ޓީ.އޭ.ގެ ބޭފުޅުން ތިއްބެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ކުރުނީސް އަށްޓަށް އަރާވަޑައިގަތުމާއެކު، ޤައުމީ ސަލާން ކުޅުނެވެ. އަދި އެއަށްފަހު، ޝަރަފުގެ ގާޑު ބަލާ ފާސްކޮށްދެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކަލާފާނު ސްކޫލުގެ ނަން ނިސްބަތްވެގެންވަނީ ޝަހީދުވި ރަސްރަސްކަލުންގެ ތެރެއިން ރަންއަކުރުން ފަވާލެވޭ ރަސްކަލަކަށް ކަމުގައި ވިދާޅުވިއެވެ. އަދި މަލާބާރީންނާ ހަނގުރާމަ ކުރައްވާ ކަލާފާނު ޝަހީދުވެވަޑައިގެންނެވި ހާދިސާގެ މައްޗަށް ބައްލަވާލެއްވިއެވެ. ކަލާފާނުގެ ނަންފުޅުގެ މައްޗަށް އަދި ކަލާފާނު ޒިޔާރަތުގެ މައްޗަށް ރާއްޖޭގެ ވެރިން، ވަރަށް ބޮޑު އިޙްތިރާމަކާއި ވަރަށް ބޮޑު ޤަދަރެއް ދެއްވި ކަމަށާއި، ކަލާފާނަކީ ރާއްޖޭގެ ރަސްރަސްކަލުންގެ ތެރެއިން ވަރަށް މަރިވެރި ދަރަޖައެއް އެރުވިފައިވާ ރަސްކަލެއްކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހުރިހާ ދަރިވަރުންވެސް ހިތްވަރާއެކު މަސައްކަތްކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި ފުރަތަމަ ފަހަރު ކާމިޔާބު ނުވިކަމުގައިވިޔަސް، އަނެއްކާވެސް ހިތްވަރާއެކު މަސައްކަތް ކުރުމަށާއި، ކުރަން ނިންމާ ކަންކަމުގައި އެއް ޢަޒުމެއްގައި، އެއް މިޞްރާބެއްއެއްގައި އަބަދުވެސް ތިބުމަށް އިލްތިމާސް ކުރެއްވިއެވެ.
ކަލާފާނު ސްކޫލުގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ ސްކޫލުގެ ދިވެހި އަދަބީ ޖަމްޢިއްޔާގެ ފަރާތުން ތައްޔާރުކުރި ލުއިފޮތް ނެރުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެސްކޫލުގެ ފަރާތުން އެމަނިކުފާނަށް ރަމްޒީ ހަދިޔާއެއް އެރުވިއެވެ. ހަދިޔާ އެރުވީ ޕްރިންސިޕަލް ނާޒްލީން ވާފިރެވެ. ސްކޫލުގެ އަހަރީ ކޭކު ފަޅުއްވައި ދެއްވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ސްކޫލުގެ ދަރިވަރުން ހުށަހެޅި ޚާއްޞަ އައިޓަމްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ކަލާފާނު ސްކޫލަށް މިކުރެއްވި ޒިޔާރަތުގައި، ކްލާސްތަކަށް ވަޑައިގެން ދަރިވަރުންނާ ބައްދަލުކޮށްލެއްވިއެވެ. އަދި ސްކޫލު އޮފީހަށް ވަޑައިގެން މުވައްޒަފުންނާވެސް ބައްދަލުކުރެއްވިއެވެ.
ކަލާފާނު ސްކޫލް ހުޅުވުނީ 1989 ވަނަ އަހަރުގެ ޖުލައިމަހުގެ 25ވަނަ ދުވަހުއެވެ.